ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެންސްޕާއިން މިހާތަނަށް 845,000 ރުފިޔާ ހަރަދުކޮށްފި
26 މެއި 2020 | އަންގާރަ 17:58އެންސްޕާގެ އެހީގައި ދަތުރުކޮށްފައިވާ 35 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ


ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް - ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްފައިވޭ
ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ) އިން މިހާތަނަށް 845,000 ރުފިޔާ ހަރަދުކޮށްފި އެވެ.
އަންގާރަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި މި ވަގުތު ވެސް ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންސްޕާ މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެގޮތުން އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 35 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ގާތްގަނޑަކަށް 298،000 ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންސްޕާގެ އެހީއާ ނުލާ އާންމު އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 140 މީހަކަށް ވެސް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ޖުމްލަ އެންސްޕާއިން 845،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއަށް ގެނެސްފަ އެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ފުރުސަތު ލިބުނު ވަރަކުން ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެކަން ފޮރިން މިނިސްޓްރީން ހާމަކުރެ އެވެ.








