ނުފެނިގެން ހޯދާ ބިދޭސީ މިހާގެ މައުލޫމާތު ހާމަކުރާނީ ފުލުހުން އެންގުމުން: މަބްރޫކް
25 މެއި 2020 | ހޯމަ 21:57ދެބިދޭސީއެއް ފުލުހުން ވަނީ ހޯދާފައި


ކޮވިޑް-19ށް ޓެސްޓު ކުރުމަށް ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ނަގަމުން
ކޮވިޑް-19ށް ޕޮޒިޓިވް ވެގެން ހޯދަމުން ދިޔަ ބިދޭސީންގެ ތެރެއިން މިހާތަނަށް ނުފެނިވާ މީހާގެ މައުލޫމާތު އާންމު ކުރާނީ ފުލުހުން އެންގުމުން ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އާ ހަވާލާދެއްވާ ވިދާޅުވީ، އެމީހާ ނުފެނު ކަމަށް ނިންމައި، އެ މީހާ ހޯދަން އޭނާގެ ޒާތީ މައުލޫމާތު ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ލަފާ ދެއްވުމުން އެކަން ކުރާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ފުލުހުން ވަކި އެއްޗެއް އަންގާފައިނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ތިން ބިދޭސީއަކު ހޯދަމުން އަންނަ ކަމަށް ފުރަތަމަ އިއުލާން ކޮށްފައިވަނީ މިމަހުގެ 13 ވީ ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިހާތަނަށް ކުރި މަސައްކަތުން ދެބިދޭސީއެއް ފުލުހުން ވަނީ ހޯދާފަ އެވެ. އަދި ތިން ވަނަ މީހާ ފެނިފައެއް ނުވެ އެވެ.
ކޮވިޑް ޓެސްޓް ހެދުމަށް ސާމްޕަލް ނަގާ މީހުންނަށް ގުޅޭނެ ނަންބަރާއި އުޅޭ އެޑްރެސް އެޗްޕީއޭއިން ނޯޓް ކުރެ އެވެ. ނަމަވެސް މިހާރު މި އިންތިޒާމް މިއަށްވުރެ ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމާއި، ޓެސްޓު ކުރާ މީހާގެ ފޮޓޯ ނަގަމުންދާ ކަމަށް އެންއީއޯސީން ބުނެ އެވެ.









