ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ހާލު ރަނގަޅު: ޑރ. މުރާދު
25 މެއި 2020 | ހޯމަ 16:10އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ގައި


އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު - އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވޭ
ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ހާލު ރަނގަޅު ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުރާދު ވިދާޅުވީ އުމުރުން ދުވަސްވެފައި ތިބި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އެހާ ގިނަ ނޫން ކަމަށާއި، ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ. އަދި އެމީހުން ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެއިން މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ އަދަދެއް ޑރ. މުރާދު ހާމައެއް ނުކުރައްވައެވެ.
ޑީއެޗް11ށް ބަދަލު ކުރަންވެއްޖެހޭ ހާލަތުގައި ޕޭޝަންޓު ބަދަލުކުރާނެކަން ފާހަގަކުރައްވައި ޑރ. މުރާދު ވިދާޅުވީ ހައި ރިސްކްގެ މީހުންނަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ އެއްވެސް އަލާމަތެއް ނެތް މީހުންނަށް ފަރުވާ ދެމުންދަނީ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާގެން ކަމަށާއި، އެނދު ހުންނަ ވަރަކުން އެތަންތަން މެނޭޖްކުރަމުން ގެންދެވޭނެ ކަމަށެވެ.






