ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ނޫނީ ސްކޫލުތައް އަލުން ހުޅުވާ ނުލާނަން: މިނިސްޓަރު
23 މެއި 2020 | ހޮނިހިރު 21:22ދަރިވަރުންގެ ކިޔެވުމަށް ޚާއްސަ އިސްކަމެއް ދޭ


ޖަމާލުއްދީން ސްކޫލް، ސްކޫލްތައް ހުޅުވުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ސްކޫލްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ނޫނީ ކިޔަވައި ދިނުމަށް ސްކޫލުތައް ނުހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި ނަމަވެސް ސްކޫލުތައް ހުޅުވާލާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އެންމެ އިސްކަމެއް ދެއްވާނީ ދަރިވަރުންގެ ސިއްހަތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބެލެނިވެރިންގެ ކަންބޮޑުވުުންތައް އަބަދުވެސް ބަލައިގަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ކިޔެވުމުގައި ބޮޑު ބަންދެއް ލިބިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށާއި، މިހާރު ވެސް ބައެއް ކަންކަން ފެންނަމުންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަމާ ބެހޭ ގޮތުން އެކި ގައުމުތަކުގައި ކަމާ ބެހޭ ފަރާތްތަކުން ހަދާފައިވާ ދިރާސާތަކުން ވެސް ދަރިވަރުންނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަ ކުރެއްވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ދަރިވަރުންގެ ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ގެއްލި، ސްކޫލަށް ދިއުމަށް ފޫހިވާގޮތް މެދުވެރިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސައިކޯ ޝޯސަލް ސަޕޯޓް ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ ކަމަށާއި، މިކަންކަމަށް ރިޔާއަތް ކޮށް ވީހާ ވެސް އަވަހަށް ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ފަށައިގެން ކުރިއަށް ގެންދިއުމަކީ މައިގަނޑު އެއްއަމާޒު ކަމަށެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ ސްކޫލް ހުޅުވެން ވާއިރަށް ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށް ޚާއްސަ ޕްލޭންތައް ހައްދަވަމުން ގެންދަވާ ކަމަށެވެ. އަދި ސްކޫލުތައް ހުޅުވާލާނީ ކޮވިޑް-19 އާ ބެހޭ ޓާސްކްފޯސް އިން ސްކޫލުތައް ހުޅުވުމަށް އިރުޝާދު ދިނުމުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.








