ލޮކްޑައުންއާ އަޅާބަލާއިރު ރައްޔިތުންނަށް ގިނަ ލުއިތަކެއް ދެވޭ: ސީޕީ ހަމީދު
22 މެއި 2020 | ހުކުރު 06:51ލޮކްޑައުން ކުރީ ރައްޔިތުންގެ ސަލާމަތަށްޓަކައިކަން ގަބޫލުކުރަން ޖެހޭ


ކޮވިޑް-19އާ ގުޅިގެން ފުލުހުން ގެންދަނީ އަބަދުވެސް މާލެ ސިޓީގެ މަގުތަކުގައި ފޯރިމަރަމުން
ލޮކްޑައުންއާ އަޅާބަލާއިރު ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ގިނަ ލުއި ތަކެއް ދީފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއު އެއްގައި ސީޕީ ހަމީދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅި ކަމަށާއި، ގިނަ މަސައްކަތްތައް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް މާލެއިން ކޭސް ފެނުމާ ގުޅިގެން މާލެ ސިޓީ އެއްކޮށް 'ލޮކްޑައުން' އަކަށް ދިއުމަށް ސަރުކާރުން ނިންމީ ވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން ގަބޫލުކުރަން ޖެހޭ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
ސީޕީ ހަމީދު ވިދާޅުވީ 'ލޮކްޑައުން' އަށް ދިޔައިރުގަ ގިނަ ދަތިތަކާ އާންމު ރައްޔިތުން ކުރިމަތިލާނެކަން އެނގޭ ކަމަށާއި، އެ ހާލަތަށް ތައްޔާރުވެ ދުރާލާ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި އާންމުންނަށް ލުއި ދިނުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
އެގޮތުން، ގޭބިސީތަކަށް ބޭނުންވާ ޒަރޫރީ ވިޔަފާރި ކުރުމަށްޓަކައި 30،000 ގޭބިސީއަކަށް ހުއްދަ ދިން ކަމަށާއި، ޑެލިވަރީގެ ޚިދުމަތްދޭ ގާތްގަނޑަކަށް 2700 ފަރާތަކަށް ހުއްދަ ދޫކުރި ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ. ސީޕީ ހަމީދު ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށަށް މުދާ ފޮނުވަނީ މާލެއިން ކަމަށް ވުމާއެކު ބޯޓުތަކަށް މުދާ ގެންދަން ވެސް ފުލުހުން އެހީތެރިވެދިން ކަމަށެވެ.
މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ އެކި ޑިއުޓީކުރާ މުވައްޒަފުންނަށް، ޑިއުޓީއަށް ދާން ގާތްގަނޑަކަށް 2000 ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އަދި މުޅި ޖުމުލަ ގާތްގަނޑަކަށް 45،000 ހުއްދަ އެކި ފަރާތްތަކަށް ދޫކުރެވިފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
ސީޕީ ހަމީދު ވިދާޅުވީ ދަތިތަކާއެކު ވެސް މުހިންމީ ކޮވިޑް-19ން ސަލާމަތްވުން ކަމަށެވެ. އެގޮތުން ބަލި ފެތުރުނަ ނުދިނުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅި ތަންފީޒު ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ.





