ކ. މާލެ
|
20 މެއި 2020 | ބުދަ 19:16
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
ރޮއިޓަރސް
ކޮވިޑް-19: އެމެރިކާ
އެންމެ ގިނަ މީހުން ކޮރޯނާވައިރަސް ބައްޔަށް ޕޮސިޓިވް ވި ގައުމަކަށް އެމެރިކާ ވުމަކީ ޝަރަފެއް: ޓްރަމްޕް
ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެމެރިކާއިން
އެމެރިކާގައި ދޮޅު މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވޭ
ޓެސްޓް ހެދެނީ ބޭނުންވާ އަދަދުގެ ތިންބައިކުޅަ އެއްބަޔަށް

ކޮވިޑް-19 ބައްޔަށް އެންމެ ގިނަ މީހުން ޕޮސިޓިވް ވި ގައުމަކަށް އެމެރިކާ ވުމުން, އެކަމަކީ އެމެރިކާއަށް ލިބުނު ޝަރަފެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވައިފިއެވެ.

ބަލީގައި އެންމެ ގިނަ މީހުން ޕޮސިޓިވް ވި ގައުމަކަށް އެމެރިކާ ވުމާ ގުޅޭ ގޮތުން އެ ގައުމުގެ ރައީސްގެ ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ, ބައްޔަށް ޕޮސިޓިވް ވާ މީހުން އެމެރިކާގައި ގިނަވުމަކީ އެއް ގޮތަކުން ބަލާއިރު ރަނގަޅު ކަމެއް ކަމުގައެވެ.

އެއް ނަޒަރަކަން އަޅުގަނޑު ދެކެނީ، މިއީ ރަނގަޅު ކަމެއްގެ ގޮތުގައި، އޭގެ މާނައަކީ އަޅުގަނޑު މެންގެ ގާބިލްކަން މާ ބޮޑުތަނުންވެސް ރަނގަޅޭ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ދޮޅު މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. ބަލީގައި 92,000 މީހުން މިހާތަނަށް އެ ގައުމުން ވަނީ މަރުވެފައެވެ.

ރައީސް ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ކޮވިޑް-19 ބަލި އެމެރިކާގައި ފެތުރެން ފެށިފަހުން ފުރަތަމަ ފަހަރަށް ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައެވެ.

އަޅުގަނޑުމެން މި އުޅެނީ މި ކޭސްތަކުގެ ކުރީގައޭ ބުނާއިރު، އެއީ އެހެން އެންމެންނަށް ވުރެ ބޮޑަށް ބައްޔަށް އަޅުގަނޑުމެން ޓެސްޓް ކުރާތީ. އެހެންވީމާ ބައިވަރު ކޭސްތައް އުޅުމަކީ، ނުދެކެން ގޯސް ގޮތެއް ކަމަކަށް، އަޅުގަނޑު އެކަން ދެކެނީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި، އޭގެ މާނައަކީ އަޅުގަނޑުމެންގެ ޓެސްޓު ކުރުން މާ ބޮޑަށްވެސް ރަނގަޅޭ. އެހެންވީމާ އަޅުގަނޑު ދެކެނީ އެއީ ޝަރަފުގެ ބެޖެއްގެ ގޮތުގައި.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ގިނަ މީހުން ބައްޔަށް ޕޮސިޓިވް ވުމާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ އެކަމުން އެ ދައްކުވައިދެނީ މި ރޮނގުން އެމެރިކާގެ ފަންނީ މާހިރުން ކުރަމުންދާ މަސައްކަތްތައް މޮޅުވުން ކަމުގައެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލްގެ ހިސާބު ތަކުން ފެންނަ ގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް 12.6 މިލިއަން ކޮރޯނާ ވައިރަސް ޓެސްޓް އެމެރިކާގައި ވަނީ ހަދާފައެވެ.

ރައީސް ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމެރިކާއިން ދޮޅު މިލިއަން މީހުން ބައްޔަށް ޕޮސިޓިވް ވުން ރަމްޒުކުރަނީ ލީޑަރޝިޕް މުޅިން ފެއިލް ވެފައިވާ ކަމުގައެވެ.

ކޮވިޑް ޓްރެކިންގ ޕްރޮޖެކްޓްގެ ތަފާސް ހިސާބަށް ބަލާއިރު، އެމެރިކާގައި ދުވާލަކު ހެދެމުންދަނީ ދެލައްކަ އާއި ތިންލައްކަ އާ ދެމެދުގެ ޓެސްޓެވެ.

ހުސްވި ހަފްތާގައި އެމެރިކާގެ ކޮންގްރެސް އަށް މައުލޫމާތު ދެމުން ހާވާޑް ގްލޯބަލް ހެލްތް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އަޝިޝް ޖާ ވިދާޅުވީ، އެމެރިކާ އަލުން ހުޅުވާލުމަށް ދުވާލެއްގެ މައްޗަށް ނުވަ ލައްކަ ޓެސްޓް ހަދަން ޖެހޭ ކަމުގައެވެ. ނަމަވެސް މީގެ ތެރެއިން ހެދެނީ ބޭނުންވާ އަދަދުގެ ތިން ބައިކުޅަ އެއްބައި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެމެރިކާއިންނެވެ.

- ކޮމެންޓް