އެޑިއުކޭޝަން ސެކްޓަރގެ ކޮވިޑް ރެސްޕޮންސް ޕްލޭން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ނިމޭނެ: މިނިސްޓްރީ
20 މެއި 2020 | ބުދަ 01:06ނިއު ނޯމަލްގައި ކިޔަވައިދޭނެ ގޮތްތަކަށް ދަނީ ތައްޔާރުވަމުން


އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ ވެސް ދަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން
ނިއު ނޯމަލްގައި ސްކޫލުތަކުގެ ކިޔެވުންތައް ކުރިއަށް ގެންދާނެ ގޮތަށް ތައްޔާރުވަމުންދާ ކަމަށާއި، އެޑިއުކޭޝަން ސެކްޓަރގެ ކޮވިޑް ރެސްޕޮންސް ޕްލޭން ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ސީނިއަރ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ މިދަނޑިވަޅުގައި އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ނިއު ނޯމަލްއަށް ސްކޫލުތައް ތައްޔާރުވުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް މޫސާ އާދަމް ވިދާޅުވި އެވެ. އަދި ހާލަތާ ގުޅިގެން ތަފާތު ސިނާރިއޯތަކަށް ތައްޔާރުވަމުންދާކަން މޫސާ އާދަމް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މޫސާ އާދަމް ވިދާޅުވީ ކޮވިޑް ރެސްޕޮންސް ޕްލޭނެއް އެކުލަވާލަމުންދާއިރު، ކުރިން ދެހަފްތާއެއްގެ ތެރޭގައި އެޑިއުކޭޝަން ސެކްޓަރގެ ކޮވިޑް ރެސްޕޮންސް ޕްލޭން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިރެސްޕޮންސް ޕްލޭންގައި ހަމަ ތަފާތު ދާއިރާތަކުން ކަންކަން ކުރާ ގޮތް އެކުލަވާލާފައިވާ ކަމަށް މޫސާ އާދަމް ވިދާޅުވިއެވެ.
މޫސާ އާދަމް ވިދާޅުވީ މިދަނޑިވަޅުގައި ސްކޫލުތަކުގެ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ބެލެނިވެރިންގެ އެއްބާރުލުމާއެކު ނިއު ނޯމަލްގައި ކިޔަވައިދިނުމަށް އެތައް ގުނައަކުން ލުއިތައް ލިބިގެންދާނެ ކަމަށް މޫސާ އާދަމް ވިދާޅުވިއެވެ.







