މިސްކިތުގެ އިމާމެއް ޕޮޒިޓިވްވި ނަމަވެސް އިމާމުން ދައްކަވަނީ ނަމޫނާ ހިތްވަރެއް!
18 މެއި 2020 | ހޯމަ 17:21ޕޮޒިޓިވްވީ އިބްރާހިމް މިސްކިތުގެ އިމާމެއް


ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރުމުގެ ކުރިން މާލޭގެ މިސްކިތެއްގައި ނަމާދު ކުރަނީ
މިސްކިތެއްގެ އިމާމެއް ކޮވިޑް-19ށް ޕޮޒިޓިވްވި މިހާތަނަށް އިމާމުން ދައްކަމުންދަނީ ހިތްވަރު ގަދަ ނަމޫނާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ރާއްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ މާލޭގެ އިބްރާހިމް މިސްކިތުގެ އިމާމެއް ކޮވިޑް-19ށް ޕޮޒިޓިވްވިކަން އެނގުނީ ރެމްޑަމްކޮށް ނެގި ސާންޕަލްގެ ތެރެއިން ކަމަށެވެ. ކޮމިއުނިޓީ ސްޕްރެޑެއް އޮތީމަ އެހެންވުމަކީ އެކަށީގެންވާ ކަމެއްކަން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ, އިމާމު ކަރަންޓީންގައި މިވަގުތު ހުރި ނަމަވެސް އެހެން އިމާމުންގެ ފަރާތުން މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މިސްކިތްތަކުގެ އިމާމުން ދައްކަމުން ދަނީ ހިތްވަރު ގަދަ ނަމޫނާއެއް ކަމަށާއި، އެއްވެސް އިމާމެއް މިސްކިތަށް ދިއުމުގައި ފަސްޖެހިފައިނުވާ ކަމަށެވެ.
ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިމާމުން އިސްލާމިކް މިނިސްޓްރީއަށް މިހާރު އަންނަން ނުޖެހޭނެ ކަމަށާއި، ސޮއިކުރާނީ އެއިމާމެއް ދާ މިސްކިތުގައި އޮންނަ ފޮތެއްގައި ކަމަށެވެ. އަދި ކޮންމެ އިމާމެއްގެ އަތުގައި ކޮވިޑް-19ން ރައްކާތެރިވުމަށް ބޭނުންކުރާ އަންގި، މާސްކް އަދި ސެނިޓައިޒަރ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިބްރާހިމް މިސްކިތުގެ އިމާމު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާތީ އެމިސްކިތް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރާއިރު، ވަރަށް އަވަހަށް އެމިސްކިތުގައި ވެސް ބަންގި ގޮވުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެމިސްކިތަކީ ކޮންމެވެސް ވަރަކަށް މާރާމާތުގެ މަސައްކަތް ކުރިއަށްދާ މިސްކިތެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.







