މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި ވަރަށް ގިނަ މުސްލިމުންގެ ޝަކުވާއަކީ އެބައިމީހުން އަޅުކަންކުރަމުން އައި މިސްކިތްތައް، އާދެ، ﷲގެ ގެކޮޅުތައް ބަންދު ވެއްޖެކަމުގެ ޝަކުވާއެވެ. ޖަމާޢަތުގައި ނަމާދު ނުކުރެވޭކަމުގެ ޝަކުވާއެވެ. އެ މަތިވެރި އަޅުކަމުން މަޙްރޫމު ވެގެންދާ ކަމުގެ ޝަކުވާއެވެ. އިސްލާމީ ދުނިޔެއާ ކުރިމަތިލަމުންދާ ބަރަކާތްތެރި ރަމަޟާން މަހުގެ ބަރަކާތާއި ޢަދަދުނުކުރެވޭ ގިނަގުނަ ޘަވާބާއި އަޖުރުތައް ލިބިގަންނަން ހަރަކާތްތެރިވުމުގެ ރަނުގެ ފުރުޞަތު ގެއްލިފައިވާ ކަމުގެ ހިތާމަތަކާއި އުދާސްތަކުން ފުރިގެންވާ ޝަކުވާއެވެ.
އަޅުގަނޑުމެންގެ މިޝަކުވާތަކަކީ ހަމަ ޙައްޤު ޝަކުވާތަކެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން ރަނގަޅަށް ވިސްނާލައިފިނަމަ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މިކަމުގައި ގެއްލުމެއް ނުލިބޭކަން އެނގޭނެވެ. ދުނިޔެއަށް އައިސްފައި މިވާ ބޮޑުވަބާގައި މުޅިދުނިޔެ ޖެހިފައިވާއިރު ޚާއްޞަކޮށް ބޮޑެތި ޤައުމުތަކަށް ލިބެމުންދާ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަށް ބަލާލުމުން އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭނެކަމަށް ދެކެމެވެ.
ތެެދެކެވެ! ޖަމާޢަތުގައި ނަމާދު ކުރުމަކީ ނުހަނު ގިނަގުނަ ސަވާބު ލިބޭ ކަމެކެވެ. އެހެނަސް ބައްޔެއްގެ ސަބަބުން ނުވަތަ އެނޫންވެސް އުޛުރަކާ ލައިގެން ތިމާ ކުރަމުން އަންނަ ސުއްނަތާއި އަޅުކަންތަކުން ތިމާ މަޙްރޫމުވާ ޙާލަތުގައި އެމިންވަރަށް އެއްވެސް އުނިކުރެއްވުމެއް ނެތި ﷲގެ ޙަޟުރަތުން އޭނާއަށް ޘަވާބު ދެއްވާނެކަމަށް ޞައްޙަ ޙަދީޘުތަކުން ސާބިތުވާން އެބަހުއްޓެވެ. އިމާމު އަޙްމަދާއި ޙާކިމާއި އިބްނި އަބީ ޝައިބާ رَسُولُ اللَّهِ hގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ. (إِذَا ابْتَلَى اللَّهُ الْعَبْدَ الْمُسْلِمَ بِبَلَاءٍ فِي جَسَدِهِ قَالَ اللَّهُ اكْتُبْ لَهُ صَالِحَ عَمَلِهِ الَّذِي كَانَ يَعْمَلُهُ فَإِنْ شَفَاهُ غَسَلَهُ وَطَهَّرَهُ وَإِنْ قَبَضَهُ غَفَرَ لَهُ وَرَحِمَهُ) މާނައީ: رَسُولُ اللَّهِ ޙަދީޘު ކުރައްވާފައި ވެއެވެ. މުސްލިމު އަޅަކަށް ބަލާ މުޞީބާތެއް ޖެހޭ ހިނދު އޭނާއަށް ބައްލަވައިވޮޑިގެން މާތް ﷲ މަލާއިކަތުންނަށް ބަސްވަޙީ ކުރަށްވާނެއެވެ. އޭ އަހުރެންގެ މަލާއިކަތުންނޭވެ! އަހުރެންގެ އަޅާ ކުރިން ކުރަމުންއައި ޢަމަލުތައް އުނިވަމުންދާތީ ހަމައެފަދައިން ހެއު ޢަމަލުތަކުގެ ގޮތުގައި އެޘަވާބު އެމިންވަރަށް އޭނާއަށްޓަކައި ލިޔަމުންދާށެވެ. ދެންފަހެ މާތް ﷲ އެބަލިން އޭނާއަށް ޝިފާ ދެއްވައިފިނަމަ (ނުވަތަ މުޞީބާތުން ސަލާމަތް ކުރަށްވައިފިނަމަ) އެއިލާހު އޭނާ ސާފު ޠާހިރު ކުރަށްވާނެއެވެ. އެހެނަސް އޭނާ މަރުގަންނަވައިފިނަ އޭނާގެ ފާފަ ފުއްސަވައި އޭނާއަށް ރަޙްމަތްލައްވާނެެއެވެ. މިޙަދީޘާއި މިފަދަ އެހެން ޙަދީޘުތަކުގެ އަލީގައި، އިމާމު އިބްނި މުނީރުގެ ކިބައިން އިބްނި ޙަޖަރު ގެންނަވާފައި ވެއެވެ. (وَقَالَ ابْنُ الْمُنِيرِ بِأَنَّهُ تَحَجَّرَ وَاسِعًا وَلَا مَانِعَ مِنْ دُخُولِ الْفَرَائِضِ فِي ذَلِكَ بِمَعْنَى أَنَّهُ إِذَا عَجَزَ عَنِ الْإِتْيَانِ بِهَا عَلَى الْهَيْئَةِ الْكَامِلَةِ أَنْ يَكْتُبَ لَهُ أَجْرَ مَا عَجَزَ عَنْهُ) މާނައީ: މިއެންމެހައި ޙަދީޘުތަކުން ސާބިތުކޮށްދެނީ ސުއްނަތްތަކުގެ އިތުރުން ފަރުޟު އަޅުކަންތައް ވެސް ޝާމިލުވާ ކަމަށެވެ. ފުޅާ ދާއިިރާއެއްގައި އަޅާ އަޅުކަންކުރުމުގެ މަގު ބަންދުވުމީ އަޖުރު ލިބުމުގައި އަޅާއަށް އުނިކަމެއް ނާންނާނެ ކަމެވެ. މިބަސްފުޅުތަކުގެ މުރާދަކީ އަޅާ ތިމާގެ އަޅުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ނުކުޅެދޭ ހިނދު މާތް ﷲގެ ޙަޟުރަތުން އޭނާއަށް ފުރިހަމައަށް އަޖުރު ދެއްވާނެ ކަމެވެ.

އިސްލާމްދީނަކީ އެހެންދީންތަކާ ޚިލާފަށް ނަމާދުކޮށް އަޅުކަންކުރުމަށް ވަކިތަނެއް ޚާއްޞަކޮށްފައިވާ ދީނަކަށް ނުވާހިނދު އަޅުގަނޑުމެންނަށް ފާޚާނާއާއި މަހާނަތައް ފިޔަވައި ބިމުގެ ކޮންމެ ތަނެއްގައި ވެސް ނަމާދު އަދާ ކުރެވޭނެއެވެ. ތަަފާތެއްނެތި އަޅުކަން ކުރެވޭނެއެވެ. އަނެއްކޮޅުން ޖަމާޢަތުގައި ބައިވެރި ނުވެވުނީތީ އެކަމުންވެސް އިތުރު ސަވާބު ދެއްވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު މިވަނީ އަންގަވާފައެވެ. އަޅުގަނޑުމެންނާ ޚިލާފަށް އެހެން ދީންތަކުގައި މިފުރުޞަތެއް އެދީންތަކުގެ އަހުލުވެރިންނަކަށް ނެތެެވެ. އެބައިމީހުން ފައްޅިއާއި މަންދިރަށް ގޮސްގެންނޫނީ އެބައިމީހުންގެ އަޅުކަން ނުކުރެވޭނެއެވެ.
ދަންނަވަންތޯއެވެ؟ ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔެ މިއޮތީ ހުއްޓުމަކަށް އައިސްފައެވެ. މުޅިދުނިޔެ ލޮކްޑައުން ވެފައެވެ. އަޅުގަނޑުމެން ހިތާމަ ކުރަނީ މިސްކިތްތައް ބަންދުވީތީއެވެ. މިއީ އަޅުގަނޑުމެން މުސްލިމުންނަށް ކެހިދޭންވެގެން ބަޔަކު ރާވައިގެން ކުރިކަމެކޭވެސް ބުނާމީހުން އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ. މިކަމުގެ ޙަޤީޤަތް އަޅުގަނޑުމެންނަށް އެނގޭތޯއެވެ؟ ދުނިޔޭގައި ގިނައީ ތިމާމެން އުފެއްދެވި ފަރާތް ހަނދުމަ ނަތްތާލަފައި ހެއްދެވިިހައި ޙަރާމްކަންތައް ކުރަމުން ފާޙިޝު ޢަމަލުތަކަށް ޣަރަޤުވެގެން މުޅިރޭގަނޑު މަސްތުވީ ދުނިޔެއެއްގައި އެކަންކަން އިޙްޔާކުރަމުން ދިޔަ މީހުންނެވެ. އެއެންމެހައި ފާޙިޝް ޢަމަލުތައް އެއޮތީ ހުއްޓިފައެވެ. އެތަންތަން ބަންދުވެފައެވެ. އެއިންތަނަކަށް މެއްސަކަށް ނުވަދެވޭ ގޮތަށް ލޮކްޑައުން ވެއްޖެއެވެ. އެކަންކަން ކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނެތީއެވެ. އެބައިމީހުން ގޮތް ހުސްވެގެން ދުނިޔެއަށް މޮޔަވަނީއެވެ. ބޮޑެތި ނައިޓު ކްލަބް ތަކެވެ. ބާރތަކާއި މިއުޒިކް ގްރޫޕުތަކެވެ. ބަަރަހަނާ ޚާނާތަކާއި ޝޯތަކެވެ. ހަށިވިއްކާ ގެތަކެވެ. ބޮޑެތިބޮޑެތި ޖުވާކުޅޭ ހޯލުތަކާއި ކެސިނޯގެ ހޮޓާތައް ކޮބައިތޯއެވެ؟ މަކާއޮގެ ވެނިޝިޔަން ރެޒޯޓު އެހެރީ ބަންދުކުރެވިފައެވެ. ސިންގަޕޯރުގެ ކެސިނޯ އެސްޓެރިލް ތަޅުލެވިފައެވެ. މިނޫނަސް އެމެރިކާއާއި ޔޫރަޕުގެ ގިނަ ޤައުމުގެ ތަކުގައި ބިޔަބޮޑެތި ކެސިނޯ ހައުސްތައް ހުރިއިރު މިތަންތަނަކީ އެތަކެއް ސަތޭކަ ބިލިޔަނުން ޑޮލަރު ވަދެވަދެ ހުރި ތަންތަނެވެ. އެހުރިހާތަނެއް އެއްފަހަރާ އެވަނީ ބަންދުވެެފައެވެ. މިހެންގޮސް މިތަންތަނަކީ އިޤްތިޞާދީގޮތުން ބަލާނަމަ މިނުބައި ފާޙިޝު ޢަމަލުތައް ހިންގުމަށް ރެއަކަށް އެތަކެއް މިލިޔަނުން ޑޮލަރު ވަންނަމުން އަންނަ ތަންތަނެވެ. މިހުރިހާ ތަނެއްގައި އެވަނީ ތަޅުއެޅިފައެވެ. އެތަން ހިންގާ މީހުންނާއި އެތަންތަނަށް ޒިޔާރަތްކޮށް ފައިސާ ހޭދަކޮށް، ފާޙިޝް ޢަމަލުތަކުގެ ކަނޑަށް ޣަރަޤުވެގެން، ތިމާމެންގެ ހިތުގެ އުދާސް ބޭރުކުރަމުން ދިޔަ މިލިޔަން މީހުން އެތިބީ ގޮތް ހުސްވެފައެވެ. އެތަކެއް ކްލަބްތަކެއް އިފްލާސްވަނީއެވެ. އެކަމަކު އަޅުގަނޑުމެން މުސްލިމުން އެހެންތޯއެވެ؟ މިސްކިތްތައް ބަންދުވުމުން ގެތައް މިސްކިތަށް ބަދަލުވީއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައިވާ ފަދައިންނެވެ. (لَا تَجْعَلُوا بُيُوتَكُمْ قُبُورًا) މާނައީ: ތިޔަބައިމީހުން ތިމާމެންގެ ގެތަށް ޤަބުރުސްތާނަށް ނުހަދާށެވެ. އެބަހީ ޛިކުރު ކުރުމާއި ނަމާދު ކުރުމާއި އަޅުކަމުން މަޙްރޫމުވެ ޤަބުރުސްތާނަށް ވާހެން ހަމައެކަނި ނިދާލެވޭ ތަނަކަށް ތިމާމެންގެ ގެތަށް ނަހަދާށެވެ.
ކަން މިހެން އޮތުމާއި ދުނިޔޭގެ ޣައިރު މުސްލިމުންނަށް ކޮރޯނާ ބޮޑު ބަލާ މުސީބާތަކަށް ވިއަސް އަޅުގަނޑުމެން މުސްލިމުންނަށް މިކަން ވާންވާނީ މާއްދީގޮތުން ވެވޭ އިމްތިޙާނަކަށެވެ. ދީނީގޮތުން ލިބޭ އިތުރު ފުރުޞަތަކަށެވެ. ކެތްތެރިކަމާއި އެކު ކުރިމަތިލައިގެން ﷲގެ ޙަޟުރަތަށް ރުޖޫޢަވެގެން މުޅިދުނިޔެއިން ވައިރަސް ނެތިކުރެއްވުމަށް އެދި ގިނަގިނައިން ދުޢާކުރަންވީއެވެ. މިއީ އަޅުކަމުގައި ބޮޑަށް މަޝްޣޫލުވާން ލިބޭ ލޮކްޑައުނަކަށް ހަދަންވީއެވެ. ﷲގެ ޙަޟުރަތުގައި ރޮއިފައި ގިނަގިނައިން ދުޢާ ދަންނަވަމާ ހިނގާށެވެ. ޚާއްޞަކޮށް ރޯދަ މަހުގެ ފުރިހަމަ ފައިދާ ޢާއިލާ އެކުގައި ތިބިގެން ހޯދުމަށް ފޫގަޅަމާ ހިނގާށެވެ.
މާތް ﷲ މިބަލާ މުޞީބާތުން އަޅުގަނޑުމެންގެ ރާއްޖެއާއި ދުނިޔޭގައި ވާހައި މުސްލިމުންނާއި ދުނިޔޭގެ ކުދިބޮޑު އެންމެހައި އަޅުތަކުން މިންޖު ކުރަށްވައި ސަލާމަތް ކުރަށްވާށެވެ. އާމީން!