ރަށްރަށުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލީޓީތަކަށް މީހުން ގެންދިއުން މަޑުޖައްސާލައިފި
12 މެއި 2020 | އަންގާރަ 12:34ރަށަށް މީހުން ގެންދިއުމުގެ ކައުންސިލްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ

ރަށަށް މީހުންނަށް ދެވެނީ ޚާއްސަ އުސޫލެއްގެ ދަށުން
މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ތާށިވެފައި ތިބި މީހުން ގެންދިއުމަށް ރަށްރަށުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލީޓީތަކަށް މީހުން ގެންދިއުން މިދަނޑިވަޅަށް މަޑުޖައްސާލާފައިވާ ކަމަށް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ކޮވިޑް -19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އަންގާރަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ގިނަ ބަޔަކު ތާށިވި ކަމަށާއި، ވަކި އުސޫލެއްގެ ތެރެއިން އެމީހުން ރަށްރަށަށް ގެންދިއުމުގެ މަސައްކަތައް ކުރެވުނު ކަމަށެވެ.
އެގޮތުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރެވުނުކަން ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން ކުރެވުނު މަސައްކަތުގައި ވަކި ހިސާބަކުން މާލެސިޓީގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާލަތުގައި މާލެސިޓީން ރަށްރަށުގައި ގާއިމު ކުރެވޭ ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމަކީ ރައްކާތެރި ގޮތް ނޫން ކަމަށެވެ.
މިމަސައްކަތަކީ ރަައްޔިތުންނަށް ވަރަށް ބޮޑަށް ލޮޅުން އަރާފައިވާ ކަމެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކައުންސިލުންތަކުން ރަށްރަށަށް މީހުން ގެންދަން ބޭނުން ނުވަނީ ނޫން ކަމަށާއި، މާލެސިޓީ 'ސަރޖް' އަކަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ދާނެ ކަމަށް ފެންނާތީ މިވަގުތު ރަށްރަށަށް މީހުން ނުގެން ދިއުމަށް ނިންމީ ސަރުކާރުން ކަމަށެވެ.
ޝަރީފް ވިދާޅުވީ ޙާލަތު ބަދަލު ވުމާއެކު މިނިންމުމަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް މާލެ ސިޓީގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 500 މީހުން ކަރަންޓީން ކުރުމަށް ފެސިލިޓީ ހަމަޖެހި އެމަސައްކަތް ކުރެވެމުންދާ ކަމަށެވެ.






