ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ކައުންސިލްތަކުގެ ގާނޫނީ ހުސްކަމުގެ މައްސަލަ

ކައުންސިލްތަކައް ދެމިތިބެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން!

  • ބާންޑާރަ ނައިބު ލަފާ ދެއްވަނީ، ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުއިޞްލާޙު ކުރުމަށް، ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން އެޤާނޫނުގެ 4 ވަނަ މާއްދާއިޞްލާޙުކުރުމަށް
  • މަޖިލިސް ބައެއް މެމްބަރުން ވިދާޅުވަނީ މިއީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ޙާލަތެއް ނޫން ކަމަށް
  • ކައުންސިލްތަކުގެ އިންތިޚާބު މިހާރު މިވަނީ އެއް އަހަރުގެ ތެރޭގައި ބޭއްވުމަށްބުނާ ޚާއްޞަ ޤާނޫނަށް ޢަމަލު ކުރަން ފަށާފައި، މިކަމާ ގުޅޭ އިތުރު ދެ ބިލު މަޖިލީހުގައި އެބައޮތް

ކ. މާލެ | 11 މެއި 2020 | ހޯމަ 15:21 | 3,123

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު: ރިފްއަތު ލަފާ ދެއްވަނީ، ގާނޫނުއަސާސީގެ 5 ވަނަ އިސްލާހުގެ ގެނައުމުގެ ގާނޫނު އިސްލާހު ކުރުމަށް- - މަޖިލިސް

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހަވުމާއެކު، އެ ކައުންސިލްތަކަށް ދެމި ތިބެވޭނީ، ޤާނޫނުއާސާސީ އިޞްލާޙުކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް، އެޓަރނީ ޖެނަރަލް އިބްރާހީމް ރިފްއަތު މިވަނީ ލަފާ ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން، ދަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މަޖިލީހަށް ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލު 2020" ދިރާސާ ކުރުމެވެ. އެގޮތުން އެޓަރނީ ޖެނެރަލްގެ ލަފަޔަކަށް އެދިލެއްވުމުން، އެޓަރނީ ޖެނެރަލް ރިފްއަތު ވަނީ ލިޔުމުން ކޮމެޓީއަށް އެމަނިކުފާނުގެ ލަފާފުޅު އަރުވާފަ އެވެ.

އެޓަރނީ ޖެނެރަލްގެ ލަފާފުޅުގައި ވިދާޅުވެފައި ވަނީ، ލާމަރުކަޒީ އުޞޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ތަރުތީބުކޮށް، ތަންޒީމުކޮށްފައިވާ އުޞޫލުތަކާއި އިޖުރާޢަތުތަކާ ޚިލާފު ނުވުމަށެވެ. އަދި 2020 އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާ ޤާނޫނީ ހުސްކަން ފޫބެއްދުމަށް، އަދި ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގެ ރޫޙާއި، މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޢަމަލު ކުރެވެން އޮތްގޮތަކީ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނު އިޞްލާޙު ކުރުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގައިވާ ފަދައިން އެ ޤާނޫނުގެ 4 ވަނަ މާއްދާ އިޞްލާޙުކޮށް، ލޯކަލް ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ކުރެވެންދެން މިހާރު ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަޤާމުތަކުގައި ދެމި ތިބެވޭނެކަމަށް ކަނޑައެޅުން ކަމުގައި ފެންނަ ވާހަކަ ދަންނަވާ ކަމަށް އެޓަރނީ ޖެނަރަލް ރިފްއަތު މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވާފައިވާ ލަފާފުޅުގައި ވިދާޅުވެފައި ވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި، ކައުންސިލްތަކަށް އަތުވެދާނެ ޤާނޫނީ ހުސްކަން ޙައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވެއެވެ. އޭގެ ތެރެއިން އެއް ބިލަކީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020" އެވެ. ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

ހަމަ އެބިލާއެކު، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން، މިހާރު ކައުންސިލްތަކުގައި ތިއްބެވި މެންބަރުން، މެންބަރުކަމުގެ މަޤާމުގައި ދެމި ތިބެވޭނެ ގޮތަށް ސަރުކާރުން ވަނީ އިތުރު ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އެބިލަކީ ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލެވެ. މިބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމެވެ.

ސަރުކާރުގެ ފަރާތުން، އަޙްމަދު ޙަލީމް ހުށަހެޅުއްވި އެބިލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެގެން ދިޔައެވެ. ބައެއް މެންބަރުން ވިދާޅުވަނީ ރާއްޖޭގައި ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށްޓަކައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާނުކޮށްފައި ވާތީ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ނުކުރެއްވޭނެ ކަމަށެވެ. ބައެއް މެންބަރުން ވިދާޅުވީ، މިއީ ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫން ކަމަށާއި މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ކަމަށެވެ. އަދި ބައެއް މެންބަރުން ޤަބޫލު ކުރައްވާ ގޮތުގައި މިއީ ޤާނޫނުއާސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫންކަމަށްވިޔަސް، މި ޙާލަތަކީ ރައްޔިތުންގެ ޙައްޤުތަކެއް ހިފެހެއްޓި، ގެއިން ބޭރަށް ނުނިކުމެވޭ، އެއްވެ ނޫޅެވޭ، ނުވަތަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންވެސް މީހުން ހައްޔަރުކޮށް، ޙައްޤުތަކެއް ހިފެހެއްޓިފައިވާ ޙާލަތެއް ކަމަށްވާތީ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

މި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި ޤާނޫނީ އެހެން ޙައްލެއް ގެނައުމަށްޓަކައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ މަޖިލީހަށް އިތުރު ބިލެއް ހުށަހަޅުއްވާފަ އެވެ. އެއީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ.

ޙަސަން ލަޠީފް ހުށަހެޅުއްވި ބިލާމެދުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން ދިޔައެވެ.

މި ދެ ބިލާ ގުޅިގެން ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުން ތަކެއް ހުއްޓެވެ. އަދި އިދިކޮޅު މެންބަރުންގެ މެދުގައި ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވުން ތަކެއްހުރި ނަމަވެސް، އިދިކޮޅު ޕީޕީއެމް-ޕީއެންސީން ނިންމާފައިވަނީ، ޙަސަން ލަޠީފް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލު 2020" ބިލު ޤާނޫނުއަސާސީއާ ޚިލާފުކަށް ކަނޑައަޅާ ދެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.

މިކަމުގައި އިސްކޮށް ހުންނެވީ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް އެވެ. ޕީޕީއެމުން ބުނަމުން ދަނީ އެބިލު ޤާނޫނުއަސާސީއާ ޚިލާފު ކަމަށެވެ. އަދި އެބިލުގެ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ހުށަހަޅުއްވާފައި ވާކަން އަދި ކަށަވަރެއް ނުވެއެވެ.

ނަމަވެސް ކަށަވަރުވާ އެއް ކަމަކީ، ޕީޕީއެމުން ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ އަދި ސުޕްރީމް ކޯޓަށް ބަލައި ނުގަންނާނެ ކަމެވެ. އެހެން މި ދެންނެވީ، އެއީ އަދި ވުޖޫދު ވެފައިވާ ޤާނޫނަކަށް ނުވާތީއެވެ. އެއީ ބިލެކެވެ. ނުވަތަ މަޖިލީހުން ކުރަމުންދާ މަސައްކަތެކެވެ. ދިރާސާ ކުރަމުންދާ މައްސަލައެކެވެ.

ޑްރާފްޓް ކުރެވެމުންދާ ތަރުތީބު ކުރެވެމުންދާ، އަދި މަޖިލީހުން ނިންމާފައިނުވާ ބިލެއްގެ މައްސަލައެއް، އެއީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއްކަމަށް ނުވަތަ ޤާނޫނެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ދާން އަދި ތަންކޮޅެއް އަވަހެވެ. އެ ބިލެއް ޤާނޫނަށް ވަނީ ރައްޔިތުުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ އެބިލު ތަޞްދީޤު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ހިސާބުން ނެވެ. އެހިސާބުން އެއީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއް ކަމަށްބުނެ، އެ ބާޠިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ އެވެ.

ކޮންމެއަކަސް، ކައުންސިލްތަކުގެ މިމައްސަލައަށް ޙައްލެއް އެބަ ބޭނުންވެއެވެ. މިސާލަކަށް އެޓަރނީ ޖެނެރަލް ރިފްޢަތު އެ ވިދާޅުވާ ގޮތުން ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙު ކުރުމުން މި މައްސަލައަށް ޙައްލެއް އަންނާނެ އެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާ އިޞްލާޙުކޮށް، ލޯކަލް ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ކުރެވެންދެން މިހާރު ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަޤާމުތަކުގައި ދެމި ތިބެވޭނެކަމަށް ކަނޑައެޅުމުން މި މައްސަލައަށް ޙައްލެއް އަންނާނެތޯ އެވެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުން އެއްފަރާތުގައި ބާއްވާށެވެ. މިހާރު ހިނގަމުންދާ ކައުންސިލްތަކަށް ރައްޔިތުން ވޯޓު ދިނީ 3 އަހަރުގެ މުއްދަތަށެވެ. އޭރު ޤާނޫނުއާސާސީގައި ބުނެފައި އޮތީވެސް ކައުންސިލްތަކުގެ އުމުރަކީ 3 އަހަރެވެ. އެކަން ޤަބޫލުކޮށް، ރައްޔިތުން ނިކުމެލި ވޯޓު، އަދި ނިންމި ނިންމުން އެ ތިން އަހަރަށް ފަހު، ދިގު ދެންމޭނެ ކަމަކަމަށް ޤަބޫލުކުރަންތޯ އެވެ. ތިން އަހަރުފަހުން ދައުރު ނިމޭކަމާއި، އިންތިޚާބު ނުބޭއްވޭ ޙާލަތެއްގެ ވާހަކައެއް، ވޯޓުލާން ދިޔައިރު، ނުދައްކަ އެވެ. ޤާނޫނުއާސާސީގައި ޤާނޫނަކުން ވެސް ބަޔާންކޮށްފައެއް ވެސް ނެތެވެ. ޤާނޫނުއަސާސީއަށް ނުވަތަ ޤާނޫނަށް ފަހުން ގެންނަ ބަދަލަކުން ކުރިން ރައްޔިތުން ނިންމާފައިވާ ނިންމުމަކަށް ބަދަލު ގެނައުމަކީ ރަނގަޅު ކަމެއް ތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.