ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 4441 މީހަކު ފާހަގަކުރެވިފައިވޭ
5 މެއި 2020 | އަންގާރަ 19:54ފަރުވާ ދެމުންދަނީ 549 މީހުންނަށް


ކޮންޓެކްޓް ޓްރޭސިންގ އަދި ސާމްޕަލް ނެގުމަށް ބޭއްވުނު ޑްރިލްއެއްގެ ތެރެއިން
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެކި ގޮތްގޮތުން ކޮންޓެކްޓްވި 4441 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯއީސީ) އިން ބުނެފި އެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާ ހިސާބަށް އައި އިރުގައި ޖުމްލަ 9863 ސާމްޕަލެއްނެގިފައިވާ ކަމަށާއި، އޭގެ ތެރެއިން 573 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަތީޖާ ނުލިބި މިވަގުތު 477 ސާމްޕަލެއް ވެއެވެ.
މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައިވާ 258 ތަނެއް ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފަ އެވެ. މޮނީޓަރިންގ އަށް ލެވުނު ތަންތަނުގެ ތެރޭގައި ގިނައީ ޕްރައިމަރީ އަދި ސެކަންޑްރީ ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތްތައް ދިރިއުޅެމުން އައި ތަންތަނާއި ވަޒީފާ އަދާކުރަމުން އަންނަ ތަންތަނެވެ.







