ކޮވިޑް-19ށް މުޅި ރަށް އޮތީ ތައްޔާރަށް: ކޮޅުފުށި ކައުންސިލުން
1 މެއި 2020 | ހުކުރު 08:47އެރަށް އޮތީ އާންމު ހާލަތުގައި

މ.ކޮޅުފުށި ކައުންސިލް އިދާރާ
ކޮވިޑް-19ށް މުޅި ރަށް ތައްޔާރުވެފައިވާ ކަމަށާއި، ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މ. ކޮޅުފުށި ކައުންސިލުން ބުނެފިއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެރަށުގެ ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ވިދާޅުވީ ކަމެއްދިމާވެއްޖެ ޙާލަތެއްގައި ވަގުތުން އެޓެންޑް ވެވޭ ވަރަށް މުޅި ރަށް ތައްޔާރުވެފައިވާ ކަމަށެވެ.
ޝާމިލް ވިދާޅުވީ މިމަސައްކަތުގައި ރަށުން އެކުލަވާލާފައިވާ ޓާސްކްފޯހަށް ރަށުގެ ގިނަ ޖަމްޢިއްޔާތަކުންނާއި، ޢާންމު ފަރުދުންގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ނިންމަނީ ކައުންސިލާއި، ޞިއްހީ މަރުޒަރުގެ ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް ޝާމިލް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ މާލެއިން އޭޕްރީލް 15ގެ ފަހުން އައި މީހުން އައިސޮލޭޝަންގައި ބޭއްތިއްބުނު ކަމަށާއި، 14 ދުވަސްފަހުން ޞިއްޙީ މަރުކަޒުގެ ނަރުހުންނާއި، ޑޮކްޓަރުން އެމީހުންގެ ބަލަންޖެހޭ އެންމެހައި ކަންކަން ބަލާފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ކަންތައްތަކުގައި ފްރޮންޓްލައިނަށް ނުކުތުމަށް ސަލާމާތީ ގޮތުން ބޭނުން ކުރާ ސާމާނު އެކަށީގެންވާ މިންވަރަށް ނެތްކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ ސާމާނު ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ކައުންސިލުން އަންގާފައިވާ ކަމަށެވެ. އެގޮތުން އަންގި ހޯދުމަށް އެދިފައިވާކަން ޝާމިލް ފާހަގަކުރެއްވިއެވެ.
ޝާމިލް ވިދާޅުވީ ޢާންމު ފަރުދެއްގެ އެހީތެރިކަމާއެކު މިބަލިމަޑުކަން ފެށިގެން އައިހިސާބުން މާސްކް ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ ކޮންމެ ރައްޔިތަކަށް ދެމާސްކްގެ ރޭޓުން ދޮވެގެން ބޭނުން ކުރާ ފޮތި މާސްކް ކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި އަތްދޮންނަން ބޭނުންކުރާ ފުޅި ފޯރުކޮށްދިން ނަމަވެސް މިހާރު ވިޔަފާރިވެރިން މެދުވެރިވެގެން މިއެއްޗެހި ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެރަށަށް އަރާފޭބުމުގެ ކަންތައްތަކަށް އަލިއަޅުއްވާލައްވާ ޝާމިލް ވިދާޅުވީ ސޯޝަލް ޑެސްކެއް ޤާއިމުކޮށްފައިވާ ކަމަށެވެ. ރަށްރަށް އަރާ ފައިބާ މީހުންގެ ފުރިހަމަ މަޢުލޫމާތު ނަގާނެ ކަމަށާއި، ޞިއްޙީ މަރުކަޒުގެ އޮފިޝަލަކު ބަނދަރުމަތިން އެމީހުން ޗެކަޕްގެ މަސައްކަތްތައް ކުރާނެ ކަމަށް ޝާމިލް ވިދާޅުވިއެވެ.
މީގެ އިތުރުން ޝާމިލް ވިދާޅުވީ ވިޔަފާރި ކުރުމަށްވެސް ޚާއްޞަ އުޞޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ފިހާރައަށް އެންމެ ގިނަވަގެން ވަދެވޭނީ ތިން މީހުންނަށް ކަމަށާއި، ކަސްޓަމަރު ބުނާ އެއްޗެހި ނަގާ ދިނުމުގެ ހުރިހާ މަސައްކަތްތަކެއް ކުރާނީ ފިހާރައިގައި ތިބޭ މުއައްޒަފުން ކަމަށް ޝާމިލް ވިދާޅުވިއެވެ.
ކާޑުގެ ބާވަތްތަކަށް އަލިއަޅުއްވާލައްވާ ޝާމިލް ވިދާޅުވީ މިހާރު ކާޑުގެ ބާވަތްތައް ވިއްކަން ނެތް ކަމަށެވެ. ނަމަވެސް ރޯދައިގެ މަސްދުވަސް ކުރިން ފުދޭ ކާޑުގެ ބާވަތްތައް ރަށަށް އެރުވިފައި ހުރުމާއެކު މާބޮޑު ދަތިކަމެއް ކުރިމަތިނުވާ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ އޭޖެންޓުންނާ ގުޅިގެން ކާޑުގެ ބާވަތްތައް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް ޝާމިލް ވިދާޅުވިއެވެ.
ކޮޅުފުށީގައި ދިރިއުޅޭ ބިދޭސީން ވެސް ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގުރާމުތައް ކުރިއަށް ގެންގޮސްފައިވާއިރު، އަދި އެރަށް އޮތީ ޢާންމު ޙާލަތުގައެވެ. ނަމަވެސް ކޮވިޑް-19 ރައްކާތެރިވުމުގެ ގޮތުން ފުރިހަަމަ ފިޔަވަޅުތަކެއް އަޅާފައިވާކަން ކައުންސިލުން ބުނެއެވެ.







