ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގެ ދަށުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މާފަރު އެއަރޕޯޓުގެ ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް އީ. ޕީ. ސީ އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
މި މަސައްކަތް ކުރުމަށް ޝަރުޠުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ދިވެހި ރުފިޔާ ނުވަތަ 32.00 ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ 12 އޭޕްރީލް 2020 އިން 10 މެއި 2020 އަށް، މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ކުންފުނީގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރަކާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ[email protected]އަށް ފޮނުވަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުޅުވުން އޮންނާނީ11 މެއި ވާ ހޯމަ ދުވަހުގެ 11:00ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަން ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.