ކ. މާލެ
|
24 އޭޕްރިލް 2020 | ހުކުރު 23:06
މަސްޖިދު ޖަލާލުއްދީން - ކޮވިޑް19 ގެ ބިރުވެރިކަމާއެކު ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން އެއްކޮށް ވަނީ ހުއްޓާލާފައި
މަސްޖިދު ޖަލާލުއްދީން - ކޮވިޑް19 ގެ ބިރުވެރިކަމާއެކު ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން އެއްކޮށް ވަނީ ހުއްޓާލާފައި
ރާއްޖެއެމްވީ
1441 ރަމަޟާން
ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!
 
ކޮވިޑް-19 އާއި އެކު މުޅި އިސްލާމީ އުއްމަތަށް ކުރިމަތިވެފައި މިވަނީ ހިތައް ވެސް ނުގެނޭ ފަދަ ދަތި އުނދަގޫ ދުވަސްވަރެއް
 
މާތްވެގެންވާ ރަމަޟާން މަސް އަހަރެމެންނާ ބައްދަލު މިކުރީ ނުހަނު ހިތާމަވެރި ދަނޑިވަޅެއްގައި

އަހަރުމެންގެ މާތްވެގެންވާ އިސްލާމްދީން ބިނާވެފައިވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. އެގޮތުން ރަމަޟާން މަހުގެ ރޯދަ އަކީ މި ފަސް ރުކުނުގެ ތެރިންވާ ފަސް ވަނަ ރުކުނެވެ. ބަރަކާތްތެރިކަމުން ފުރިގެންވާ މި މައްސަރަކީ، މުސްލިމުންގެ ހިތްތަކަށް އަބަދުވެސް އުފާވެރިކަން ގެނެސްދޭ، މުޅި މުސްލިމް އުއްމަތް އެންމެ ގަޔާވާ އެންމެ ލޯބިވާ މައްސަރެވެ.

ނަމަވެސް މި އަހަރު މާތްވެގެންވާ ރަމަޟާން މަސް އަހަރެމެންނާ ބައްދަލު މިކުރީ ނުހަނު ހިތާމަވެރި ދަނޑިވަޅެއްގައެވެ. "ކޮވިޑް-19" އޭ ކިޔުނު ނުރައްކާތެރި ވައިރަހެއް މުޅި ދުނިޔެ ފަތަހަ ކޮށްފައިވާ ހިތްދަތި ދަނޑިވަޅެއްގައެވެ. މުޅި ދުނިޔެ އަދި އަހަރެމެންގެ ކުޑަކުޑަ މި ދިވެހިރާއްޖެ ވެސް ލޮކްޑައުން ވެފައިވާ ދަނޑިވަޅެއްގަ އެވެ. ވީއިރު، ދެން އުފެދޭ ސުވާލަކީ، މިފަދަ ދަނޑިވަޅެއްގައި މުސްލިމުން ރޯދަމަހާއި ކުރިމަތި ލާނީ ކިހިނަކުން ތޯއެވެ؟

ޝައްކެއްނެތެވެ. ރަމަޟާން މަހަކީ މުޅި އިސްލާމީ އުއްމަތް އެމަހަކަށް އެންމެ އިންތިޒާރު ކުރާ މަހެވެ. ސަބަބުތައް ބައިވަރެވެ. ތަފާތު ޓީވީ ޕްރޮގްރާމް ތަކާއި، މަޖާ ކުޅިވަރު ތަކާއި، މީރު ކާނާ އިން އަހަރެމެން އެންމެންގެ ހިތްތައް ފުރާލެވޭ މަހެއް ކަމުގައި ވީތީއެވެ. ނަމަވެސް ރަމަޟާން މަހަކީ ހަމަ އެކަނި އެމީހަކު ހިތް އެދޭ މޮޅު ކާނާ ކެއުމާއި، ކުޅިވަރާއި މަޖަލުގެ ތެރޭގައި ހޭދަކޮށްލޭ މަހެއް ކަމުގައި ހަދާލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހެއްގެ ސަބަބުން ގިނަ މިސްކިތް ތަކުގައި ނަމާދުކުރުމާއި، ދީނީ ދަރުސްތަށް ދިނުން ހުއްޓާލެވިފައިވާ މި ވޭންދެނިވި ދަނޑިވަޅުގައި ގިނަ ގިނައިން މަތް ﷲގެ މަގުގައި އަޅުކަންކުރުމުގައި ދެމި ތިބުމަކީ މި މައްސަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެވެ. ފަރުޟު ފަސް ނަމާދު އަދާކޮށް، ޤުރުއާން ކިޔެވުމާއި، ޛިކުރުކޮށް، ކެތްތެރިކަން އިސް ކުރުމަކީ މި މާތް މައްސަރުގެ ޘަވާބާއި ހެޔޮ ދަރުމަ ހޯދޭނެ އެންމެ މޮޅު ގޮތެވެ.

އުއްމަތުގެ މާތް ނަބިއްޔާ ވެސް އަހަރެމެންނަށް އަންގަވާފައިވަނީ ރަމަޟާން މަހުގައި ހެޔޮ ޢަމަލުތައް އިތުރުކުރުމަށާއި، ބަރާކަތްތެރި ވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށް މަސައްކަތް ކުރުމަށެވެ. އަލް ޤަދުރު ސޫރަތުގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙިކުރައްވާފައިވެއެވެ. "ލައިލަތުލް ޤަދުރި ވިލޭރޭ އެއްހާސް މައްސަރަށް ވުރެއް ހެޔޮކަން ބޮޑެވެ". ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިންވާ މިރޭ ހޯދުމަށްޓަކައި، ޤިޔާމް ކުރުމާއި، ތަހައްޖުދު ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާ ކުރުމާއި، އިސްތިޣްފާރުކޮށް، ހެއްދެވި ފަރާތަށް ރުޖޫޢަ ވުމުގައި ރަމަޟާން މަހުގެ ރޭތައް ޣަނީމާ ކުރުމަކީ މުހިއްމު ކަމެކެވެ.

އިސްރާފު ކުރުން މަދުކޮށް، ތިމާ ގޭގައި ފުދޭ ވަރަށް ކާބޯތަކެތި ހެދުމާއި، ޞަދަޤާތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެދީ އުޅުމަކީ ކާމިޔާބާއި ފަލާޙުން ފުރިގެންވާ މި މައްސަރުގައިވެސް އަދި ދުނިޔެއަށް ކުރިމަތި ވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކެވެ. އެހެނީ، އަހަރެމެންގެ ރަސޫލާގެ ދީލަތިކަން ރަމަޟާން މަހުގައި އިންތިހާއަށް އިތުރުވެއެވެ. އެގޮތުން ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރޯދަ ވެރިއަކަށް ރޯދަ ވީއްލުމެއް ދީފި މީހަކަށް އެ ރޯދަ ވެރިޔާއަށް ލިބޭ އަޖުޒު އޭނާއަށްވެސް ލިބޭ ހުއްޓެވެ. އެއީ އެ ރޯދަ ވެރިޔާއަށް ލިބޭ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ." އެހެންކަމުން އަޅުގަނޑުމެންގެ މައްޗައް ވަނީ ރަސޫލާގެ މި ސުންނަތް ދިރުވާ، މި މައްސަރުގައި ދީލަތި ކަން އިސް ކުރުމެވެ. މީއީ މަތިވެރިވެގެންވާ ކަމެކެވެ.

މަސްޖިދް ޔޫސުފް ބަރުބަރީ މިސްކިތް - ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ގިނަ ބަޔަކު މިސްކިތައް އަރާ މިސްކިތްތައް ވަނީ ފުރިފައި - ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް-19 އާއި އެކު މުޅި އިސްލާމީ އުއްމަތަށް ކުރިމަތި ވެފައި މިވަނީ ހިތައް ވެސް ނުގެނޭ ފަދަ ދަތި އުނދަގޫ ދުވަސްވަރެކެވެ. މި ދަނޑިވަޅުގައި ރޯދަ މަސް އަހަރެމެންނާ ބައްދަލުކުރުމަކީ މުސްލިމުންނަށް ކުރިމަތިވި ބޮޑު އިމްތިހާނެކެވެ. ނަމަވެސް، މިދަފަ ކޮންމެ އިމްތިހާނެއް ވެސް މާﷲ ކުރިމަތި ކުރުވާނީ އޭގެ ފަހަތުގައި ބޮޑެތި ޙިކުމަތްތަކެއް ލައްވާފައިވާތީކަން ކަށަވަރެވެ. އެހެންކަމުން، ޙިކުމަތުން ފުރިގެންވާ މި މައްސަރުގެ ހެޔޮކަން ލިބިގަތުމަށްޓައިކައި އެކަކު އަނެކަކާއި އޮންނަ ގުޅުން ދިރުވާ އާލާކުރުން މުހިއްމެވެ. ތިމާ ލޯބިވާ ގާތް ތިމާގެ މީހުން ހާލު އަހުވާލު ބެލުމާއި، ރަހިމުގެ ގުޅުން ބާއްވައި ދެމެހެއްޓުމަކީ ގޭގައި ތިބެގެން މިފަދަ ދަނޑިވަޅެއްގައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި، ރަޙިމުގެ ގުޅުން ކަނޑުވާލައިފި މީހަކު ﷲ އާއި ވެސް ގުޅުން ކަނޑުވާލީއެވެ. މާތްﷲ އާއި ގުޅުން ކަނޑުވާލާ ހިފާ ރޯދަ އަކުން އެއްވެސް ފައިދާ އެއް ނުކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި އަހަރުގެ ރޯދަމަސް އަހަރެމެންނާ ބައްދަލު މިކުރީ، އެކަކު އަނެކަކަށް ބައްދަލު ނުވެވޭނެ ދަނޑިވަޅެއްގައި ކަން ޤަބޫލުކޮށް، ނަމަވެސް، އާއިލާގެ މެމްބަރުންނަށާއި، ގާތް ރަޙުމަތްތެރިންނަށް ގުޅައި ހާލުބެލުން މުހިއްމެވެ. އެކަކު އަނެކަކަށް ބައްދަލު ނުވި ނަމަވެސް، އެކަކު އަނެކަކު ފެނުމަކީ މިފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި އުނދަގޫކަމެއް ނޫނެވެ. ވީއިރު، އެކަކު އަނެކަކަށް ގުޅައި ހާލުބަލައި، ވެވެން އޮތް ވަރަކުން ތިމާގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް އެހީތެރި ވުމަކީ މާތްﷲ އަހަރެމެންނަށް ބަރަކާތް ލައްވާނެކަމެވެ.

އެހެންކަމުން، މިއަހަރުގެ ރަމަޟާން މަސް އަހަރެމެންނާއި ބައްދަލު ކުރިގޮތް ޤަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް، މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އަހަރެމެންގެ އެހީތެރިކަން މި ފަދަ ނާޒުކު ދަނޑިވަޅެއްގައި ބޭނުންވާނެ އެތައް ބަޔަކު ތިބޭނެ ކަން ދަންނާށެވެ. އަހަރެމެން ކައިބޮއެ ހަދާކަހަލަ މީރު ކާނާ ކޮންމެ މީހަކަށް ލިބުމަކީ ނުވެދާނެ ކަމެއް ކަން ދަނެ، އެހެން މީހުނަށްވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާށެވެ. ރޯދަ ވީއްލުމަށް ބަންގި ގޮވާ އަޑު އިވުމުން އަވަށް ތިމާގެ ބަނޑު ފުރާ މުއްތި ކުރުމުގެ ކުރިން ތިމާގެ އަޚާގެ ބަނޑު ފުރިއްޖެތޯ ބަލާ ލާށެވެ. ކުރެވިފައި ހުރި ކުއްތަކުން ބަރީއަވުމަށް މާތްﷲ އަށް އަޅުކަން ކުރުމުގައި ވަގުތުތައް ހޭދަކުރާށެވެ. މުސްލިމް އުއްމަތް އަދި މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ މި ތޫފާނުން ސަލާމަތް ވުމަށްޓަކައި މާތްﷲ އަށް ދުޢާ ކުރާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް