ކ. މާލެ
|
19 އޭޕްރިލް 2020 | އާދީއްތަ 19:21
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ރައީސް އޮފީސް
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މައުލޫމާތު ނުދޭ މީހަކު އެބަހުރި، މިރޭ އެކަން ނުކޮށްފިނަމަ ވަނަވަރު ހާމަކުރާނަން: މަބްރޫކް
މައުލޫމާތު ނުދޭ މީހާއަކީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ކްލަސްޓާގައި ހިމެނޭ މީހެއް
ވަކި ކޭސް ނަމްބަރެއް ޑރ. ހާމައެއް ނުކުރައްވާ

ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ނުދޭ މީހަކު އެބަހުރި ކަމަށާއި، މިރެއާ ހަމައަށް އޭނާގެ މައުލޫމާތު ނުދީފި ނަމަ ވަނަވަރު ހާމަކުރާނެކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ން ބުނެފިއެވެ.

އާދީއްތަ ދުވަހު މާލެއިން 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ނުދޭ މީހަކު އެބަހުރި ކަމަށާއި އާދީއްތަ ދުވަހުގެރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް އެމީހާ މައުލޫމާތު ނުދީފިނަމަ އެމީހާގެ ވަނަވަރު ހާމަކުރާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މައުލޫމާތުނުދޭ މީހާއަކީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ކްލަސްޓާގައި ހިމެނޭ މީހެއް ކަމަށާއި، އޭނާއަކީ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އެހެންނަމަވެސް ވަކި ކޭސް ނަމްބަރެއް ހާމައެއް ނުކުރައްވައެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިކަމާއި ގުޅިގެން ބައެއް މީހުންގެ މައްޗަށް މައުލޫމާތު ހާމަނުކުރުމުގެ ނުރަނގަޅު ތުހުމަތުތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިގޮތަށް ކަންތައް ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވުނު "އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެގޮތުން ނަން ހާމަ ކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ޤަވާއިދު" ގައި ވާގޮތުން ކަރަންޓީން ކުރުމަށް ނުވަތަ އެކަހެރި ކުރުމަށް އަންގާ ފަރާތްތަކާއި، ބަލި ފެތުރުން ހުއްޓުވުމަށް އަޅާ އެކި ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭ ފަރާތްތަކުގެ ނަން ހާމަ ކުރެވޭނެއެވެ. އެގޮތުން ނަން ހާމަ ކުރުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަންވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

- ކޮމެންޓް