މަސްވެރިކަމަށްވުރެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރެވޭ: މިނިސްޓަރު ޒަހާ
13 އެޕްރީލު 2020 | ހޯމަ 02:13ދަނޑުވެރިކަމަށް ބޮޑު ހޭދައެއް ކުރެވިފައިވޭ


މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު
މަސްވެރިކަމުގެ ސިނާޢަތައްވުރެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މާބޮޑު މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށް، ރާއްޖޭގެ ދަނޑުވެރިކަން ކުރިނާރާ ކަމަށް ބުނަމުންދާތީއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީ ފަލަސުރުޚީ ޕްރޮގުރާމުގައި މިނިސްޓަރު ޒަހާ ވިދާޅުވީ މަސްވެރިކަމަށް ވެސް ދަނޑުވެރިކަން ވެސް ކުރިއެރެވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މިސިނާޢަތުގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމަށް ކުރިއެރުވުމުގެ މަސައްކަތްތަކަށް ހޭދަކުރި ވަގުތަށްވުރެ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތްތައް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަމަށް ބޮޑު ހޭދައެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދަނޑުވެރިން ތަމްރީނު ކުރުމަށާއި، ދަނޑުވެރި ޕްރޮގުރާމުތައް ހިންގުމަށް ހޭދަކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދަނޑުވެރިކަމުގެ ޙާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ޒަހާ ވިދާޅުވީ މިޙާލަތުން އަރައިގަންނާނީ މާކެޓް ކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއަރައިގެން ދިޔައީ މިފްކޯ އައިސްގެން ކަމަށެވެ.
ފުޑް ސެކިއުރިޓިއަށް އިސްކަންދޭކަން ފާހަގަކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި މިޙާލަތުގައި ދަނޑުހެއްދުން އިތުރަށް މުހިންމުވާ ކަމަށެވެ. އަދި ކޮންމެ ޤައުމެއްގައި ވެސް އެޤައުމެއްގެ ފުދުންތެރިކަން އިތުރުކޮށް، އިތުރު މަސައްކަތްތައް ކުރާ ކަމަށާއި، އެގޮތަށް ރާއްޖޭގައި މަސައްކަތްތައް ކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް ހަމައަގު ނުލިބޭ މައްސަލައަށް ރައްދުދެއްވާ މިނިސްޓަރު ޒަހާ ވިދާޅުވީ ހަމައަގަކީ މަސްވެރިޔާއަށް، މަސްވެރި ދޯންޏަށް އަދި ކުންފުންޏަށް ވެސް ގެއްލުންނުވާ އަގެއް ކަމަށެވެ. މިވަގުތު މިފްކޯއިން މަސް ގަންނަމުންދަނީ ދުނިޔޭގެ ބާޒާރުގައިގެ އަގު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއީ ކުރާ ވިޔަފާރިއެއް ކަމަށާއި، ބާޒާރުގައި ހުންނަ އެންމެ މަތީ އަގު ދީގެން އެކަމަށް ދެކޮޅެއް ނުޖެހޭނެ ކަމަށެވެ. އަދި ކުންފުނި ހިންގުމަށް ވެސް ބޮޑު ހޭދައެއްދާކަން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ މިފްކޯ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އަދި ކާރުޚާނާތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެކަންތައްތައް އައިސް ހަމައަކަށް އެޅުމުން މިފްކޯއިން ހުރިހާ ތާކުން އަދި ހުރިހާ ދިމާލަކުން މަސް ގަނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހިސާބުން ވިޔަފާރީގެ އުޞޫލުން ރަނގަޅަށް ހިނގަން ފެށޭނެ ކަމަށެވެ.





