ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 10:08
ގޭގައި ދަރިންނާއެކު ވަގުތު ހޭދަކުރުމުން ހިތައް އުފާވެރިކަން ގެނެސްދޭ
ގޭގައި ދަރިންނާއެކު ވަގުތު ހޭދަކުރުމުން ހިތައް އުފާވެރިކަން ގެނެސްދޭ
ގެޓީ އިމޭޖަސް
ކޮވިޑް-19
ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!
އަޅުގަނޑުމެންގެ ޒިންމާ އަކަށް މިވަޤުތުވާންވީ ގޭގައި މަޑުކޮށްލު
ގޭގައި މަޑުކޮށްގެލައިން މިތިބޭދުވަސް ތަކުގައި ނަފްސު ބެލެހެއްޓުމުގެ ތާވަލާ އެއްގޮތަށް އުޅުން ބެހެއްޓުން މުހިއްމު
އުފެދޭކޮންމެ ހާސްކަމެއް މަޑުމައިތިރިކަމާއި ހިސާބަށް ގެންގޮސް ދިނުމުގައި ޤާއިމްވެ ތިބުން މުހިއްމު

އަޅުގަނޑުމެން އެންމެންނަށް މިއަދު ކުރިމަތިލާން ޖެހިފައިމިވަނީ މުޅިންއާ ޙާލަތަކާއެވެ. ކޮވިޑް-19 ވަނީ އަޅުގަނޑުމެން އެންމެންގެ ދިރިއުޅުން ވަގުތީގޮތުން މަޑުޖައްސާލާފައެވެ. މިވަގުތަކީ އަޅުގަނޑުމެން އެންމެންގެ އުޅުންވެސް އާގޮތްތަކަކަށް ބައްޓަންކުރަން މަޖުބޫރުވެފައިވާ ވަޤުތެކެވެ.

ގޭގައި މަޑުކޮށްލައިގެން ތިބެން އަޅުގަނޑުމެންނަށް މިވަނީ ޖެހިފައެވެ. އެއީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ( އެޗް.ޕީ.އޭ) އަދި ޒިންމާދާރު ފަރާތްތަކުންވެސް ލަފާދެއްވަމުންދާގޮތެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެކެވެ.

އަޅުގަނޑުމެންގެ ޒިންމާ އަކަށް މިވަގުތު ވާންވީ ގޭގައި މަޑުކޮށްލުމެވެ. މިހާތަނަށް އުޅެމުން އައިގޮތައް ވަރަށްބޮޑު ބަދަލެއް ގެންނަން މަޖުބޫރުވީއެވެ. އެންމެން ގޭގައި އެއްފުރާޅެއްގެ ދަށުގައި މިގޮތައް އެކުއެކީ މަޑުކޮށްލަން އާންމު ގޮތެއްގައި ލިބޭނީ މަދު ފުރުސަތެކެވެ. ނުވަތަ ޚާއްސަ ދުވަސްތަކެއްގައި ޚާއްސަވަގުތުކޮޅެކެވެ. ނަމަވެސް، ކޮވިޑް- 19 ގެ ސަބަބުން ގޭގައި މަދުކޮށްލުމަކީ މިވަޤުތު މިބަލިން ރައްކާތެރިވެ ތިބުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވު ކަމުގައި ފަންނީ ބޭފުން އެދަނީ ތަކުރާރުކޮށް އަޅުގަނޑުމެންގެ ފަރާތުން އެދެމުންނެވެ. މިއީ ގޭބީސީގެ އެންމެން އެކުއެކީ އުޅެން މަޖުބޫރުވެފައިވާ ދުވަސްކޮޅެކެވެ. ގޭގެ ކުޑަތަންކޮޅުގައި އެންމެންތިބެ، އޮފީސް މަސައްކަތް ކުރަންވަނީ ޖެހިފައެވެ. ތަޢުލީމު އުނގެނެންވެސް މިވަގުތެ މިޖެހުނީ ގޭގައި މަޑުކޮށްލައިންގެން ތިބެއެވެ. މިއުނދަގޫ ވަގުތު، ތަފާތު މިޒާޖުގެ، އުމުރުގެ، ގުޅުންތަކާ މީހުން ތިބޭ ކުޑަކުޑަތަންކޮޅެއްގައި މަޑުކޮށްލާއިރު ތަފާތު ގޮންޖެހުންތަކާ ކުރިމަތިވާނެކަން ޔަޤީނެވެ.

ވުމާއެކު، މިވަގުތު އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑު ޒިންމާއެއް ނަގަން އެބަ ޖެހެއެވެ. ތިމާގެ ނަފްސު ރަނގަޅަށް ބެލެހެއްޓުމުގެ ޒިންމާއެވެ. ތިމާގެ ޢާއިލާއާއި، ގޭބީސީގައި އުޅޭ އެންމެންގެ ދެމެދުގައި އޮތް ދޭދޭގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމުގެ ޒިންމާއެވެ. ތިމާގެ ޚިޔާލުތަކާއި، އިޙުސާސްތަކާއި، އުޅުން، އޯގާތެރިކަމާއި، އުންމީދާއި، ހިއްހެޔޮކަމާއި، އަޅާލުން އެކަކު އަނެކަކުގެމައްޗައް ފާޅުކުރައްވަމުންނެވެ.

ހިތުގައި އުފެދޭ އިޙުސާސްތަކާއި، ކަންބޮޑުވުންތަކާއި، އުދަގޫތައް، އެކުވެރި މާޙައުލެއްގައި ފާޅުކޮށް، ދިމާވާ މައްސަލަތައް ފަޅަފަޅައިގެންގޮސް ކައިވެނިތައް ވަރިއަށް ބަދަލުވެ، ހިނިތުންވުންތައް ކަރުނައަށް ބަދަލުވެ، އޯގާތެރި ފިރުމުންތައް އަނިޔާއަށް ބަދަލުވިޔަ ނުދެއްވާށެވެ. މަޑުމައިތިރިކޮށް ދެއްކޭނެ ވާހަކަތައް ހަޅޭކަށް ބަދަލުވިޔަނުދެއްވާށެވެ. ޖެހޭކޮންމެ މައްސަލައެއް ހައްލަކާހަމައައް ގެންގޮސްދެއްވާށެވެ. އުފެދޭކޮންމެ ހާސްކަމެއް މަޑުމައިތިރިކަމާއި ހިސާބަށް ގެންގޮސް ދެއްވުމުގައި ޤާއިމުވެ ތިއްބަވާށެވެ.

އަދި ގޭގައި މަޑުކޮށްގެލައިން މިތިބޭދުވަސް ތަކުގައި ނަފްސު ބެލެހެއްޓުމުގެ ތާވަލެއް ކޮންމެ ބޭފުޅަކުވެސް ތައްޔާރު ކުރައްވާ ތާވަލާ އެއްގޮތައް އުޅުން ބައްޓަން ކުރެއްވުމަކީ ތިމާގެ ފަރުދީ ޒިންމާއެއްގޮތުގައި ދެކިލައްވަމާތޯއެވެ.

އާއިލާ އާއި އެކު ވަގުތު ހޭދަކޮށްލުަމަކީ އުފަލެއް

1. ރޭގަނޑު ނިދާގަޑި އާއި، ހެދުނުހޭލާ ގަޑިތައް ކަނޑައްޅުއްވާށެވެ. އަދި އެގޮތައް އުޅުއްވާށެވެ.

2. ނަފްސަށް އޯގާތެރި، ހެޔޮބަސްތަކާއި، މިޙާލަތާއި ކުރިމަތިލުމަށް ހިއްވަރުދޭ ޚިޔާލުތައް ގެނަސް ނަފްސައް ހެޔޮގޮތްވުމަށް އެދި ދުޢާކުރުމުގައި ކޮންމެދުވަހަކުވެސް މަދުނަމަވެސް ވަގުތުކޮޅެއް ހޭދަކޮށްލައްވާށެވެ.

3. ފަރުޟު ނަމާދާއި ސުންނަތް ނަމާދުކޮށް، ޒިކުރުކުރުކޮށް، ދުޢާކޮށް، ޤުރުއާން ކިޔަވާނެ ވަގުތުތައް ފާހަގަ ކުރައްވާށެވެ. އަދި ދީނީ ޢިލްމުވެރިންގެ ލަފާހޯއްދަވާ މިފަދަ ވަޤުތު ތަކުގައި ޢަމަލު ކުރަންޖެހޭނެ އެންމެ އެކަށޭނަ ގޮތްތަކަކީ ކޮބައިތޯ ބައްލަވާ، މިވަގުތުތަކުގައި ކުރުން އެންމެ ރަގަޅު ދުޢާތަކަކީ ކޮބައިތޯވެސް ހޯއްދަވައި އެބޭފުޅުންގެ އިރުޝާދުގެ މަތިން ކަންތައް ތާވަލުކުރައްވާ އެގޮތައް ތިމާގެ ޢަމަލުތައް ކުރިއަށް ގެންދަވާށެވެ.

4. އަމިއްލަ މަސައްކަތްތައް އަމިއްލައަށް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ކުރައްވާށެވެ. ނިދާ އެނދުތަންމަތި އެޅުމާއި، ކޮޓަރި ސާފުކުރުން، އެއެޗެހިދޮވެ އިސްތިރިކުރުން ފަދަ އާދަތައް އަށަގަންނަވަން މަސައްކަތް ކުރައްވާށެވެ.

5. ކަސްރަތު ކުރައްވާށެވެ. އާންމުކޮށް ކުރައްވާ ކަސްރަތު ނުވަތަ މިފަދަ ހާލަތެއްގައި ގޭގައި ހުރެގެން ކުރަން އެންމެ ރަނގަޅީ ކޮންކަހަލަ ކަސްރަތުތަކެއްތޯ ކަމާބެހޭ ފަންނީ ބޭފުޅުންގެ ގާތުން ލަފާ ހޯއްދަވައިންގެން ކުރިއަށް ގެންދަވާށެވެ. މުހިންމީ ކަސްރަތު ކުރަމުންދާއިރު ނަފްސާނީ ދުޅަހެޔޮކަމުގައި ހުރުމަށްޓަކައި މާޒީގެ ހިތާމަތަކާއި މުސްތަޤުބަލުގެ ފިކުރުތަކާއި، މިއަދުގެ މިހާލަތު ސިކުނޑިއަށް ގެންނަ ހާސްކަންތައް ސިކުނޑީގައި ދިރިގެން އަޔަނުދެއްވުމެވެ. އޭގެ ބަދަލުގައި ކަސްރަތު ކުރަމުންދާއިރު ޤުދުރަތީ ރީތި މަންޒަރުތައް ސިފަކުރައްވަމުން އުފާވެރި ޚިޔާލުތައް ސިކުނޑީގައި ތަކުރާރު ކުރައްވާށެވެ.

6. ގޭތެރޭގައި އާންމުކޮށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެ ލައްވާށެވެ. ބަދިގޭގެ މަސައްކަތް، ނުވަތަ ގޭތެރޭގައި ހަލާކުވެފައި އެއްޗެއް ހުރިނަމަ އެއެއްޗެއް މަރާމާތުކޮށްދެއްވާށެވެ. ގޭބީސީގެ އެހެން ފަރުދުން ބޭނުންވާކަމެއް އޮތްނަމަ ތިމާއަށް ދެވެން އޮތް އެހީތެރިކަމެއް ދެއްވާށެވެ. ކޮންމެދުވަހަކުވެސް ގޭތެރޭގެ ކޮންމެވެސް އެއް މަސައްކަތެއް ކުރައްވާށެވެ. މިހެން ކަންތައްކޮށްދެއްވައިގެން އުފާ ހާސިލު ކުރައްވާށެވެ. އަނެކުން އުފާކޮށްދެއްވާށެވެ.

7. ވަޤުތު ނުލިބިގެން ހުއްޓާލެވިފައިވާ މަސައްކަތެއްވާނަމަ އެކަމެއް އަލުން އިޔާދަކުރައްވަން މިވަޤުތުކޮޅުގެ ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް، އަތްތެރި މަސައްކަތް، ފެހުން، ވިޔުން، ކުރަހާ ކުލަޖެއްސުން، ކެއްކުން، ގަސްހެއްދުން، މަސްޓޭންކެއް ގެންގުޅުން، ވާހަކަލިޔުން، ޅެންހެދުން މިފަދަމަސައްކަތް މިދުވަސްކޮޅު އަލުންކުރަން ފެށިއްގެނަމަ ނުވަތަ ދަސްކޮށްލެވިއްޖެނަ އެލިބޭ ހިތްހަމަޖެހުން ތިމާ ލިބިގަންނާށެވެ.

8. އޮންލައިންކޮށް ހިންގާ ތިމާ ޝައުގުވެރިވާ ހިލޭ ކޯސްތައް ހޯއްދަވައިގެން އެއިން ކޯހެއް ހައްދަވާށެވެ. ނުވަތަ، ކޮމްޕިއުޓަރ ބޭނުންކޮށްގެން ނުވަތަ ޓެކޮނޮލޮޖީގެ އެހީގައި ކުރާކަމެއް ދަސްކުރެވިދާނެއެވެ. އަލަށް ކަމެއްދަސްވުމުން ތިމާގެ ނަފްސައް ހިތްހަމަޖެހުން ލިބޭނެކަން ޔަޤީނެވެ.

9. އާއިލާއާއި އެކީގައި ތިބެގެން ކުރާނެކަންތައްތަކެއް ކަނޑައަޅުއްވާށެވެ. އެކި ދުވަހު ކުރާނެ އެކި ކަންތައްތަކެވެ. މިސާލަކަށް، ޚަބަރު ބެލުން، ނުވަތަ ޓީވީ ޕުރޮގްރާމެއް ބެއްލެވިދާނެއެވެ. އެހެންނަމަވެސް ތަކުރާރުކޮށް ހުއްޓުމެއްނެތި ކޮރޯނާވައިރަސް އާއި ބެހޭ ޕްރޮގުރާމުތައް ބެއްލެވޭނަމަ އަދި އޭގެ ސަބަބުން ނިދުމަށް ބަދަލުއައިސް ކާހިތްނުވެ، ހިއްބިރުގަނެ، ދެރަވެ، މޮޅިވެ، ރޮވި އަދި ކޮރޯނާވައިރަސް އާއި ބެހޭގޮތުން މާބޮޑަށް ފިކުރު ކުރެވޭނަމަ މީޑިއާ ބްރޭކެއް ނަންގަވާށެވެ. އާއިލާގެ ބޭފުޅުންނާއެކު، މޭޒުމަތީގެ ކުޅިވަރުތައްކުޅެން ވަގުތުކޮޅެއް ހާއްސަކޮށްލައްވާށެވެ. އަދި ބައެއް މޭޒުމަތީ ކުޅިވަރުތައް ކުޅެން ދަސްވެސް ކޮށްދެވިދާނެއެވެ. މިގޮތުން، މޮނޮޕޮލީ، ރާޒުވާ، ކެރޮމް، ތާސް، ސްނޭކް އެންޑް ލެޑަރ، އޮށްވަޅު، އޫނޯ، ސްކްރެބްލް، ފަދަ ކުޅިވަރުތައް ކުޅެވިދާނެއެވެ. މުހިންމީ އުފާވެރި ވަގުތުކޮޅެއް އެކުއެކީ ހޭދަކުރެއްވުމާއި އާއިލާގެ މެންބަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނުމެވެ. ބަދަހިގުޅުންތަކެއްގެ ތެރެއިން އުފާވެރިކަން އިހުސާސްކުރެވުމެވެ. ހުރިހާ ކުޅިވަރެއް ކުޅެން ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތައް އަތްދޮންނަވަންވާނެއެވެ. އަދި ތިބޭ ދުރުމިން ޢިޖުތިމާއި ގައިދުރުކަން ދެމެހެއްޓުމަށް ސަމާލުވެލައްވާށެވެ.

10. ސޯޝަލްމީޑިއާގައިވެސް ވަގުތުކޮޅެއް ހޭދަކޮށްލެއްވިދާނެއެވެ. އެކުވެރިންގެ ޙާލު ބައްލަވާ، މެސެޖުކޮށް ހިތްވަރުދީ، ވަގުތުނުދެވިގެން މެސެޖު ނުކުރެވި ތިބި ރަހުމަތްތެރިންނާ މުއާމަލާތްކުރައްވާށެވެ. އޯގާތެރި ހިއްހެޔޮ މެސެޖުތައް ފޮނުއްވާށެވެ. ހިތްހަމަޖެހުން ލިބޭ ކަންތައްތއް ކުރައްވަމުން ގެންދަވާނީ، އެއީ މިވަގުތު ކުރުން އެކަށީގެންވާ، އެކަމެއް ކޮށްގެން ތިމާއަށް އަދި އެހެންމީހަކަށް ގެއްލުމެއް ނުލިބޭފަދަ ކަމެއްތޯ ބެއްލެވުމަށްފަހުގައެވެ.

11. މީގެއިތުރުން، ކޮންމެދުވަހަކުވެސް ތިމާގެ ނަފްސު ބެލެހެއްޓުމީ ތިމާގެ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ބައްލަވައިގެން، އެދުވަހު ރާވާލި ތާވަލާއި އެއްގޮތައް ކަންތައްކުރެއްވުނީތީ ނިދުމުގެ ކުރިން އަމިއްލަ ނަފުސައް ޝުކުރުކޮށް ކުރިއައްއޮތްތާނގައިވެސް ތާވަލާ އެއްގޮތައް އުޅުމަށް ހިތްވަރުދެއްވާށެވެ.

12. އެޗް.ޕީ.އޭ އާއި އެހެނިހެން ޒިންމާދާރު ފަރާތްތަކުން މިވަޤުތު ތިމާގެ އުޅުން ބަހައްޓަން އިރުޝާދުދެއްވަމުން ގެންދަވާ މިންގަޑުތަކަކީ ކޮބައިތޯ ބައްލަވާ ހޭލުންތެރިވެ ހުންނަވާ، އެގޮތައް ޢަމަލްުރާނެ މީހަކަށް ތިމާވާނެކަމަށް ޢަޒުމް ކަނޑައަޅުއްވައި އެގޮތައް އުޅުއްވަމުން ގެންދަވާށެވެ.

ގޭތެރޭގައި މަޑުކޮށްލައިގެން ހުންނަން އުނދަގޫވެ ގެއިން ބޭރަށް ނުކުމެވޭނަމަ މިހެން ތިމަންނާއަށް މިހެދެނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކުރައްވާށެވެ. ނަފުސައް ތެދުވެރިވެ ހުންނަވައިގެން އެކަންތައް ރަނގަޅު ކުރުމަށް ޢަޒުމް ކަނޑައަޅުއްވާ ތިމާގެ އުޅުން އަމިއްލަ ނަފްސުގެ ކޮންޓްރޯލުގެ ދަށަށް ގެންނަވާށެވެ. މިއީ ތިމާއާއި ތިމާގެ ލޯބިވާ އާއިލާއި މުޅި މުޖުތަމަޢުގެ ރައްކާތެރި ކަމަށްޓަކައި މިވަގުތު ކުރަން މަޖުބޫރު ވެފައިވާ ކަމެކެވެ. ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނި ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެ އުޅުން ތާވަލު ކުރައްވާ ކޮރޯނާވައިރަސް އިން މި މުޖުތަމައު ރައްކާތެރިކުރުމަށް މުޖުތަމައުއިން މިކުރަމުން ގެންދާ މަސައްކަތުގައި ބައިވެރިވެ އަޅުގަނޑުމެންގެ ފަރުދީ ޒިންމާ ފުރިހަމައަށް ނަގާބަޔަކަށް އަޅުގަނޑުމެން އެންމެން ވަމާތޯއެވެ.

- ކޮމެންޓް