ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 22:52
އިންޑިއާ-ޕާކިސްތާން
އިންޑިއާ-ޕާކިސްތާން
ގޫގުލް
ޕާކިސްތާން
ރައްޔިތުންގެ ހެވާއި ލާބަޔަށްތޯ ނޫނީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމަކަށްތޯ ޕާކިސްތާން ވާންވީ؟
 
ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނެކަން ޔަގީން

ބޮޑު ވަޒީރު ނަވާޒް ޝަރީފް ވެރިކަމުގައި ހުންނެވިއިރު 2013ގައި ޕާކިސްތާނުން ބުނެފައިވަނީ އެގައުމުން އުފައްދާނީ ކުދި ނިއުކްލިއަރ ބޮންތަކެއް ކަމުގައެވެ. މިއީ އިންޑިއާގެ އަމާޒުފަތްގަނޑުތަކަށް ހަމަލަ ދިނުމަށް އުފައްދާ އުފެއްދުންތަކެއްކަމަށްވެސް އިޢްލާން ކުރިއެވެ. 1984ން ފެށިގެން ޕާކިސްތާނުގެ ސައިންޓިސްޓް އަބްދުލް ގަދީރް ޚާން ބުނެފައިވަނީ ޕާކިސްތާންގެ ނިއުކްލިއަރ ބޮން އޮތީ ތައްޔާރާށެވެ. އަދި މި ބޮމަކީ އިންޑިއާއާ ދެކޮޅަށް އުފައްދާފައިވާ ބޮމެއްކަމުގައިވެސް އޭނާ ބުންޏެވެ. ޚާން ސިފަކުރިގޮތުގައި ޕާކިސްތާންގެ އެއްނަންބަރު ދުޝްމަނަކީ އިންޑިއާއެވެ.

އިންޑިއާއިން ގާނޫނުއަސާސީގެ މާއްދާ 370 އުވާލިފަހުން ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ނިއުކްލިއަރ ހަނގުރާމައެއްގެ ވާހަކަ ދައްކަވާފައެވެ. އެކަމަކު މަރުވާން ބޭނުން ހާލަތެއްގައި ނޫނީ ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނެކަން ޔަގީނެވެ. މިލިޓަރީ ޑިކްޓޭޓަރ ޖެނެރަލް ޒިއާއުލް ހައްޤުގެ ވެރިކަމުގައި އިންޑިއާއާއެކު ނިއުކްލިއަރ ހަނގުރާމައެއް ކުރުމުގެ ވާހަކައަކީ ހޫނުކޮށް ދެކެވޭ ވާހަކައަކަށް ވިއެވެ. ޕާކިސްތާންގެ ކުރީގެ ޚާރިޖީ ވަޒީރު އާޣާ ޝާހީ ވިދާޅުވިގޮތުގައި ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފިނަމަ އިންޑިއާއިން އާދައިގެ ހަތިޔާރު ބޭނުންކޮށްގެން ޕާކިސްތާން ދުނިޔޭގެ ޗާޓުން ފޮހެލާނެއެވެ.

ބަލާކޯޓުގެ ހަމަލާއަށް ފަހު އިންޑިއާގެ ސިޔާސަތަކަށް ވެފައިވަނީ ޕާކިސްތާންގެ ފުނުގައި ހުންނަ ޓެރަރިސްޓް ކޭމްޕްތަކަށް ހަމަލަ ދިނުމެވެ. 1980ގައި ޕާކިސްތާނުން އަފްޣާނިސްތާންގެ ޖިހާދަށް ވާގިވެރިވަމުން ދިޔަ ދުވަސްވަރުން ފެށިގެން ޓެރަރިޒަމްއަކީ ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ބޭނުންކުރާ ޚާރިޖީ ސިޔާސަތެކެވެ. ޕާކިސްތާނުން ވަނީ މި ސިޔާސަތުގެ އުކުޅުތައް ރަނގަޅަށް ދަސްކޮށްފައެވެ. ޕާކިސްތާނުން މިފަދަ ގޮތަކަށް ހަމަ އިންޑިއާއާ ތޮޅެލަތޮޅެލާ އޮވެދާނެ ހެއްޔެވެ؟ ޕާކިސްތާން ޖެނެރަލުން އަބަދުވެސް އެމީހުންގެ އަސްކަރީ މޮޅުކަމުގެ ވާހަކަ ދައްކައެވެ. އެކަމަކު ޕާކިސްތާނުން ބޭނުން ކުރަނީ ޗައިނާއިން އުފައްދާފައިވާ ހަތިޔާރެވެ. މިސާލަކަށް ޖޭއެފް 16ގެ ބޯޓްތަކެވެ. މި ބޯޓްތައް ޗައިނާއިން އުޅެނީ ޕާކިސްތާންގައި އުފައްދާށެވެ. 1960ގެ އުފެއްދުމެއްކަމުގައިވާ އިންޑިއާއިން ބޭނުންކުރާ މިގް މަތިންދާ ބޯޓްތަކާ ބާރުގައި ޗައިނާ ބޯޓްތައް އެއްވަރު ވެދާނެ ހެއްޔެވެ؟ ބާލާކޯޓުގެ ހަމަލާއިން މިކަން ވަނީ ފެނިގެން ގޮސްފައެވެ.

އިންޑިއާ ސިފައިންގެ އިސް ވެރިޔާ، މާރޝަލް ޑަންޑާ ވިފދާޅުވެފައިވަނީ، ޕާކިސްތާނުން އަލަށް ބާލާޚޯޓުގެ ޓެރަރިސްޓް ކޭޕްމްތަކުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. ނަމަވެސް އިންޑިއާއިން އެސް 400 ގެ މިސައިލް ނިޒާމާއި ހަނގުރާމަތީ ރާފާއެލް ބޯޓްތައް ބޭނުންކުރަން ފެށުމުން ޕާކިސްތާންގެ ސުލޫކެއް ބަދަލެއް އައިސްފާނެއެވެ. ސުއާލަކީ ރައްޓެހިންނަށް އޮޅުވާލައިގެން ސިޔާސަތު ހިންގާ ޕާކިސްތާނަށް ސުލޫކު ބަދަލުކޮށްލަން ބޭނުންވާނީ ކޮން ފިލާވަޅެއް ހެއްޔެވެ. މައްސަލައަކީ ޕާކިސްތާންގެ އަމިއްލަ މަސްލަހަތަށް ވިސްނައިގެންވެސް ޕާކިސްތާނުން ކަންކަން ރޭވުމުގައި އިހުމާލް ވާކެމެވެ. ޕާކިސްތާންގެ މަދަރްސާ ނިޒާމުގެ ތަޢްލީމުން އުފައްދާ މީހުންނަކީ އެހެން މީހުންނަށް ގެއްލުން ދިނުމުގެ ވިސްނުން ގެންގުޅޭ މީހުންނެވެ. މިމީހުންނަށް އިންޑިއާއާ ގުޅުން ބަދަހި ކުރުމަކީ އިސްލާމް ދީނާ ދެކޮޅުވެރި އަދި ޕާކިސްތާންގެ މަސްލަހަތާ ފުށުއަރާ ކަމެކެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ޒުލްފިކާރު އަލީ ބުއްޓޫ ވިދާޅުވެފައިވަނީ ޕާކިސްތާނުން އިންޑިއާއެކު ސުލްޙަވެރިވުމުން ޕާކިސްތާންގެ ރައްޔިތުންގެ ހެވާއި ލާބައަށް އެއިން ފައިދާ ކުރާނެ ކަމުގައެވެ. އަދި ޕާކިސްތާންގެ ބާނީ މުޙައްމަދު އަލީ ޖިނާހުވެސް ބޭނުންވީ އެގޮތް ކަމުގައެވެ. ނަމަވެސް މުސްލިމު ލީގާއި ޖަމާއަތޭ އިސްލާމީން ވަނީ މިފަދަ ސުލްޙައަކީ ޕާކިސްތާންގެ މަސްލަހަތު ފުށުއަރާ ކަމެއްކަމުގައި ބުނެފައެވެ. އަދި މިއީ ދެ ގައުމު އުފެއްދި މަގްސަދާ ދިމާ އިދިކޮޅު ކަމެއް ކަމުގައިވެސް ބުނެފައެވެ. ޖަމާއަތޭ އިސްލާމީ އަކީ ތަފާތު ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ޖަމާއަތެކެވެ. ހާފިޒު ސައީދު އިސްވެ ހުންނަ ޖަމާއަތުއް ދައުވާއާއި މަސްއޫދު އަޒުހަރުގެ ޖައިޝޭ މުހައްމަދުއަކީ ޖަމާއަތޭ އިސްލާމީގެ ސަޕޯޓް ލިބޭ ޖަމާއަތްތެކެވެ. އަދި މިފަރާތްތަކުން ދެކޭ ގޮތުގައި އިންޑިއާއަށް ހަމަލަ ދިނުމަކީ ދީނީ ގޮތުން އެމީހުންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި މިގޮތަށް މީހުން ބޮލަށް މިކަން ވައްދައިދީ މިމީހުންވަނީ އިސްލާމީ ޚިޔާލުގެ އެތައް ބައެއްގެ ސިކުނޑި މިވާހަކައިން ދޮވެލާފައެވެ.

މީގެ މާނައަކީ، އިންޑިއާއިން އޮތީ ޕާކިސްތާންގެ ޓެރަރިޒަމަށް ވާގިވެރިވާ ސިޔާސަތު ގޮއްވާލަން ތައްޔާރަށް ކަމަށެވެ. ދަންޑާ ވިދާޅުވިގޮތުގައި ދެން އިންޑިއާއިން ދޭނީ ކުރިއަށް ވުރެން ވަރުގަދަ ހަމަލާއެކެވެ. މި ހަމަލާގައި ދެން ކަންކުރާނީ އެއްވެސް މީހެއްގެ ސިކުނޑީގައި އޮޅުމެއް ނުހުންނާނެފަދަ މިންވަރަކަށް އިމާރާތްތައްވެސް ސުންނާފަތިކޮށްލާފަދަ ގޮތަކަށެވެ.

ޕާކިސްތާނުން ޓެރަރިސްޓުން މައިތިރި ކުރަން ދުނިޔެއިން ބޭނުންވެއެވެ. ހިލަރީ ކްލިންޓަން ސިފަކުރެއްވި ގޮތުގައި މިއީ ގެންގުޅޭ މީހާއަށް ވިހަލާ ވައްތަރުގެ ވިހަ ހަރުފަތަކެކެވެ. ޕާކިސްތާންގައި މި ޓެރަރިސްޓުން ކޮންޓްރޯލު ކުރެވޭނީ ހަމައެކަނި ސިފައިންނަށެވެ. އެކަމަކު ސިފައިން ތިބެނީ ސިވިލިއަން ސަރުކާރަށްވުރެން މަތީގައެވެ. އެހެންވެ ޕާކިސްތާން ސިފައިން ފިލާވަޅެއް އުނގެނިދާނެކަމީ ޝައްކު ކުރެވޭފަދަ ކަމެކެވެ. އެމެރިކާގެ ފިއްތުން ތަކާހެދި ޖެނެރަލް މުޝައްރަފްވެސް ބައެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް 2002ގައި ބަންދުކުރިއެވެ. ނަން ބަދަލުކޮށްގެން އެ ޖަމާއަތްތައް އަލުން ހަމަ ހަރަކާތްތެރިވަމުން ދިޔައެވެ. ލަޝްކަރޭ ތައްޔިބާއަކީ މިގޮތަށް ބަންދުކުރި އެއް ޖަމާއަތެވެ. ހަ އަހަރު ފަހުން 2008ގައި މުމްބާއީއަށް ޓެރަރިސްޓް ހަމަލާ ދިނީ ހަމަ މިޖަމާއަތެވެ.

2014ގައި ނަވާޒް ޝަރީފްވެސް ވަރަށް މުހިންމު މަސައްކަތެއް ފެއްޓެވިއެވެ. އޭނާގެ ނޭޝަނަލް އެކްޝަން ޕްލޭންގައި އޮތީ އިސްލާމީ ހަރުކަށިކަމާއި ހައްދުފަހަނަޅައި ދިއުމާއި ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމެވެ. މިކަން އަމާޒުކޮށްފައި އޮތީ ސްކޫލާއި މަދަރްސާގެ ޓެކްސްޓް ފޮތްތަކަށެވެ. އަދި މިސްކިތްތަކުގައި ނަގައިދޭ ކިލާސްތަކަށެވެ. މި ޕްލޭނަށް އަމަލު ކުރުމުގެ ހިތްވަރެއް ޕާކިސްތާންގެ ކިބައިގައި ނެތެވެ. އެހެންވެ، ޕާކިސްތާން އިތުރަށް ވެގެން ދިޔައީ ޓެރަރިޒަމްގެ މަރުކަޒަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް