ކޮވިޑް-19: ޝަރުޢީ ދާއިރާގެ ފަރާތްތަކުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑީޖޭއޭ އިން އަންގައިފި
3 ލެވެލްގައި އަޅާނެ ފިޔަވަޅުތައް ޑީޖޭއޭއިން ވަނީ އެކުލަވާލާފައި

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ: ޑރ ނަޒީރު
ކޮވިޑް-19 ފެތުރެމުން ދިޔުމާއި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރޯގާ ފެތުރުން ކުޑަކުރުމަށާއި ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތުގެ މާހައުލުގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާތީ ޝަރުޢީ ދާއިރާއިން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅައިފި އެވެ.
ޑީޖޭއޭއިން އެކަންތައްތައް ކަނޑައެޅުމަށްފަހު ނެރެފައިވާ ސަރކިއުލަރ ގައި 3 ލެވެލްގައި އަޅާނެ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ޔެލޯރ އެލަރޓް (ލެވެލް 2) ގައި އަޅާނެ މައިގަނޑު 7 ފިޔަވަޅެއް އަދި އޮރެންޖް އެލަރޓް (ލެވެލް 3) ގައި އަޅާނެ ފިޔަވަޅަކާއި ރަތް އެލަރޓް (ލެވެލް 4) ގައި އަޅާނެ 2 ފިޔަވަޅެއް ބަޔާންކޮށްފައިވެއެވެ.
ޑީޖޭއޭއިން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރެގެން މުވައްޒަފަކު ޢާއްމުންގެ ތެރެއަށް ނުނިކުތުމަށް ކަމާގުޅޭ އިދާރާއަކުން އަންގައިފިނަމަ، އެ ކަމާބެހޭ ލިޔުން ޑިޕާޓްމަންޓަށް ފޮނުވައި، އެ އެމުވައްޒަފަކު ޢާއްމުންގެ ތެރެއަށް ނުކުމެ އުޅުން ރައްކާތެރިކަމަށް އެ އިދާރާއަކުން މުވައްޒަފަށް އަންގަންދެން، މުސާރައާ އިނާޔަތްތައް ލިބޭގޮތަށް ޚާއްޞަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ޑިޕާޓްމަންޓަށް ފޮނުވުމަށެވެ. އަދި މުވައްޒަފެއްގެ ބަލި ޙާލަތު ހުރި ގޮތަށާއި އަދި އެ މުވައްޒަފު ކުރަންޖެހޭ މަސައްކަތުގެ ބާވަތަށް ބަލައި، މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކުރަން ޖެހޭކަމަށް ކޯޓު ނުވަތަ އިދާރާގެ އިސްވެރިޔާއަށް ފެނިއްޖެނަމަ އެ މުވައްޒަފަކު ގޭގައި ހުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް ޚާއްޞަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ޑިޕާޓްމަންޓަށް ފޮނުވުމަށްވެސް ސަރކިޔުއުލަރގައި ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން ގިނަ މީހުން އެއްތަނަކަށް އެއްވެގެން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި ޙަފުލާތަކާއި ތަމްރީނު ޕްރޮގުރާމުތައް ނުބޭއްވުމާއި އެފަދަ ބައްދަލުވުމެއް ކޮންމެހެން ބާއްވަން ޖެހިއްޖެނަމަ، ކޯޓުތަކާއި އިދާރާތަކުގައި ޤާއިމު ކުރެވިފައިވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އެކަން އިންތިޒާމުކުރުމަށްވެސް ޑީޖޭއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ޚިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން ޚިދުމަތް ދެވޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ޚިދުމަތް ދިނުމުގެ ހަރުފަތްތައް ފާހަގަކޮށް، އެފަދަ ޙާލަތެއްގައި ޚިދުމަތް ދިނުމުގެ ޕްލޭނެއް، ކޯޓުތަކާއި އިދާރާތަކުން ތައްޔާރުކޮށް، މާރިޗު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓަށް ފޮނުވުމަށް ވަނީ އަންގާފަ އެވެ.
ރަސްމީގަޑި ނިމުމުންނާއި، ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެހެން ހުޅުވަން ޖެހިގެން ނޫނީ، އޮފީސް ހުޅުވާފައި ނުބެހެއްޓުމާއި، "ނައިޓް ކޯޓު" ވަގުތީ ގޮތުން ހުއްޓާލުމަށްވެސް ޑީޖޭއޭއިން ވަނީ އަންގާފަ އެވެ. އަދި ކޮވިޑް-19އަށް މަސައްކަތުގެ މާޙައުލު ތައްޔާރު ކުރުމުގެ ގޮތުން ވަކި ފިޔަވަޅުތައް އަޅައި އެކަން، މާރިޗު 17 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޓްމަންޓަށް އެންގުމަށް މިސަރކިއުލަރ ގައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ :
މީގެއިތުރުން އޮރެންޖް އެލަރޓް އިޢުލާނުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ހިތުގެ ބަލިބައްޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ކިޑްނީގެ ބައްޔާއި، ލޭ މައްޗަށް ދިއުން ފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެމުވައްޒަފުން އެދޭނަމަ، މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް ޚާއްޞަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށްޓަކައި ޑިޕާޓްމަންޓަށް ފޮނުވުމަށްވެސް ވަނީ އެދިފަ އެވެ.
އަދި އެލަރޓް ލެވެލް އެންމެ މަތިވެއްޖެނަމަ ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުން އަދި މަސައްކަތަށް ނުނެރެ ގޭގައި ބައިތިއްބާ ދުވަސްތަކަށް މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް ހަމަޖެއްސުމަށްޓަކައި ޑިޕާޓްމަންޓަށް ފޮނުވުމަށް ވަނީ އެދިފަ އެވެ. މީގެއިތުރުން ކޯޓުތަކާއި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނޭ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ ގޮތް ހަމަޖެއްސުމަށްވެސް މިސަރކިއުލަރ ގައި އެދިފައިވެއެވެ.





