ކ. މާލެ
|
2 މާރޗް 2020 | ހޯމަ 21:40
ޗައިނާގެ ރައީސް އަދި ޕާކިސްތާނުގެ ބޮޑުވަޒީރު
ޗައިނާގެ ރައީސް އަދި ޕާކިސްތާނުގެ ބޮޑުވަޒީރު
ގޫގުލް
މަގޭ ރިޕޯޓު
ޗައިނާގެ ޖުވާ ކުޅިގަނޑެއްގެ ދަންތުރައިގައި ޖެހެމުން ދަނީ
 
ޗައިނާއިން ގައުމުތައް ދަރަނީގެ ދަންތުރައިގައި ޖައްސަން ފޮރޮވިފައިވާ އެޖެންޑާއެއް ގެންގުޅޭ
 
މިއީ އެހެން ގައުމުތަކަށް ހުރި އިބްރަތެއް
 
އިނާގެ ދަރަނީގެ ދަންތުރައިގައި ސްރީލަންކާ ޖެހިއްޖެ

ޗައިނާއިން ނަން ފަވާލެވޭ ވަރުގެ މަޝްރޫއެއް ހިންގަން ބޭނުންވިއެވެ. މިފަދަ މަޝްރޫއަކަށް ޗައިނާއިން އިޚުތިޔާރުކުރީ ޕާކިސްތާނެވެ. 2013 ވަނަ އަހަރު ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ މަޝްރޫޢު ފެއްޓިއިރު ޗައިނާގެ ބޮޑު ވަޒީރު، ލީ ކޭޝިއާންގ ވިދާޅުވެފައި ވަނީ، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއިން ހައްދުހަނަޅައި ދިއުމުން ޕާކިސްތާން މީހުން ދުރުހެލި ކޮށްދޭނެ ކަމުގައެވެ.

ހަމަ އެއަހަރު ޕާކިސްތާންގައި އަސްކަރީ ވެރިކަން ނިމުމަކަށް އައިސް، މަދަނީ ސަރުކާރެއް އެކުލަވާލިއެވެ. އަދި އެ ސަރުކާރުން ބޭނުންވީ ޕާކިސްތާނުން ދޭތެރޭ ދޭތެރޭން ކަރަންޓް ކެނޑިގެންދާ މައްސަލައަށް ހައްލެއް ހޯދުމަށެވެ. ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ އަގަކަށް ބުނެފައިވަނީ 46 ބިލިއަން އެމެރިކާ ޑޮލަރެވެ. ފަހުން މިއަދަދު ވަނީ 60 ބިލިއަން ޑޮލަރަށް ފުފިގެން ގޮސްފައެވެ.

ޕާކިސްތާންގެ ޕްލޭނިންގ މިނިސްޓަރ މި މަޝްރޫޢުއު ސިފަކުރެއްވީ ސިންގަޕޯރގެ މިންގަނޑަށް ހިންގާ ޕްރޮޖެކްޓެއްކަމުގައެވެ. އެކަމަކު މިހުރިހާ ވާހަކައެއް މިހާރު ވަނީ ތޮޅިއަށް ގޮސްފައެވެ. ބައިނަލްއަގްވާމީ ހާލަތާއި ޕާކިސްތާންގެ އެތެރޭގެ ހާލަތުން ޗައިނާ މަޝްރޫއުތައް އޮމާންކަމާއެކު ކަނޑައެޅިފައިވާ މުއްދަތަށް ގެންދެވިދާނެ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. ޗައިނާގެ މައްސަލައަކަށްވީ ޕާކިސްތާންގެ ސިޔާސީ ހާލަތަށް ނުބަލައި އިގްތިސާދީ ފަތިހެއް ޕާކިސްތާނަށް ގެންނަން އުޅުމެވެ.

އެމެރިކާއަކީ ޕާކިސްތާންގެ ޒަމާންވީ ބައިވެރިއެކެވެ. ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ވާހަކައިން އެމެރިކާ ނުރުހުނެވެ. ޓްރަމްޕް ސަރުކާރުން ވަނީ ޗައިނާއިން ޕާކިސްތާންގެ މަގުން ލައިގެން މެދުއިރުމައްޗަށް ހަންފެތުރުމަށް ހިންގާ މަޝްރޫއެއްކަމުގައި މި މަޝްރޫއު ސިފަކޮށްފައެވެ. އެމެރިކާއިން ސިފަކޮށްދޭ ގޮތުގައި މިއީ ޕާކިސްތާން ދަރަނިވެރިކޮށްލުމަށް ޗައިނާއިން ހިންގާ މަޝްރޫއެކެވެ. މުޙައްލިލުން ދެކޭ ގޮތުގައި ޗައިނާއިން ވަނީ ނުބައި ހިސާބެއް ޖަހާފައެވެ.

އިމްރާން ޚާން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕޭން ކުރައްވާފައިވަނީ ކޮރަޕްޝަންއާ ދެކޮޅަށެވެ. އަދި ޗައިނާއިން ޕާކިސްތާންގައި ހިންގާ މަޝްރޫޢުތަކާ ދެކޮޅަށެވެ. އެއްވެސް ތަޖުރިބާއަކާ ނުލައި ވެރިކަމާ ޙަވާލުވި ތަހްރީކޭ އިންސާފު ޕާޓީއަށް ޖެހުނީ ވެރިކަމާ ޙަވާލުވުމަށްފަހު ދަރަނި ދައްކާށެވެ. ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ސަލާން ހުއްޓެވެ.

ދަރަނިތައް ދައްކަން ޖެހުމާއި ގުޅިގެން ޕާކިސްތާނަށް ބޭރުފައިސާގެ ދަތިކަން ދިމާވެ، މުދާ އިމްޕޯޓް ކުރުމަށް ހުރަސްތައް ކުރިމަތިވިއެވެ. 2018ގައި ޕާކިސްތާނަށް ޖެހުނީ އެތަކެއް ޝަރުތެއް މަޖުބޫރުކޮށްފައިވާ ހާލަތެއްގައި ޗައިނާއިން އިތުރު މަދަދެއް ހޯދާށެވެ. ޕާކިސްތާންގެ ފައިސާގެ އަގު ދިޔައީ ވެއްޓެމުންނެވެ. އިގްތިސާދު ދިޔައީ ހިމަ ކޮޅަށެވެ. ދަރަނިތައް ދިޔައީ އޭގެ ދިގުފައި ގައުމުގެ ހުރިހައި ދިމާލެއްގައި އޮޅަމުން ބަންނަމުންނެވެ.

އެމެރިކާގައި އޮފީސް ހުންނަ ޖަރމަން މަރޝަލް ފަންޑްގެ މާލީ ކަންކަމުގެ ތަޖުރިބާކާރު އެންޑްރޯ ސްމޯލް ބުނިގޮތުގައި މި އިކޮނޮމިކް ކޮރިޑޯއަކީ ހަމައެކަނި ނަން ބޯޑެކެވެ. ޕާކިސްތާންގެ އައްސޭރިފަށުގެ ތިރި ބިންތަކަކުން ޗައިނާގެ އުސްބިންތަކަކަށް ގޭހައި ތެޔޮ އަރުވަން ޖެހުމުން ޗައިނާއަށް ހޭދަ ބޮޑުވާނެކަމަށް އޭނާ ދެކެއެވެ. އަދި މުސްތަގްބަލުގައި ޕާކިސްތާންގެ ގަވާދާރް ޕޯޓް ބަނދަރުގެ އަގުވެސް އޮންނާނީ ވެއްޓިފައެވެ. ޗައިނާއިން މިކަމުގައި ހިންގާ ބައެއް މަޝްރޫއުތައް ވަނީ ހަގީގަތަކަށް ވެފައެވެ. ނަމަވެސް ގިނަ މަޝްރޫއުތައް ވުޖޫދަށް އަންނާނެކަމަކަށްވެސް ނުބެލެވެއެވެ.

ޗައިނާއިން ދެކުނު އިރުމަތީ އޭޝީއާގައި ހިންގާ މާސިންގާ މަޝްރޫއުތަކަކީ ޗައިނާއަށް ވަރަށް މުހިންމު މަޝްރޫޢުތަކެކެވެ. މިމަޝްރޫއުތަކުން މިތަންތާގައި ދިރިއުޅޭ މީހުން ބިކަ ކޮށްލާތަންވެސް އެބަފެނެއެވެ. ލާއޮސްގައި ޗައިނާއިން ހަދާ ފެން ރައްކާ ކުރާ ޑޭމްއާއި ރޭލްވޭ މަޝްރޫއުގެ ސަބަބުން އެހިސާބުގެ ރަށްފުށުގެ މީހުން ވަނީ ގެދޮރު ނެތި ހާލުގައި ޖައްސާފައެވެ. އާސިއާންގެ ގިނަ ގައުމުތަކުން ވަނީ ޗައިނާއަށް ފާރަވެރިވެފައެވެ.

ކެމްބޯޑިއާގައި ހުން ސެން ވަނީ ޗައިނާއަށް ފުޅާކޮށް ކެމްބޯޑިއާގެ ބާޒާރު ހުޅުވައިދީފައެވެ. ޗައިނާއިން ހަދާ ޑޭމްގެ މަޝްރޫއުގެ ސަބަބުން ހިސާބު ގަނޑުގެ ކޯރުގެ މަސްތައް ނެތި ހިނގައިދާނެހެން ހީވެއެވެ. ކެމްބޯޑިއާގެ ގަދީމީ އާސާރީ ސިޓީ އަންގޯރް ވަޓް މިހާރު ހީވަނީ ޗައިނާގެ ތީމް ޕާކެއް ހެންނެވެ. ޗައިނާއިން ދަނީ މަސްއޫލުވެރިން ކޮރަޕްޝަންގައި ޖައްސަމުންނެވެ. ޖަންގަލީތައް ނެތިކޮށްލައި ބިންތައް ވެރިކުރަމުންނެވެ. މިރޭޓުން ކެމްބޯޑިއާއިން ގަސްތައް މަދުވެ، ކާރބަންޑައި އޮކްސައިޑް އިތުރުވާ މިންވަރު އިތުރުވެގެން ދާނެކަމަށް ލަފާ ކުރެވެއެވެ.

ކުރިން ހިތްފަސޭހަ، ހިމޭން ރަށްފުށުގެ ތަނެއްކަމުގައި މީހުން ދުށް، ސިހާނުކްވިލް އަކީ މިހާރު ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ހިމެނޭ ތަނެކެވެ. މިތާގައި ކެސިނޯތަކާއި އަށްޑިހަ ހާސް ޗައިނާ މީހުންނާއި ޗައިނާ އިންވެސްޓަރުން ނުހަނު ތިޔާގިއެވެ. 2019 ވަނަ އަހަރު ހަރޮށި ބިނާއެއް ވެއްޓި ދަށުވެގެން ޗައިނާގެ 28 މީހުން މަރުވިއެވެ. ހުޅަނގު މޫސުމުގެ ބޯވާރެއާއި އެކު ބޮޑުވާ ފެން ބޭރުކުރާނެ ގޮތެއް ނުހުރެއެވެ.

ނަރުދަމާ ނެތުމުން ފެން ބޮޑުވާއިރު ނަޖިސް ރަށުތެރޭގައި ބެހެމުން ދެއެވެ. އަސާސީ އިންފްރާސްޓްރަކްޗަރއެއް ނުހުރެއެވެ. ފްލައިވުޑް ފިލައިން ހަދާފަ ހުންނަ ތަންތާގައި ރަންޑިބާޒާރު ހިންގުމަކީ މިތާ އާންމު ކަމެކެވެ. ގޭންގްތަކުގެ ހަރަކާތްތައް ހަލުވިވެފައި ވާދަވެރިއެކެވެ. މީހުން މެރުން އާންމެވެ. ޗައިނާގެ ތިޔާގިކަމާއެކު ލެއްގި އިގްތިސާދުން ސިހާނޫކްވިލްގެ ގޮނޑުދޮށުގައި ޕްލާސްޓިކް ކުނިބުނީގެ ހާރެއް ވަނީ ލެވިފައެވެ.

އިޖުތިމާއީ މައްސަލަތައް ބޮޑުވެގެން ކެމްބޯޑިއާ ސަރުކާރުން ވަނީ ޖުވާ ކުޅޭ ގިނަ ތަންތަން ބަންދުކޮށްފައެވެ. 2016އިން ފެށިގެން ޗައިނާއިން ހިންގާ ގިނަ މަޝްރޫއުތައް އެތައް ތަނެއްގައި ދަނީ ލަސްވަމުންނެވެ. ކޮރޯނާ ވައިރަސްއާއި، އިގްތިސާދު ވަޅު ޖެހުމާއި، ޝީޖިއާންގެ ނަސްލުތައް ނެތިކޮށްލުމާއި، ހޮންގ ކޮންގއާއި ތައިވާންގައި ޗައިނާއަށް ކުރިއެރުން ނުލިބުމުގެ ސަބަބުންނާއި އަދި އެމެރިކާއާއެކު ވިޔަފާރީގެ ދާއިރާއިން މޮޅެއް ނުލިބުމުން ޗައިނާ ދަނީ ގިއްގެޅެމުންނެވެ.

އަނެއްކޮޅުން ސްރީލަންކާގައި ހަމްބަންޓޯޓާ ބަނދަރުގެ ދަޅައިގައި ޗައިނާއިން ދެއްކީ ލަންކާ އިގްތިސާދު ކުރިއަރާނެ މިންވަރެވެ. 2017ގައި މިތާނގައި ބަނދަރުކުރީ އެންމެ 175 އާގު ބޯޓެވެ. ދަރަނި ނުދެއްކި އަދި އާމްދަނީއެއް ނުލިބުމުން ލަންކާއަށް މަޖުބޫރުވީ ބަނދަރު ކޮންޓްރޯލު ކުރުމުގެ ބޮޑު ހިއްސާއެއް ޗައިނާއަށް ދޭށެވެ. ޗައިނާއިން އުފަލާއެކު ގަބޫލުކޮށްލުމުން ރަނގަޅަށް ޗައިނާގެ ދަރަނީގެ ދަންތުރައިގައި ސްރީލަންކާ ޖެހުނީއެވެ. ގަރުނަކަށް ސްރީލަންކާއަށް އެގައުމުގެ ބިމުގެ ބަޔަކުން ސިޔާދަތު ގެއްލިގެން ދިޔައީއެވެ.

ޖުމުލަ ގޮތެއްގައި ޗައިނާއިން ވަން ހުރިހައި ތަނެއްގައި އެތަންތާގެ ނުކުޅެދުންތެރިކަމުން ފައިދާ ނަގައިގެން ޗައިނާއިން އެގައުމުތައް ދަރަނީގެ މަޅީގައި ޖައްސަނީއެވެ. ޗައިނާއިން ޕާކިސްތާނާއި، ލާއޯސްއާއި ކެމްބޯޑިއާއާއި ލަންކާގައި ހިންގާ މަޝްރޫޢުތަކުން ޗައިނާގެ ހުވަފެންތަކުގެ ހަގީގަތް ސާފުވެގެން ދެއެވެ. ޝިކާރައަކަށްވެދާނެ އެހެން ގައުމުތަކަކަށް މިއީ ހައްތާވެސް ފިލާވަޅުތަކެވެ.

0%
50%
0%
0%
50%
0%
ކޮމެންޓް