ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 19:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
ރައްޔިތުންގެ މަޖިލިސް
މަގޭ ރިޕޯޓް
ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހު: ވިޔަފާރިވެރިންގެ ''އަޅުވެތިކަމަށް'' ރައްޔިތު މީހާ ފައްތާ އިސްލާހެއް؟
 
އެންމެ އިސް މަސްލަހަތަކީ ރައްޔިތުންގެ މަސްލަހަތު
 
ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ބިލަށް އަމާޒުވެފައި

ނިމިގެން މިދިޔަ ހަފުތާ ބަންދާއި ދިމާކޮށް އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ހުރި ކަންތައްތަކުގެ ވާހަކައެވެ. ސަރުކާރުގެ ފަރަތުން އެ ބިލް މަޖިލީހަށް ހުށައެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެެވެ. އެ ބިލު ހުށައެޅި މައިގަނޑު ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ކުޑަ މިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008) ގައި ބަޔަންކުރާ އުސޫލުތައް އިތުރަށް ތަފްސީލުކުރުމަށާއި، އެ ގާނޫނުގައި ބަޔާންކުރާ ވަޒީފާއާގުޅޭ އެނޫންވެސް ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ނަމަވެސް މި އިސްލާހުތަކަށް އާންމުންގެ ތާއިދެެއް ނެތެވެ. އެކަން ޝޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމުންވެސް އެއޮތީ ފެންނަންށެވެ. އޭގެ ބަދަލުގައި އާންމުންގެ ރުޅިގަނޑު ދިޔައީ ފަޅައިގެންނެވެ. މިއީ މަސައްކަތްތެރިންނަށް ކުރި މަލާމާތެއްތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ފާޑުނުކިޔާ ހަމަ އެންމެ ފަރާތެއްވެސް ނެތީއެވެ. ތާއިދު ލިބުނީ، މަސައްކަތްތެރިން މުށުތެރެއަށް ލައިގެން އަޅުވެތިކުރަން ބޭނުންވާ ވިޔަފާރިވެރިންގެ އެކަންޏެވެ.

ޕްރޮބޭޝަނަށް ހަ މަސް!

މިހާރު އަމަލުކުރަމުންދާ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޕްރޮބޭޝަންގެ ގޮތުގައި ހަ މަހަށް ވުރެ ދިގު ނޫން މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު އޮވެއެވެ. ދެން ގާނޫނަކުން މަދުވެގެން ހަ މަސް ދުވަސް ކަނޑައަޅަން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.

އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލައިލިޔަސް އެހެން ގައުމުތަކާއި އަޅާމިނެކިރާއިރު މި ގައުމުގެ ވަޒީފާގެ ބާޒާރަކީ ނިކަމެތި އަދި ޑިމާންޑު ބޮޑު ބާޒާރެކެވެ. ވަކިން ހާއްސަކޮށް މި ޒަމާނުގައި ވަޒީފާއެއް ހޯދަންވެސް އާއްމު ރައްޔިތުން މީހާ އުފުލަން ޖެހޭ ތަކްލީފުތައް ކިތަންމެހާވެސް ގިނައެވެ. އެއީ އަމިއްލަ ކުންފުންޏަކަށް ވިޔަސް ސަރުކާރުން ވިޔަސް ވަޒީފާ އެއް ހޯދަން ތިނެއް ނޫނީ ހަތަރު މަސް ނުނަގާ ފަހަރެއް މަދެވެ.

އޭގެ ހެއްކަކަށް ހުސްވި އަހަރުގެ ޖުލައި މަހަށް ބަލައިލަމާ ހިނގާށެވެ. ކަސްޓަމްސްގެ 22 މަގާމަކަށް އިއުލާންކުރުމުން ކޮންމެ މަގާމަކަށް 54 މީހަކު ކުރިމަތިލުމުން އާންމުންނާއި މުޅި މީޑިއާގެ ސަމާލުކަން ލިބުނެވެ. ވަޒީފާއަކަށް ދިވެހިން ފެންބޮވައިގެންފައިވާ މިންވަަރު މިނެކިރަން ކިހާ ރަނގަޅު މިސާލެއްތޯ؟ އެވެ.

ވަޒީފާއެއް ލިބުމުން ދެން ޖެހެނީ އެ ވަޒީފާގައި ދާއިމީވުމަށް ކުރާ މަސައްކަތެވެ. އެކަމަކު ޕްރޮބޭޝަންގެ މުއްދަތު ހަ މަހަށް ދައްމާލުން ވެގެންދާނީ ވަޒީފާ އަށް އެދި އެދި ތިބި މީހުންނަށް ލިބޭ އިތުުރު ނިކަމެތި ކަމަށެވެ. ޕްރޮބޭޝަންގެ މުއްދަތު ތިން މަހަށް މިހާރު އޮންނައިރުވެސް ވަޒީފާގެ ޑިމާންޑު އެންމެ ބޮޑު އެއް ދާއިރާކަމަށްވާ ޓޫރިޒަމް ދާއިރާ އާއި ބޮޑެތި ސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަަފުންގެ ޝަކުވާ ކެނޑިނޭޅި އަޑުއިވެމުންދާއިރު އެކަމަށް އެޅޭ ފިޔަވަޅެއް ނެތެވެ.

ޕްރޮބޭޝަންގެ ތިން މަސް ތެރޭގައި އެންމެ އާދައިގެ ވަޒީފާ ލިބޭ މީހުންނަށް، އާއްމު ގޮތެއްގައި މުސާރާއަށް ލިބެނީ 2500 އާއި 4000 ދެމެދުގެ އަދަދެކެވެ. މި އަދަަދަކީ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ކިތަންމެހާވެސް ކުޑަ އަދަދެކެވެ. އެ ތިންމަސް އެހެން އޮއްވާ އަނެއްކާވެސް ހަ މަހަށް އިތުރު ކުރުމުން އަހަރެއްގެ ދެބައިކުޅައި އެއްބައި ޖެހެނީ ގަނަތެޅެންށެވެ. ހަމަސް ދުވަހުން ހޯދާ ވަޒީފާގައި މި ޖެހެނީ އިތުުރު ހަމަސް ވަންދެން ކުޑަ އުޖޫރަޔަކުން ފުއްދާލައިގެން ތިބޭށެެވެ.

މެޑިކަލް ސެޓްފިކެޓް ނެތި އެއް ދުވަސްވެސް ސަލާން ނުބުނެވޭނެ!

އާއްމު އުސޫލަކުން ބަލާނަމަ އޮފީސްތަކުގައި ސަލާމް ބުނުމަކީ މަދުންވާ ކަމެއް ނޫނެވެ. އޭގައި އެކި ސަބަބުތައް އެބަހުއްޓެެވެ. ގިނަ ފަހަރު ސަލާމް ބުނަން ޖެހޭ ހާލަތަށް ދަނީ އެ މުވައްޒަފެއްގެ ބަލި ހާލަތު، ވަޒީފާއަށް ނިކުތުމަށް ތަން ނުދޭތީއެވެ. އޭގެ ތެރޭގައި އާއްމުކޮށް ފެތުރޭ ބަލިތައް ކަމަށްވާ ކެއްސާއި ކިނބި އެޅުމާއ، ހުން އައުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ ބަލިތަކުގެ ސަބަބުން އޮފީހަށް ނުދެވޭ ހާލަތުތައްވެސް ހިމެނެއެވެ.

އަންހެން ކުދިންނަށް މަސްއަރު ކަންތައް ދިމާވާ ހާލަތްތަކުގައިވެސް އެއް ދުވަހަށްވުރެ ގިނަ ދުވަސް ސަލާމް ބުނަން ޖެހޭއެވެ. އެކަމަކު ދެން އުފެދޭ ސުވާލަކީ އެފަދަ ކަމެއްގައި މެޑިކަލް ސެޓްފިކެޓް ހޯދާނީ ކިހިނެއްތޯ؟ އެވެ. މިސާލަކަށް، މިހާރު ދުނިޔޭގެ ގައުމުތަކުގައި ފެތުރިގެން އުޅޭ ކޮރޯނާ ވައިރަސްގެ ސަބަބުން، ރާއްޖޭގައިވެސް ރޯގާ ޖެހިގެން އުޅޭ މީހުން އެންމެ ރަނގަޅީ ގޭގައި މަޑުކޮށްލުން ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

އެފަދަ ހާލަތްތަކުގައި ރޯގާ ޖެހިގެން އުޅޭ މީހާ މެޑިކަލް ސެޓްފިކެޓް ހޯދަން އުޅުނަސް އެއީ އެހާ ބޮޑު ކަމަށްކަށް ނުވާތީވެ ބައެއް ތަންތަނުން ސެޓްފިކެޓް ދޭން އުޒުރުވެރިވެއެވެ. ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯހަޅިކަމުން ސަރުކާރުގެ ހޮސްޕިޓަލަކަށް ދައްކަންދާން ޖެހުނަސް ޑޮކްޓަރަކަށް ދެއްކެންވެސް އެއް ދުވަހަށް ވުރެ ގިނަ ދުވަސް ނަގައެވެ. ކޮންމެ މީހަކީ ޕްރައިވެޓް ހޮސްޕިޓަލަށް ދެއްކޭނެ ފެންވަރުގެ ބައެއް ނޫނެވެ.

ސަލާމް ބުނުމަކީ ބައެއް މުވައްޒަފުން މިހާރުވެސް އޭގެ ނާޖާއިޒު ފައިދާ ނަގާ ކަމެކެވެ. އެކަމާއި ދެބަސް ވެވޭކަށްވެސް ނެތެވެ. އެކަމަކު ހަގީގަތަކީ ސަލާމް ބުނާ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކެޓް ގެނައުމަކީ ކޮންމެ މީހަކަށް އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ.

އެންމެ ކުޑައުޖޫރާ ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާއިރު، މިއިސްލާހުން ސިފަވަނީ ވިޔަފާރިވެރިންގެ ނުފޫޒު ފޯރާފައިވާ މަންޒަރެވެ. މިއީ ރައްޔިތުންގެ ވިންދާއި ކުޅެ ލޭ ކެއްކުމެވެ. އޭ ނޫން ކަމެއް ނޫނެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ހިޔާލެއް ނޫނެވެ.

މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކެެވެ. ވަޒީފާ ހޯދާ މީހުންގެ ޝަކުވާ އެވެ. ބުރަ މަސައްކަތުން ކާންބޯން މަސައްކަތް ކުރާ އެންމެ ނިކަމެތި މީހާގެ ޝުއޫރުތަކެވެ. މިއީ ސަރުކާރާ ދެކޮޅަށް ނުވަތަ ބަޔަކާއި ދެކޮޅަށް ޒާތީވެގެން ދައްކާ ވާހަކަތަކެއް ނޫނެވެ. ހުރިހާ ކަމެއްގައި ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް ބުނެ ވަކާލާތު ކުރަމުންދާ ސަރުކާރަކުން ރައްޔިތުން އަޑު އަހައި މި ބިލަށް އެންމެ އެކަށީގެންވާ ގޮތަށް ފާސްވެގެން ދިޔުން މުހިންމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް