ފަނޑިޔާރު ޝުޖާއު އުސްމާން އެންމެ ފުރަތަމަ އާންމުނަށް އެނގެންފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ހުޅުމާލެ ކޯޓުގައި އުފުލި ދައުވާއަކާ ގުޅިގެން އެމައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގެ އިސްފަނޑިޔާރަކަށް ޝުޖާއު ހަމަޖެއްސެވި ހިސާބުން ނެވެ. އެމައްސަލަ އަކީ މަޝްހޫރު އަބްދުﷲ މުހައްމަދު "އަބްދުﷲ ގާޒީ" ގާނޫނާ ހިލާފަށް ސިފައިންގެ ބެލުމުގެ ދަށުން ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލަ އެވެ.
ހުޅުމާލޭ ކޯޓުގައި ރައީސް ނަޝީދުއާ ދެކޮޅަށް އުފުލި ދައުވާގެ ޝަރީއަތް ބައްލަވަން ޖޭއެސްސީން ކަނޑައެޅުއްވީ ތިން މެޖިސްޓްރޭޓުންގެ ތެރޭގައި ހިމެނޭ ޝުޖާއުއަކީ އޭރު ގއ. އަތޮޅު އިސް މެޖިސްޓްރޭޓް އެވެ.
ފަނޑިޔާރު ޝުޖާއުއަކީ ގއ. އަތޮޅުގައި ނުފޫޒުގަދަ ފަނޑިޔާރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެކެވެ. އަދި ގއ އަތޮޅު، ހިސާބުގަނޑުގައި ނުފޫޒުގަދަ ފަނޑިޔާރުންގެ ގްރޫޕެއް އޮންނަ ކަމަށްވެއެވެ. އަދި ސިޔާސީ ބައެއް ހަރަކާތްތައް ހިންގަމުންދާ ކަމަށްވެސް ވެއެވެ. އަދި އެ ފަނޑިޔާރުން ބޭނުންވާ މީހުންނަށް ވަޒީފާ ހަމަޖައްސާދީ، އެ ފަނޑިޔާރުންގެ ސިޔާސީ ފިކުރާ އިދިކޮޅު ފިކުރުގެ މީހުންނަށް ބިރުދައްކައި ވަޒީފާއިން ކެނޑުމުގައި އުޅުއްވި ބޭފުޅުން ކަމަށްވެސް ވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ފަނޑިޔާރުންގެ ގްރޫޕަށް އައީ ރަންޒަމާނެއް ކަމަށްވެއެވެ.
ފަނޑިޔާރުންތައް މާލެއަށް ބަދަލުވެ، ސްޕީރިއަރ ކޯޓުތަކަށް ބަދަލުވެ، އަދި ހައިކޯޓުން ޖާގަ ހޯދައި، ހައިކޯޓުގެ އިސްފަނޑިޔާރުކަން ލިބިލެއްވީ، ހަމަ ހުރެފައެއް ނޫނެވެ. ރައީސް ޔާމީންދެކެ މާވަރެއްގެ ލޯތްބެއް އޮތް ބަޔަކަށް މިފަދަ މަގާމުތައް ލިބުމަކީ ހައިރާންވާން ޖެހޭ ކަމެއް ވެސް ނޫނެއްނޫންތޯ؟ އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ހަލަބޮލިކަން އެންމެބޮޑު އެއް އަތޮޅަކަށް ގއ އަތޮޅުވާނެ އެވެ. އެގޮތުން މީހުން ވަޒީފާއިން ވަކިކުރުމާއި، އެކިއެކި ތުހުމަތުމަތުތަކުގައި ބަޔަކު ހައްޔަރު ކުރިއިރު، އެންމެ ބޮޑަށް ފާހަގަވާ އެއްމައްސަލައަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ.
އެދައުވާއަކީ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމަށްބުނާ މައްސަލައެކެވެ.
ހައިކޯޓުގެ ފަނޑިޔާރަކު އަވަހާރަ ކޮށްލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ރޭވިކަމަށްބުނެ، ސައުދު ޖަލުގައި ބަންދުކޮށް، އެތައް އަނިޔާއެއް ދިންއިރު، އަދި ޖަލުގައި އޮންނަވަނިކޮށް ސައުދުގެ މަންމަ ނިޔާވެގެން ދިޔައިރުވެސް، ސައުދުގެ މައްޗަށް ކުރާ ތުހުމަތުގެ ކޮޅެއް މެދެއް ނޭނގެ އެވެ. އެއެއްމިއެއް ވައްކެއް ނުވެއެވެ. ހަމަ ބުނި ބުންޏަށް މީހުންނަށް އެވަރުގެ އަނިޔާތައް ރައީސް ޔާމީންގެ ވެރިކަމުގައި ދިން އިރު، އެކަމުގައި ބައެއް ފަނޑިޔާރުންގެ ބައިވެރިވުން އޮތީ އިންތިހާއަށެެވެ.
ޝުޖާއު އުސްމާނަކީ ރައީސް ޔާމީނަށް ވަފާތެރި، އަދި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ ހިންގެވި ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވާ ކަމުގެ ތުހުމަތު ކުރެވޭ ފަނޑިޔާރެކެވެ. ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމަށް މެމްބަރު ސައުދުގެ މައްޗަށް ތުހުމަތު ކުރެވެނީ، އިއްތިފާގުންވިޔަސް، ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ސައުދު ތެދުވި ހިސާބުންނެވެ.
މީގައި އަދި އެހެންކަމެއް ވެސް އެބަހިނގަ އެވެ. ފަނޑިޔާރަކަށް އިންޒާރެއް ދީފިކަމުގެ ޚަބަރެއް އުޅޭނަމަ، އިއްތިފާގުން ވިޔަސް ގިނަ ފަހަރު މިކަން ދިމާވަނީ ވެސް ފަނޑިޔާރު ޝިޖާއު އުސްމާނަށެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް، މަރުގެ އިންޒާރު ދިންކަމަށް ބުނެ، މެމްބަރު ސައުދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލިއިރު، ޝުޖާއު އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރެއްވިއިރު ވެސް ޝުޖާއު އަށް ހަމަލާދޭން ބަޔަކު އުޅުނުކަމަށް ވެއެވެ. އެމައުލޫމާތު ފުލުހުންނަށް ލިބުމާއެކު ހައި ސެކިއުރިޓީގައި ފުލުހުންގެ ބެލުމުގެ ދަށުން ޝުޖާއު ވަނީ މާލެ ގެނެސްފައެވެ.
ދެން އެންމެފަހުން މިއަހަރުގެ ތެރޭގައި އިވުނީ ކ. މާފުށީގައި ޗުއްޓީ ހޭދަކޮށްލަން ޝުޖާއު ހުންނަވަނިކޮށް، މީހަކު އޭނާއަށް އިންޒާރުދިން މައްސަލަ އެކެވެ. އެމައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. މިއިން އެެއްވެސް ކަމެއްގެ ކޮޅެއް އަދި ނިމުމެއް ނާދެއެވެ. މެމްބަރު ސައުދަށް ކުރި ތުހުމަތު ދިޔައީ "ތޮޅި" އަށެވެ.
ދެން މިބަލާލަނީ، ޝުޖާއު ހައިކޯޓުގައި ހުންނަވައި ނިންމާފައިވާ ބައެއް ނިންމުންތަކެވެ.
ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ، މީޓިއޮރޮލޮޖީ ޑިޕާޓްމެންޓްގެ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަލްގީންގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވިއިރު، އެމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރަކީ ޝުޖާއު އުސްމާނެވެ. އަލްގީނަކީ ރައީސް ޔާމީންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ކަމަށް ކަނޑައަޅާފައި ހުންނަވަނިކޮށް، ކުއްލި ގޮތަކަށް މާލެ ވަޑައިގެން، ހައިކޯޓުގައި ބަލަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި މައްސަލައިގެ އިސްތިއުނާފު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަވައި ޝުޖާއު އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނުނުތަން ފެނިގެންދިޔަ އެވެ.
އެ މައްސަލަ ކުރިން ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.
އެ ބެންޗަށް ގެނައި ބަދަލާއެކު ފަހުން އެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ. ދެން މިމައްސަލަ ނިމޭނެގޮތް ނޭނގޭނެ މީހަކު ނުހުންނާނެ ނޫންތޯ އެވެ.
ފަނޑިޔާރުގެ ސްލޫކީ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލައެއް މިހާރުވެސް ދަނީ ބަލަމުން ނެވެ. އެނގިފައިވާ ގޮތުގައި ޝުޖާއުގެ ސުލޫކީ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފަ އެވެ.
ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅި ބަލަމުންދާއިރު، ވެސް ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ޝުޖާއު ހުންނެވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަދި ހާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިބިލެއްވި، ކުރިއެރުންތަކާއި ދިރިއުޅުއްވި އަގުބޮޑު ދިރިއުޅުއްވުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނަވާކަމުގެ ތުހުމަތު ކުރެވޭއިރު، މިއީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ.
އަދި ހާއްސަކޮށް، ޖުޑީޝަރީ އިސްލާހު ކުރަން ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީން މަސައްކަތް ކުރާ މިދަނޑިވަޅުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ބޭރުކުރުމަކުން އެކަނި މިކަމެއް ނުނިމޭނެ ނޫންތޯ އެވެ.