ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 15:31
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔޫ ހަދާފައި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔޫ ހަދާފައި
މުހައްމަދު ފަޒީން
މަގޭ ރިޕޯޓް
ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރި ކުރަންޖެހޭ!
 
ބިދޭސީންނަށް ސިއްހީ ފަރުވާގެ އަގުބޮޑު ނަމަ، އެމީހުން ހޮސްޕިޓަލްތަކާ ދުރުވާނެ، އެހެންވެއްޖިއްޔާ މުޖުތަމައުގައި ބަލިމަޑުކަން ފެތުރި ބޮޑުވާނެ
 
ބިދޭސީންނަށް ވެސް އެކަށީގެންވާ އަގެއްގައި ސިއްހީ ފަރުވާ ލިބެންޖެހޭ
 
ހެލްތް އިންސުއަރެންސް ނެތި ވޯކްވިޒާ ދޫނުކުރުން މުހިއްމު

މިހާރު ރާއްޖެއަށް ކުރިމަތިވެގެން އުޅޭ ހިމަބިހީގެ މައްސަލައަށް ހައްލެއް ގެންނަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި އާދަކާދަތަށް ބަލަން ޖެހެއެވެ. ބަލިވުމުން ބޭސްފަރުވާ ކުރެވޭނެ ރަނގަޅު ނިޒާމެއް ހަމަޖައްސަން ޖެހެއެވެ.

ރާއްޖޭގެ އަބާދީއަކީ ހަތަރު ލައްކަ މީހުންކަމަށްވާއިރު، ރާއްޖޭގައި ދެ ލައްކައެއްހާ ބިދޭސީން އެޅޭ ކަމަށް ވެއެވެ. ދައުލަތުގެ އެއްވެސް އިދާރާއަކަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު އެނގޭކަމަކަށް ނުވެއެވެ. އަދި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ލައްކައެއްހާ ބިދޭސީން އުޅެކަމަށް ވެއެވެ. އެހާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅުމަކީ މިވަގުތު ރާއްޖެއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އޭގެ އިތުރުން ރާއްޖޭގެ ހަމަޖެހުމަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންނަކީ، އެއްވެސް ހަމައެއް ލަމައެއް ނެތި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދޫވެފައިތިބި ބަޔެކެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ކެޕިޓަލް ސިޓީ މާލެއަށް ދޫވެފައިވާ ބޭރު މީހުންނާއެކު، މާލެ ސިޓީ ވެފައިމިވަނީ މުޅި ދުނިޔޭގައިވެސް ނިސްބަތުން އެންމެ ގިނަ މީހުން ދިރިއުޅޭ ތަނަށެވެ. ދިވެހިންނަށް ރަނގަޅު ބޯހިޔާވަހިކަމެއް މާލެ ސިޓީގައި ނެތްއިރު، ތޮއްޖެހިފައިވާ މި ސިޓީގައި އުޅޭ ބިދޭސީންވެސް ވަކި މަދެއް ނޫނެވެ. އަދި އެމީހުންގެ ދިރިއުޅުމުގެ ހާލަތައް ބަލާއިރު، ވަރަށް ނިކަމެތި ހާލުގައި އުޅޭ މީހުންވެސް އުޅެއެވެ. ބިދޭސީންގެ ތެރޭގައި ބަލި މަޑުކަމެއް ފެތުރުނަސް އެއީ ހަމަ މުޅި ރާއްޖެއަށް އެ ބަލިމަޑުކަން ފެތުރުންފަދަ ކަމެކެވެ. އުޅެނީ އެކަކު އަނެކަކާ ލާމެހިގެން ނެވެ. މާލޭގެ މަގެއްގައި ހިނގާބިނގާވެ އުޅެވެނީ އެކަކު އަނެކަކުގައިގައި ޖެހިގެންނެވެ. މަގުތައް އެހާވެސް ހަންޏެވެ. ކެފޭ ތަކުގައި ބޭނުންކުރާ ތަކެއްޗަކީ އެތައްބަޔަކު ބޭނުންކުރާ ތަކެއްޗެވެ. ހިދުމަތް ހޯދަންދާ ތަންތަނުގެ ޖާގައިގެ ދަތިކަމުން އެކަކު އިށީދެފައިވާ ގޮނޑީގައި، އެ ހޫނުކަމަށްމަތީ އަނެކަކު އިށީންނާން މަޖުބޫރުވެއެވެ. މިފަދަ ކަންކަމުންނާއި ރަނގަޅަށް ސާފުތާހިރުކޮށް ތަކެއްޗާއި ތަންތަން ނުބެލެހެއްޓުމުންނާއި އަދި ތިމާގެ ސާފުތާހިރުކަން ނެތިއްޖެނަމަ، ރޯގާއެއް ނުވަތަ ގައިންގަޔަށް އަރާ ބަލިމަޑު ކަމެއް ފެތުރުމުގެ ވަރަށް ފުރުސަތު ބޮޑެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސާފުތާހިރު ކަމާއި، އެމީހުން ދިރިއުޅޭ ތަންތަނުގެ ސާފުތާހިރުކަމާއި، އެމީހުން ހިދުމަތް ދޭ ތަންތަނުން ދޭ ހިދުމަތުގެ ސާފުތާހިރުކަމަކީ ވަރަށް ބޮޑަށް ބަލަންޖެހިފައިވާ ކަންކަމެވެ. އެއީ ހިދުމަތް ދޭ ތަންތަނުގައި އުޅޭ ބިދޭސީ މީހާގެ ސިއްހީ ހާލަތާއި ދޭ ހިދުމަތުގެ ސާފުތާހިރު ކަމަކީ މިހެން ހުރެފަ ހަމަ އެނގެން ހުންނަ ކަންކަމެއް ނޫނެވެ. ބައެއް ކަންކަން ލޮލަށް ފެންނަން ހުއްޓަސް ލޮލަށް ނުފެނި، ހުންނަ ކަންކަން ވަރަށް ގިނައެވެ.

ބިދޭސީންގެ މައްސަލަތަކުގެ ތެރެއިން ސިއްހީ ކަންކަމާގުޅޭ މައްސަލަތަކަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ރާއްޖޭގައި އުޅޭ ބިދޭސީންނަށް ޑޮކްޓަރަކަށް ދެއްކެން އަންނަނީ، އެމީހަކީ ކާކުކަން އަންގައިދޭ ޑޮކިއުމަންޓެއް ނުވަތަ ވޯކް ވިޒާ އެ ހޮސްޕިޓަލަކަށް ނުވަތަ އެކްލިނިކަކަށް ދެއްކުމުން ނެވެ. އެއީ ހުރިހާ ގައުމެއްގައި ކަން ހިނގާ ގޮތެވެ. އަދި އެއީ އެކަން އޮންނަންވެސް ޖެހޭ ގޮތެވެ. ހޮސްޕިޓަލުން ފަރުވާ މިދެވެނީ ކާކަށްކަން އެނގެން ޖެހެއެވެ. އެމީހާގެ މައުލޫމާތު އެނގެން ޖެހެއެވެ.

ނަމަވެސް މިއޮތް ކުޑަ ރާއްޖޭގައި ވެސް ލައްކައެއްހާ ބިދޭސީން ގަވާއިދާ ހިލާފަށް އުޅެއެވެ. އެމީކަކީ ކާކުކަން ނޭނގޭ، އެއްވެސް ޑޮކިއުމެންޓެއް ނެތި އެހާ ގިނަ މީހުން ރާއްޖޭގައި އަދި ހާއްސަކޮށް، ދަތި އުނދަގޫ ހާލަތުގައި ދިރިއުޅެން ޖެހިފައިވާ މާލޭގައި ބިދޭސީން އުޅޭއިރު، އެމީހުންގެ ތެރޭގައި ވެސް ވަރަށް ބޮޑެތި ރޯގާ ތަކާއި ގައިންގަޔަށް އަރާ ބަލިތައް ފެތުރެއެވެ. އެކަމަކު އެމީހުން ޑޮކްޓަރަށް ދެއްކުމަށްވުރެ ގާތީ ޑޮކްޓަރަށް ނުދެއްކުމެވެ. އެމީހުން ޑޮކްޓަރަށް ނުދައްކާ ސަބަބުތައް ވެސް ބައިވަރެވެ. ފުރަތަމަ ސަބަބަކީ ފައިސާގެ ދަތިކަމެވެ. އަނެއް ސަބަބަކީ އެމީހުންގެ އަތުގައި އެއީ ކާކުކަން އަންގައިދޭ އެއްވެސް ޑޮކިއުމަންޓެއް ނެތުމުން ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމެވެ. ދެން އޮތް ސަބަބަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީން ވެސް، އެމީހުންނާ ހަވާލުވެ ހުންނަ ފަރާތުން އެއީ މާ ހަރަދު ބޮޑު ކަމަކަށްވާތީ، ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި "ޕެނަޑޯލް" ގުޅައަކުން ފުއްދާލުމެވެ. ރާއްޖޭގައި ބިދޭސީން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް ހަރަދު ބޮޑު ކަމަކަށްވާތީ، ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންވެސް ޑޮކްޓަރަށް ދައްކާލެއް ވަރަށް މަދެވެ.

ދޮޅު އަހަރަށްފަހު ރާއްޖޭއިން ހިމަބިހި ނުވަތަ މީސްލްސް ފެނިފައިވާއިރު، ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 13 ޖޫން 2017 ގައި ކަނޑައަޅާ އިޢުލާންކޮށްފައިވާ ގައުމެކެވެ.

ގައިގަޔަށް އަރާ އެބައްޔަކީ މިފަދަ އެހެން ބަލިބައްޔާ ހިލާފަށް ވަރަށް ފަސޭހަ ކަމާއެކު ގައިންގަޔަށް އަރާ އަދި ފެތުރެމުންދާ ބައްޔެކެވެ.

ރާއްޖެއިން ހިމަބިހި ހިމަބިހި ފެތުރެމުންދާކަން އިއުލާން ކުރުމާއެކު ރާއްޖޭގެ ސިއްހީ ދާއިރާ އެއްކޮށް މިވަނީ އެލަރޓަށް އަިއސްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖޭންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނަނީ އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަށް ގޮސް ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް އެދޭކަމަށެވެ.

އެޗްޕީއޭގެ ނުވަތަ ހެލްތު މިނިސްޓްރީގެ އެ އިލްތިމާސަށް ދިވެހި ރައްޔިތުން ބަލައިގަނެ، އެބުނާ ކަންކަން ކުރާނެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅާނެ އެވެ. ނަމަވެސް ހަމައެކަނި ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މިކަމަށް ހައްލެއް ނާންނާނެއެވެ. ސަބަބަކީ ދިވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ބިދޭސީން ރާއްޖޭގައި އުޅޭއިރު، އެމީހުންނަށް އެކަމުގެ ހޭލުންތެރިކަން ނެތި، އަދި އެމީހުންގެ ދިރުއުޅެންޖެހިފައިވާ ހާލަތެވެ. އެއިން މީހަކު ބަލިވެގެން ޑޮކްޓަރަށް ދެއްކޭއްނެ ގޮތެއް ނެތްއިރު، އެމީހުންގެ ތެރޭގައި ބައްޔެއް ފެތުރިއްޖެނަމަ އެއީ ހަމަ މާލެއާއި މުޅި ރާއްޖެއަށް އެބައްޔެއް ފެތުރުން ފަދަ ކަމެކެވެ.

ސަރުކާރުން ވެކްސިން ގެނެސްގެން ދިވެހިންނަށް ވެކްސިން ދެވިދާނެ އެވެ. އެކަމަކު ބޭރުމީހާއަށް ވެކްސިން ދޭނެ ގޮތަކީ ކޮބައިތޯއެވެ. އަދި އަމުދުން ކާކުކަން ނޭނގޭ ލައްކައަކާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅޭއިރު، އެއީ ބޮޑު ގޮންޖެހުމެކެވެ. އަދި އެއީ ދިވެހި ސަރުކާރުން ކުރަންޖެހޭ ބޮޑު ހަރަދެކެވެ. އަދި އަމުދުން ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ސަރުކާރުން ވެކްސިން ދިނުމަކީ ވެސް ސުވާލު އުފެދޭނެ ކަމެކެވެ.

އެހާވަރަށް ބިދޭސީން ރާއްޖޭގައި އުޅޭއިރު، ދޮޅުއަހަރަށް ފަހު، އަނެއްކާ ހިމަބިހި ރާއްޖޭއިން ފެނުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

ހިމަބިހި ފަދަ ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތްވުމަށް ސަރުކާރުން ވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަންޖެހެއެވެ. އެމީހުން ޑީޕޯޓުކޮށްލައިގެން ވިޔަސް އެކަން ކުރަން ވެއްޖެއެވެ. ދެން އޮތީ ރާއްޖޭގައި ވޯކްވިޒާ ހައްދައިގެން ގާނޫނާއި ގަވާއިދުތަކާއެއްގޮތަށް މަސައްކަތް ކުރަން އައިސްތިބި ބިދޭސީންނަށް ވެސް ދިވެހިންނެކޭ އެއްފަދައިން، ބޭސްފަރުވާ ކުރެވޭނެ ރަނގަޅު ނިޒާމެއް ހަމަޖެއްސުމެވެ. މިބުނަނީ އެމީހުންނަށް އާސަންދަ ހަމަޖައްސާ ދޭ ވާހަކައެއް ނޫނެވެ. ބުނަން މިއުޅެނީ އެމީހުންނަށް ވެސް އެކަށީގެންވާ ރަނގަޅު އަގެއްގައި ބޭސްފަރުވާ ކުރެވޭނެ ރަނގަޅުގޮތްތަކެއް ހަމަޖެހެން ޖެހޭވާހަކަ އެވެ. ނުވަތަ އެމީހުންނަށް ވޯކްވިޒާ ދޫކުރާއިރު، އެ ވޯރކްވިޒާގެ މުއްދަތަށް ހެލްތު އިންސުއަރެންސެއް އޮންނަން ޖެހެއެވެ. ހެލްތް އިންޝުއަރެންސާ ނުލާ ވޯރކްވިޒާ ދޫނުކުރާގޮތަށް ހަމަޖެއްސިދާނެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރިކުރިވަރަކަށް އެކަމުގެ ފައިދާ ހަމަ ދިވެހިންނަށް ވެސް ކުރާނެ އެވެ. އެކަށީގެންވާ އަގެއްގައި ބިދޭސީންނަށް ވެސް ބޭސްފަރުވާ ކުރެވޭނަމަ، އެމީހުން ވެސް ބަލި ވީމައި ބޭސްފަރުވާ ހޯދަން ހޮސްޕިޓަލްތަކަށް ދާނެއެވެ. އެމީހުން ހޮސްޕިޓަލްތަކަށް ދިޔައީމައި، އެމީހުންގެ ބަލިތައް، އެ ހޮސްޕިޓަލްތަކަށް އެނގުމުން ފަރުވާ ދިނުމަށް ފަސޭހަ ވާނެއެވެ. އަދި ގައިންގަޔަށް އަރާ ބައްޔެއްނަމަ ހޮސްޕިޓަލުގެ ސަމާލުކަން އައުމުން އެކަން މުޅި ހެލްތުގެ ދާއިރާގެ ސަމާލުކަމަށް ވެސް އައިސް ފަރުވާ ދެވޭނެއެވެ. ނަމަވެސް އެމީހުންނަށް އަގު ބޮޑުކޮށް ބޭސް ކުރެވޭނަމަ، އެމީހުން ހޮސްޕިޓަލްތަކާ ދުރުވާނެތާ އެވެ. އެމީހަކު އެއޮތް ތަނެއްގައި އޮވެގެން ރަނގަޅުވިއްޔާ ރަނގަޅު ވީއެވެ. އަދި އެހެން މީހުންގެ ގަޔަށް އެބައްތެއް އެރިއަށް އެރީ އެވެ. އެގޮތަށް ދޫކޮށްލުމަކީ ދިރިއުޅޭ މާހައުލުގައި ބަލިތައް އިތުރުވެ، ބަލިތައް ފެތުރެމުން ދިއުމަކީ ވަރަށް ފުރުސަތު ބޮޑުކަމެކެވެ.

ބިދޭސީންނަށް ވެސް ބޭސްފަރުވާ ކުރެވޭނެ އެކަށީގެންވާ އަގެއް ހަމަޖެހިގެން ދިއުމަކީ، އެމީހުން ހޮސްޕިޓަލްތަކާ ކައިރިވެ، އެމީހުންގެ ބަލިތައް ދެނެގަނެވި، އަދި ފަރުވާ ދެވި، އެހެން މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމެއް ނޫންތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް
20 ޖެނުއަރީ 2020 | ހޯމަ 21:01
ހަބީބު.
އެންމެކުރިން ކުރަންވީ ކަމަކީ ރިސޯޓުތައް އޮޅުވާނުލާތި މިބުނާ ވާހަކަ ރިސޯޓު ތަކުގަ ވަޒީ ފާ އަދާކުރާ މީހަކައް 10.000ރު ފިޔާގެ އުޖޫރަ ދޭންޖެހޭނެ ކަމައް ގާނޫނު ލާޒިމުކުރަންވީ އޭރުން އޯނަރުންނައް މަޖުބޫރުވާނެ ދިވެހިން ނަގަން ރައްރަށުގަ ތިބި ހަރުމީހުންވެސް އަންނާނެ ބީޗުކުނިކަހާ ރަށުތެރެވިނަ ނޮޅަންވެސް އަދިސްކޫލު ނިންމާ ދަރިވަރުންވެސް ނިކުންނާނެ ވީމާ މިކަންކޮއްދެއްވާ
20 ޖެނުއަރީ 2020 | ހޯމަ 16:45
ކަރިޝް
އެއްވެސް ސަރުކާރަކަށް ހައްލުކުރވޭނެކަމެއްނޫން ތީ ދޭތެރެ ދޭތެރެއިން އެކަމާ ބެހޭމިނިސްޓްރިން އުޅެލާނެ ގޮތްދައްކަން