ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 19:36
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް
ސިމާހާ ނަސީމް
މާފަރު އެއަރޕޯޓް
މާފަރު އެއަރޕޯޓް ބޮޑުކުރަން ހުއްދަ ދީފި
 
ހުއްދަ ދެއްވާފައިވަނީ އެ މަޝްރޫޢުގެ ސަބަބުން ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކުކަމަށް މިނިސްޓްރީން ބުނޭ
 
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިނިސްޓަރ އެގޮތަށް ނިންމެވީ ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށް

ނ. މާފަރުގައި ޤާއިމުކޮށްފައިވާ 'މާފަރު އިންޓަރނޭޝަނަލް އެއަރޕޯރޓް' އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫޢު ކުރިއަށްގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ދެއްވައިފިއެވެ.

މިނިސްޓަރު މި ހުއްދަ ދެއްވާފައިވަނީ، ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް ތައްޔާރުކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް މުރާޖަޢާކުރުމަށްފަހު، އެ މަޝްރޫޢު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނިންމި ނިންމުން ޕްލޭނިންގ މިނިސްޓްރީ އިން އެންވަޔަރަންމަންޓް މިނިސްޓަރަށް އިސްތިޢުނާފުކުރުމާ ގުޅިގެން 'ތިމާވެށްޓަށްކުރާ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދު' ގެ ދަށުން އެ މައްސަލަ ބެއްލެވުމަށްފަހުގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި މައްސަލަ ބެއްލެވުމުގެ ގޮތުން ޤަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މައްސަލަ ތަޙުޤީގު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އޮފިސަރަކާއި ޙަވާލުކޮށް އޭނާ ހުށައެޅި ރިޕޯޓަށާއި، ޖުމުލަކޮށް ދެވަނަ އެޑެންޑަމް ރިޕޯޓަށާއި، ވަކިން ޚާއްޞަކޮށް އެ ރިޕޯރޓްގެ ކޮންކްލޫޝަންސްގެ އެންމެ ފަހު ޕެރެގްރާފުގައި، "ޕްރޮޖެކްޓް ތަންފީޒުކުރުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި (މިޓިގޭޝަންސް މެޝަރސް އާއި)އަށް ބެލިކަމަށެވެ. އަދި މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިންގ ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް، މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ލަފާދޭ (ރިކަމެންޑް ކުރާ) ކަމަށް" ބުނެފައިވާ ބުނުން އިތުރަށް ދިރާސާކޮށްފައިވާ ކަމަށެވެ.

އެގޮތުން މައްސަލާގެ ޙަޤީގަތްތައް އިތުރަށް އޮޅުންފިލުވުމަށް މި ހިނގާ ޖަނަވަރީ މަހު 7 އިން 8 އަށް މިނިސްޓްރީގެ ވަފުދަކާއެކު މިނިސްޓަރ މާފަރަށް ޒިޔާރަތްކޮށް، އެރަށުގެ ރަށު ކައުންސިލާއި، ރައްޔިތުންނާއި، އަދި ނ އަތޮޅުގެ އަތޮޅުކައުންސިލްގެ މަސްޢޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝަވަރާތަކަށާއި، މި މަހު 9 ވަނަ ދުވަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްޢޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ މައްޗަށާއި، މި ބައްދަލުވުންތަކުން ލިބުނު އިތުރު މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކުރި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ މި ހުއްދަ ދެއްވާފައިވަނީ އެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކު، އެ ރިޕޯޓުގައި ކަނޑައަޅާފައިވާ ފަދަ މެނޭޖްމަންޓް ޕްލޭނަކާއި، މޮނިޓަރިންގް ޕްލޭނަކާއެކު، އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މާފަރު އެއަރޕޯޓުގެ އީއައިއޭ ހެދުމަށް ފަހު، އެ މަޝްރޫޢު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭ އިން ބުނެފައިވަނީ، މާފަރު އެއަރޕޯޓްގެ އެކްސްޕެންޝަން މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޮއިންގ 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއަރޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާއަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މާފަރު އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަބޫދާބީ ފަންޑުގެ އެހީގައި ތަރައްޤީކޮށްފައިވާ އެ އެއަރޕޯޓަކީ އެއަރ-ބަސް އޭ320 އަދި ބޮއިންގ 737 ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
25%
0%
25%
ކޮމެންޓް