ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 16:57
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-
ރައީސް އޮފީސް
2019 ވަނަ އަހަރު ޖުޑީޝަރީ
2019 ވަނަ އަހަރު: ޖުޑީޝަރީ އިސްލާހު ކުރުމުގެ ފެށުން!
ޖުޑީޝަރީ އިސްލާހު ކުރުމަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އެންމެބޮޑު އެއް ވައުދު
މިހާރު ކުރިން ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ
ޖޭއެސްސީގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލެއް އުފައްދާފައިވޭ

ޖުޑީޝަރީ އިޞްލާޙު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވަޢުދެވެ.

ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް ފެއްޓެވިނަމަވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ކޯލިޝަނުގައި އޮތްނަމަވެސް، ޖުޑީޝަރީ އިޞްލާޙު ކުރުމުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން މާބޮޑު އެދެވޭ އެއްބާރުލުމެއް ދިންތަނެއް ނުފެނުނެއެވެ. ޖުމްހޫރީ ޕާޓީން ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގަ މުހިންމު ބައެއް ކަންކަމުގައި އެއްބާރުލުން ދެމުންދިޔައީ، އިދިކޮޅު ޕީޕީއެމަށެވެ. ވަކިން ޚާއްޞަކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދުވަސްކޮޅު މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގަ ހުންނަވައިގެން، ސަރުކާރުން ހުށަހެޅި ބައެއް ކަންކަން ފާސްކުރުން މަޑު ޖައްސާލާފައި ވެއެވެ. ނުވަތަ ފާސްކުރުމާ ދެކޮޅު ހައްދަވާފައި ވެއެވެ. އެގޮތުން، ރިޔާސީ ކޮމިޝަނުގެ ބިލާއި، ޤާނޫނީ ފަންނުގެ ބިލު ހިމެނެއެވެ. ޤާނޫނީ ފަންނުގެ ބިލު ފާސްކުރުމަށް ޤާސިމް ދެކޮޅު ހެއްދެވީ، އެމަނިކުފާނުގެ ކުރީގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ޕަބްލިކް ސަރވިސް މީޑިއާގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކުރާމްގެ އަނބިކަބަލުން ލަޠީފާ ޤާސިމް ޖޭއެސްސީގައި ފުރުއްވަމުން ގެންދަވާ ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ ޖޭއެސްސީގެ މެންބަރުކަން ގެއްލިގެންދާތީ އެވެ.

އެހެންކަމުން ސަރުކާރާއި، އެމްޑީޕީން ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވެންދެން މަޑުޖައްސާލިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވި، 2019 ވަނަ އަހަރުގެ މޭ 28 ވަނަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި މެންބަރުން ހުވާކުރައްވައި، 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ އެމްޑީޕީން ވި ވަޢުދުތައް، ވަކިން ޚާއްޞަކޮށް، ޖުޑީޝަރީ އިޞްލާޙު ކުރުމަށްވީ ވަޢުދު ފުއްދުމަށްޓަކައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ދީފައެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައެވެ.

އެހިސާބުން ރައްޔިތުންގެ މަޖިލީހުގައި ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އަވަސް އަރުވާލައިގެން އެކަން ކުރުމަށްވުރެ، ތަންކޮޅެއް ހަމަޖެހިލައިގެން ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޙްމަދު ޢަބްދުﷲދީދީއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ފެންމަތި ވުމުން ޖުޑީޝަރީ އިޞްލާޙު ކުރުމަކީ ވަގުތުން މިވަގުތަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤަބޫލު ކުރެވިގެން ދިޔައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމާއެކު، މަޖިލީހުގެ ރައީސްގެ ގޮތުގައި އަދި ޖޭއެސްސީގައި މެންބަރުގެ ގޮތުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަނޑައެޅިގެން ދިޔައެވެ. އަދި ޖޭއެސްސީގައި އިންނަވާ މަޖިލިސް މެންބަރު ގޮނޑިއަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާނު ހުސައިން މަޖިލީހުން ކަނޑައެޅި އެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއެކު، ޖޭއެސްސީގެ މެންބަރުންގެ ގޮތުގަ ގިނައިން ތިއްބެވީ މީގެ ކުރިން ޖުޑީޝަރީ އިޞްލާޙު ކުރަންޖެހޭ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި މެންބަރުންނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަރީ އިޞްލާޙު ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމާއެކު، މަޖިލީހުގައި ޖުޑީޝަރީއަށް ޚާއްޞަކޮށް "ޖުޑީޝަރީ ކޮމެޓީ"ގެ ނަމުގައި ދާއިމީ ކޮމެޓީއެއްވެސް އުފެއްދި އެވެ.

ޖުޑީޝަރީ ކޮމެޓީ އުފެދުމާއެކު، އެކޮމެޓީން ވަނީ ޖޭއެސްސީގެ މެންބަރުންނާ ބައްދަލުކޮށް، ޖޭއެސްސީގެ މެންބަރުން ހިއްސާކުރެއްވި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ތައްޔާރު ކޮށްފައެވެ. އެ ރިޕޯޓާއި ގުޅިގެން އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޙްމަދު ޢަބްދުﷲދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމުގެ "އަޖަލު" ހަމަވަނީ ކަން އެނގުން ފަދައެވެ. ފާޑުފާޑުގެ ބަޔާންތައް ނެރެ، ހަމަ ކުރިންވެސް އުޅުއްވި ގޮތަށް، އެބޭފުޅުންގެ ގަދަކަން ދައްކަން ފެއްޓެވިއެވެ.މަޖިލީހުގެ އެރިޕޯޓުގައި ވާގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ޖޭއެސްސީއަށް ވަނީ ކުރިމަތި ކުރުވާފަ އެވެ. އަދި ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.

މީގެއިތުރުން، ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުން އެ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްކުރުމުގެ އިހުތިޞާޞްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ވެފައިވާކަން އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން 14 ކަމެއް އެ ރިޕޯޓުގައި ފާހަގަކޮށްފައި އެވެ.

އެރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވަރަށް ގިނަ މެންބަރުން ޖުޑީޝަރީއަށް ފާޑުކިޔާފައި ވެއެވެ. އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ޤާނޫނުއާސާސީއާއި ޤަނޫނުތަކާ ޚިލާފަށް ނެރެފައިވާ ޢަމުރުތަކާއި ޤާނޫނުތަކާއި ޚިލާފަށް ހިންގާފައިވާ ޢަމަލުތަކުގެ މައްޗަށް ބިނާކޮށް، ޖޭއެސްސީން މަޖިލީހަށް ރިޕޯޓެއް ހުށަހެޅުމަށް ފާސްކުރި އެވެ. އަދި އެފާސް ކުރި ފާސްކުރުމާގުޅިގެން، ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ނިންމާފައިވާ 17 ނިންމުމެއް ފާހަގަކޮށް މަޖިލީހަށް ރިޕޯޓެއް ހުށަހަޅާފައެވެ.

އޭގެތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ފުއާދު ތައުފީޤު ހުންނަވަނިކޮށް، އަދި އެކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމުގައި އަޙްމަދު ފަޔާޒު ހުންނަވަނިކޮށް، ސުޕްރީމް ކޯޓުން އަމިއްލަ އިސްނެގުމުގެ މަތިން، ޖިނާޢީ ކުށެއް ކުރިކަން ސާބިތުވާކަމަށް ކަނޑައަޅައި، އެދެ ބޭފުޅުން މަޤާމުން ވަކިކުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް ވެސް އަމިއްލަ އިސްނެގުމުގެ މަތިން ސުމޯޓޯ މައްސަލައެއް ހިންގާ، އެކޮމިޝަނުގެ ބާރު ކަނޑުވާލި މައްސަލައާއި އެކެއް ފެބްއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު، އެ އަމުރު ނެރުނު ފަނޑިޔާރުން ބާޠިލު ކުރުމާއި ޖޭއެސްސީގެ ބާރު ކަނޑުވާލުމާއި ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން އެއްފަހަރާ ސަސްޕެންޑްކުރުން ފަދަ ކަންކަން ހިމެނެއެވެ.ޖޭއެސްސީގެ އެ ރިޕޯޓާއި ގުޅިގެން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކުރި އެވެ.

ޖޭއެސްސީގެ އެ ރިޕޯޓާއި އަދި މަޖިލީހުން އެ ރިޕޯޓާއި ގުޅިގެން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ޢަމުރެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ނުބެލޭނެ ކަމަށެވެ. އަދި އެކަން ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީއަށާއި ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ. އަދި ސުޕްރީމް ކޯޓުން ބުނެފައިވަނީ އެފަދަ ކަމަކާ ގުޅޭ ކޮންމެ ނިންމުމެއް ނިންމިޔަސް އެވާނީ ބާޠިލު ނިންމުމެއް ކަމަށެވެ.ސުޕްރީމް ކޯޓުން ޖޭއެސްސީއަށާއި ރައްޔިތުންގެ މަޖިލީހަށް ޢަމުރުކޮށް، ބަޔާން ނެރުނު ނަމަވެސް، މަޖިލީހުން ބުނެފައިވަނީ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ބާރާއި އިހުތިޞާޞަށް ސުޕްރީމް ކޯޓަށް އަރައި ނުގަނެވޭނެ ކަމަށެވެ. އަދި ޖޭއެސްސީއަށް ޤާނޫނުއަސާސީންނާއި އެކޮމިޝަނުގެ ޤާނޫނުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރައްވަމުން ގެންދިއުމަށް މަޖިލީހުން އޭރު ޖޭއެސްސީއަށް އެންގިއެވެ.

އޭރު ސަރުކާރުން އޮތީ މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އަށް އިތުރު ކުރުމަށް ކޯޓުތަކުގެ ޤާނޫނަށް އިއިޞްލާޙު ހުށަހަޅާފައެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އަދި އެ ޤާނޫނުގަ ވެސް އޮތީ، އުއްތަމަ ފަނޑިޔާރާއެކު އެކޯޓުގައި ތިއްބަވާނީ ހަތް ފަނޑިޔާރުން ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނު ޖަހާހާ ބެރަކަށް ނަށަށް ބޭނުންނުވާ ދެ ފަނޑިޔާރުން ތިއްބެވިއެވެ. އެއީ، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެހެންކަމުން އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ނިންމީ، ކޯޓުގެތަކުގެ ޤަނޫނަށް އިޞްލާޙު ގެނެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 އަށް ތިރިކުރުމެވެ. އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރެއްވިއިރު، އެ ދެ ބޭފުޅުންނަށް ޖަވާބުދާރީ ވުމަށް ފުރުޞަތެއް ވެސް ދެއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙުގެ ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އަށް އިތުރު ކުރުމަށް ހުށަހެޅުމުން މަޖިލީހުން ވެސް ވަނީ އެކަން އެގޮތަށް ފާސްކޮށްފަ އެވެ. އަދި ރައީސް ޞާލިޙު ޖޭއެސްސީއަށް މަޝްވަރާ ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ފުރުއްވި، ޑރ. އަޒްމިރަލްދާ ޒާހިރާއި، ކުރިން ސިވިލް ކޯޓުގައި ގާޒީ ކަމުގެ މަޤާމު އަދާކުރެއްވި އާއިޝަތު ސުޖޫން ޢައްޔަނު ކުރެއްވުމަށެވެ. ޖޭއެސްސީން ރައީސަށް މަޝްވަރާ ދެއްވީ އެ ދެ ފަނޑިޔާރުން ޢައްޔަނު ކުރުމަށެވެ. އަދި މަޖިލީހުން ވެސް އެ ދެ ބޭފުޅުންގެ ނަންފުޅު ފާސްކޮށް، ރައީސް ޞާލިޙު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އެ ދެ ފަނޑިޔާރުން ޢައްޔަނު ކުރައްވާފައެވެ.

ޖޭއެސްސީން ނިންމައި، މަޖިލީހުން ފަނޑިޔާރުން މަޤަމުން ވަކިކުރުން:

* ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު: އޭނާއަކީ ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، މަޤާމުން ވަކިރަން ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ފާސްކުރި ފުރަތަމަ ފަނޑިޔާރެވެ.

* ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ: ޢަބްދުﷲ ދީދީއަކީ ރައީސް ޔާމީނަށް ވަފާތެރި ފަނޑިޔާރެއްކަމަށް އޭނާ، ކްރިމިނަލް ކޯޓުގައި ހުންނެވި ދުވަސްވަރު ވެސް އަޑުތައް ފެތުރިފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށާއި ކާނަލް މުޙައްމަދު ނާޒިމާއި، ސިޔާސީ އެހެން ފަރާތްތަކުގެ މައްޗަށް ކުރި ޙުކުމްތަކާއި ޢަމުރުތަކުގެ އިނާމެއްގެ ގޮތުން ކުރު މުއްދަތެއްގައި މަޤާމުގެ އެންމެ ބޮޑު ކުރިއެރުމެއް ހޯއްދެވި ފަނޑިޔާރުގެ ގޮތުގައި ދީދީ ފާހަގަ ކުރެވޭއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ކުޑަ ދުވަސްކޮޅަކު ހުންނެވުމަށްފަހު، ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ވަޑައިގެންނެވި އެވެ. އަދި އޭގެ ފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވި އެވެ. މަޤާމުގެ އެ ކުރިއެރުންތައް ހޯއްދަވާފައިވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައެވެ.

* އުއްތަމަ ފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ހުންނަވާ ފަނޑިޔާރު ޢަބްދުﷲ އަރީފު ވަނީ މަޤާމުން ވަކި ކުރުމުގެ ކުރިން އިސްތިޢުފާ ދެއްވާފައެވެ. އަދި އެންމެފަހުން ފަނޑިޔާރު ކަމުން ވަކި ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދު ޣަނީ މުހައްމަދެވެ.

* މީގެއިތުރުން، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ހައިލަމް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ ވެސް ވަނީ އިސްތިޢުފާ ދެއްވާފަ އެވެ.

ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓުގައި ތިއްބެތި ފަނޑިޔާރުންގެ ބެންޗު އެއްކޮށް މިހާރު މިވަނީ ބަދަލުކޮށް ނިމިފަ އެވެ.

ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަނޑިޔާރުންނަކީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ހުސްނުއްސޫދު އެވެ. އަދި އިތުރު ދެ ފަނޑިޔާރެއް ސުޕްރީމް ކޯޓަށް ޢައްޔަނު ކުރަން ޖެހޭއިރު، ރައީސް ޞާލިޙު ވަނީ ޖޭއެސްސީއަށް އެ ދެ ފަނޑިޔާރުންގެ ނަންފުޅު ޖޭއެސްސީގެ މަޝްވަރާއަކަށް އެދިވަޑައިގަންނަވާފަ އެވެ. އެގޮތުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނެވި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްގެ މައްސަލައަކާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިންގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ، އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރުމާމެދު ޖޭއެސްސީން އަދި ވަކިގޮތެއް ނުނިންމައެވެ.

ޝަރުޢީ ކޯޓުތަކުގައި މިއަހަރު އެންމެ ފާހަގަކޮށްލެވޭ ޝަރީއަތްތައް:

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދަޢުލަތުން އުފުލި މަނީ ލޯންޑަރިންގގެ ދަޢުވާއާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، 5 އަހަރަށް ޖަލަށްލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އެޙުކުމުގައި ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ވެއެވެ.

މީގެއިތުރުން، ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

- ކޮމެންޓް