ޓެކްސް ނަގަން ސަރުކާރަށް މަޖުބޫރުކުރަނީ ރައްޔިތުން، އެއީ ނަގަންޖެހޭ އެއްޗެއް:އުއްޗު
ޓެކްސް ނަގަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށް ވިދާޅުވި


މުހައްމަދު މޫސާ (އުއްޗު)
ޓެކްސް ނަގަން ސަރުކާރަށް މަޖުބޫރުކުރަނީ ރައްޔިތުން ކަމަށާއި އެއީ ނަގަންޖެހޭ އެއްޗެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ އަތުން ޓެކްސް ނަގަން މަޖުބޫރު ކުރުވަނީ ހަމަ އެ ރައްޔިތުން ކަމަށެވެ. އަދި ޓެކްސް ނަގަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އުއްޗު ވިދާޅުވިއެވެ.
އުއްޗު ވިދާޅުވީ ޓެކްސްއަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ނަގަންޖެހޭ އެއްޗެއް ކަމަށެވެ. ރައްޔިތުންގެ ޑިމާންޑުތައް މަތިވަމުންދާ ވަރަކަށް ސަރުކާރަށް އެކަންކަން ކޮށްދިނުމުގެ ޕްރެޝަރ ބޮޑުވާނެ ކަން ފާހަގަކުރައްވާ އުއްޗު ވިދާޅުވީ ސަރުކާރަށް އެ ފައިސާ ނުލިބޭނަމަ ޖެހޭނީ ބޭރު ޤައުމުތަކުން ދަރަންޏަށް ފައިސާ ނަގަން ކަމަށެވެ.
އިތުރަށް އުއްޗު ވިދާޅުވީ ކުރީ ސަރުކާރަށް ފާޑުކިޔާ މަންޒަރު ފެންނަ ކަމަށެވެ. ނަމަވެސް ދަންނަން ޖެހޭ ހަޤީޤަތަކީ ރާއްޖެ މިހާހިސާބަށް އައީ އެ ސަރުކާތުތަކުގެ ސަބަބުން ކަމަށެވެ.







