ހަވާސާވެފަ ތިބި ޒުވާނުންތަކެއް ފެންނަނީ، އެޒުވާނުން މުޖްތަމަޢަށް ގެންނަން ދައުލަތް އިހުމާލުވެފައިވާތީ: ރައީސް ޞާލިޙު
10 ޑިސެމްބަރު 2019 | އަންގާރަ 07:56ޒުވާނުންގެ ޒިންމާ ވަރަށް ބޮޑު

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
މުޖުތަމަޢުން ހަވާސާވެފައި ތިބި ޒުވާނުންތަކެއް ފެންނަމުންދަނީ، އެ ޒުވާނުން ސަލާމަތްކޮށް، މުޖްތަމަޢަށް އަނބުރާ ގެނައުމުގައި މުޅި ދައުލަތް އިހުމާލުވެފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ޞާލިޙު ވިދާޅުވީ މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރުވެސް، ޒުވާނުންނަށް ޢަމާޒުކޮށްފައި އޮތުމުން، މިކަމުގައި ޒުވާނުންގެ ޒިންމާ ވަރަށް ބޮޑުކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރެވޭނީ، އިންސާނީ ކަރާމާތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ސިފަ ޒުވާނުން ކިބައިގައި އަށަގަނެގެން ކަމަށެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޒުވާނުން އިސްނަގައި މަސައްކަތް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ ޒުވާނުންނަށްޓަކައި ފުރިހަމަކޮށްދޭންޖެހޭ ވަރަށް ގިނަ ޙައްޤުތަކެއް މިހާރުވެސް އެބަހުރި ކަމަށާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމަޢުން ހަވާސާވެފައި ތިބި ޒުވާނުންތަކެއް ފެންނަމުން އެދަނީ، އެ ޒުވާނުން ސަލާމަތްކޮށް، މުޖްތަމަޢަށް އަނބުރާ ގެނައުމުގައި މުޅި ދައުލަތް އިހުމާލުވެފައިވާތީ ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ މިވެރިކަމުގައި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދާ ޒުވާނުން ދޫކޮށްނުލާ މުޖުތަމަޢަށް ނެރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރާއްޖޭގެ ތިމާވެއްޓަށް އަލިއަޅުއްވާލައްވާ ރައީސް ޞާލިޙު ވިދާޅުވީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން، ދުނިޔޭގެ ފެންވަރުގައިވެސް، މިއަދު އެންމެ ބޮޑު އިސްކަމެއްދެނީ، ތިމާވެށި ރައްކާތެރި ކުރުމަށް ކަމަށާއި، ތިމާ ދިރިއުޅޭ މާޙައުލަކީ، ދިރިހުރުމުގެ ޙައްޤު ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ މާޙައުލަކަށް ހެދިގެން ނޫނީ، އިންސާނީ ޙައްޤުތަކުގެ އެންމެ ފުރަތަމަ ޙައްޤުކަމަށްވާ ދިރިހުރުމުގެ ޙައްޤުވެސް ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގެ ތިމާވެށްޓަށް ހުރި އެންމެ ބޮޑު ގެއްލުމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ކަމަށާއި، ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ރާއްޖެއަކީ ޕްލާސްޓިކް އެއްގޮތަކަށްވެސް ނުގެންގުޅޭ ޤައުމަކަށް ހެދުމަށް ކަމަށެވެ. އަދި ރާއްޖެ ތަރައްޤީ ކުރުމުގައި ގެންގުޅެނީ، ތިމާވެށްޓާ އެއްކީލި ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ ރައްކާތެރި މާޙައުލެއްގައި ދިރިއުޅުމުގެ ޙައްޤަށް އެންމެ ބޮޑަށް ހުރަސްއެޅެނީ، އިޤްތިޞާދީ ބައެއް ޙަރަކާތްތަކުގެ ސަބަބުން ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރެވޭ ފައިބަރުގެ މަސައްކަތްތަކާއި، ގޭބިސީތައް ކައިރީގައި ހިންގާ ވަރކްޝޮޕްތަކާއި، ގަރާޖުތަކުގެ ސަބަބުން، ފުރާނައަށް ގެއްލުންވާ އެތައް މައްސަލަތަކެއް ކުރިމަތިވާކަން ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ.







