ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 22:50
ސައުދީ އަރަބިއްޔާގެ މެކްޑޮނަލްޑްސް ރެސްޓޯރެންޓް
ސައުދީ އަރަބިއްޔާގެ މެކްޑޮނަލްޑްސް ރެސްޓޯރެންޓް
ސައުދީގެޒެޓް
ސައުދީ އަރަބިއްޔާ
މިންތީގެ ހަމަހަމަކަން ނެގެހެއްޓުމަށް ސައުދީން އަނެއްކާވެސް ކުރިޔަށް ފިޔަވަޅެއް!
ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އަންހެނުންނަށް ލައިސަންސް ދިނުން ހުއްދަކުރައްވާފައި
އަންހެނުން މަހުރަމަކާ ނުލައި ޤައުމުން ބޭރަށް ދަތުރުކުރުމަށް ހުއްދަ ދެއްވި
ސްޓޭޑިއަމްތަކަށް ކުޅިވަރު ބަލަން އަންހެނުންނަށް ފުރުޞަތު ލިބިގެންދިޔަ

ގަލްފު އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ސައުދީ ޢަރަބިއްޔާގައި އަންހެނުންނާއި އަންހެން ކުދިން ދިރިއުޅެމުން އައީ ވަރަށް ތަފާތު ގޮތަކަށެވެ. ތަފާތޭ މިދެންނެވީ ނިޒާމީ މައްސަލަތަކާއި އަދި އެޤައުމުގެ ޒަމާންވީ އާދަކާދައިގެ ތެރެއިން އަންނަ ފަރިތަކުރުންތަކެއްގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންގެ ދިރިއުޅުމުގެ ވަށްޓަފާޅި އަވަށްޓެރި އެހެން ޤައުމުތަކާއި ތަފާތު ވާހަކައެވެ. ސައުދީއަށް ބަލާއިރު އަންހެންވެރިން ބޭރަށް ނިކުމެ އުޅުމާއި، ދަތުުރުފަތުރުކުރުމާއި، ދިރިއުޅުމުގެ އެހެނިގެން ޒަރޫރީ ކަންކަން ފުއްދުމުގައި ގެންގުޅެން ޖެހޭ އުޞޫލުތައް ފިރިހެނުންނާއި ހާސް ބައި ތަފާތެވެ. ޒަމާން ބަދަލުވެ، ސައުދީ އަރަބިއްޔާގެ އަންހެނުން، ވަކިން ޚާއްޞަކޮށް އަންހެނުންގެ ޙައްޤުތައް ހޯދުމަށް ވަކާލާތުކުރާ ފަރާތްތަކުން ދިޔައީ މި ޘަޤާފަތް ބަދަލުކުރަން އަޑު އުފުލަމުންނަމެވެ.

ނަމަވެސް، އެޤައުމުގެ ޘަޤާފަތާއި، ރަސްކަމުގެ ތަޚުތުން ތަންފީޒުކުރަމުންދާ ޚާއްޞަ އުޞޫލުތަކުގެ ސަބަބުން އަންހެނުންނަށް އެހައި މިނިވަން މާހައުލެއްގައި، ނުވަތަ ވެއްޓެއްގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު އޮންނަނީ ހަނިވެފައެވެ. އަންހެނުންގެ ޙައްޤު ހޯދުމަށް ނުވަތަ އެޤައުމުގައި ފަރިތަކުރަމުންދާ ވަށްޓަފާޅި ބަދަލުކުރުމަށް ވަކާލާތު ކުރާ ބައެއް އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލުގެ ތޭރިތަކުގައި ދުވަސްތައް ގުނަން ޖެހޭ ބައެއް ފަހަރު އާދެއެެވެ.

މި މަންޒަރު ބަދަލުވެގެން ދިޔައީ 2017 ވަނަ އަހަރު، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަލް-ސައުދު އޭރުގެ އަމީރު މުޙައްމަދު ބިން ނާއިފު ގެ ބާރުތައް ނަންގަވާ ދަރިކަލުން ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒާއި ޙަވާލުކުރެއްވި ހިސާބުންނެވެ. އެއަހަރުގެ ޖޫން މަހު ވަލީ އަހުދުކަމާއި ޙާވާލުވެވަޑައިގެންނެވި އިރު، ބޮޑު ވަޒީރުގެ ނައިބުކަމާއި، އިޤްތިޞާދާއި ތަރައްޤީއާއި ބެހޭ ކައުންސިލުގެ ޗެއަރމަންކަމާއި،ސިޔާސީ އަދި ސަލާމަތީ ކަންތައްތަކާއި ބެހޭ ކައުންސިލުގެ ޗެއަރމަންގެ އިތުރުން ދިފާޢި ވަޒީރުގެ މަޤާމުވެސް ޙަވާލުކުރެއްވިއެވެ، މި ބަދަލާއެކު މުހައްމަދު ބިން ސަލްމާން ވެފައިވަނީ ސަލްމާން ރަސްގެފާނަށް ފަހު ސައުދީ އަރަބިއްޔާގެ އެންމެ ބާރުގަދަ ބޭފުޅާއަށެވެ.

2017 އިގައި މިހުރިހައި ބާރެއް ލިބިވަޑައިގެންނެވި އިރު، އެމަނިކުފާނު ޤައުމަށް ގެންނަވަން ފެއްޓެވި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި އިޖުތިމާޢީ ތަރައްޤީގެ މަގުގައި ކަންކަން ތަންފީޒުކުރެއްވުން ހިމެނެއެވެ. ވަކިން ޚާއްޞަގޮތެއްގައި ޒަމާންތަކެއް ވަންދެން އެޤައުމުގެ އަންހެނުން ގެންގުޅުނު ހަމަތައް، ނުވަތަ ދިރިއުޅެމުން އައި ބައެއް ޘަޤާފަތްތަކަށް ބަދަލުގެންނަން ފެއްޓެވިއެވެ. ޒުވާން ބޭފުޅަކު ޒަމާނީ ބަދަލުތަކެއް ގެންނަން ފެށުން ވެގެން ދިޔައީ އަންހެނުންގެ ހަޤުތަކަށް ވަކާލާތުކުރާ ބޭފުޅުންނަށާއި، ގިންތީގެ އަދި މިންތީގެ ހަމަހަމަކަން އަށަގެންނެވުމަށް މަސައްކަތްކުރެއްވި މީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރަކަށެވެ.

މުޙައްމަދު ބިން ސަލްމާން އެންމެ ފުރަތަމަ ގެންނެވި ބަދަލަކީ، އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އެއީ 2018 ވަނަ އަހަރުގެ ޖޫންމަހެވެ. ވަޒީފާައަށް ދިއުމަށާއި ޤައުމުން ބޭރަށް ދަތުރުކުރުމުގައި ވާރުތަވެރިޔާ ނުވަތަ ވަލީވެރިން އަތުން ހުއްދަ ނެގުމަށް އޮންނަ އުޞޫލު ނުވަތަ މަހުރަމަކާ ނުލާ ބޭރު ޤައުމަކަށް ދަތުރުނުކުރެވޭ ގޮތައް އޮންނަ އޮތުން 2019 ވަނަ އަހަރުގެ އޯގަސްޓު މަހު ބަދަލުކުރެއްވިއެވެ. އަދި ޘަޤާފީ ހަމަތަކުގެ ތެރެއިން އަންހެނުންނަށް ހުޅުވިފައިވާ މާޙައުލުތަކުގައި ހުށަހެޅުން ބަންދުކުރެވިފައި އޮތް އޮތުން ހުއްދަކުރެއްވިއެވެ. އެއާއެކު މިއަހަރުތެރޭގައި ފެނިގެން ދިޔައީ ސައުދީ އަރަބިއްޔާގެ އަންހެން ލަވަކިޔުންތެރިއަކު ތާރީޚުގައި ފުރަތަމަ ފަހަރަށް ޢާންމުކޮށް ލައިވް ކޮންސަޓެއް ބޭއްވި މަންޒަރެވެ. އަދި މި ގެނައި ބަދަލުގެތެރެއިން އަންހެނުންނަށް އެކި ބާވަތުގެ ކުޅިވަރުތައް ބަލަން ދަނޑަށް ވަނުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ. އަދި ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް އޮތް ފުރުޞަތު ފުޅާކުރެއްވިއެވެ.

މި ހުރިހައި ބަދަލުތަކަކީވެސް، އަންހެނުންނަށް ގިންތީގެ މިނިވަންކަމާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރެއްވުމަށް އެމަނިކުފާނު ތަންފީޒު ކުރެއްވި ކަންތައްތަކުގެ ގޮތުގައި ސައުދީގެ އަންހެނުންނާއި، އެކްޓިވިސްޓުން ސިފަކުރެއެވެ. މުޙައްމަދު ބިން ސަލްމާން މިވަނީ މިންތީގެ ހަމަހަމަކަން ޤާއިމުކުރައްވާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ އަނެއްކާވެސް އާ ކަމެއް ތަންފީޒުކުރައްވާފައެވެ. އެއީ ކުރިން އެޤައުމުގެ ކެފޭ ރެސްޓޯރެންޓުތަކުގައި ޢާންމުކޮށް އަންހެނުންނާއި، ފިރިހެނުން ވަކިން ވަންނަގޮތައް އޮންނަ އޮތުން ބަދަލުކުރުމެވެ. މީގެކުރިން ފިރިހެނުންނަށާއި، އަންހެނުންނަށް އެތަންތަނަށް ވަނުމަށް ވަކިން ޚާއްޞަ ދޮރުތަކެއް ހުރެއެވެ. މިސާލަކަށް ބަލާނަމަ، ޢާއިލާއެއް އެއްކޮށް ކެފޭ ރެސްޓޯރެނމްޓަކަށް ކެއުމަކަށް ގޮސްފިނަމަ މަންމަ ނުވަތަ އަނބިމީހާއާއި ތުއްތު ދަރިން ވަކި ދޮރަކުން ،އަދި ބައްޕަ ނުވަތަ ފިރިމީހާ ނޫނީ ބޮޑެތި ފިރިހެނުން ވަންނަން ޖެހޭނީ އެހެން ދޮރަކުންނެވެ. މިއީ އެޤައުމުގެ ސަރުކާރުން ކުރިން މަޖުބޫރުން ކުރުވަމުން އައި ކަމެކެވެ.

ސައުދީ ސަރުކާރުން މިހާރުވަނީ ރެސްޓޯރެންޓުތަކުގައި ވަކި ވަކި ދޮރު ބެހެއްޓުމަކީ ވިޔަފާރި ކުރާ ފަރާތްތަކަށް އޮންނަ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ނިންމަވާފައެވެ. އެހެންކަމުން މީގެ ފަހުން ޢާއިލާއަކުން އެއްކޮށް ރެސްޓޯރެންޓަށް އެއް ދޮރަކުން ވަންނަން ބޭނުންވާނަމަ އެކަންކުރެވޭ ގޮތައް މިހާރު އޮތީ މަގުފަހިވެފައެވެ. މުޖުތަމަޢުގައި އަންހެނުން ބާރުވެރިކޮށް ހަމަހަމަކަން ޤާއިމުކުރެއްވުމަށް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަޅުއްވާ ސާދާ ފިޔަވަޅުތަކުގެ ސަބަބުން، ސައުދީ އަރަބިއްޔާގެ ޒުވާނުން، ޚާއްޞަކޮށް އަންހެނުންނާިއ އެކްޓިވިސްޓުން ގެންދަނީ ވަލީ އަހުދަށް ތަޢުރީފު ކުރަމުންނެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުންވެސް ވަނީ ސައުދީ އަރަބިއްޔާއަށް ވަލީ އަހުދު ގެންނަވާ އިޖުތިމާޢީ އިޞްލާހީ ބަދަލުތައް ބަލައިގަންނަކަން ފާޅުކުރަމުންނެވެ.

ސައުދީ އަރަބިއްޔާގެ ރައްޔިތުންވެސް އަދި ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް މިކަން ބަލައިގަނެފައިވަނީ މިންތީގެ ހަމަހަމަކަން ނެގެހެއްޓުމަށާއި، ދެމެހެއްޓުމަށް ސައުދީ ސަރުކާރުން ކުރިޔަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ. އަދި ބާބަށް އިތުރުވެގެން ދިޔަ އާބޮޅެއްގެ ގޮތުގައެވެ.

- ކޮމެންޓް