ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 18:54
ރަންނަމާރިއަށް ވެދުން ކުރުމަށް އަންހެން ކުއްޖަކު ޒީނަތްތެރިކޮށްގެން ގެންދާ މަންޒަރު
ރަންނަމާރިއަށް ވެދުން ކުރުމަށް އަންހެން ކުއްޖަކު ޒީނަތްތެރިކޮށްގެން ގެންދާ މަންޒަރު
ގޫގުލް
ރާއްޖެ އިސްލާމްވުން
ރާއްޖެ އިސްލާމްވުން: ކަންވި ގޮތާއި ހާލަތް
ރާއްޖެ އިސްލާމްކުރެއްވި ކަމަށް ތާރީހު ލިޔުއްވާ ގިނަ ބަޔަކު ގަބޫލުކުރަނީ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ
އިސްލާމްވި ހާދިސާއާއި ރަންނަމާރި ހާދިސާއާއި ގުޅުވާފައިވޭ

މީގެ އެތައް ސަތޭކަ އަހަރު ކުރިން ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން ދިޔަކަމަށް ތާރީ ފަތްފުއްތަކުން ހާމަވެއެވެ. އަދި އެއިރު ދިވެހިން އަޅުކަން ކުރަމުން އައީ އެކި ދީންތަކަށް ކަމާއި ދިވެހިން އަޅުކަންކުރި ގޮތާ މެދު މުއައްރިހުންގެ މެދުގައިވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ކަން ވެސް ތާރީހީ ލިޔުންތަކުން ހާމަވެއެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އިންޑިޔާގެ ކާލިބަންގާއޭ ކިޔުނު ތާކުން އައިސްފައިވާ (ދޭވީސް) ނުވަތަ (ދީވީން) ނޭ ކިޔުނު ބައެއްކަމަށް މުޙަންމަދު އިބުރާހިމް ލުތުފީ އޭނާ ލިޔުއްވި ފޮތެއްގައި ހާމަކުރައްވައެވެ. އަދި އެމީހުންވަނީ ޤުދުރަތީ ބާރުގަދަ ތަކެއްޗަށް އަޅުކަންކޮށްފައި ކަމާއި، މީގެ އިތުރުން ދިވެހިރާއްޖެ އަށް އިސްލާމީ ޙިދާޔަތުގެ ނޫރު ލިބުމުގެ ކުރިން ރާއްޖޭގައި ބުދުދީނާއި، ހިންދުއިޒަމްގެ އަސަރުތައް ވާކަމަށް ނަސީމާ މުހަންމަދު ވަނީ އޭނާ ލިޔުއްވި ތާރީހީ ލިޔުންތަކުގައި ބަޔާންކުރައްވައެވެ.

އަދި ރާއްޖޭގެ ތާރީޚް ދިރާސާކުރެއްވި ބޭރުގެ ބައެއްފަރާތްތަކުން ވަނީ ދިވެހިން އަޅުކަންކުރި ކަމަށް ބުނާ ދީން ތަކުގެ އާޘާރުތައް ހޯދާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވާ ހަވިއްތަ، ދާގަބާ، ވޭރު، އިސްތޫބާ ފަދަ ތަންތަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އިސްލާމްކުރެއްވި ކާކުކަމާ މެދު ކުރެވޭ ބަހުސް!

ދިވެހި ރާއްޖޭގެ ރައްޔިތުން މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުގޮތާއި، އެންމެ ފުރަތަމަ އިސްލާމްވީ ރާއްޖޭގެ ކޮން ސަރަހައްދެއްގެ ބައެއްކަމާއި، މި މަތިވެރި ޝަރަފެއްލިބޭ ޝަރަފުވެރިއަކީ ކޮންބޭފުޅެއް ކަމާމެދު ދިވެހި ރާއްޖޭގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުންގެ މެދުގައިވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައިވެއެވެ.

ޖަހާލަތާއި ޝިރުކުކުރުމުގެ ނުބައި ކަމުގެ ތެރޭގައި ދިވެހިން ވަނިކޮށް، އިސްލާމްދީނުގެ ހިދާޔަތު ދިވެހިންނަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނައަހަރެވެ. މިދުވަހަކީ އޭރުހުންނެވި ރަދުން ތީމުގޭ މަހާކަލަމިންޖާ ފުރިހަމަނަމުންނަމަ ސްރީ ތިރިބަވަނަ މަހާރަދުން އިސްލާމްދީން ޤަބޫލުކުރެއްވި ދުވަސްކަމެއް ނުވަތަ ރާއްޖޭގެ އެންމެން އިސްލާމްދީން ޤަބޫލުކުރި ދުވަސްކަމެއް އެނގޭކަށްނެތެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އެރަދުންގެ ނަންފުޅަކީ އައްސުލްޠާން މުހައްމަދު ބިން ޢަބުދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުން ނުވަތަ ދަރުމަވަންތަ ރަސްގެފާނެވެ.

ދިވެހިރާއްޖެ އިސްލާމްވީ ފަރާތަކާ ބެހޭގޮތުން ކުރެވޭ ބަހުސްގައި ފުރަތަމަ މަސްދަރެއްގެ ގޮތުން ފެންނަން އޮތްކަމަށް މުހަންމަދު ވަޙީދު ނަދުވީ (2012) ހާމަކުރައްވާ ކަންތައް ތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު 4 މަސްދަރެކެވެ. އެއީ އަހުމަދު ޝިހާބުއްދީން ރަދުން ބެހެއްޓެވި ފިލާގެ ލިޔުމާއި، އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ލިޔުއްވުމާއި، އިބުނު ބަޠޫޠާގެ ދަތުރުނާމާ އަދި އަލްގާޟީ ޙަސަންތާޖުއްދީން ލިޔުއްވި ރާއްޖޭގެ ތާރީޚް މިބައިތަކެވެ.

އިސްވެ ދެންނެވުނު މަސްދަރުތަކުގެ އަލީގައި ދިވެހި ރާއްޖެ އިސްލާމްކުރެއްވި ބޭފުޅަކާމެދު ކުރެވޭ ބަހުސްގައި ތިންގޮތަކަށް ޖަވާބު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުކަން ކުރައްވާފައިވާ މަޝްހޫރު ސައްޔާޙެއް ކަމަށްވާ އިބުނު ބަޠޫޠާ ވިދާޅުވެފައިވާ ނަންފުޅު ފާހަގަކޮށްލެވެއެވެ. ދެވަނަގޮތަކީ މާލޭ ހުކުރު މިސްކިތުގައި އިބުރާހިމް އިސްކަންދަރު (އެއްވަނަ) ބަހައްޓަވާފައިވާ ފިލާގައި އޮތްކަމަށް ވިދާޅުވާ ގޮތެވެ. ތިންވަނަ ގޮތަކީ ދިވެހި ތާރީޚްގެ ބައްޕަ ކަމަށްވާ އަލްގާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތެވެ.

އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ!

ކޮންމެއަކަސް ރާއްޖޭގެ ހުރިހާ ރައްރަށެއްގެ އަހުލުވެރިން އިސްލާމްދީން ޤަބޫލު ކުރުމަށްޓަކައި 20 އަހަރާ 40 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވިކަމަށްވެއެވެ. އަދި މިހާ ދިގުމުއްދަތެއް މިކަމަށް ހޭދަވުމުގައި އެދުވަސްވަރުގެ މުއާޞަލާތީ ޙާލަތުއޮތްގޮތް ސަބަބަކަށްވުމީ އެކަށީގެންވާ ކަމެއް ކަމުގައި ތާރީޚު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ.

އަބުލްބަރަކާތުލް ބަރުބަރީ މިކަލޭގެފާނަކީ ހިޖުރައިން 6 ވަނަ ސައްތައިގެ ތެރޭގައި އިސްލާމްދީނުގެ ނަމާއި ޢިއްޒަތް ދުނިޔޭގެ ހަތަރު ބިތުގައި މަތިވެރި ކުރެއްވެއްވި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ''ތަންޤީހުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު'' މިފޮތުގައި ސުއްމުވުލްއަމީރު މުޙައްމަދު އަމީން ލިޔުއްވާފައިވާ ގޮތުގައި އަބުލްބަރަކާތުލް ބަރުބަރީގެފާނަށް ރާއްޖޭގެމީހުން އިސްލާމް ކުރެވުނީ ވަރަށް މަސައްކަތާއި ހިއްމަތުންނެވެ. އޭނާ ދުރުވެ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީނަށް އެނބުރުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ފުރަތަމަ ދިނީ ބީރު ކަންފަތެކެވެ. އޭނާގެ އަގުހުރި ނަޞޭޙަތްތަކުންނާއި، މަތިވެރި ވަޢުޒު ތަކުން ރާއްޖޭގެ ރައްޔިތުންނަށް ފުރަތަމަ އެއްވެސް އަސަރެއް ނުކުރިއެވެ. އޭނަގެ ގޮވާލެއްވުމަށް ރާއްޖޭގެ ރައްޔިތުން ވިސްނުމުގެ ނަޒަރެއް ހިންގާލިކަމުގައި ބެލެވެނީ އެތައް ކަރާމާތްތަކެއް ދެއްކުމަށްފަހުއެވެ.

އިސްލާމްވެ ވަޑައިގަތުމަށްފަހު އައްސުލްޠާން މުހައްމަދު ބިން ޢަބުދިﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނު ރަސްކަން ކުރައްވަމުން ގެންދެވީ އަބުލްބަރަކާތުލްބަރުބަރީގެފާނުގެ ލަފާފުޅުގެމަތިންނެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ އެކަލޭގެފާނު މާތްﷲގެ ޙަޟްރަތަށް ދަތުރުކުރައްވައިފިއެވެ. ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ މާލޭގެ މެދުޒިޔާރަތް ހުރިތަނުގައެވެ.

އަބުލްބަރަކާތުލްބަރުބަރީގެފާނު އަވަހާރަ ވުމަށްފަހުގައިވެސް މިރަދުން 13 އަހަރު ވަންދެން އިސްލާމްދީންނުގެ މަތީގައި ރަސްކަން ކުރައްވާފައިވާކަމަށް ތާރީޚުގައި ލިޔެފައިވެއެވެ.

ރަންނަމާރީގެ ހާދިސާ!

ދިވެހިރާއްޖެއަށް އިސްލާމްދީން އައުމަކީ ދިވެހިތާރީޚުގައި ހިނގާފައިވާ އެންމެ މުހިއްމު ޙާދިސާއެވެ. މިޙާދިސާ ހިނގިގޮތާމެދު ތަފާތު ޚިޔާލުތައް ހުށައަޅައިފާވެއެވެ. މިގޮތުން ދެކެވޭ ރަންނަމާރި ވާހަކައަކީ އޭގައި ފޯކުލޯ ހިމެނުނަސް ހަޤީޤީ ޙާދިޘާއެއް އޭގައި ފޮރުވިފައިވާ ވާހަކައެކެވެ. އެޒަމާނުގައި ދިވެހިރާއްޖޭގައި އޮތް ދީނާއި ޘަޤާފަތާއި އާދަކާދައާ އެއްގޮތަށް ކަންކަން އޮތް އެހެން ތަންތަނުގައި ހިނގާފައިވާ ޙާދިޘާ ތަކަށް ބަލާއިރު، ރަންނަމާރި ވާހަކައާ އެ ޙާދިޘާތަކާ އެއްގޮތްކަމެއް ހުރިކަން ފާހަގަކުރެވޭ ކަމަށް އިޔާޒް ނަސީމް ހާމަކުރައްވައެވެ.

މިގޮތުން މިޞްރުމީހުންނަށް ނީލަކޯރު މުހިއްމުވާ ފަދައިން ދިވެހިންނަށް ކަނޑަކީ މުހިއްމު ތަނެކެވެ. އެހެންކަމުން ދިވެހިންގެ ޢަޤީދާގައި ކަނޑުގެ ކަލާނގެއެއް ވުމަކީ ނުހަނު އެކަށީގެންވާ ކަމެކެވެ. ވީމާ، ދިވެހިންވެސް ބިކުރުވެރި އަންހެންކުއްޖަކު ކަނޑުގެ ކަލާނގެއަށް ޤުރުބާން ކުރަމުންދިއުމަކީ ޤަބޫލުކުރެވޭ ސަބަބެއް ކަމަށްވެސް އިޔާޒު ނަސީމް ބަޔާންކުރައްވައެވެ. އަދި މިރަންނަމާރިއަކީ އޭރު ހުންނެވި ރަސްގެފާނުކަމަށް މުޙައްމަދު ވަޙީދު ނަދުވީ ހާމަކުރައްވާފައިވިޔަސް، އިންސާނީ ބުއްދި ޤަބޫލުކުރާ ހެކިތަކުގެ އަލީގައި ވިސްނުމުން ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިޔާޒު ނަސީމް ބަޔާންކުރައްވަނީ ޙަޤީޤަތުގައި ޤުރުބާން ކުރެވޭ ޠާހިރު ކުދިންގެ “ފޮނި މީރުކަން ޙާޞިލުކުރަނީ” ފައްޅިތަކާއި، ކޯލުތަކާއި، ގިރިޖާތަކުގައި ތިބޭ ހާމުދުރުންނެވެ. އެހެނީ ކައިވެނިކުރުމަކީ އެބައިމީހުންނަށް ހުއްދަވެގެންވާ ކަމަކަށް ނުވާތީ، އެއުރެންގެ އެތެރެހަށީގެ ހޫނުކަން ފިނިކުރަނީ “ރަންނަމާރި” ގެ އެހީގައެވެ.

މިގޮތުން ރަންނަމާރިއަށް ޤުރުބާންކުރެވޭ އަންހެންކުދިން ފުރާނައާއި، އަލްވަދާޢުކިޔަންޖެހެނީ “ރަންނަމާރީ”ގެ ނާޗަރަންގީ ނިމޭފަހުން އެކުދިން ދިރިތިބެއްޖެނަމަ “ރަންނަމާރީ”ގެ ޙަޤީޤަތް ރައްޔިތުންނަށް އެނގި އެބައިމީހުންނަށް މީހުންކުރާ އިތުބާރާއި ޤަދަރު ގެއްލިގެން ހިނގައިދާނެތީ ”އެމަތިވެރި ސިއްރު” ހިފެހެއްޓުމަށްޓަކައެވެ.

މިހުރިހާ ކަމެއްގެ މައްޗަށް ރިޢާޔަތްކޮށް ދެންނެވޭނީ ރާއްޖެއަށް އިސްލާމްދީން ގެންނެވީ މަޣްރިބް ކަރައިގެ ބޭކަލެއް ކަމަށާއި، އެބޭކަލަކު ރާއްޖެ ވަޑައިގެންނެވި ދުވަސްވަރު ދިވެހިން ބިކުރުވެރި އަންހެން ކުއްޖަކު ކަނޑުގެ ކަލާނގެއަށް ޤުރުބާންކުރަމުން ދިޔަކަމާއި، އަދި އެކަލާނގެއަށް ކުރެވޭ ޤުރުބާންގެ ފޮނި މީރު ޙާޞިލުކޮށް އެކުދިން ޤަތުލުކުރަމުން ގެންގޮސްފައިވަނީ ފައްޅީގެ ހާމުދުރުން ކަމެވެ.

މުޙައްމަދު އިބްނި ޢަބްދުﷲގެ ފަހުން ވަޑައިގެންނެވި ރަސްރަސްކަލުންނަށް މުޅިރާއްޖެ އިސްލާމްކުރެއްވުނީ މީލާދީން 13 ވަނަ ޤަރުނުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައި ކަމަށް ބައެއް ލިޔުންތަކުން ދައްކައެވެ. މިކަމުގެ އިތުރު ހެއްކެއް ލިބެނީ މީލާދީން 1316 ވަނަ އަހަރު ޑަބްލިޔޫ. ޖީ. އެޑަމް ކިޔުނު ބޭރުގެ ލިޔުންތެރިއެއް ލިޔުއްވާފައިވާ ލިޔުމެއްގައި ދިވެހިރާއްޖެ އިސްލާމްވިތާ އެއިރު އަދި މާގިނަ ދުވަހެއްނުވާކަމަށް ލިޔުއްވާފައިވާތީއެވެ. އެހެންކަމާއެކު ލަފާކުރެވެނީ ރާއްޖޭގެ ހުރިހާ ރަށްތައް އިސްލާމް ކުރެވުނީ އޭގެ 60 އަކަށް އަހަރުގެ ތެރޭގައި ކަމަށް ނަސީމާ މުޙައްމަދު ހާމަކުރައްވައެވެ.

ރާއްޖެ އިސްލާމްވުމަށްފަހު އައި ބަދަލުތައް!

އިސްލާމްދީން އައުމުން ދިވެހިންގެ ބަހަށާއި އަކުރަށް ބަދަލުތަކެއް އައެވެ. ސަބަބަކީ އިހުގައި ދިވެހިން ލިޔެ އުޅުނު އެވޭލާއަކުރާއި، ދިވެސްއަކުރު ލިޔަމުންއައީ ވާތުން ކަނާތަށެވެ. އެހެންކަމުން އިސްލާމްދީން އައުމުން ޢަރަބިއަކުރާއި އެއްގޮތަށް ލިޔެވޭ އަކުރަކަށް ބޭނުންވި ހިނދު ތާނައަކުރު ތަޢާރަފުކުރެވުނެވެ. އަދި ދިވެހިންނަށް ޢަރަބި ފަދައިން ކަނާތުން ވާތަށް ލިޔެވޭ ތާނަ އަކުރު ދުވަހީ ދިރިއުޅުމަށް މުހިއްމުވިއެވެ. މީގެއިތުރުން ޢަރަބި ލަފުޒުތައް ތާނައަކުރުގައި ލިޔުމަށްޓަކައި ތިކިތެޅި ތާނަ ތަޢާރަފްކުރެވުނީ 16 މާރޗް 1957 ގައެވެ. ޙުސައިން ޢަބްދުއްރަޙްމާން ބަޔާންކުރައްވާގޮތުގައި ތިކިތެޅިތާނައިގެ ބޭނުމަކީ އެއަކުރުތައް ނެތުމުން ނުލިޔެވޭ ޢަރަބި ލަފުޒުތައް ލިޔެވޭނެ މަގުތަނަވަސްކޮށްދިނުމެވެ. އެހެންކަމުން އިސްލާމްދީން އައުމުން ދިވެހިން ލިޔުމަށް ބޭނުންކުރަމުން އައި އަކުރުވެސް ބަދަލުވެގެންދިޔައެވެ.

ދިވެހިންގެ އާދަކާދައާއި ސަޤާފަތް އިސްލާމްދީނުގެ ނޫރުން އަލިކަން ލިބުމާއިއެކު މުޅިންބަދަލުވެގެން ދިޔައެވެ. ކުރިން ނަން ކިޔަމުން އައި ގޮތް ބަދަލުކޮށް އިސްލާމީ ޢަރަބި ނަންނަމަށް މީހުންގެ ނަންތައް ބަދަލުކުރެވުނެވެ. މިގޮތުން އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ރަދުން ބިނާކުރެއްވި ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި ފުރަތަމަ ރަސްގެފާނުގެ ނަންފުޅުކަމުގައި ލިޔެފައިވަނީ “ދަރުމިޝްތު” މިނަމެވެ. މިރަސްގެފާނު އިސްލާމްދީން ޚިޔާރުކުރެއްވުމަށްފަހު އިޚްތިޔާރު ކުރެއްވި ނަންފުޅަކީ މުޙައްމަދު އިބްނި ޢަބްދުﷲ ކަމުގައި ނަސީމާ މުޙައްމަދު ހާމަކުރައްވައެވެ.

އަދި ދިވެހިރާއްޖެއަށް އިސްލާމްދީން އައުމާއިއެކު ކުރިން އަޅުކަން ކުރަމުން އައި ބުދުދީނުގެ މޮނާސްޓްރީތައް ފަސްއަޅާ ފޮރުވާލުމަށްފަހު، އިސްލާމްދީނުގެ މިސްކިތްތައް ބިނާކުރެވުނެވެ.

ދިވެހިންގެ އިޖުތިމާޢީ ކަންކަމަށް ހެޔޮބަދަލުތަކެއް އައެވެ. މިގޮތުން އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެ ޤައުމަށް ދިމާވިކޮންމެ ނުރައްކާތެރި ޙާލަތެއްގައި، ދުޝްމިނުންނާއި ދެކޮޅަށް އެކަތިގަނޑަކަށް ވެގެން ތިބެ ޖިހާދުކޮށްފައިވެއެވެ. އަދި ހަމައެހެންމެ އިސްލާމީ އަޚުލާޤީ ރިވެތި އުޞޫލުތަކަށް ދިވެހިން އަހުލުވެރިވަމުންދިޔައެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށްޓަކައި ފަނޑިޔާރުންނާއި، ރަށްރަށުގައި ނައިބުން އައްޔަކޮށް، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރެވެމުންދިޔައެވެ. ހެދުން އެޅުމާއި ދިރިއުޅުމުގެ އެހެނިހެން ގިނަކަންކަމުގައި ތަހުޒީބު ގޮތްތައް އަށަގަންނަމުންދިޔައެވެ.

- ކޮމެންޓް