ޑރ އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު ނޭޅޭނެ ކަމަށް މެމްބަރުން ގަބޫލުފުޅެއްނުކުރައްވާ
ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ ފުލުހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ގާނޫނީގޮތުން މައްސަލަތައް ބެލުމުގެ ބާރު ލިބިދީފައިވާ ކަމަށް


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
އަންގާރަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަަށް ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ ހާޒިރުކުރެއްވުމުން މެމްބަރުންވަނީ މިފަހުން މަރުކޮމިޝަނުން ނެރެފައިވާ ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓާއި ރިޟްވާންގެ ރިޕޯޓާއި ގުޅޭގޮތުން ފިޔަވަޅު ނާޅާ ލަސްވަމުންދާ ދިޔުމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓް ނެރުމާއެކު ފުލުހުންގެ އިސްވެރިންނާއި ކޮމިޝަނާއި ޕީޖީ އޮފީހުގެ ބޭފުޅުންނާ އަމިއްލަފުޅަށް ބައްދަލުކުރައްވާ އެރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ އަދި ހައްޔަރުކުރެވޭނެ އެއްވެސް މީހަކު ހުރިތޯ ސާފުކުރެއްވި ކަމަށެވެ. ނަމަވެސް ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް އަދި މީހެއްގެ މައްޗަށް ދައުވާކުރުމުގެ ޖާގައެއް ނެތްކަމަށް އެކޮމިޝަނުން ބުނެފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ. އިމްރާން ދެއްވި ޖަވާބަކީ މަޖިލީހުގެ މެމްބަރުންނަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭވަރުގެ ކަމެއް ނޫނެވެ.
މެމްބަރުން އެކަމާގުޅޭގޮތުން ވާހަކަދެއްކެވީ މަރު ކޮމިޝަނުން ފޮނުއްވާފައިވާ ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ ފުލުހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ގާނޫނީގޮތުން މައްސަލަތައް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލީހުން ދީފައިވާއިރު ކޮމިޝަންގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް ދައުވާ ނުކުރެވި ފިޔަވަޅު ނޭޅެންވީ ސަބަބަކީ ކޮބައިތޯ ސުވާލުކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރިޕޯޓަށް ބަހުސްކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފު ވިދާޅުވީ ކޮމިޝަނަށް ދެން އިތުރަށް ކުރެވޭނެ ކަމެއްނެތްކަމަށް ކޮމިޝަނުން ބުނެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވި ވިދާޅުވުމަކީ އެއްގޮތަކަށްވެސް ގަބޫލުފުޅު ކުރެއްވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިމައްސަލާގައި ފެނިގެންދަނީ ކޮންމެ ބަޔަކުވެސް އެބައަކަށް އެކަން ނުކުރެވޭނެ ކަމަށްބުނެ އެޒިންމާއިން ރެކެން މަސައްކަތް ކުރާތަން ކަމަށް ހަސަން ލަތީފު ވިދާޅުވި އެެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްގެ ވާހަކަފުޅުގައި ވަނީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ދީފައިވާ ޤާނޫނުގެ ބާރުގެ ބޭނުން އެކޮމިޝަނުން ރިޕޯޓްތައް އެކުލަވާލާއިރު ހިފަނީ ކިހާވަރަކަށްތޯ ސުވާލު އުފައްދަވާފަ އެވެ. މީހުން ހިފާހައްޔަރުކޮށް ޕްރޮސެކިޔުޓަރ ޖެނެރަލަށް ދައުވާ ކުރުމަށް ފޮނުވުމުގެ ބާރު ކޮމިޝަނަށް ލިބިދޭއިރު އެކަން ކުރަންޖެހޭ މިންވަރަށް ކުރިނަމަ ޕްރޮސެކިޔުޓަރ ޖެނެރަލަށް ދައުވާކުރަން ފޮނެވޭވަރުގެ ކުޑަވެސް ހެއްކެއް ނެތްކަމަށް މިނިސްޓަރ އިމްރާނަށް ވިދާޅުނުވެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ފުލުހުން ބޭނުންވާ ގާނޫނީ ބާރުތައް މަޖިލިސް ޗުއްޓީގައި އޮވެގެންވެސް ދީފައިވާކަމަށެވެ. އޭރު ފުލުހުން ވިދާޅުވަމުން ގެންދެވީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެތައް ބަޔަކު މުޖުތަމަޢުގައި އުޅޭ ކަމަށާއި އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގޭނީ ޤާނޫނީ ބާރުލިބިގެން ކަމަށް އޭރު ފުލުހުން ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް މިއަދު އެބާރުތައް ލިބި އެފުރުސަތު ލިބިފައިވާއިރު އެކަން ފުލުހުން ނުކުރައްވާ ކަމަށް މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.
މިރިޕޯޓަށް މެމްބަރުން ބަހުސްކުރައްވާ ނިންމެވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގާނޫނީ ވަކީލުން ގާނޫނީ ހަމަތަކުގެ މަތިން ރިޕޯޓްގައިވާ މައުލޫމާތަށް ބަލައި ދައުވާ ކުރެވެން އޮތްކަން ސާފުކޮށް ބަޔާންކުރާ ކަމަށެވެ. އަދި މަޖިލީހަށް ފެންނަ ފެނުމުގައި މިއީ ދައުވާ ކުރެވެން ނެތިގެން ދައުވާނުކޮށް ތިބޭތިބުމެއް ކަަމަށް ބަލައެއް ނުގަނެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.




