ހޯމަ 10 އޯގަސްޓު 2020
13 އަހުލިހަ
1441 ޒުލްޙައްޖު 20
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:31
އިރުއޮއްސޭ 18:21
އިޝާ 19:36
ރައީސް ސޯލިހް ސަރުކާރަށް 1 އަހަރު

ސަރުކާރުގެ ފުރަތަމަ އަހަރު: ދިވެހި ކުޅިވަރުގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު!

  • މިއީ ރާއްޖެއިން އެންމެ ގިނަ މެޑަލް ހޯދި އަހަރު
  • ގިނަ ކުޅިވަރުތަކުން ކުޅުންތެރިން ތަމްރީނު ކުރުމަށް ސަރުކާރުން އަންނަނީ ބޮޑު ހޭދައެއް ކުރަމުން

ކ. މާލެ | 17 ނޮވެންބަރ 2019 | އާދީއްތަ 13:11 | 9,609

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - ޔޫތު މިނިސްޓްރީ

ވޭތުވެދިޔަ އަހަރަކީ ބައިނަލްއަގްވާމީ ކުޅިވަރުގެ ހަޔާތް ރާއްޖެއިން ފެށިފަހުން ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރެވެ. އެހެން އެއްވެސް ސަރުކާރަކުން މިހާތަނަށް ހާސިލްކޮށްފައި ނުވާވަރުގެ ބޮޑެތި ކާމިޔާބީ ތަކެއް މި ސަރުކާރުގެ ފުރަތަމަ އަހަރުގައި ހޯދައިފަވެއެވެ. އެގޮތުން ވަކިވަކި އެތްލީޓުންނާއި ކުޅިވަރުތަކުން ސަރުކާރުގެ ފުރަތަމަ އަހަރުގައި ކާމިޔާބީ ހޯދައިފައި ވެއެވެ.

ސަބަބަކަށް ވެގެން ގޮސްފައިވަނީ މިހާތަނަށް ދުވަހަކުވެސް ކުޅިވަރު ކުރިއެރުވުމަށް އެސޯސިއޭޝަންތަކަށް ސަރުކާރުން ޚަރަދުކޮށްފައިނުވާ މިންވަރަށް މިއަހަރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް، މިނިސްޓަރު އަހުމަދު މަޙްލޫފްގެ ކެޕްޓަންކަމުގެ ދަށުގައި މަސައްކަތް ކުރަމުންދާ ކުޅިވަރާބެހޭ މިނިސްޓްރީއިން ޚަރަދުކޮށް، އެތްލީޓުންނާއި އެސޯސިއޭޝަންތަކަށް ޒަމާންތަކެއް ވަންދެން ދިމާވެފައިހުރި ބޮޑެތި މައްސަލަތަކެއް ހައްލު ކޮށްދީފައިވުމެވެ.

ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް

ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް އަކީ މިއަހަރު އަލަށް ނޭޝަނަލް ކެޓަގަރީގައި ހިމެނުނު ކެޓަގަރީއެކެވެ. ނުކުޅެންދުންތެރިކަން ހުންނަ ކުޅުންތެރިން ބާކީ ނުކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ދަށުން މި ކެޓަގަރީއިން ކުޅުންތެރިން ތަމްރީނު ކުރުމަށާއި މުބާރާތް ތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށްވަނީ ފަށާފައެވެ.

އެގޮތުން ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ރާއްޖޭގެ އެތުލީޓުންވަނީ ބައިވެރިވެ މެޑަލް ހޯދައިފައެވެ. އެގޮތުން ސްޕެޝަލް އޮލިމްޕިކްސްގެ ވިމެންސް 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހީމް ވަނީ ރަން މެޑަލް ހޯދައިފައެވެ. މިއީ ރާއްޖޭގެ އެތްލީޓަކު ސްޕެޝަލް އޮލިމްޕިކްސްގެ ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.

ހަމަ މި މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ވަސްމީ ވަހީދު ވަނީ މެންސް 100 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ރާއްޖޭގެ މުހައްމަދު މާޒިން ވަނީ އަނިޔާގަ ހުރެ ދުވެ، 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފައެވެ. މާޒިން މި މުބާރާތަށް ކަނޑައެޅި ރަން މެޑަލްގެ ޓާރގެޓް އަށް އޭނައަށް ވާސިލް ނުވެވުނީ އަނިޔާގެ ސަބަބުންނެވެ.

މީގެ އިތުރުން، ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ޔުނިފައިޑް ބެޑްމިންޓަން ޓޯނަމެންޓުން ރާއްޖޭގެ ޓީމް ވަނީ ލޯ މެޑަލް ހޯދާފައެވެ. ރާއްޖޭގެ މުހައްމަދު އަބްދުލްލަތީފްއާއި އިބްރާހިމް ރަބީތް މި މެޑަލް ހޯދީ އިންޑިއާ ބަލިކުރުމަށްފަހުއެވެ.

ޓޭބަލް ޓެނިސް

ސައުތް އޭޝިޔާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތަކީ ރާއްޖޭގެ ޓޭބަލް ޓެނިސްގެ ތާރީހުގައި ލިޔެވިގެންދާނެ މުބާރާތެއްކަން ކަށަވަރެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވާދަކޮށް އޭނާ ބައިވެރިވި ކެޓަގަރީ ކަމަށްވާ ވިމެންސް ސިންގަލްސް ބައިން ވަނީ ރަން މެޑަލް ކާމިޔާބުކޮށްފައެވެ. މިއީ ބައިނަލްއަގްވާމީ ޓޭބަލް ޓެނިސް މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.

ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ދީމާ ވަނީ އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގައި ވެސް ބައިވެރިވެފައެވެ. އެގޮތުން ދީމާ ވަނީ މި މުބާރާތުގެ ރިހި މެޑަލް ކާމިޔާބުކޮށްފައެވެ.

ދީމާގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކުޅިވަރު މިނިސްޓްރީއިން ވަނީ ދީމާގެ ބެލެނެވެރިންނާއި އެސޯސިއޭޝަނާ ގުޅިގެން ދުނިޔޭގެ ފެންވަރުގެ ކޯޗަކާއެކު ޗައިނާގައި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީމާއަށް ހޯދައިދީފައެވެ.

ޓޭބަލް ޓެނިހުން މިއަހަރު ވާދަކުރި އެންމެ ބޮޑު މުބާރާތަކީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއެވެ.

މި މުބާރާތަކީ ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނަށް މިހާތަނަށް އެންމެ ކާމިޔާބު މުބާރާތެވެ. މެޑައްޔަށް ޓާރގެޓް ކޮށްގެން މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމުން މި މުބާރާތް ނިންމާލީ ފަސް މެޑައްޔާއެކުގައެވެ.

މި މުބާރާތުގައި އެންމެ ވިދާލި ކުޅުންތެރިޔާއަކީ ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ. އެގޮތުން ދީމާ ވަނީ މި މުބާރާތުގެ ވިމެންސް ސިންގަލްސް، ވިމެންސް ޑަބަލްސް އަދި ވިމެންސް ޓީމް އިވެންޓް އިން ރަން މެޑަލް ހޯދައިފައެވެ. މިޔާއެކު ދީމާ ވެގެން ގޮސްފައިވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރި އެންމެ ކާމިޔާބު ކުޅުންތެރިޔާއަށެވެ.

އުމުރުން 17 އަހަރުގެ އައިޝަތު ރަފާ ނާޒިމަށް ވެސް މި މުބާރާތް ވެގެންދިޔައީ ކާމިޔާބު މުބާރާތަކަށެވެ. އެގޮތުން ރަފާ ވަނީ މި މުބާރާތުގެ ވިމެންސް ސިންގަލްސް އިވެންޓްއިން ރިހި މެޑަލް ވިމެންސް ޑަބަލްސް އިން ރަން މެޑަލް އަދި ވިމެންސް ޓީމް އިވެންޓް އިން ރަން މެޑަލް ހޯދައިފައެވެ. އިންޑިއަން އޯޝަން އައިލޭންޑްސް ގޭމްސްގައި ވާދަކުރި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާނާ ނިމާލް ވަނީ ވިމެންސް ޑަބަލްސް އިވެންޓުން ރިހި މެޑަލް އަދި ޓީމް އިވެންޓް އިން ރަން މެޑަލް ހޯދައިފައެވެ.

ރާއްޖޭގައި އިތުރަށް ޓީޓީ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޓީޓީ ނޭޝަނަލް ސެންޓަރ އެޅުމަށް ބޮޑު ބިމެއް މިހާރު ވަނީ ހޯދައިދީފައެވެ. ހަމަ ގައިމުވެސް ޖާގައިގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ޓީޓީ ކުރިއެރުވުމަށް މިކަންވެގެންދާނީ މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަސައްކަތަށެވެ.

ބޮޑީބިލްޑިން

ބޮޑީބިލްޑިން އިން މިއަހަރު ތިން މުބާރާތެއްގައި ވާދަކޮށްފައިވާއިރު މި ތިން މުބާރާތުންވެސް ރާއްޖޭގެ ބޮޑީ ބިލްޑަރުން ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. މިއަހަރަކީ ރާއްޖޭގެ ބޮޑީބިލްޑިންގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރެވެ. މިކަމުގެ ފަހަތުގައި ވަނީ އެތްލީޓުންނާއި އެސޯސިއޭޝަނުން ކުރި ބުރަ މަސައްކަތެވެ. އަދި ބޮޑީބިލްޑިން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުޅިވަރު މިނިސްޓްރީއިން ކުރަމުންދާ ހޭދައާއި މަސައްކަތްތަކެވެ. އެގޮތުން މިއަހަރު އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ ރާއްޖޭގެ ބޮޑީބިލްޑިންގެ ތާރީޚުގައި އަލަށް ރާއްޖެއިން ބޭރުގެ ކޯޗެއް، މިނިސްޓަރު މަޚްލޫފްގެ އިސްނެންގެވުމުގެ މަތިން ހަމަޖެއްސުނު ކަމެވެ.

ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ މިއަހަރު ބޭއްވުނު ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. މި ގޮތުން ރާއްޖޭގެ މުހައްމަދު މޫސާ ވަނީ 55kg ސީނިއަރ މެންސް ބޮޑީބިލްޑިން ކެޓަގަރީއިން ރަން މެޑަލް ހޯދައިފައެވެ. ރާއްޖޭގެ އަހްމަދު މާހިލް ސައީދު މި މުބާރާތުގެ ޖޫނިއަރ މެންސް ކެޓަގަރީއިން ރަން މެޑަލް ހޯދިއިރު ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ސްޕޯޓްސް ފިޒީކް 170CM ކެޓަގަރީއިން ރަން މެޑަލް ހޯދައިފައެވެ.

ހަމަ މި މުބާރާތުގެ މެންސް އެތުލެޓިކް ފިޒީކް ކެޓަގަރީއިން ރާއްޖޭގެ އަހްމަދު ފަޒީލް ލޯ މެޑަލް ހޯދިއިރު ރާއްޖޭގެ ފަތުހުﷲ މުހައްމަދު ވަނީ މެންސް އެތުލެޓިކް ފިޒީކް 167Cm ކެޓަގަރީއިން ލޯ މެޑަލް ހޯދައިފައެވެ.

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ މުހައްމަދު މޫސާ ބައިވެރިވެ ވަނީ 55Kg ސީނިއަރ މެންސް ބޮޑީބިލްޑިން ކެޓަގަރީއިން ލޯ މެޑަލް ހޯދައިފައެވެ.

ރާއްޖޭގެ ބޮޑީ ބިލްޑަރުންނަށް މިއަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައޮ ބައިވެރިވެ ރާއްޖޭގެ ދެ އެތުލީޓުންނަށް ލޯ މެޑަލް ލިބިގެންދިޔުމެވެ. އެގޮތުން ރާއްޖެގެ މުހައްމަދު މޫސާ ވަނީ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދައިފައެވެ. އަދި ރާއްޖޭގެ އަޒްނީން ރަޝާދު 170 Cm ސްޕޯޓްސް ފިޒީކް ކެޓަގަރީ އިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

ބޮޑީބިލްޑިންގެ އޭޝިއާ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ބިޑްކޮށް ރާއްޖެއިން ވަނީ އެ ބިޑް ކާމިޔާބުކޮށް، މިހާތަނަށް ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިންގެ އެންމެ ބޮޑު މުބާރާތަށް ފަރިވެފައެވެ.

ބެޑްމިންޓަން

ބެޑްމިންޓަން އިން މިއަހަރު ބައިނަލްއަގްވާމީ ތިން މުބާރާތުގައި ބައިވެރިވެފައިވާއިރު އެންމެ ކާމިޔާބު މުބާރާތެއްގެ ގޮތުގައި ފާހަގަވެފައިވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންވަނީ އެއް ރަން މެޑަލް، އެއް ރިހި މެޑަލް އަދި ތިން ލޯ މެޑަލް ހޯދައިފައެވެއެވެ. އެގޮތުން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ވިމެންސް ސިންގަލްސް އިވެންޓް އިން ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤް ރަން މެޑަލް ހޯދައިފައިވާއިރު މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ޑަބަލް ކެޓަގަރީއިން ރާއްޖޭގެ ދެ ބެއިން ކަމަށްވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤް އަދި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤް ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި ވިމެންސް ޓީމް އިވެންޓް، މެންސް ޓީމް އިވެންޓް އިން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ލޯ މެޑަލް ހޯދައިފައިވާއިރު މިކްސް ޑަބަލްސް އިވެންޓް އިން ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އަދި މައިސާ ފަތުހުﷲ ވަނީ ލޯ މެޑަލް ހޯދައިފައެވެ.

ދާދިފަހުން ޕާކިސްތާނުގައި ބޭއްވުނު ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ގައި ވެސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވި އެތްލީޓުން ވަނީ ރާއްޖެއަށް ދެ ރަން މެޑަލް އަދި ދެ ލޯ މެޑަލް ހޯދައިދީފައެވެ.

މުބާރާތުގައި ރަން މެޑަލް ހޯދައިދިން އެތުލީޓުންނަކީ، ވިމެންސް ޑަބަލްސް އިވެންޓް އިން އައިމިނަތު ނަބީހާ އަބްދުއްރައްޒާޤް އަދި ފާތިމަތު ނަބާހާ އަބްދުއްރައްޒާގުގެ ފެއާއާއި، މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު އަދި ޒަޔާން ޒަކީގެ ޕެއާއެވެ. މިއީ ރާއްޖެއަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ސާކިޓް މުބާރާތަކުން ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.

މި މުބާރާތުގެ ލޯ މެޑަލވިމެންސް ޓީމް އިވެންޓުންނާއި މެންސް ޓީމް އިވެންޓުން ހޯދިއިރު ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދާއި މައިޝާ ފަތުހުﷲގެ ޕެއާއިން ވަނީ މިކްސް ޑަބަލްސް ބައިން ލޯ މެޑަލް ހޯދައިފައެވެ.

ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ ސައުތު އޭޝިއަން އަންޑަރ 21 ބެޑްމިންޓަން ޓޯނަމެންޓްގައި ވެސް ބައިވެރިވެފައެވެ. އެގޮތުން ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުއަރައްޒާޤު އަދި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤުގެ ޕެއާއިން ވަނީ ވިމެންސް ޑަބަލްސް ބައިން ލޯ މެޑަލް ހޯދާފައެވެ.

ބީޗް ވޮލީ

ރާއްޖޭގެ ބީޗް ވޮލީ ޓީމުން މިއަހަރު ބައިވެރިވެފައިވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވެ ރާއްޖޭގެ ބީޗް ވޮލީ ޓީމުން ވަނީ މެންސް ޓީމް އިވެންޓް އިން ރިހި މެޑަލް ހޯދައިފައެވެ. އަދި އިންޑިވިޖުއަލް އިވެންޓުން ރާއްޖޭގެ ޝިއުނާޒް އަބްދުލްވާހިދު އަދި އާދަމް ނަސީމް ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މިއީ ރާއްޖޭގެ ބީޗްވޮލީގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އެތުލެޓިކްސް

އެތުލެޓިކްސް އިން ބައިނަލްއަގްވާމީ މުބާރާތަކަށް މިއަހަރު ބައިވެރިވެފައިވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައެވެ. މި މުބާރާތުގައި ރާއްޖެއިން ވަނީ ދެ މެޑަލް ހޯދައިފައެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 200 މީޓަރު ދުވުމުން ހޯދި ލޯ މެޑައްޔާއި މެންސް 4 ގުނަ 100 މީޓަރު އިވެންޓް އިން ހޯދި ލޯ މެޑައްޔެވެ.

ފުޓްބޯޅަ

މި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 18 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް އިން ހޯދި ލޯ މެޑައްޔެވެ. މިއީ ރާއްޖޭގެ ޖޫނިއަރ ފުޓުބޯޅަ ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ކްރިކެޓް

ގައުމީ ކްރިކެޓް ޓީމުން ވަނީ މެލޭޝިއާ ގައި ކުރިޔަށްދިޔަ މެލޭޝިއާ އިންޓަނޭޝަނަލް ޓްރި-ނޭޝަންސް ޓީ20 ސީރީސް ގައި ބައިވެރިވެފައެވެ. މި މުބާރާތުގައި ކްރިކެޓް ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެ ރިހި މެޑަލް ހޯދައިފައެވެ.

ވޮލީބޯޅަ

ވޮލީބޯޅައިން މިއަހަރު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާއިރު ވޮލީ އިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ބަންގްލަދޭޝަގައި ކުރިޔަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން ވިމެންސް ޗެމްޕިއަންޝިޕްގައި ހޯދި ރިހި މެޑައްޔެވެ. މި މުބާރާތުގައި ރާއްޖެއިން ބަލިވެފައިވަނީ ހަމައެކަނި ނޭޕާލް އަތުންނެވެ.

ސަރުކާރަށް މިއަދު އެއް އަހަރު ފުރިގެންދިޔައިރު، މިއަހަރަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން މިއަހަރު ރާއްޖެ ތަމްސީލުކުރި ކުޅިވަރުތަކުން 11 ރަން މެޑަލް ހޯދައިފައިވާއިރު، އަށް ރިހި މެޑަލް ވަނީ ހޯދައިފައެވެ. އަދި 17 ލޯ މެޑަލް ރާއްޖެއިން ހޯދައިފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މެޑަލް އެއް އަހަރު ތެރޭގައި ހޯދި އަހަރެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަން ތަކާއި ގުޅިގެން ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން އެތްލީޓުން ތަމްރީނު ކުރުމަށް ވެސް ސަރުކާރުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. މިއަހަރަކީ ކުޅިވަރުގެ އާއިލާ ހެއްވާލަ ދިން އަހަރެކެވެ. އުންމީދު ކުރެވިފައިވެސް ނެތް ކަންތައްތަކެއް ހާސިލުކުރެވިގެން ދިޔަ އަހަރެކެވެ. ދުވަހަކު އޮފީހެއް ނުލިބި މަގުމަތިވެފައި ތިބި އެސޯސިއޭޝަންތަކެއް ވަންނާނެ ހިޔާވެއްސެއް ދައްކައި، ދުވަހަކު ކުޅިވަރަށް ޚަރަދު ނުކުރާ ވަރަށް ޚަރަދު ކުރި އަހަރެކެވެ. މިނިސްޓަރު މަޚްލޫފްގެ ނެވިކަމުގެ ދަށުގައި ދިވެހި ކުޅިވަރު މިސްރާބު ޖަހާފައިވަނީ ކާމިޔާބުން ފުރިގެންވާ އުޖާލާ ދުވަސްތަކަކާ ދިމާލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.