ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 20:14
އިސްލާމިކް މިނިސްޓަރ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންތަވިއުގެ ތެރެއިން
އިސްލާމިކް މިނިސްޓަރ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންތަވިއުގެ ތެރެއިން
ދާނިޝް ނިޡާމް
ސަރުކާރަށް އެއް އަހަރު
ސަރުކާރަށް އެއް އަހަރު: ރައީސް ސޯލިހު ހަވާލުކުރެއްވި މަސައްކަތުގައި އިސްލާމިކް މިނިސްޓްރީން ދައްކަނީ ފުރިހަމަ ނަމޫނާ!
 
ސަރުކާރަށް އެއް އަހަރު ވީއިރު 14 މަޝްރޫއެއް ނިންމާފައިވޭ

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނުގެ މަތިވެރި އަޤީދާ އަށަގެންނެވުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅުއްވާފައިވާއިރު އެ ސިޔާސަތުތަށް އޭގެ އެންމެ ފުރިހަމަ ބާރު ދުވެލީގައި ތަންފީޒުކުރުމަށް އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ވޭތުވެދިޔަ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކާއި އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި އަދި ކުރިއަށް ރާވާފައިވާ ކަންތަތައްތަކުގެ ޚުލާސާ ރިޕޯޓެއް އެ މިނިސްޓްރީން ވަނީ ރާއްޖެއެމްވީއާއި ހިއްސާކޮށްފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި:

ކީރިތި ޤުރުޢާނާ ބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތައް:

ފާއިތުވި އަހަރަކީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި އަދި ކުރިއަށްދާ އަހަރެއްކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޤުރުޢާނާބެހޭ މަރުކަޒުގެ އާ 8 ގޮތްޕެއް ޤާއިމުކުރެވިފައިވެއެވެ. މީގެއިތުރުން، ހާފިޡުން ބިނާކުރުމަށްޓަކައި ކުރި މަސައްކަތުން ހާފިޡުކަމުގެ ސަނަދު ޙާޞިލު ކުރި 16 ހާފިޡަކަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ސަނަދުއަރުވާފައިވެއެވެ. އަދި ޤުރުޢާނުގެ ޢިލްމް ފެތުރުމަށްޓަކައި އެކި ފެންވަރުގެ ތަކުގެ 16 ކޯހެއް ފަށައިގެން މިހާރުވެސް ކުރިޔަށްދާކަން މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

ޤުރުޢާނުގެ ޢިލްމުގެ ދާއިރާއިން ޤާބިލު މުދައްރިސުން އިތުރުކުރުމަށްޓަކައި 64 މުދައްރިސުން ޑިގްރީފެންވަރަށް ތަމްރީނުކޮށް މި އަހަރުގެ ތެރޭގައި ނިންމާފައިވާއިރު ކީރިތި ޤުރުޢާން ކިޔެވުމަށް ލޯބިޖެއްސުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ވަނީ ބާއްވާފައެވެ. 1273 ދަރިވަރުން މުބާރާތުގައި ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެއިތުރުން ޤުރްއާނުގެ ދާއިރާއިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް މަގުބޫލުކަން އިތުރުކުރުމުގެ ގޮތުން 5 މުބާރާތެއްގައި ވަނީ ބައިވެރިވެފައެވެ. އަދި ލޯފަންކުދިންނަށް ޤުރުޢާން ކިޔެވުމަށް މަގުފަހިކުރުމަށްޓަކައި ބްރައިލް ޚަތިމް ޕްރޮގްރާމް ވަނީ ފަށާފައެވެ.

2019 ވަނަ އަހަރަކީ ކީރިތި ޤުރްއާން އަދި ސުންނަތާބެހޭ ދިރާސާތަށް ކުރުމާއި، އަދި އެފަދަ ދިރާސާތައް ޢާންމުކޮށް ޝާއިޢުކުރެވިގެންދިޔަ އަހަރެއްކަމުގައި ފާހަގަކޮށްލަންޖެހެއެވެ. ހަމައެހެންމެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދާ އެއްގޮތައް މިސްކިތު ޤުރްއާން ކުލާސް ޕްރޮގްރާމުގެ ދަށުން އަތޮޅުތެރޭގެ މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގޭނެ ގޮތް ހަމަޖައްސައި އެކަން ކުރިއަށް ގެންދެވޭނެގޮތް އިންތިޒާމުކޮށްފައިވެއެވެ. މި އަހަރުގެ ތެރޭގައި 11 ރަށެއްގެ މިސްކިތުގައި މިހާރު ކްލާސްތައް ކުރިޔަށްދާކަން ފާހަގަކޮށްލަންޖެހެއެވެ.

އިތުރު ތަފްޞީލުތަކަށް ބަލާއިރު މިހާތަނަށް މިސްކިތުގައި ޤުރުޢާން ކިޔަވައިދިނުމުގެ ޕްރޮގްރާމުގައި 11 އަތޮޅެއްގެ 17 ރަށަކުން ޖުމްލަ 3368 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި ވިލިމާލެ ކުޑަކުދިންގެ ހިޔާ ޤުރުޢާން ކުލާސް އަދި ހުޅުމާލޭ ފިޔަވަތި ޤުރުޢާން ކުލާހުން، މައިންބަފައިންގެ ލޯބިން މަޙްރޫމްވެފައިވާ ކުދިންނަށް ރީތިކޮށް ޤުރުޢާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަން ފަށާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން ސްކޫލް ނިމޭ ހުރިހައި ދަރިވަރުންނަކީ ޚަތިމުކޮށްފައިވާ ދަރިވަރުންނަށް ހެދުމަށްޓަކައި ސްކޫލުތަކުގައި ޚަތިމް ޕްރޮގުރާމް ފަށާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޒަކާތު ސެކްޝަން

ކުރީ އަހަރު ތަކެކޭވެސް އެއްފަދައިން ފިޠުރު ޒަކާތާއި މުދަލުޒަކާތް ނެގުމާއި ބެހުމުގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވާކަން އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވާއިރު، ފަޤީރުންގެ ދަފްތަރު އެކުލަވާލައި، ފިޠުރު ޒަކާތް ބެހުމަށް އެކުލަވާލާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފިޠުރު ޒަކާތް ވަނީ ބަހާފައެވެ. އަދި މުދަލު ޒަކާތް ބެހުމުގެ ކުރިން ޝަކުވާހުށަހެޅުމަށް ހުޅުވާލުމަށްފަހު، އަލުން ލިސްޓް ރިވިއުކޮށް އެ ލިސްޓް ފައިނަލްކުރުމަށްފަހު ފިޠުރު ޒަކާތް ވަނީ ބަހާފައެވެ. މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 2000ރ (ދެހާސް ރުފިޔާ) ވަނީ ބަހާފައެވެ. މި އަދަދަކީވެސް މީގެ ކުރިން މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވާނުވާވަރުގެ ބޮޑު ޢަދަދެއްކަން ފާހަގަކޮށްލަންޖެހެއެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8763 މީހުން ރަޖިސްޓްރީ ވެފައިވާއިރުފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5,651,268.00 ރ (ފަސްމިލިއަން ހަސަތޭކަ ފަންސާސް އެއްހާސް ދުއިސައްތަ ފަސްދޮޅަސް އަށްހާސް ރުފިޔާ) ވަނީ ލިބިފައިވެއެވެ. އެހެންކަމުން 1440 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީއަށް ލިބުނު ފައިސާއިން ބޮލަކަށް ދޫކުރުމަށް ނިންމާފައިވަނީ 5،000.00ރ (ފަސްހާސް ރުފިޔާ) އެވެ. މި އަދަދަކީ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި ބެހުނު އެންމެ ބޮޑު ޢަދަދުކަން އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން އަލަށް ކުރެވުނު ކަންތައްތައް:

  • - ޤުރުޢާނާބެހޭ މަރުކަޒުގެ 8 ގޮފި އަތޮޅު ތެރޭގައި ހުޅުވުން.
  • - 1273 ދަރިވަރުން ބައިވެރިކޮށްގެން ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތްބޭއްވުން.
  • - ލޯފަންކުދިންނަށް ޤުރުޢާން ކިޔެވުމަށް މަގުފަހިކުރުމަށްޓަކައި ބްރައިލް ޚަތިމް ޕްރޮގްރާމް ފެށުން.
  • - މިސްކިތު ޤުރްއާން ކުލާސް ޕްރޮގްރާމްގެ ދަށުން އަތޮޅުތެރޭގެ މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގޭނެ ގޮތް ހަމަޖައްސުން.
  • - ސްކޫލު ނިމޭ ހުރިހައި ދަރިވަރުންނަކީ ޚަތިމްކޮށްފައިވާ ދަރިވަރުންނަށް ހެދުމަށްޓަކައި ސްކޫލުތަކުގެ ޚަތިމް ޕްރޮގްރާމް ފެށުން.
  • - ވިލިމާލެ ކުޑަކުދިންގެ ހިޔާ ޤުރުޢާން ކުލާސް އަދި ހުޅުމާލޭ ފިޔަވަތި ޤުރުޢާން ކުލާހުން، މައިންބަފައިންގެ ލޯބިން މަޙްރޫމްވެފައިވާ ކުދިންނަށް ރީތިކޮށް ޤުރުޢާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފެށުން.
  • - މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 2000ރ (ދެހާސް ރުފިޔާ) ބެހުން.
  • - ފިޠުރު ޒަކާތުގެ ގޮތުގައި 5،000.00ރ (ފަސްހާސް ރުފިޔާ) ބެހުން.
  • - ދުނިޔޭގެ 8 ވަނަ ޒަކާތު ފޯރަމްގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއިން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައިވެރިވަޑައިގަތުން.
  • - ދުނިޔޭގެހަލާލް ކައުންސިލްގެ 20 ވަނަ އަހަރީ ބައްދަލުވުން ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއިން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައިވެރިވަޑައިގަތުން.
  • - ހައްޖުވެރިން އެއަރޕޯޓަށް ދިއުމާއި އައުމުގެ އެންމެހާ ޚަރަދުތަށް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދެއްވުން.
  • - 2000 މީޙުންގެ ކޯޓާއަށް 2000 މީހުން ޙައްޖަށް ފޮނުވުން.
  • - ޙައްޖު ޕޯޓަލްއެއް ޤާއިމްކުރުމުގެ މަސައްކަތް ފެށުން.
  • - މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން މުޅިން އަލަށް ފެށިގެން ކުރިޔަށް ގެންދާ " އޯގާ ކޭމްޕް" އަތޮޅުތަކުގައި ފެށުން.

މީގެއިތުރުން މިނިސްޓްރީން ހިންގާފައިވާ ބައެއް ކަންތައްތަކަށް ބަލާލާއިރު އެހެން އަހަރުތަކާއި ޚިލާފަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ ޚާއްސަ ބެއްލެވުމުގެ ދަށުން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކާއި އެހީތެރިކަން އިތުރުކުރުމުގެ ގޮތުން މުޙިއްމު އަދި އެހާމެ ފުރިހަމަ އިންތިޒާމުތަކެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ޑ.ރ އަހްމަދު ޒާހިރު ޢަލީ ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ހައްޖު ވެރިން ފުރުމާއި އައުމުގައި ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އެއަރޕޯޓަށް ދިއުމާއި އައުމުގެ އެންމެހާ ޚަރަދުތަކާއި ދަތުރު ފަތުރުކުމުގެ އެހީތެރިކަން ސަރުކާރުގެ އެކި ކުންފުނިތަކާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

އިތުރު މަސައްކަތަކަށް ބަލާއިރު އިސްލާމީ ދައުވަތު ފެތުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން މުޅިން އަލަށް ފެށައިގެން ކުރިޔަށް ގެންދާ " އޯގާ ކޭމްޕް" ފާއިތުވީ އަހަރު 6 ރަށެއްގައި ކުރިއަށް ގެންދިޔައެވެ. އަދި މިމަސައްކަތް އިތުރު އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ދަނީ ގިނަ މަސައްކަތް ތަކެއްކުރަމުންނެވެ. އިސްލާމީ ދައުވަތު އަދި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މަޣްރިބް ނަމާދަށްފަހު މިސްކިތްތަކުގައި ހަދީޘް ކުލާސް، ތަފްޞީރު ކުލާސް، ސީރާ ކުލާސް، ގެނެސްދިނުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ފާއިތުވީ އަހަރު ޖުމްލަ 74 ކްލާހެއް މިސްކިތްތަކުގައި ކުރިޔަށް ގެންދެވިފައިވެއެވެ.

އެންޑޯމަންޓް ސެކްޝަންގެ މަސައްކަތަށް ބަލާއިރު އެންޑޯމަންޓް ސެކްޝަނަކީ އަލަށް މިސްކިތްތަށް އިމާރާތް ކުރުމާއި މިސްކިތްތަކުގެ މަރާމާތުކުރުމަށްޓަކައި ކުރައްޖެހޭ ފަންނީ އެންމެހާ މަސައްކަތްތެއް ކުރިޔަށްގެންދާ ސެކްޝަނެވެ. އެންޑޯމެންޓް ސެކްޝަނުގެ މަސައްކަތްތަކަށް ބަލާއިރު އަލަށް ޢިމާރާތްކުރެވޭ 12 މިސްކިތަށް 75,196,119.78 ރުފިޔާ (ހަތްދިހަ ފަސްމިލިއަން އެއްލައްކަ ނުވަދިހަ ހަހާސް އެއްސަތޭކަ ނަވާރަ ރުފިޔާ ހަތްދިހަ އަށްލާރި ) ޚަރަދުކޮށް މިސްކިތްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ ތެރެއިން ގއ. ދެއްވަދޫގައި ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތްވަނީ މިހާރު އެއްކޮށް ނިންމާލާފައެވެ. އަދި 8 ރަށެއްގެ މިސްކިތުގެ ބިންގާވަނީ އަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ނ. މަގޫދޫ، އދ. ދަނގެތި، ށ. ފުނަދޫ، ލ. ފޮނަދޫ، ރ. ވާދޫ، ނ. ލަންދޫ، އއ. ބޮޑުފުޅަދޫ، ލ. ކަލައިދޫއެވެ. ހަމައެހެންމެ 6 މިސްކިތެއް މިވޭތުވެދިޔަ އަހަރުތެރޭގައި ނިންމާ ހުޅުވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެއިތުރުންވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފާއިތުވެގެންދިޔަ އަހަރުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް