ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 14:41
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފަތުމަތު އިބްރާހީމްދީދީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފަތުމަތު އިބްރާހީމްދީދީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
އެފައިސާ، މިފައިސާ، ވެރިކަމުގައި ބޭންކް އެކައުންޓަށް ބިލިއަނުން ފައިސާ!
 
ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށް، ނަންގަވާފައިވޭ
 
އެސްއޯއެފުން ޖަމާކުރި ކަމަށްބުނާ 5 ލައްކަ ޑޮލަރުގެ ދެ ޗެކް ޖަމާކޮށްފައިވަނީ، 2015 އޮކްޓޯބަރު 12 އަދި 13 ގައި
 
2015 ވަނަ އަހަރުގެ ޖުލައި މަހުގެ 5 އަދި 6 ވަނަ ދުވަހު، ކޮންމެ ދުވަހަކު 10 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ޖަމާކޮށްފައިވޭ

މިވީހާތަނަށް ދިވެހި ރައްޔިތުންގެ ހަރުމުދާލާއި ފައިސާއިންވެފައިވާ އެންމެ ބޮޑު ހިޔާނާތް ވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމާމެދު ޝައްކު އުފައްދާނެ މީހެއް ނެތެވެ. ވައްކަމާއި ކޮރަޕްޝަނުގެ އަމުލުތައް އިންތިހާއަށް ހިންގި ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނާއި ހުދު ރައީސް ޔާމީން ވެސް ވަނީ އިއުތިރާފުވެވަޑައިގަންނަވާފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކޮށް، ޕްރޮމޯޓްކޮށް, މަރކެޓް ކުރުމަށް އުފެއްދި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަކީ ހަމައެކަނި އެކަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި ކުންފުންޏެވެ. ނަމަވެސް އެކުންފުނީގެ މެންޑޭޓް ބަދަލުކޮށް، ވަގުވަގަށް، ރާއްޖޭގެ ފަޅު ރައްތަކަކާއި ފަޅުތަކެއް ހިމެނޭގޮތަށް 57 ތަނެއް ވިއްކާލިއިރު، އެތަންތަނުގެ މިލްކުވެރިން ކަމަށްވާ ދިވެހި ރައްޔިތުންނަށް އަންގާވެސް ނުލަ އެވެ. ދައުލަތުގެ ތިޖޫރީއަށް ލޯލާރިއެއް ވެސް ޖަމާކޮށްލާފައެއް ނުވެއެވެ.

އެހާބޮޑެތި ޖަރީމާތަކެއް އެމްއެމްޕީއާރުސީގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރުން ހިންގިއިރު، އެއީ އެސަރުކާރުން ހިންގި ކޮރަޕްޝަނާއި ވައްކަމުގެ އަދި ކުޑަ މިއްވަރެކެވެ. ކިރިއާ ފައިސާ ފޮއްޗެއް ވަންނަ ސަރުކާރުގެ ކުންފުންޏެއް ވިޔަސް، އެތަނަކުން ހިޔާނާތް ހިންގުން ނޫންކަމެއް ކޮށްފައެއް ނެތެވެ. ރައްޔިތުންނަށް ހިދްމަތް ފޯރިކޮށްދޭން އުފައްދާފައިވާ، ފެނަކައާއި ސްޓެލްކޯ ފަދަ ކުންފުނިތަކަށް ބެއްޔަސް، އެކުންފުނިތަކަށް ރައްޔިތުން ދައްކާ ފައިސާއަށް ހިޔާނާތްތެރިވުން ނޫންކަމެއް ކޮށްފައެއް ނުވެއެވެ. އެޗްޑީސީ އާއި އެމްޕީއެލް އާއި އެސްޓީއޯ އަދި މިފްކޯފަދަ ކުންފުނިތައް ބަގުރޫޓްވާ ހިސާބަށް ދިޔައީ، ރައީސް ޔާމީންގެ އަނބިކަނބަލުންގެ ފަސްބައިގައި އެލިގެން އުޅެން ޖެހުމުގެ ސަބަބުން ނެވެ.

މިހާރު ރަށުތެރޭގައި އެންމެބޮޑަށް ދެކެވޭ ވާހަކައަކީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ދެކެވެމުންދާ ވާހަކެވެ. އެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާނެ ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަމުންދަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވާނެ ކަމަށެވެ.

މީގެއިތުރުން، ބައެއް މީހުން ބުނަމުން ދަނީ، ރައީސް ޔާމީންގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވުނީ އަލަށް ނޫން ކަމަށާއި، މީގެކުރިން 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތުހުމަތުތަކެއް ކުރެވުނުއިރު، އެމައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ބަޣާވާތަކުން އޭރު އޮތް ސަރުކާރު ވައްޓާލީކަމަށެވެ. އެހެންކަމުން މާލީ ޖަރީމާތައް ހިންގަވާ އެހާ ބޮޑު ތަޖުރިބާކާރެއްގެ މައްޗަށް ކުށެއް ސާބިތު ކުރުމަކީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫންކަމަށާއި އެއަށްވުރެ ރައީސް ޔާމީން މާ ހުޝިޔާރުވާނެ ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް އޮޅިގެން އުޅޭ ބަޔަކު ވެސް އެބައުޅެ އެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ރައީސް ޔާމީންގެ މައްޗަށް ހިންގަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގެ ދައުވާއެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ ރައީސް ޔާމީންގެ މައްޗަށް ހިންގަނީ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާއެއް އަދި ކޯޓަށް އުފުލާފައި ނުވާއިރު، ތަހުގީގު އިދާރާތަކުން ގެންދަނީ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ކުރަމުން ނެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ:

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތަކީ، އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖުމްލަ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ، ކުރާ މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުކެވެ.

ފުރަތަމަ ކަމަކީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ތުހުމަތަކީ، އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީން ގއ. ބޮޑުމުއްލާ ކިޔާ ފަޅުރަށެއް ވިއްކައިގެން ލިބުނު ފައިސާ ކަމަށް ތުހުމަތު ކުރެވުމެވެ. އެކަމެއް ހިނގިއިރު، ރައީސް ޔާމީނަކީ ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކޮށް، ބެލެހެއްޓުމާއި، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރުމަށް ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީން މަތިކޮށްފައިވާ، ދިވެހި ދައުލަތުގެ އެންމެ ވެރިޔާ އެވެ.

އެމްއެމްޕީއާރުސީއަކީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން، ދައުލަތުގެ ބަޖެޓުން ހަރަދުކުރަމުން އަންނަ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީ ހިންގާނެ ބޭފުޅުން އައްޔަންކޮށް ވަކި ކުރުމުގެ ސީދާ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ވީއިރު، ޓޫރިޒަމް މިނިސްޓަރާއި، ސަރުކާރުގެ ކުންފުނިތައް ހިންގާ ނުހިނގާގޮތް ރައީސުލްޖުމްހޫރިއްޔާއަށް ނޭނގޭކަމަށް ވިދާޅުވުމަކީ އެއީ އުޒުރެއް ކަމަށް ބެލުމުގެ ޖާގައެއް ނެތެވެ.

ދެވަނަ ކަމަކީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ބައެއް ރައީސް ޔާމީންގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކުރިއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ވެސް އެމަނިކުފާނު ކަމަށްވުމާއި އެބުނާ 1 މިލިއަން ޑޮލަރުގެ މައްސަލަ ފޮރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިއުމެވެ. އޭގެ އެއް ހެއްކަކީ، ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެ، ފެތުރުވާހަކައާ ގުޅިގެން އެމަނިކުފާނުގެ ތަރުޖަމާނު، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވި ވިދާޅުވުމެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ ބުނާ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށެވެ.

އެކަން، ރައީސް ޔާމީންގެ ތަރުޖަމާނު ދޮގު ނުކުރައްވާ، ދެން ހެއްދެވި ގޮތަކީ، އެބުނާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ ބޭންކް އެކައުންޓަށް ވަންކަމަށްބުނެ ޚަބަރު ލިޔުނު ބައެއް ނޫސްވެރިންގެ މައްސަލަތައް މީޑިއާ ކައުންސިލަށް ހުށަހަޅުމެވެ. އަދި އަބުރުގެ ދައުވާ ކުރާނެކަމަށް ބުނެ ނޫސްވެރިންނަށް ބިރު ދައްކަމުން ދިއުމެވެ.ތިންވަނަ ކަމަކީ، އެމްއެމްޕިއާރުސީގެ ހިނާޔާތުގެ މައްސަލަތައް ފެންމަތިވެ، ރައީސް ޔާމީންގެ އެކައުންޓަށް އެބުނާ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ، 2015 ވަނަ އަހަރަށްވުމެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި ނިމިދިޔަފަހުން މިއަހަރުގެ ތެރޭގަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަށްފަހު، ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްވުމުގެ ތުހުމަތުތަކެއް ކުރެވި އޭގެ އަޑުފަށްގަނޑު ގަދަވެގެންގޮސް، ސީދާ ސަރުކާރަށް ވެސް އޭގެ ލޮޅުންއަރައިގެން ދިޔަ އެވެ. އަދި ބޮޑެތި ޖަރީމާތައް ހިންގާފައިވާކަމަށް ބުނެވޭއިރު، މަނީ ލޯންޑަރ ކުރުމުގެ ބޮޑެތި ތަހުމަތުތަކެއް ރާއްޖޭގެ އިތުރުން ބައިނަލް އަގްވާމީ މީޑިއާތަކުގައި "ސްޓީލިންގ ޕެރަޑައިސް" ގެ ނަމުގައި ގުގުމައިގެން ދިޔަ އެވެ.

އެކަން އެހެންއޮއްވައި، 2018 ގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިކުމެ، ބޮޑުތަކުން ނޫނެކޭ ބުނެ، ދެން ވެރިކަމުން ފައިބާ ވަޑައިގަންނަވާށޭ ބުނަންދެން، ރައީސް ޔާމީންގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ވަތް ފައިސާގެ ހަގީގަތް ހާމަކޮށްދޭން އެމަނިކުފާނު ބޭނުންފުޅެއް ނުވި އެވެ. އަމިއްލަފުޅު ބޭންކު އެކައުންޓްގައި އެފައިސާ ބަހައްޓައިގެން އުޅުއްވުމަށްފަހު، ފަހުން ވަނީ އެމަނިކުފާނަށް އެފައިސާއިން އިތުރަށް ނަފާވާގޮތަށް އިންވެސްޓްމަންޓް އެކައުންޓެއްގައި އެފައިސާ ބަހައްޓައިގެން އިންވެސްޓްކޮށްފަކަމަށްވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތުން ސާފުވާ ކަންކަން:

ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ބުނާބުނުމަށް އެމަނިކުފާނު އިންކާރެއް ނުކުރައްވަ އެވެ. އެހެން ނޫނަސް އިންކާރު ކުރެއްވޭނެ ތަނެއް ނުވެސް ނެތެވެ. އެފައިސާ ޖަމާކޮށްފައިވާކަން ބޭންކް ސްޓޭޓްމަންޓުން ހާމަވެއެވެ. އެ ފައިސާ ޖަމާކުރި މީހުން ވެސް އެފައިސާ ޖަމާކުރިކަމަށް ބުނާއިރު، އެފައިސާގެ މުއާމަލާތް ހިންގި އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ، ރައީސް ޔާމީންގެ ބޭންކް އެކައުންޓަށް 1 އެމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޝަރީއަތުގައި ހެކިބަސް ދެއްވާފަ އެވެ.

ރައީސް ޔާމީން ދެން އެވިދާޅުވަނީ އެއީ ޕީޕީއެމްގެ ކެމްޕެއިނަށް ހެޔޮއެދޭ ފަރާތަކުން ދިން ފައިސާ ކަމަށެވެ. ނަމަވެސް އަދީބު ވިދާޅުވަނީ، ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން ފައިސާގެ އެހީ ވެދެއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އަދީބު ވިދާޅުވަނީ ޕީޕީއެމަށް ހެޔޮއެދޭ ފަރާތްތަކުންވެސް ދެނީ ދެތިން ލައްކަ ރުފިޔާ ކަމަށާއި، އެހާވަރުގެ ބޮޑު އަދަދެއް އެއްވެސް ފަރާތަކުން ދެއްވާފައި ނުވާކަމެވެ.

އަދީބު ވަނީ ވަރަށް ސާފުބަހުން، އެބުނާ 1 މިލިއަން ޑޮލަރުގެ މުއާމަލާތް ހިނގިގޮތް ޝަރީއަތަށް ވިދާޅުވެ ދެއްވާފަ އެވެ. އެފައިސާ ޖަމާކޮށްފައިވަނީ، ސީދާ ރައީސް ޔާމީން ވިދާޅުވެގެން، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ކަމަށާއި، އެދުވަސް ވަރަކީ ކެމްޕެއިން ހަރަކާތެއް އޮތް ދުވަސްވަރެއްވެސް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަނެއް ކަމަކީ ރައީސް ޔާމީންއަށް އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއެއީ ކޮންގޮތަށް ހޯދި ކޮންފައިސާއެއްކަމާއި އެއީ އެމަނިކުފާނު ސައްހަ ގޮތުގައި ހޯދާފައިވާ ހަލާލު ފައިސާކަން، ޝަރީއަތަށް ޝާބިތުވާވަރުގެ ހެއްކެއް ދެއްކިފައި ނުވެއެވެ. މީގެއިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، އެފައިސާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، ނަމަވެސް އެފައިސާ އެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި ދެން ވެސް ހިންގެވީ ވެސް "ޖަރީމާ" އެކެވެ.

އަދީބުއަށްފަހު، ރައީސް ޔާމީން، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި، އެމަނިކުފާނުގެ ގާތްއެކުވެރިޔާ މޫސާ ޒަމީރުގެ އަތުން 1 މިލިއަން ޑޮލަރު ނަންގަވާ، އެފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރިއިރު، އެއީ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިނާޔާތުގެ 1 މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލުމަށް ހިންގެވި އަމަލެކެވެ.

ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓުން ހިންގާފައިވާ މުއާމަލާތް:

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރައީސް ޔާމީން އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި ނަންގަވާފައިވެއެވެ. އެގޮތުން ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުން ހިންގާފައިވާ ފައިސާ ބައެއް މުއާމަލާތްތައް ފާހަގަކޮށްލާނަމެވެ. ނަމަވެސް މިރިޕޯޓުގައި މި ހިމަނާލަނީ ހަމައެކަނި ރައީސް ޔާމީން ވެރިކަމުގެ ހުވާކުރެއްވި ދުވަސް ކަމަށްވާ 17 ނޮވެމްބަރު 2013 އިން ފެށިގެން 17 ފެބްރުއަރީ 2016ގެ ނިޔަލަށް އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ އަދުދުތަކެވެ. އެއީ އެއްލައްކައަށްވުރެ މަތީގެ އަދަދުތަކުން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 17 ނޮވެމްބަރު 2013 އިން ފެށިގެން 17 ފެބްރުއަރީ 2016 އަށް، ހަމަ އެކަނި އެއްލައްކައަށް ވުރެ މަތީ އަދަދުތަކުން ޖަމާކޮށްފައިވާ ފައިސާގެ ތަފްސީލް:-

  1. 2013 ނޮވެމްބަރު 28 ގައި: 2،000،000.00ރ ނަގުދު ފައިސާ.
  2. 2013 ނޮވެމްބަރު 28 ގައި: 2،000،000.00ރ ނަގުދު ފައިސާ.
  3. 2013 ޑިސެމްބަރު 03 ގައި: 4،700،000.00ރ ނަގުދު ފައިސާ.
  4. 2014 ޖެނުއަރީ 29 ގައި: 2،500،000.00ރ ނަގުދު ފައިސާ.
  5. 2014 އޭޕްރީލް 23 ގައި: 5،000،000.00ރ ނަގުދު ފައިސާ.
  6. 2015 މެއި 12 ގައި: 3،000،000.00ރ ނަގުދު ފައިސާ.
  7. 2015 މެއި 12 ގައި: 2،000،000.00ރ ނަގުދު ފައިސާ.
  8. 2015 ޖުލައި 5 ގައި: 10،000،000.00ރ ނަގުދު ފައިސާ.
  9. 2015 އޮގަސްޓް 6 ގައި: 10،000،000.00ރ ނަގުދު ފައިސާ.
  10. 2015 އޮކްޓޯބަރު 12 ގައި: 500،000.00 ޑޮލަރު، ޗެކަކުން.
  11. 2015 އޮކްޓޯބަރު 13 ގައި: 500،000.00 ޑޮލަރު، ޗެކަކުން.
  12. 2015 ޑިސެމްބަރު 17ގައި: 400،000.00ރ ޗެކަކުން.
  13. 2015 ޑިސެމްބަރު 30 ގައި: 150،000.00ރ ޗެކަކުން.

އެމުއާމަލާތްތަކުގައިވާ ގޮތުން، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 12 އަދި 13 ވަނަ ދުވަހު 500،000.00 ޑޮލަރުގެ ދެ ޗެކެއް ރައީސް ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވާއިރު، އެއީ އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުއާމަލާތްތަކެވެ. އިސްލާމިކް ބޭންކްގައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެ ކައުންޓަށް ވަރަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެއްފަހަރާ 10 މިލިއަން ރުފިޔާގެ ނަގުދު ފައިސާ 2015 ވަނަ އަހަރުގެ ޖުލައި 5 ވަނަ ދުވަހު ޖަމާކޮށްފައިވާއިރު، ޖެހިގެން އައި ޖުލައި 6 ވަނަ ދުވަހު ވެސް 10 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްކުރާ، މަލީ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވާފައެއްވެސް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
63%
0%
0%
38%
0%
0%
ކޮމެންޓް
18 ނޮވެންބަރ 2019 | ހޯމަ 12:08
އެދުރު ހަސަން.
މި ފައިސާތައް ދައުލަތައް ނަގާ އަންނަރަމަޠާން މަހު ރައިއްޔަތުންނަ ބަހާލަންވީ.