ކ. މާލެ
|
27 ޖެނުއަރީ 2021 | ބުދަ 12:14
ސަދޫމް ކޯޓުގެ ގާޒީއަކާއި، ވައްކަމުގެ ތުހުމަތު ކުރެވޭ މީހަކު ވާހަކަ ދައްކާ މަންޒަރު ދައްކުވައިދޭ އެޕިސޯޑުގެ މަންޒަރެއް
ސަދޫމް ކޯޓުގެ ގާޒީއަކާއި، ވައްކަމުގެ ތުހުމަތު ކުރެވޭ މީހަކު ވާހަކަ ދައްކާ މަންޒަރު ދައްކުވައިދޭ އެޕިސޯޑުގެ މަންޒަރެއް
ރާއްޖެއެމްވީ
ސަދޫމް ކޯޓުގެ ޝަރީއަތްތައް
މަގޭ ރިޕޯޓް: ކަރުގައި ވާ އައްސާފައި އޮތް ހިމާރެއްވިޔަސް، އެކައުންޓަށް ވަތް ފައިސާވިޔަސް، އެއްޗަކީ ހެޔޮ ނިޔަތް؟!
 
ކޮންމެ ކަމެއްގައިވެސް އެއްޗަކީ ހެޔޮ ނިޔަތްކަމަށް ގާޒީ ވިދާޅުވާކަަމަށްވޭ
 
އެއީ ގާޒީންނަށް ފެންނަ ގޮތަކަށް ޙުކުމް ކޮށް އުޅޭ ޒަމާނެއް
 
ސަދޫމް ކޯޓުގެ ޝަރީއަތްތައް ކުރިއަށްދާ ގޮތުގެ ވާހަކަތަކަކީ މަޝްހޫރު ވާހަކައެއް

ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ޓީވީން ދައްކާ "މުޙައްމަދު ރަސޫލުﷲ" ޕްރޮގްރާމްގެ އެޕިސޯޑެކެވެ. ފެންނަނީ ހިތުހުރި ގޮތަކަށް ޝަރީއަތްތައް ކުރިއަށް ގެންގޮސް، އިންސާފުގެ އިންތަކާއި މިންތައް ބޮއްސުންލާފައިވާ ސަދޫމް ކޯޓުގެ ޝަރީއަތެއް ކުރިއަށްދާ މަންޒަރެވެ. ގާޒީގެ އަރިހަށް އިންސާފު ހޯދުމަށް އެދި އައިސް ތިބި މީހުން އިންތިޒާރުގައި ތިބީ ގާޒީ ފަރިއްކުޅުވާ ނިމެންދެންނެވެ. އިންސާފަކީ ގާޒީއަށް ވަގުތުވުމުން، ނޫނީ ގާޒީ ހިތްޕުޅާވުމުން ލިބެން އޮންނަ އެއްޗެއްކަމަށް ހީވާ ކަހަލައެވެ.

ފަރިއްކުޅުވާ ނިންމުމަށްފަހު ދެން ފެންނަނީ ކާއެތިކޮޅުގެ އަގު އަތުލައިގެން ނުވާނެ ކަމަށް ބުނާ މަންޒަރެވެ. އެހިސާބުން ކައިރީގައި ހުންނަ މީހާވެސް "ކައިފައި އަގު ނުދެންދޯއޭ" ބުނެލުން ފިޔަވައި އިތުރަށް ކުރެވޭ ކަމެއް ނޯވެއެވެ. ވާނީވެސް އެހެންތާއެވެ. އެމީހާވެސް އިންސާފު ހޯދުމަށް މާދަމާވެސް ދާން އޮތީ އެ ގާޒީގެ އަރިހަށް ވިއްޔާއެވެ.

އެހިސާބުންވެސް ނިމުނީއެއް ނޫނެވެ. ދެން ގާޒީ ވިދާޅުވަނީ ކޯޓަށް އައިސްތިބި މީހުންގެ ތެރެއިން ރަނގަޅު މީހެއް ހޯދުމަށްފަހު، ގާޒީ މިއަދު ނާސްތާކުރަން އެދޭ ވާހަކަ ބުނެލުމަށެވެ. އެވަގުތު ކައިރީގައި ހުރި މީހާ އަހަނީ ގާޒީއަކީ ހަމަ އެހާ މުހިއްމު މީހެއްކަމަށް ޤަބޫލު ކުރަނީތޯއެވެ. ގާޒީ ނާސްތާ ކުރަން ހަމަ އެދިވަޑައިގަންނަވާއިރަށް، ކޯޓަށް ހާޒިރުވެ ތިބި ޚަސްމުން އެކަން ކުރަން ޖެހެނީ ކޮން އުސޫލަކުންތޯއޭ އަހާ ކަހަލައެވެ. އެހިސާބުން ގާޒީ ވިދާޅުވަނީ މާ އިބުރަތްތެރި ވާހަކައެކެވެ.

ރަށެއް ވީރާނާވެ ދިއުމުގެ އެއް އަލާމާތަކީ އިންސާފުގެ ކަންކަމާމެދު މީހުން ޝައްކު ކުރުން، ޒަމީރު ދެކެ ބިރު ނުގަންނަ، އަދި ގާޒީންދެކެ ބިރު ނުގަންނަ ނަމަ، ދެން ބިރުގަންނާނީ ކޮން އެއްޗެއް ދެކެ؟
ސަދޫމް ކޯޓުގެ ގާޒީ ވިދާޅުވާ ބަސްކޮޅު

ގާޒީ އެހެން ވިދާޅުވިތަނާ ދެން އިވެނީ މާ ބާރަކަށް ގާޒީއަށް ގޮވަމުން މީހަކު އައިސް ޝަރީއަތުގެ މަޖިލީހަށް ވަންނަ ތަނެވެ. ޙަބްރޫން އަވަށުން ސަދޫމަށް އައިސް އުޅޭ މި މީހާ ކުރާ ޝަކުވާއަކީ ގާޒީ އަރިހުގައި ހުރި އައުވާނަކު އޭނާގެ ހިމާރެއް ވަގަށް ނެގި ކަމުގެ ޝަކުވާއެވެ. ބޭނުންވީ އެކަމުގެ ދައުވާ ކުރާށެވެ. އެމީހާ ބުނާ ގޮތުގައި ގަނޑުވަރު ދޮރުކޮޅުމަތީގައި އޭނާގެ ހިމާރު ބޭއްވީ ވަލެއްގައި އައްސާފައެވެ. އަދި ގަނޑުވަރުގެ ތެރެއަށް ވަދެ ލޫތުގެފާނާ ބެހޭ ގޮތުން ސުވާލު ކުރުމަށްފަހު އެނބުރި އައިސް ބެލިއިރު، ގާޒީ ގާތުގައި ހުރި ގާޒީގެ އައުވާނު އެ ހިމާރު މޮހެގެން ގެންދަނީއެވެ. އެހެން އިބާރާތަކުން ބުނާނަމަ، ވައްކަން ކުރަނީއެވެ. އެންމެ ފަހުން ހިމާރު ވިއްކާލުމަށްފަހު، އެ ލާރިއަށް ރާ ބޮއިކަމަށްވެސް އަމިއްލައަށް އޭނާ އިއުތިރާފް ވެއެވެ.

ގަނޑުވަރުން ނުކުމެގެން އައިއިރު މިހިރަ މީހާ އަހަރެންގެ ހިމާރު މޮހެލަން އުޅެނިކޮށް ދުށިން، އަދި ހިމާރު ހިފައިގެން ފިލަން އުޅުނު، އަހަރެން އެހީއަށް އެދި ގޮވަމުން ފަހަތުން ދުވިން، ނަމަވެސް އެހީވާނެ މީހަކު ނުވި، އެހިސާބުން މީނާ ފިލައިފި، އަދި އަހަންނަށް ހިމާރު ގެއްލިއްޖެ، އެދުވަހު ހަތަރުދަމު އުޅުނީ ހިމާރު ހޯދަން، ދެން ކުއްލިއަކަށް މިއަދު މި ފެނުނީ މިކަލޭގެ ތަނެއްގައި ރާބޯން އިންދަ، އަހަރެން ހިމާރު ކޮބައިތޯ ސުވާލު ކުރީމަ ބުނީ އަހަރެން ހިމާރު ވިއްކާލާފައި ލިބުނު ލާރި ބޭނުން ކުރަނީއޭ
ގާޒީއަރިހަށް ދައުވާ ހުށައަޅަން އައި މީހާ

ދެން ވައްކަމުގެ ތުހުމަތު ކުރެވޭ މީހާ ގާތުގައި ގާޒީ އަހަނީ އޭނާ ވައްކަން ކުރިތޯއެވެ. އެހިސާބުން ދައުވާގެ ފީ ކަމަށް ބުނެ، ވައްކަން ކުރި މީހާ ގާޒީގެ އުނގަށް އަޅާލަނީ ފައިސާ ބޮނޑިއެކެވެ. ދެން ގާޒީވެސް އުފަލުން ހެވިފައި، އޭނާގެ ވާހަކަ އަޑުއަހަން ފަށައެވެ.

ވައްކަން ކުރި މީހާ ބުނާ ގޮތުގައި އޭނާ ހިމާރު ވަގަށް ނެގީ އެ ހިމާރު އައްސާފައި އޮތުމުގެ ސަބަބުން ހިމާރަށް އަޅާލުމުގެ ގޮތުންނެވެ. ހިމާރު ބަނޑުހައިވެގެން ގޮސް، އަޑުވެސް ނުނިކުންނަކަން ފާހަގަކޮށް އޭނާ ބުނީ، އެގޮތަށް އޮތް ހިމާރަކަށް އަޅާނުލައި ދޫކޮށްލެވޭނެތޯއެވެ. އަދި ހިމާރު ގެންދިޔައީވެސް "ހެޔޮ ނިޔަތުގައި" ކަމަށް މައުސޫމުކަމާއެކު އޭނާ ބުނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އޭނާ ވައްކަން ކުރީ ހެޔޮ ނިޔަތުގައެވެ. އަދި އެހެން މީހަކަށް އެ ހިމާރު ވިއްކާލުމުގެ މުއާމަލާތްވެސް ހިންގީ ހަމަ ހެޔޮ ނިޔަތުގައި ކަމަށް ބުނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ވައްކަން ކޮށްގެން ހޯދާ މުދަލުން ފައިދާ ހޯދީވެސް ހަމަ ހެޔޮ ނިޔަތުގައެވެ. ދެން ފެންނަނީ ގާޒީގެ "އިންސާފުވެރި" ނިޔާ ކަނޑައަޅުއްވައި ޙުކުމް ކުރައްވާ މަންޒަރެވެ.

"ހެޔޮ ނިޔަތުގައި ކަމެއް ކުރާ މީހަކު ކުށްވެރިއެއް ނުވާނެ" ކަމަށް ވިދާޅުވެ، ގާޒީ ޙުކުމް ކުރައްވާއިރު، ކައިރީގައި ވައްކަން ކުރި މީހާވެސް ހެވިފައި ހުރެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ވައްކަން ކުރީ ހެޔޮ ނިޔަތުގައެވެ. ވައްކަން ކުރި މުދަލުން ފައިސާ ހޯދީވެސް ހެޔޮ ނިޔަތުގައެވެ. އެއީ ހިމާރެއްކަމަށްވިޔަސް، އެކައުންޓަށް ވަންނަ ފައިސާއެއް ކަމަށް ވިޔަސް، ސަދޫމް ކޯޓުގައި އެއްޗަކީ ހެޔޮ ނިޔަތެވެ. އެއީވެސް ގާޒީއަށް ފެންނަ ޙާލަތްތަކުގައި އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
11%
0%
0%
0%
11%
78%
ކޮމެންޓް
28 ޖެނުއަރީ 2021 | ބުރާސްފަތި 19:16
އާމިރު
ކަލޭމެން ދައުލަތުގެ މުދާ ބޭނުންކޮށްގެން ކޮރަޕްޝަން ހިންގާފަ ކީކޭ ކިޔަނީ
27 ޖެނުއަރީ 2021 | ބުދަ 13:12
ލަކީ އިސްމާއިލް
ޔ މ ނ ވަކަންކުރީ ހެޔޮނިޔަތުގާ މައްސަލަބެލެވިޤާޒީގެ ނިޔަތަކީވެސް ހަމަ ހެޔޮނިޔަތް ސދމ ކޯޓު.