ގުރުއާން ޓީޗަރުންނާއި އިމާމުން ތަމްރީނުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ: އައިޔޫއެމް
16 ނޮވެމްބަރު 2019 | ހޮނިހިރު 08:30އިމާމުންނަށް ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދިނުމަށް ޕްރޮގުރާމް ކުރިއަށް ގެންދާނެ

ވައިސް ޗާންސެލަރު ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ
ޤުރުއާން ޓީޗަރުންނާއި އިމާމުން ތަމްރީނުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ބުނެފިއެވެ.
ބުދަ ދުވަހު ބޭއްވި ބަޖެޓު ކޮމެޓީގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ޤުރުއާން ޓީޗަރުންނާއި އިމާމުން ތަމްރީނުކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިހާރު ޚާއްޞަ ސަމާލުކަމެއްދީގެން ތަމްރީނު ޕްރޮގުރާމުތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ގުރުއާން ޓީޗަރުންނާއި އިމާމުން ތަމްރީނުކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މިހާރު ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިމާމުންނަށް ކަށުކަމާ ކެމީގެ ކަންކަން ދަސްކޮށްދިނުމަށް ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިމަސައްކަތަށް ހިލޭ އެހީ ހޯދައިގެން މިއަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.
މިހާތަނަށް އައިޔޫއެމްއިން ގްރެޖުއޭޓްވެފައިވާ ދަރިވަރުންނަށް އިޝާރާތް ކުރައްވާ ޑރ. ޒަކަރިއްޔާ ވިދާޅުވީ އެކި ދާއިރާތަކުން ގާތްގަނޑަކަށް 2728 ދަރިވަރުން ގްރެޖުއޭޓްވެފައިވާ ކަމަށާއި، މިއިން އެއްވެސް ދަރިވަރަކު ވަޒީފާއެއް ނެތި މަގުމަތިވެފައިނުވާ ކަމަށެވެ. ޑރ.ޒަކަރިއްޔާ ވިދާޅުވީ ޔުނިވަރސިޓީއާ ދަރިވަރުންގެ އޮންނަ ގާތްކަމުގެ ސަބަބުން އެދަރިވަރުންގެ ކެރިއަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިނގޭ ކަމަށާއި، އެދަރިވަރުންގެ މަސައްކަތްތަކާމެދު ޔުނިވަރސިޓީން ފަޚުރުވެރިވާ ކަމަށެވެ.
ޑރ.ޒަކަރިއްޔާ ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ ކޮންމެ މަސައްކަތަކީ އުފެއްދުންތެރި މަސައްކަތެއް ކަމަށާއި، އުނގެނުނު އެއްޗެއްގެ އަލީގަ ޙަޔާތް އާރާސްތު ކުރުމަކީ ވެސް މުޖުތަމަޢަށް ކޮށްދޭ މަސައްކަތެއް ކަމަށެވެ.






