ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، މިނިސްޓަރު މާރިޔާގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް
12 ނޮވެމްބަރު 2019 | އަންގާރަ 13:17ދައުލަތުގެ ވަސީލަތައް ނަހަމަ ގޮތުގައި ދަނީ ބޭނުން ކުރަމުން


ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.
އަންގާރަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު ޝަހީދު ވިދާޅުވީ ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައިދިނުމަށް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. ޝަހީދު ވިދާޅުވީ ރައީސް ސޯލިހު ދައުލަތުގެ ލޯންޗްކޮޅެއް ބޭނުންކުރައްވައިގެން އަމިއްލަފުޅު ކެންޕޭންތަކުގަ އަމިއްލަ ޕާޓީގެ ބޭފުޅުން ކެންޕޭން ކުރެއްވުމަށް ދަތުރުފުޅުތައް ކުރައްވާ ކަމަށެވެ.
ޝަހީދު ވިދާޅުވީ ބައެއް ދަތުރުފުޅުތަކުގައި ރަސްމީ ލޯންޗުކޮޅުކަން އޮޅުވާލަން ލޯންޗުގެ ދައުލަތުގެ ނިޝާނުގެ މަތީގައި ސަތަރި އަޅުއްވައިގެން ދަތުރުކުރައްވާ ކަމަށެވެ. އަދި މިއީ ކޮރަޕްޝަންގެ އަމަލުފުޅެއް ކަމަށާއި، ރައްޔިތުންނަށް އޮޅުއްވާލައްވަން މަސައްކަތްކުރާ މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ މިފަދަ މައްސަލަ ހުށަހެޅި މިއީ ދެވަނަ ފަހަރުކަން ޝަހީދު ފާހަގަކުރެއްވިއެވެ.
ޝަހީދު ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދު އެންމެފަހުން ހުވަދު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގަ ދައުލަތުގެ ވަސީލަތްތަކާއި، މަޖިލީހުގެ މީޑިއާ ބޭނުން ކުރައްވައިގެން ކެންޕޭން ކުރެއްވި ކަމަށެވެ. ޝަހީދު ވިދާޅުވީ މަޖިލިސް ރަސްމީ ޓްވީޓަރ އެކައުންޓުން ރަސްމީ ދަތުރުފުޅެއް ކަމަށް ޓްވީޓް ކުރައްވާއިރު، އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން ޓްވީޓްކޮށްފައިވަނީ އަމިއްލަ ދަތުރުފުޅުތަކެއް ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަނާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާ 14 ވަނަ މާއްދާގެ ދަށުން ރައީސް ނަޝީދު ކުއްވެރިވާތީ އެމައްސަލަ އެސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްސަލައަށް އަލިއަޅުއްވާލައްވާ ޝަހީދު ވިދާޅުވީ ޖިޓެކްސް ސިމްޕޯޒިއަމްގައި ބައިވެރިވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުފުޅުގައި، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ސައިފް ބިން ޒައިދާ އެކު ބޭއްވި ބައްދަލުވުމުގައި އެކަމަނާގެ ދަރިކަލުން ބައިވެރިކުރުވި ކަމަށެވެ. މިނިސްޓަރު މާރިޔާ އެދަތުފުޅުގައި ވަޑައިގަތީ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ ރަސްމީ ބައްދަލުކުރެއްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަކީލުންގެ ޓީމުން ބުނީ ރައީސް ސޯލިހުގެ ސަރުކާރުން ދައުލަތުގެ ބަޖެޓުން ދަތުރުފުޅުތަކަށް ރިކޯޑް އަދަދަކަށް ބޭކާރު ހަރަދުތައްކުރާ ކަމަށެވެ. އަދި މިމައްސަލަތައް މިނިވަންކަމާއެކު އެސީސީން ބަލާނެ ކަމަށް އުންމީދު ކުރާ ކަމަށް އެޓީމުން ބުންޏެވެ.
ޕީޕީއެމް / ޕީއެންސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ހުށަހެޅިއިރު، ޕީޕީއެމްއަކީ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ކެމްޕޭން ހަރަދުތައް ކުރި ޕާޓީއެއްކަމަށް ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު، ކެމްޕޭން ހުރިހާ ދަތުރުފުޅެއް ކުރައްވާފައިވަނީ ދައުލަތުގެ ވަސީލަތްތަކާއި، ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ. އޭގެއިތުރުން ދައުލަތުގެ ކުންފުނިތައްވެސް ބޭނުންކޮށްފައިވާ ކެމްޕޭންތައް ކުރިއަށްގެންދާ ޖަގަހައެއްގެ ގޮތުގަ އެވެ.








