ސަރުކާރުގެ މަސައްކަތްތަކަށް މަޖިލީހުން ހުރަސްނާޅާނެ: މެމްބަރު އާޒިމް
1 ނޮވެމްބަރު 2019 | ހުކުރު 09:28އިދިކޮޅުން ދެރައީސުން މައްސަލަ ޖެހިފައިވާ ކަމަށް ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކުރޭ

މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ރައްޔިތުން މަޖިލީހުން ކުރާ ކޮންމެ މަސައްކަތަކީ ސަރުކާރާއި، ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތް ކަމަށާއި، މަޖިލީހުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްނާޅާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނީ ސަރުކާރާއެކު ކަމަށާއި، ހުރިހާ ކަމެއްގައި އެއްބާރުލުން ދެމުންދާ ކަމަށެވެ. މެމްބަރު އާޒިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެބޭފުޅުން މައްސަލަ ޖެހިފައިވާކަން ރައްޔިތުންނަށް ދެއްކުމަށް ކަމަށެވެ. ނަމަވެސް އެދެބޭފުޅުންނަކީ ކުޑައިރުއްސުރެ މާވަރުގަދަ ގުޅުމެއް އޮތް ދެބޭފުޅުން ކަމަށާއި، ފަތުރަމުންދާ ވާހަކަތަކަކީ ދެކޮޅު ނުޖެހޭ ހަގީގަތާ ހިލާފު ވާހަކަތައް ކަމަށެވެ.
މެމްބަރު އާޒިމް ވިދާޅުވީ ސަރުކާރަށް ދަތިވާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ކުރަމުން ނުދާނެ ކަމަށާއި، ރައްޔިތުން މަޖިލީހުން ކުރަމުންދާ ކޮންމެ ކަމަކީ މިއަދުގެ ސަރުކާރަށް ފަސޭހަކުރަން އަދި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރީ ސަރުކާރަށް ނުވަތަ ރައީސް ޔާމީން ބޭނުންވާ ކަންކަން ކުރުމަށް ގާނޫނަށް ބަދަލުތައް ގެންނަން ކަމަށެވެ. އެގޮތުން ވަރަށް ގިނަ ގާނޫނުތައް ބަދަލުތައް ކޮށްފައިވާ ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.
ސަރުކާރުގެ ސްޕީޑް ލަސްކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ މެމްބަރު އާޒިމް ވިދާޅުވީ ސަރުކާރާ ރައްޔިތުންގެ މަޖިލިސް އޮތީ އެއްފިކުރެއް ކަމަށެވެ. މެމްބަރު އާޒިމް ވިދާޅުވީ އެމްޑީޕީގެ ރައްޔިތުން ބޭނުންވާ ކަންކަން ގާނޫނާ ގަވާއިދާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރާ ކަމަށާއި، މަޖިލީހުގެ މަސައްކަތާ އެއްވަރަށް ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާރު ފެށިފައިވާ ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.
މެމްބަރު އާޒިމް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ހިންގަނީ ތަފާތުކޮށް ކަމަށާއި، ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގަރާރުގެ ގޮތުގައި ހުށަހަޅައި، ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި، ވަޒީރުންނާ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަނީ ދެފުށް ފެންނަ ނިޒާމަކުން ކަމަށެވެ.
މެމްބަރު އާޒިމް ވިދާޅުވީ މިވޭތުވެދިޔަ 07 އަހަރަކީ ރާއްޖެއޮތީ އެއްފުށުން އަނެއް ފުށަށް ޖެހާފައި ކަމަށާއި، ކޮންމެ ކަމެއް އެއޮންނަ އުސޫލު ބޭރުން ކޮށްފައި ކަމަށެވެ. މިސަރުކާރުން މިމައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާއިރު ވަގުތު ނަގާނެ ކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.





