ޤާނޫނީ ފަންނުގެ ޤާނޫނު އައުމުން ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔެވުމަށްފަހު ހުވާނުކުރެވި ތިބި 156 ވަކީލަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް މިދަރިވަރުންގެ ފަރާތުން ފޮނުވާފައިވާ ސިޓީ އާ ގުޅިގެން އެކޮމެޓީން ވަނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރުންނާ ބައްދަލުކޮށްފަ އެވެ. ވިލާ ކޮލެޖާއި އިސްލާމިކް ޔުނިވަރސިޓީ އަދި ޤައުމީ ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައި ތިބި މިދަރިވަރުންނަކީ މިފަހުން ފާސްކޮށް އަމަލުކުރަމުންދާ ޤާނޫނީ ފަންނުގެ ޤާނޫނު އައުމުން ހުވާނުކުރެވި ތިބި ދަރިވަރުންނެވެ. މީގެތެރޭގައި ހިމެނެނީ ޤާނޫނު ފާސްވެ ތަސްދީޤުވުމާއި ދެމެދު ކިޔަވާ ނިމުނު ދަރިވަރުންނާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނެވެ.
މި ޤާނޫނު ފާސްވެ ތަސްދީޤުވުމުން ކުރިން ވަކީލުން ހުވާ ކުރުމުގެ ކަންކަން ކުރިޔަށްގެންދިޔަ ސުޕްރީމް ކޯޓުގެ ބަދަލުގައި އެކަން ކުރަންޖެހޭނީ ބާ ކައުންސިލުންނެވެ.
ކޮމެޓީގެ މެމްބަރުންނާއި މި ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރަމުން ބުނެފައިވަނީ ހުވާނުކުރެވުމުގެ ސަަބަބުން އެ ދަރިވަރުންނަށް ގެއްލުންތަކެއް ވަމުންދާކަމަށެވެ. އެގޮތުން ވަޒީފާ ދޭ އިރު ހުވާ ނެތުމުން ހަމަ މުސާރަ ނުލިބުމާއި ޕްރޮމޯޝަން ނުދިނުމާއި ބޭނުންވާ ވަޒީފާ ނުލިބުން ފަދަ ކަންކަން އެ ދަރިވަރުންނަށް ދިމާވަމުންދާކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއްހޯދައި ދިނުމަށް އެދޭކަމަށް އެ ދަރިވަރުން ވަނީ ކޮމެޓީގައި އެދިފަ އެވެ. އެގޮތުން މިވަކީލުންނަށް މިހާރު މިއޮތް ހާލަތުގައި ހުވާކުރެވޭނެ ގޮތަށް ޤާނޫނަށް އިސްލާހު ގެނެސްދިނުމަށް މި ދަރިވަރުންވަނީ ކޮމެޓީގައި އެދިފައެވެ.
ޓެމްޕަރަރީ އެއްޗެއް އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަށް އިންޓަރިމްގެ ގޮތުގައި ބަރ އެގްޒާމާއި ޓްރެއިނިންތައް ހަމަޖެހެންދެން އަޅުގަނޑުމެންނަށް އެފުރުސަތު ދެއްވާށޭ ކުރިން އޮތްގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ސެޓްފިކެޓްތަކާއި އެއްޗެހި ހުށަހަޅައިގެން 21 އަހަރު ފުރިފައި ހުރި ބޭފުޅަކު ދެން ކުރީގެ ރެގިޔުލޭޝަންގައި އޮންނާނެ އޭގައި އޮތްގޮތް. ދެން ވަރަށް ފަސޭހަކޮށް އޮތް ޕްރޮސެސްއެއް އެއީ. ދެން އެޕްރޮސެސްގައި އަޅުގަނޑުމެންނަށް އެ ފުރުސަތު ދެއްވާށޭ.
މި މައްސަލާގައި ބާކައުންސިލްގެ ރައީސާވެސް ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާނެކަމަށް މިދަރިވަރުން ބުނެއެވެ. ނަމަވެސް ފަހުން ބާ ކައުންސިލުން ނެރުނު ގަވާއިދުގައި އެކަމަށް ހައްލެއް ގެނެސްދީފައި ނުވާކަމަށް ދަރިވަރުން ބުނެއެވެ.
ބާކައުންސިލުން ދިން ޖަވާބަކީ ކައުންސިލުން އެކަން ކުރެވޭނެ ކަމަކަށް އެބޭފުޅުން ގަބޫލުފުޅެއް ނުކުރައްވާ. ކުރީގެ އިޖުރާޢަތު ބާތިލްވެއްޖޭ އެބޭފުޅުން ވިދާޅުވަނީ. ކުރީގެ އިޖުރާޢަތު އެބޭފުޅުން ނަންގަވަނީ ސުޕްރީމް ކޯޓުގެ އިޖުރާޢަތު. އަޅުގަނޑު ގަބޫލުކުރަން ސުޕްރީމް ކޯޓުގެ އިޖުރާޢަތު ބާކައުންސިލުން ކުރިޔަށް ގެންދެވޭނެކަމަށް. އެކަމަކު އެހެން މާއްދާއަކުން ބާ ކައުންސިލުން ވިދާޅުވަނީ 31 ވަނަ މާއްދާގައި މިހުންނަ 30 ވަނަ މާއްދާގައި ހުންނަ ކަންކަން ފުރިހަމަކޮށް ނިންމާފައޭ ދެން އިތުރަށް ހުވާކުރުމެއް ކުރިޔަށް ނުގެންދެވޭނޭ
ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންވެގެންވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތަކީ ޤާނޫނުގައި ބުނެފައިވާ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ މީހެއް ކަމުގައި ވުމެވެ. އަދި ބާ އިމްތިހާނުގެ މުޤައްރަރާއި އިމްތިހާނު ދޭނެ ގޮތާއި އިމްތިހާނު އޮންނާނެ ތާރީޚާއި އިމްތިހާނުގައި ބައިވެރިވެވޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާނީ ބާ ކައުންސިލުންކަމަށް ޤާނޫނުގައި ބަޔާންވެގެންވެ އެވެ.
މިމައްސަލަ އާ ގުޅިގެން އެޓަރނީ ޖެނެރަލް އާ ވާހަކަދެއްކުމުން އޭޖީ ވިދާޅުވީ ޤާނޫނުގައި މިހާރު އޮތްގޮތުން އެކަން ނުވާނެކަމަށާއި އެކަން ވާނީ ޤާނޫނަށް އެ އިސްލާހު ގެނެސްގެންކަމަށް ދަރިވަރުން ބުނެއެވެ.
މިދަރިވަރުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކޮމެޓީގައި އިންނަވާ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން ވިދާޅުވީ އެދަރިވަރުންނަށް މިހާލަތުގައި ހުވާކުރެވޭނެ ގޮތަށް ޤާނޫނަށް ބަދަލުގެނައުމަށް އިސްލާހެއް ޑްރާފްޓު ކުރުމަށްފަހު ކޮމެޓީއަށް ހުށަހަޅުމަށް އެދިވަޑައި ގަންނަވާކަމުގަ އެވެ.
މި ޤާނޫނު އޮތްގޮތަށް އޮވެގެން މިކަން ކުރުމަށް އިސްލާހެއް ޑްރާފްޓްކުރުމަށްފަހު ކޮމެޓީއަށް ފޮނުވާފައި އަދި ހަމަ އެޑްރާފްޓް ބާ ކައުންސިލްގެ އެކްސްކޯއަށް ފޮނުވަންވީ. ދެން އަޅުގަނޑުމެން ބާ ކައުންސިލާއި ބައްދަލުކޮށްފައި ސޮލިޔުޝަނެއް ހޯދުމަށްޓަކައި މަސައްކަތް ކުރަން ފަސޭހަވާނޭ.ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން
ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވަނީ އަލީ ހުސައިންގެ ހުށަހެޅުމަށް ތާޢީދުކުރައްވާ އެގޮތަށް ޑްރާފްޓެއް ކޮމެޓީއާ ހިއްސާކުރުމަށް އެދަރިވަރުންގެ ކިބައިން އެދިވަޑައިގަންފަ އެވެ.
ހައްލުހޯދުމަށް ގިނަ މުއައްސަސާތަކެއް ޝާމިލްވާންޖެހޭ. ޚާއްސަގޮތެއްގައި ބާކައުންސިލް އަދި އެޓާނީ ޖެނެރަލް. ދެން އަޅުގަނޑުމެން އެފަރާތްތަކާވެސް ބައްދަލުކުރާނަން. އަޅުގަނޑަށް ހީވަނީ މިމައްސަލާގައި އެފަރާތްތައް މެދުވެރިގެން ހެން މިކަން ވާނީ.މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ
މިމައްސަލާގައި ދެން އިތުރަށް ކުރިޔަށްދާނެ ގޮތެއް ކޮމެޓީގައި މަޝްވަރާކުރުމަށްފަހު ނިންމާނެކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.
ބާ ކައުންސިލުން އެކުލަވާލާފައިވާ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައި ބުނަނީ ކޮންމެ އަހަރަކު މަދުވެގެން އެއް ބާ އިމްތިހާނު ބާ ކައުންސިލުން ބާއްވަންވާނެ ކަމަށެވެ.