ބުރާސްފަތި 28 މެއި 2020
09 ރޯނު
1441 ޝައްވާލް 05
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
މަޖިލިސް 2019

"މަހުޖަނުންނަށް" އިންކަމް ޓެކްސްގެ ބިލެއް ކަމަކުނުދިޔަ!

  • ޝިޔާމް ވިދާޅުވީ "ރިހޭ ފައި މައްޗަށް ފޮއެ ވައްޓާލީމާ" ގައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް
  • މެމްބަރު ވިދާޅުވީ މި ވަގުތު ޓެކްސް ނަގަން ބޭނުންފުޅު ނުވާކަމަށް
  • ގައުމެއް ކުރިއަރައި ދަނީ އެ ގައުމެއްގައި ތަނަވަސް މީހުންތަކެއް ތިބެގެން ކަމަށް ގާސިމް ވިދާޅުވި

ކ. މާލެ | 30 އޮކްޓޯބަރ 2019 | ބުދަ 19:19 | 5,647

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމްދު ޝިޔާމް - މަޖިލިސް

މި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންމެ ހޫނު ބަހުސެއް ކުރެވެމުންދަނީ "އިންކަމް ޓެކްސް"ގެ ބިލަށެވެ. ނުވަތަ އަމިއްލަ ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ގުޅިގެންނެވެ.

ބިލުގައި ވަނީ 60،000ރ އާއި 100،000ރ ދެމެދުގެ އާމްދަނީއެއް ލިބޭ މީހެއްގެ އަތުން ޓެކްސްގެ ގޮތުގައި ނަގާނީ އާމްދަނީގެ 3.5 ޕަސެންޓްކަމަށެވެ. މަހެއްގެ މައްޗަށް 100،000ރ އާއި 150،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން އާމްދަނީގެ 6.5 އިންސައްތަ ނެގުމަށް ނިންމާފައިވާއިރު 150،000ރ އާއި 200،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން ނަގާނީ އާމްދަނީގެ 10 އިންސައްތައެވެ. އަދި 200،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން އާމްދަނީގެ 15 އިންސައްތަ ނެގުމަށް ވަނީ ނިންމާފައެވެ.

މިހެން ބިލުގައި އޮތުމާއި ގުޅިގެން ބައެއް މެމްބަރުން، ޙާއްސަކޮށް، ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިން ގެންދަވަނީ މި ބިލަށް ވަރަށް އަޑުހަރުކޮށް ދެކޮޅު ހަދާ، ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ޖަލްސާތަކުގައި މި ބިލަށް ފާޑުވިދާޅުވާ މެމްބަރުންނަކީ މަޝްހޫރު ވިޔަފާރިން ކަމަށްވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ޓްރެވެލް ޝިޔާމް) އެވެ.

މި ބޭފުޅުންގެ ފާޑުކިޔުންތައް އިންކަމްޓެކްސްގެ ބިލަށް އަމާޒުވެފައިވާއިރު މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވަނީ އެ މެމްބަރުންނަށެވެ. ގިނަ މެމްބަރުންތަކެއް ދަނީ އެ މެމްބަރުންނަށް ނިސްބަތްކޮށް "މަހުޖަނު" ނުވަތަ "ސޭޓު" ފަދަ ބަސްބަސް ބޭނުން ކުރައްވަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވަނީ "މަހުޖަނޭ" ގޮވަމުންދާ މެމްބަރުންނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.

މަލާމާތުގެ ރާގަކުން ގާސިމް ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވާ ފަރާތްތަކަށް "ސޭޓުންނަށް" ގޮވާ، ތަނަވަސް މީހުންނޭ ގޮވާއިރު ހިތްޕުޅަށް އަރާވަޑައިގަންނަވަނީ ކަންތައްތައް ވެގެން މިދަނީ ކިހިނެއްތޯ ކަމަށެވެ. ގައުމެއް ކުރިއަރައި ދަނީ އެ ގައުމެއްގައި ތަނަވަސް މީހުންތަކެއް ތިބެގެން ކަމަށާއި ޓެކްސް ނެގޭނީ ތަނަވަސް އަދި ފައިދާވާ ކުންފުނިތަކެއް ހުރެގެން ކަމަށެވެ.

އެހެންކަމަށް ވާނަމަ މި ކޮންވާހަކައެއްތޯ މި ދައްކަވަނީ؟ ބައެއްގެ ސިކުނޑިއަށް ވައްދާދޭން މުއްސަނދިންނޭ، މަހުޖަނުންނޭ، ދެފަހަރުން އެއްފަހަރު އިރުކޮޅަކުން މިވާހަކައެއް މިދައްކަނީ ސޭޓުންނޭ، މިވާހަކައެއް މިދައްކަނީ ކޮން ކަމަކާ ހެދިތޯއޭ އަޅުގަނޑު ހިތައް އަރަނީ. ކޯއްޗެއް އެޗީވް ނުވެގެންތޯއޭ؟ ހުރިހާ އެއްޗެއްވެސް އެޗީވަބްލް ވޭ ދެއްތޯއޭ އެ ވާހަކައެއް ނުދެއްކިއެއް ކަމަކު. މިހާރު ޖޯކަކަށް ނޫނީ ނުވާކަން ކަށަވަރު އިނގޭތޯ؟

~ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

ގާސިމް މިހެން ވިދާޅުވެފައިވާއިރު، ބައެއް މެމްބަރުންވަނީ ބުދަ ދުވަހުގެ ޖަލްސާގައިވެސް ބިލަށް ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރުންނަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މިބިލުގެ ސަބަބުން ފަހަރެއްގައި "މަހުޖަނުން" ހިތްހަމަ ނުޖެހިދާނެކަމަށެވެ.

ފަހަރެއްގައި ބޮޑެތި މަހުޖަނުން މިކަމާ ހިންހަމަ ނުޖެހި ހިނގަދާނެ. ސަބަބަކީ ޑީލް ހަދައިގެން އެބޭފުލުން ކުރަމުން އަންނަ ކަންކަން ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްދާނެ ކަމަށް އެބެފުޅުންނަށް އަންދަޒާ ކުރެވޭތީ ދިމަވާ ކަންކަން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ.

~ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް އެކޭ އެއް މޭރުމުން އެމްޑީޕީއަށް ނިސްބަތްވާ އެހެން މެމްބަރުންވެސް އައީ އެ މެމްބަރުންނަށް ފާޑު ވިދާާޅުވަމުންނެވެ.

އެގޮތުން ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އިންކަމް ޓެކްސްގެ ބިލާއި ގުޅިގެން މީދޫ ދާއިރާގެ މެމްބަރު ސިޔާމް ވާހަކަދެއްކެވިއިރު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާފައެވެ. މެމްބަރު ޝިޔާމް ވިދާޅުވީ "ރިހޭ ފައި މައްޗަށް ފޮއެ ވައްޓާލީމާ" ގައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ރިހޭ ފައި މައްޗަށް އަނެއްކާ ފޮއެ ވައްޓާލީމާ ގައުމުގެ ފަޔަށް ނުވަތަ ނޫނިއްޔާ ގަޔަށް ލިބިގެންދާނެ ގެއްލުން ވަރަށް ބޮޑު. އިނގިލައްވާނެ ފަދައިން މިއަދު ތިބޭފުޅުން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްބަލާލުމުންވެސް އިނގޭނެ ދިވެހި ރާއްޖޭގެ އިގްތިސޯދު މިވަނީ ކުރިއަރައިގެންދާ ގޮތަކަށް ނޫންކަން. އަދި ދިވެހި ރާއްޖޭގެ އިގްތިސާދު މިވަނީ ދަށަށް ދާން ޖެހިފަ.

~ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް

އަދި އިގްތިސާދު ދަށަށް ދާ ސަބަބަކީ މާލިއްޔަތަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީ ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ގިނައިން ޓެކްސް ނަގާ ގައުމު ކަމަށެވެ.

އިއްޒަތްތެރި ރައީސް ދިވެހި ރާއްޖެއަކީ މުޅި ދުނިޔޭގެ އެންމެ ގިނައިން ޓެކްސް ނަގާ ގައުމު. ތިބޭފުޅުން ބައްލަވާ، މި ތިއްބެވި ޕާލިމެންޓްގައި ތިއްބެވި މެމްބަރު ބައްލަވާ ޔޫރަޕިއަން ޔޫނިއަންގައި، ޔޫރަޕުގެ ގައުމުތަކުގައި، ކައިރީގައި މިއޮތް ސިންގަޕޫރުގައިވެސް އަދިވެސް އެމީހުން އެއީ މިހާރު 35 މިލިއަން ޓުއަރުސްޓުން އެތަނަށް ދާ ތަނެއް. ބާ ކެޕިޓަލްގައި އިންކަމުގައި އެތަނުގައި 70000 ޑޮލަރު އެމީހުންގެ ބޮލަކަށް ޖެހޭ. ދިވެހި ރާއްޖޭގެ މި ޖެހެނީ ކިރިޔާ 9000 ޑޮލަރުވެސް ނުޖެހިގެން މިއުޅެނީ.

~ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް

މެމްބަރު ވިދާޅުވީ މިވަރުގެ ގައުމެއްގައި ކުރަން ޖެހޭ ކަންތައްތަކާއި ކުރަންނުޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް ދައުލަތް ހިންގާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށެވެ. އެގޮތުން ދައުލަތް ހިންގާ ފަރާތްތަކަށް ޓެކްސް ނެގުމުން ދައުލަތަށްވާނެ ގޮތް އެނގެން ޖެހޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ދިވެހިރާއްޖޭގައިވެސް އެންމެ ގިނައިން ޓެކްސް ދައްކަވަނީ އޭނާ ކަމަށާއި އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް ދިވެހި ރައްޔިތުންނަށް ދައްކަވާ ކަމަށެވެ. ދައްކަނީ ބުރަ މަސައްކަތުން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. އަދި ފެނިގެންދާ މަންޒަރަކީ އެ ފައިސާއަށް ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން ޚިޔާނާތްތެރިވަމުންދާ މަންޒަރު ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ މިވަގުތު ޓެކްސް ނަގަން ބޭނުންފުޅު ނުވާ ކަމަށެވެ.

ޓެކްސް މިހާރު ވެސް މި ނަގަނީ ދިވެހި ރައްޔިތުން އަތުން ފައިސާ އިއްޒަތްތެރި ރައީސް. މިއުޅެނީ ކީއްކުރަންތޯ؟ ބުނެބަލަ ކުރަން މިއުޅޭ ކަމެއް. ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ޓެކްސްއެއް ނަގާނަމަ އެ ޓެކްސްއިން ކުރަނީ ކޮންކަމެއް ކަން ރައްޔިތުންނަށް އަންގައިދޭން ޖެހޭ. ރައްޔިތުންނަށް ބުނެދޭން ޖެހޭ. މިއިން އެއްވެސް ކަމެއް ނެތި ހިތައް އަރާ ވަރަކަށް ރައްޔިތުންގެ މުދަލުން ޓެކްސް ނެގުމަކީ އެއީ ފޭރިގަތުމެއް އިއްޒަތްތެރި ރައީސް. ފޭރިގެން ނުވާނެ މިގައުމަކު އެއް. ކީއްވެގެންތޯ މިއުޅެނީ؟ މޮޔަފުޅުވެގެންތޯ ތިއުޅުއްވަނީ؟ ހިތައް އަރާ ވަރަކަށް ޓެކްސް ނަގައިގެން މީހުންގެ ވިޔަފާރިތައް ހަލާކުކޮށްލާ، ދިވެހި ރައްޔިތުންގެ ހައްގުތައް ނުދީ އެ ނަގާ ޓެކްސްތައް އެންމެހާ ދިވެހި ރައްޔިތުން އެންމެހާ ވެރިކަމުގައި ތިބޭ މީހުން ކާލާ ހަރާންގޮތުގައި ބަނޑަށްލާ އަލިފާން ކަމުން އެދަނީ އެމީހުންގެ އަނބީންނާއި ދަރިންވެސް އެދަނީ ނަރަކައަށް ލަމުން.

~ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް

މެމްބަރު ވިދާޅުވީ މުދަލުގެ ޒަކާތް ނެގި ނަމަވެސް މާ ރަނގަޅުވާނެ ކަމަށެވެ. އަދި ޓެކްސް ނަގަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވީ ދިވެހި ރާއްޖޭގެ މެމްބަރުން ބޭނުންފުޅު ވަނީ އިންސާފުވެރިކަން ކަމަށެވެ.

މެމްބަރު ޝިޔާމަށް ރައްދުދެއްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވީ މަހުޖަނުންނާއި ވިޔަފާރިވެރިން އެންމެ ގިނައިން އެބައެއްގެ އަތުން ޓެކްސް ދައްކަންޖެހޭ މީހުން "ފެނުން މައްޗަށް ނަގާފައި އޮތް ރޯ މަހެއް ހެން ތެޅޭ ހެން ތެޅޭ" ތަން ފެނިގެން ދިއުމަކީ ހައިރާންވާކަމެއް ނޫން ކަމަށެވެ. އަދި އެމަންޒަރު މި ފެނިގެންދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލްގައިވާ ރޭޓުތަކަށް ބަލާލާއިރު އަވަށްޓެރި ގައުމު ތަކުގެ ރޭޓުތަށް މާބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. ބިލުގައި ހުށަހަޅާފައިވަނީ ވަރަށް ކުޑަ އަދަދެއްކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސޯދުގެ މައިބަދައަކީ މަހުޖަނުންނެއް ނޫން ކަމަށެވެ.

ދިވެހި ރާއްޖޭގެ ދިވެހިރާއްޖޭގެ އިގްތިސޯދުގެ މައިބަދައަކީ މަހުޖަނުންނެއް ނޫން. ވިޔަފާރިވެރިންނެއް ނޫން. ދިވެހި ރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ މެދު ފަންތީގެ ދިވެހިން.

~ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް

މެމްބަރު ވިދާޅުވީ އިންކަމްޓެކްސްގެ ބިލެއްގެ ވާހަކަދެކެވޭއިރު ބޮޑެތި މަހުޖަނުން ނުކުމެ އަމިއްލަ ދިފާއުގައި ވާހަކަދެއްކެވުމުން އެއަށްވުރެ ބޮޑު މަސްލަހަތުގެ ފުށުއެރުމެއް ނޯންނާނެ ކަމަށެވެ. މެމްބަރު ވިދާޅުވީ އެހެން ގައުމެއްގައިނަމަ އެ ވެގެންދާނީ ބޮޑު ޖޯކަކަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި މި ފެނިގެންދަނީ ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުން ނުކުމެ "ކުޑަ ކުދިން ކިރު ތައްޓެއް ނުލިބިގެން ރޯހެން" ރޯ މަންޒަރު ކަމަށް މީކާއިލް ވިދާޅުވި އެވެ. އިތުރު ފައިސާ ކޮޅެއް ދިވެހި ރައްޔިތުންނަށް ދޭން ޖެހިދާނެތީ ހިންހަމަ ނުޖެހުން ފާޅު ކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.