އިންކަމްޓެކްސް ނެގޭ މިންވަރު ވައުދާ ޚިލާފުކަމަށް ވިދާޅުވެ އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުން
ބިލްގައިވަނީ އާމްދަނީން 40،000 ރުފިޔާ އަށް ވުރެ މަތިން ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނެގުމަށް


ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާ ބަހުޘް ކުރަމުންދާ ޢާމްދަނީން ޓެކްސް ނެގުމުގެ ބިލުގައިވާ ޢަދަދުތަކަކީ އެމްޑީޕީން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވީ ވަޢުދާ ޚިލާފު ޢަދަދު ތަކެއްކަމަށް ވިދާޅުވެ ބަހުޘް މަރުޙަލާގައި އެމްޑީޕީ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަހީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ނަގަންޖެހޭނީ މަހެއްގެ މައްޗަށް 40،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މީހުންގެ އަތުންނެވެ. ނަމަވެސް އެމްޑީޕީން ވަޢުދުވެފައިވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުމަށެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ބިލަށް ބަހުޘްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ ބިލުގައި މިހާރުވާ ޢަދަދަކީ އެޖެންޑާ 19 ގެ ދަށުން ވަޢުދުވެފައިވާ ޢަދަދު ނޫންކަމަށެވެ.
މީގެއިތުރުން މީކާއިލް ވަނީ ބިލުގެ 12 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ކުންފުނިތަކަށް ލިބޭ ޑިވިޑެންޓް ޓެކްސްއިން އިސްތިސްނާވާ ވުމާއި މެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީކާއިލް ވިދާޅުވީ ޑިވިޑެންޓުން ޓެކްސް އުނިވާންޖެހޭ ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށާއި އެއީ ޑިވިޑެންޓުން ޓެކްސް ނަގަންޖެހޭ ފަރާތްތަކުން އެއީ ޑަބަލް ޓެކްސޭޝަންގެ ގޮތުގައި ވަކާލާތު ކުރައްވާތީކަމަށް މީކާއީލް ވިދާޅުވި އެވެ.
ޑިވިޑެންޓުން ޓެކްސް ނުނަގާކަމަށްވާނަމަ އިންކަމް ޓެކްސް ނެގުމުގެ ބޭނުމެއް އޮތްކަމަށް ޤަބޫލުނުކުރައްވާކަމަށް މީކާއީލް ވިދާޅުވި އެވެ. ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ ޙުސައިން ޝަހީމް ވިދާޅުވީ ޑިވިޑެންޓުން ޓެކްސް ނެގުމަކީ މިހާރުން މިހާރަށް ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމުގަ އެވެ. އެއީ ޓެކްސްގެ ނިޒާމު މިހާރު ހަމަޖެހިފައިވާ ގޮތުން ޑިވިޑެންޓުން ބޭނުންކުރެވިފައި ހުންނާނީ އެކުންފުންޏެއްގެ ވިޔަފާރީގެ ސްކޭލަށް ބަލައިގެން މުސާރަ ކަނޑައެޅިފައި ހުންނާތީކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިކަން ކުރަންޖެހޭނީ ވަށާ ޖެހޭ ފުރިހަމަ ޓެކްސްގެ ނިޒާމެއް ގެނެވޭގޮތަށް ވިސްނައިގެން ކަމަށެވެ. އަދި އެމްޑީޕީން ވަޢުދުވީ އިންކަމް ޓެކްސް ނަގަން ފަށާނީ 60،000 ރުފިޔާ ލިބޭ ފަރާތްތަކުގެ އަތުންކަމަށާއި އެހެންކަމުން ކޮމެޓީ މަރުޙަލާގައި މިކަން ރައްޔިތުންނަށް ލުއި ފަސޭހަވާނެގޮތަކަށް ކުރުމަށް އެދިވަޑައި ގަންނަވާކަމަށް ވިދާޅުވި އެވެ.
ބިލަށް ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤު ވިދާޅުވީ އެޖެންޑާ 19 ގައި ޢަމާޒު ހިފާފައި ހުރީ 60،000 ރުފިޔާއަށް ވުރެ މަތިން ޢާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ނެގުމަށް ކަމަށެވެ. ޝަފީޤު ވިދާޅުވީ މިގޮތަށް ޓެކްސް އެއް ނެގެމުންދާއިރު ރައްޔިތުންނަށް ލުޔެއް ލިބެންޖެހޭ ކަމަށެވެ. އެގޮތުން ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވެސް މުވާޞަލާތީ ޚިދުމަތްތަކުންނާއި ދަތުރުފަތުރުގެ ޚިދުމަތުން ނަގާ ޓެކްސް ކަނޑާލުމަށް އެބައޮތްކަމަށް ޝަފީޤު ވިދާޅުވި އެވެ.
ޝަފީޤު ވިދާޅުވީ ޓެކްސްގެ ނިޒާމުގައި ހުރި ކަންކަން މިބިލް ކޮމެޓީގައި ދިރާސާ ކުރަމުންދާއިރު ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ޢަމާޒު ހިފާފައިވަނީ އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނެގުމަށެވެ. އަދި މިހާރު ބިލުގައި ބަޔާންވެގެންވާ ޢާމްދަނީން 40،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގާނަމަ އަހަރެއްގެ މައްޗަށް 600 މިލިޔަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.



