ޕީއެސްއެމް އޮތީ 200 މިލިއަށްވުރެ ބޮޑު އަދަދަކުން ދަރަނިވެރިވެފައި: އަލީ ހާލިދު
24 ސެޕްޓެމްބަރު 2019 | އަންގާރަ 14:25ކުންފުނީގެ އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައި

ދައުލަތުގެ މީޑިއާ ޕީއެސްއެމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވިއިރު ދައުލަތުގެ މީޑިއާ, ޕީއެސްއެމް އޮތީ 200 މިލިއަށްވުރެ ބޮޑު އަދަދަކުން ދަރަނިވެފައިވެފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެއެވެ.
މަގޭ ކުންފުނި ޕްރޮގްރާމްގައި ވާހަކަދައްވަމުން އަލީ ހާލިދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، މެނޭޖްމެންޓާ ހަވާލުވިއިރު ކުންފުނި އޮތީ ވަރަށް ގިނަ ސުވާލުތަކެއްގެ ތެރޭގައި ކަމަށެވެ. އަލީ ހާލިދު ވިދާޅުވީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ޕީއެސްއެމްއަށް ކުރެވިފައިވާއިރު، ރައްޔިތުން ޖަވާބު ބޭނުންވާ ގިނަ ސުވާލުތަކެއް އެބަހުރި ކަމަށެވެ.
އަލީ ހާލިދު ވިދާޅުވީ ކުންފުނީގެ އުފެއްދުންތެރިކަން ކުޑަވެ ކުންފުނީގެ ދަރަނި 200 މިލިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމާއެކު ކުންފުނި ހިންގުމަށްޓަކައި ފުރަތަމަ ވެސް މަސައްކަތްތައް އަލުން ތަރުތީބުކޮށް މުވައްޒަފުންގެ ކަންކަން ތަރުތީބު ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ހަރަދުތަށްކޮށްފައިވާގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މަސައްކަތްތައް އިތުރަށް ގެންދިއުމަށް ކުންފުންޏަށް ބަޖެޓް ހޯދޭނެ ގޮތްތައް ބަލަންޖެހޭ ކަމަށެވެ.
ޕީއެސްއެމްގެ މާލީ ހާލަތާ ބެހޭގޮތުން ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމެންޓް އަހުމަދު ހަނީފް ވިދާޅުވީ ކުންފުނީގެ މާލީ ހާލަތުހުރީ ރަނގަޅަށް ނޫން ކަމަށެވެ.
ޕީއެސްއެމްގެ ގާނޫނު އެގާނޫނަށް ގެނައި ބަދަލުގައި ނޫފުލޭވަރުގެ ޒިންމާތަކެއް މަތިކުރެވިފައިވާކަން ފާހަގަކުރައްވައި ހަނީފް ވިދާޅުވީ ގާނޫނުގެ ގޮތުން ވިޔަފާރިކުރުމުގެ އިހުތިޔާރު ލިބިގެން ދިއުމުން ކުރަން ނޭނގޭ ކަންތައްތަކުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.
ހަނީފް ވިދާޅުވީ މާލީ ގޮތުން ކުންފުނި ދަށްވެފައިވާއިރު، ކޮރަޕްޝަންއަށް ތުހުމަތުކުރެވޭ 14 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ބަލައިދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަން ތަހުގީގުކުރެވޭނެ މަގުތައް ހޯދައިދިނީ ޕީއެސްއެމްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.







