ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރިޕޯޓު - މަގޭ ރިޕޯޓް

މަޖިލީހުގެ ދުވެލި ބާރު! އެކަމަކު ޕީޖީއާ ހިސާބުން އަރަނީ ކުޑަ ކޮއްޓެއް!؟

  • ނުހައްގުން އެތައް ދައުވާއެއްކުރި ކަމަށް މަޖިލީހުގައި ތިއްބެވި އެތައް މެމްބަރުންނެއް އަޑުއުފުލާފައިވޭ
  • މި މައްސަލަ ކުރިޔަށް ނުގެންދާ ސަބަބުކަމެއް ވިދާޅުވެ ދައްކަނީ ބަހަނާތަކެއް

އަމަން ހަލީމް
soupized

ކ. މާލެ 24 ސެޕްޓެންބަރ 2019 | އަންގާރަ 17:39 5,707

ޕީޖީ ބިޝާމް - ކޮމިޓީގައި ވިދާޅުވީ ކަންކުރައްވަނީ އުސޫލުގެ ތެރެއިން ކަމަށް - ޝުއައިބް މުހައްމަދު އިގްބާލް

މިއަހަރުގެ މޭ 28 ވަނަ ދުވަހު، 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރި ފަހުން ގިނަ ކަންތައްތަކެއްގައި ގޮތް ނިންމައިފިއެވެ. ކޮރަޕްޝަންގެ ފަސާދައިން މުޑުދާރުވެފައި ތިބި ފަނޑިޔާރުންނާއި، މިނިވަންކަމުގެ ކަންފުކެއްވެސް ނެތް ކޮމިޝަންތަކުގެ މެމްބަރުން ވަކިކޮށްފިއެވެ. ހެއްދެވިހާ ބާރެއް ނަގަން އަތުކުރި އޮޅާލާފައި ތިބި ކޯޓުތައް އިސްލާހުކުރަން މުހިންމު ގާނޫނުތަކެއް ފާސްކުރެވިއްޖެއެވެ. ނުކުޅެދިފައި ތިބި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަންކަން ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންތަކަށް ބޭނުންވާ ބާރު ދެވިއްޖެއެވެ.

ދެކޮޅަށް ވަކާލާތުކުރާ ކޮންމެ ފަހަރަކު ބިރެއްގައި ތިބި ވަކީލުން، ކޯޓުތަކުން މިންޖުކުރެވިއްޖެއެވެ. ޒަމާނީ ހައްލަކަށް ފެންބޮވައިގަނެފައި އޮތް މަސްވެރިކަމުގެ ސިނާއަތަށް، ޒަމާނާ ގުޅޭ ބިލެއް ފާސްކުރެވިއްޖެއެވެ. ކާބަފައިންގެ ބުރަ މަސައްކަތާއި ފަންނުވެރިކަން ދައްކުވައިދޭ ތަރިކަތައް ރައްކާތެރިކުރުމަށް ގާނޫނެއް ފާސްކުރެވިއްޖެއެވެ. މުސްކުޅި އުމުރާ ޖެހެންދެން ބުރަ މަސައްކަތުގައި އުޅެ، މަތިވެރި ހައްޖުގެ އަޅުކަން އަދާކުރާނެހާ ފައިސާ ރައްކާކުރެވިފައި ނެތް ބަޔަކަށް ހައްގު މިންވަރު ހޯދައިދެވިއްޖެއެވެ. ދުވެލި މުޅިއަކުން ގޯހެއް ނޫނެވެ.

ނަމަވެސް ބައެއް ކަންކަމުގައި، ދުވެލި މަޑުވާނަމަ އެވާހަކަވެސް ދައްކަންވާނެއެއް ނޫންތޯއެވެ. ދަންނަވަން މިއުޅެނީ ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ ވަކިނުކުރެވިގެން އުޅޭ ވާހަކައެވެ. އިންސާފު ގާއިމްކުރަން ހުރަސްއެޅިކަމަށް، މި ސަރުކާރުގައި ތިއްބެވި ގިނަ ބޭފުޅުންނާއި މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ވިދާޅުވެފައިވާ ބޭކަނބަލެއްގެ ވާހަކައެވެ. ހިތާމަޔަކީ، މި ސަރުކާރަށް އަހަރެއްވާން ގާތްވެފައިވާ އިރުވެސް، އެކަން ނުކުރެވި އޮތްކަމެވެ.

ބިޝާމް ވަކިކުރަން ޖެހޭ ސަބަބުތައް ގިނައެވެ. އެންމެ ފުރަތަމަ ކަމަކަށް، އެތައް ބަޔަކާ ދެކޮޅަށް ގާނޫނީ އިމުން ބޭރުން އަދި ކަނޑައެޅިފައިވާ އުސޫލުތަކުން ބޭރުން ދައުވާކޮށްފައިވުމެވެ. ދެވަނަ ކަމަކަށް، އޭރު ގައިން ވަރުނަގައި އުފުލި އެތައް ދައުވާއެއް ގޯސްކަމަށް އަމިއްލަފުޅަށް އިއުތިރާފްވުމެވެ. ތިންވަނަ ކަމަކަށް، ކުރީ ސަރުކާރުން ގޯސްކޮށް ނިންމި އެތައް ނިންމުމެއް ދިފާއުކުރެއްވުމުގައި ރެއާއި ދުވާލު ކުރެއްވިހާ އެތައް މަސައްކަތެކެވެ.

ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު، އެންމެ މުހިންމު މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހަވާލުކުރެވިގެން ދިޔަ އެއް ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. ހަވާލުކުރެވުނު ޒިންމާތަކުގެ ތެރޭގައި، ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ ފެށިގެން ގޮސް، ޖިނާއި މައްސަލަތަކާއި ގުޅިގެން ހިންގާ ތަހުގީގުތަކަކީ ގާނޫނާ އެއްގޮތަށް ހިންގަމުންދާ ތަހުގީގުތަކެއްތޯ ބެލުން ހިމެނެއެވެ. މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ބިޝާމް ކަންކުރެއްވީ އެހެންތޯ ސުވާލު އުފެއްދި ގިނަ ބަޔަކު އެތިއްބެވީ މިއަދު މަޖިލީހުގައި މެމްބަރުންގެ މަގާމުގައެވެ. އެހެން ނޫންކަމުގައި ވަނީނަމަ، އެހުންނެވީ ގާނޫނާ ޙިލާފުވެވަޑައިގެން ނޫންތޯއެވެ؟ އެ ހިސާބުން ގާނޫނު އަސާސީއަށް ކުޑަވެސް އިހުތިރާމެއް ކުރާނަމަ، މަގާމުން ވަކިކުރަން ޖެހޭނެ ނޫންތޯއެވެ؟

ފަހަރުގައި ވެރިކަން ބަދަލުވުމާ އެކު، މިހާރު ސަރުކާރުގައި ތިއްބެވި އެތައް ބަޔަކާއި ދެކޮޅަށް ކުރައްވާފައި ހުރި ހުކުމްތައް ރިވިއުކުރަން ހުށައެޅުމާއި، ކޯޓަށް ވައްދާފައި ހުރި މައްސަލަތައް އަނބުރާ ނެގުމުން ޕީޖީ ބިޝާމް ބަޔަކަށް އެކަމަނާ ރަނގަޅުވެދާނެއެވެ. ނަމަވެސް އަޅުގަނޑަށް މިހުރިހާ ކަމެއް ސިފަވެގެން ދަނީ އަމިއްލަ ނާގާބިލުކަމާއި މިނިވަންކަމެއް ނެތްކަމަށް އަމިއްލަފުޅަށް އެކަމަނާއަށް ވެވުނު އިއުތިރާފެއްގެ ގޮތުގައެވެ. މަދީ ހަމައެކަނި އިސްތިއުފާގެ ސިޓީއެކެވެ.

ކިތަންމެ ވަރަކަށް "ޕްރޮސީޖަރަލް ގައިޑްލައިން"ގެ ތެރެއިން ކަންކުރެއްވި ކަމަށް އެކަމަނާ ވިދާޅުވިޔަސް، އެކަން ގަބޫލުކުރާނީ ކަނޑުކޮހެކެވެ. މިދަންނަވާ ވާހަކައިގެ ހެއްކަކަށް، ކޮންމެ ކަމަކާ ވިއްދައިގެން އުފުލި ޓެރަރިޒަމްގެ ދައުވާތައް ފުދެއެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އެކަމަނާގެ މޭޒު މަތީގައި ދެ އަހަރާ ގާތަށް އޮތުންވެސް މިކަމަށް އިތުރު ބާރު ދެއެވެ. އުސޫލުތަކުގެ ތެރެއިންކަމަށް ވިދާޅުވާ އިރު، ފަހަރުގައި އެކަމަނާއަށް ޓެރަރިޒަމްގެ މާނައެއް، ކޮރަޕްޝަންގެ މާނައެއް އެނގިނުލައްވަނީކަމަށް ވެދާނެއެވެ.

މަޖިލީހުގެ ދުވެލި ކިތަންމޭ ބާރޭ ވިދާޅުވީ ނަމަވެސް، މިކަމުގައި މަޖިލީގުގެ ދުވެލި މަޑުވެފައި، ރިވަރސް ގިޔަރަށް ޖަހައިފިޔޭ ބުނާނެ ޖާގަ އެބައޮތެވެ. އިތުބާރުނެތް ކަމަށް އަމިއްލަފުޅަށް ވިދާޅުވެ، މަގާމުން ވަކިނުކުރެވޭނަމަ، އެވާހަކަތައް ދެއްކެވީ އިޙުލާސްތެރިކަމެއް އޮވެގެންތޯ ރައްޔިތުން ސުވާލު އުފައްދާނެ ޖާގަ އެބައޮތެވެ. ހަމަހަމަކަމާއި މިނިވަންކަމާއި އެކު ދައުވާނުކުރެވޭ ބޭފުޅަކަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ. އެކުރާ ދައުވާތަކުގައި ބުރަދަނެއްވެސް ނެތެވެ. މިކަމުގައި ފަހަތު ފަޔަށް ބުރަވެ، މިކަން ނުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ އެތައް ކަމެއްގައި އިތުރު ދަންފަޅިތައް ބާއްވާ، ދައުރުން ބޭރުން ޖަލްސާތައް ބާއްވާއިރު، މިކަން މުހިންމު ނުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް