ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ
ޓެކްސީ ކުރުމުގެ އަގުތައް ޓްރާންސްޕޯޓުން ކަނޑައެޅީ ދިރާސާއެއް ހެދުމަށް ފަހު


މިއަދު ސާރވޭގައި ބޭނުންކުރި ޓެކްސީ
ޓެކްސީ ޑްރައިވަރުން ރައްޔިތުން ފެލާ ވާހަކައަކީ މިހާރު މީސް މީޑިއާގައި އެންމެ ބޮޑަށް ދެކެވެމުން ދާ އެއްވާހަކައެވެ. ސަރުކާރުން ކަނޑައަޅައިފައިވާ އަގުތަކަށް ދަތުރު ނުކުރާކަމަށް ބުނެ ދަތުރު ކުރާ ޓެކްސީގެ ފޮޓޯ އާއި ދުއްވަން އިންނަ ޑްރައިވަރުގެ ފޮޓޯ އާންމުކޮށް ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާ ފަލީހަތް ކުރުމަކީ ރާއްޖޭގައި މިހާރު އާންމުކަމެކެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން މޯލްޑިވިސް ޑްރައިވިން އެސޯސިއޭޝަނުން އިންތިޒާމްކުރި " ޓެކްސީ ޑްރައިވަރާއެކު 8 ގަޑިއިރު " އިވެންޓުން މިއަދު ސާބިތު ވެގެން ދިޔައީ ރައްޔިތުމީހާ އެ ދައްކާ ވާހަކަ ތަކުގެ ހަގީގަތެވެ.
ރާއްޖޭގެ އެކި މީޑިއާތަކުގެ ނޫސްވެރިން ޓެކްސީ ޑްރައިވަރުންނާއި އެކު 8 ގަޑި އިރު ހޭދަކުރިއިރު ހާމަވެގެންދިޔައީ ކޮންމެ ކަމެއް ކުރާއިރުވެސް އިހްލާސްތެރި މީހުންނާއި އިހްލާސްތެރި ނޫން މީހުން އުޅޭކަމެވެ.
ރާއްޖޭގެ ހާލަތަކީ ކަމެއް ފެނުމާއެކު ކަމުގެ ދެކޮޅު ނުބަލައި ޖަޒުބާތުގައި ޖެހި އެމީހާއަށް ގޮވުނު ހާއެއްޗެއް ގޮވުމުވެ .ޖަންގަލީ ތެރޭ ވަލު ޖަނަވާރުން އުޅޭ ބީދައިން ، ހަލާ ދަނޑީގެ ދެކޮޅު ނުބަލައި ރައްޔިތުމީހާވެސް އެ މައްސަލައެއް ހޫނުކުރާ މިންވަރަކަށް ހޫނުކުރަނީއެވެ. ކުރަނީ ހުސް ތުހުމަތު ތަކެވެ. ހައްލުހޯދަން ހަމައެކަނި ކުރެވެން އޮތް ކަމަކީ ބޮއްކުރާ ދަށަށް އޮޑި ދެމުމެވެ.
އަޅުގަނޑާއި މިއަދު ދިމާވީ 2005 ވަނަ އަހަރު ޓެކްސީ ދުއްވަން މި ދާއިރާއަށް ނިކުތް މީހަކާއެވެ. މީޑިއާއަކުން ކަމަށް ބުނެ ސުވާލުތައް ، ރައްޔިތުން ކޮށްފައިވާ ޝާކުވާތަކާއި ގުޅިގެން އަޅުގަނޑު ސުވާލުކުރީމެވެ. އުންމީދުކުރި ގޮތާއި ހިލާފަށް ކުރަމުން އައި ކޮންމެ ސުވާލަކަށް ޓެކްސީ ޑްރައިވަރު ޖަވާބު ދެމުން ދިޔައެވެ.
7 ޖެހުމާއެކު ޓެކްސީގެ ފުރަތަމަ ދަތުރުގައި ހިއްސާކޮށްލި ވާހަކަ ރައްޔިތުންނަށް އަޑުއަހަން ފަސޭހަ ނުވާނެކަން ޔަގީނެވެ. ދަތުރުތަކުގެ އަގު ކުޑަ ވާހަކައާއި އަރުވާ ކޮންމެ ފޮއްޓަކަށް އިތުރަށް ލާރި ނުނެގޭ ވާހަކައެވެ. ދެން ބުނެފައިވަނީ ސަރުކާރުން މައްސަލަތައް ހައްލުކުރަން ނުކުޅެދުފައި އޮތް ވާހަކައެކެވެ. ވަކި ސަރުކާރަކަށް ނިސްބަތް ނުކޮށް މި ކޮންކްރީޓް ޖަންގަލީގައި ޕާކް ކުރާނެ ތަން ނެތުމުގެ ވާހަކައެވެ.
އަޒުމް ބުނެފައިވަނީ ގަވާއިދާއި ހިލާފަށް ޕާކް ކުރާނަމަ ސްޓިކަރ ޖެހުމަކީ މައްސަލައެއް ނޫންކަމަށާއި މާލޭގައި ގަވާއިދާއި އެއްގޮތަށް ޕާކް ކުރެވެން އޮތީ ކޮންތަނެއްގައި ތޯ ވިދާޅުވެ އަޅުގަނޑާއި އޭނާ ވަނީ ސުވާލު އުފައްދާފައެވެ. މަގެއްގައި ކުޑަ އިރުކޮޅަކަށް މަޑުކޮށްލާއިރަށް ކަންފަތަށް އިވެނީ ކެތް މަދުވެގެން އެ ސަރަހައްދުގައި އުޅޭ އެންމެން ބަރުގޮނު އަޅާ އަޑެވެ. ފުރަތަމަ ދަތުރުގައި ލާރި މާރު ނުވެގެން ފެނިގެންދިޔައީ މަގުގެ އެއްކައިރީގައި ކާރު ބޭއްވުމަށް ފަހު ޓެކްސީ ޑްރައިވަރު އެ ލާރި މާރުކުރަން މާރުކޭޓް ސަރަހައްދުގައި ދުވި މަންޒަރެވެ.
މާލޭގެ ބާރުބޮޑު މަގުތަކުން 24 ގަޑި އިރު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ޑްރައިވަރުން ތިބޭއިރު ، އަބަދުވެސް މިހާރު އަޑުއިވިގެންދާ އެއްސުވާލަކީ ޑްރައިވަރުންނަށް ލިބޭ އާމްދަނީ ބޮޑު ވާހަކައެވެ. މިއަދު ހޭދަކުރި 8 ގަޑި އިރު ތެރޭގައިު ހުޅުމާލެއަށް 2 ދަތުރު ލިބިފައިވާއިރު ހުޅުލެއަށް ދާން ލިބުނީ އެންމެ ދަތުރުކެވެ. ޖުމްލަ 16 ދަތުރާއެކު އަޒުމް އަށް މިއަދު ލިބިފައިވަނީ އެންމެ 595 ރުފިޔާއެެވެ.
އޭނާ ބުނާ ގޮތުން ދަތުރެއް ނުކުރިޔަސް ކާރުގެ ވެރިފަރާތަށް 300 ރުފިޔާ ދޭންޖެހެއެވެ. އަދި ޕެޓްރޯލް ހަރަދަށް 250 ރުފިޔާ ދުވާލެއްގެ މައްޗަށް ހަރަދުވެއެވެ. މިއަދު ފައިދާއަށް ޓެކްސީ ޑްރައިވަރަށް ލިބުނީ އެންމެ 45 ރުފިޔާއެވެ. ކޮންމެ ދުވަހަކީ ގިނަ ދަތުރުތައް ލިބޭނެ ދުވަހެއް ނޫންކަން ފާހަގަކޮށް އަޒުމް ބުނީ ރަނގަޅަށް ދަތުރުތަށް ލިބޭނަމަ މަހެއްގެ މައްޗަށް 25000 ރުފިޔާ އޭނާއަށް ލިބޭކަމަށެވެ. މިއީ އާންމުން ކުރާ ބޮޑު ސުވާލުގެ ޖަވާބެވެ.
އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، ކާރު ދަތުރުތަކުގެ އަގު ބޮޑުކަން ފާހަގަކުރާއިރު ޑްރައިވަރުން ބުނަމުން ގެންދަނީ ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެކަމަށާއި އަގުހެޔޮ ހިދުމަތް ބޭނުންކަމުގައި ވާނަމަ ފެރީ ނުވަތަ ބަސް ދަތުރު އިހްތިޔާރުކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
މިއަދު ކުރެވުނު 16 ދަތުރުގައިވެސް ޓެކްސީ ޑްރައިވަރު ސަރުކާރުން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ނުނަގައެވެ. އެއީ ކެމެރާއާއިއެކު އަޅުގަނޑު ކާރުގައި އިނުމުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ކާރަށް އެރި ހުރިހާ ފަރާތްތަަކުގެ ހިޔާލުތަކާއި ސުވާލުތަކަށްވެސް މި ޓެކްސީ ޑްރައިވަރު ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.
އަޒުމް މިހެން ބުނި ކަމުގައި ވިޔަސް އާންމުންގެ ޚިޔާލު މިކަމާއި މުޅިން ތަފާތެވެ. މާލޭގައި އުޅޭ ގިނަ މީހުންނަކީ ކުލި ދައްކައިގެން އުޅޭ މީހުން ކަމަށާއި ހަމައެކަނި ޓެކްސީ ޑްރައިވަރުން އެކަނި ނޫން ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ޕެޓްރޯލް އަށާއި އިތުރު ޚަރަދުތަކަށް އެ ދުވަހެއްގައި ލިބޭ ފައިސާއިން ފުދޭ މިންވަރެއް ޓެކްސީ ޑްރައިވަރުންނަށް ލިބޭނެ ކަން ގަބޫލު ކުރާ މީހުން ވެސް މަދެއް ނޫނެވެ. އަގުތައް ބޮޑު ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކާރުގެ ޑިކީއަށް އެއްޗެއް ލައިފިނަމަ އިތުރައް ދައްކަން ޖެހޭ ފައިސާ މާ ބޮޑު ކަމުގައި ދަނީ ބުނަމުންނެވެ. ރައްޔިތުން ބުނަމުން ގެންދަނީ ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތައް ކަނޑައެޅީ އެންމެ ރަނގަޅަށް ކަމަށެވެ. ގިނަ ބަޔަކު މިނިސްޓްރީއަށް ތައުރީފު ކުރަމުން ގެންދިޔައިރު އެ މީހުން ބުނަމުން ގެންދިޔައީ މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކާއި އުސޫލުތަކަށް ޓެކްސީ ޑްރައިވަރުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ.






