ހައްޖު ކޯޓާތައް ބެހީ އިންސާފުވެރިކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރުމުގެ ފުރުސަތު ނުދޭނަން: ނައިބް ރައީސް
21 ޖުލައި 2019 | އާދީއްތަ 08:04ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ

ނައިބް ރައީސް ފައިސަލް
ހައްޖު ކޯޓާ ބެހުމުގައި އަމަލުކޮށްފައިވަނީ ހަމަހަމަ އުސޫލުން އިންސާފުވެރި ކަމާއެކު ކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ޖާގަ މިސަރުކާރުން ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައްޖަށް ފުރާ ހައްޖާޖީންނާއި ނައިބް ރައީސް ފައިސަލް ބައްދަކުރެއްވުމަށްފަހު ރާއްޖެއެމްވީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ވެސް ކުރަމުންދަނީ އިންސާފުވެރިކޮށް ހަމަހަމަ އުސޫލުން ކަމަށެވެ.
ނައިބް ރައީސް ފައިސަލް ވިދާޅުވީ މިދިޔަ ސަރުކާރުން ހައްޖަށް މީހުން ގެންދިއުމަށްޓަކައި އަމަލުކޮށްފައިވާ ގޮތުން ވަރަށް ބޮޑަށް މަސްލަހަތު ގެއްލިފައިވާތީ މިސަރުކާރުން މަސައްކަތްކޮށްފައިވަނީ ވީހާ ވެސް ބޮޑަށް މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. ހައްޖުގެ އެންމެހައި ކަންކަން ކުރިއަށްދާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ގާތުން ބައްލަވާ ކަމަށް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.
ހައްޖަށް މީހުން ގެންދިއުމުގައި ބައެއް ގުރޫޕްތަކުން އިތުރަށް ފައިސާ ނަގާ މައްސަލައަށް އަލިއަޅުއްވާ ލައްވާ ނައިބް ރައީސް ފައިސަލް ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކުރިއަށް ގެންދާ ކަމަށްވާނަމަ އެކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.
ނައިބް ރައީސް ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަންޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށާއި، ހިލާފުވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ނައިބް ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ގިނަ ބަޔަށް ހައްޖަށް ދެވޭ ގޮތްވުން ކަމަށާއި، ހައްޖަށް ދާން ބޭނުންވާ މީހަކަށް ނުދެވި ގިނަ ދުވަސްތައްވުމަކީ ސަރުކާރުން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން އަބަދު ވެސް ހައްޖު ކޯޓާ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ނައިބް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީން އިތުރު ކުރި 1000 ކޯޓާގެ ތެރެއިން ގިނަ ޖާގަތައް ޕީޕީއެމްގެ އިސް ފަރާތަކަށް ވަނީ ދީފައެވެ. އަދި މިއަހަރު ވެސް ހައްޖަށް ގެންދިއުމަށް ކުންފުނިތަކަށް ހުއްދިދިނީ އިންސާފުވެރި ނޫން ކަމަށް ބައެއް ކުންފުނިތަކުން އެސީސީއަށް މައްސަލަ ހުށަހަޅާފައެވެ.







