ކ. މާލެ
|
10 ޖުލައި 2019 | ބުދަ 10:49
އެމްޓީސީސީގެ އާންމު ހިދުމަތް ދިން ފެރީއެއް
އެމްޓީސީސީގެ އާންމު ހިދުމަތް ދިން ފެރީއެއް
އެމްޓީސީސީ
އެމްޓީސީސީ
ދަތުރުފަތުރުގެ ދާއިރާ އިން އެމްޓީސީސީއަށް 81 މިލިއަން ރުފިޔާގެ ގެއްލުމެއް!
 
ކުންފުންޏަށް ބޮޑަށް ގެއްލުންވީ ސަބްސިޑީ ކަނޑާލުމާއި އަދި ސިނަމާލެ ބްރިޖް ހުޅުވުމާއި ގުޅިގެން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަތުރުފަތުރުގެ ހިދުމަތް ފަށާފައިވަނީ 2001 ވަނަ އަހަރުއެވެ. ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާކޮށް، ރާއްޖޭގެ އާބާދީގެ 85 ޕަސެންޓް މީހުންނަށް މިހާރު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެ އެވެ. މި ޚިދުމަތް ކިތަންމެ ވަރަކަށް ފުޅާވަމުން ދިޔަ ނަމަވެސް ވިޔަފާރީގެ ގޮތުން ފެންނަން އޮތީ ކާމިޔާބު މަންޒަރެއް ނޫނެވެ. 2016 ވަނަ އަހަރު ސަރުކާރުން ކުންފުންޏަށް ދެމުންދިޔަ ސަބްސިޑީ ދިނުން ހުއްޓާލުމާއި ގުޅިގެން ކުންފުންޏަށް ވަނީ ބޮޑެތި މާލީ ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ދަތުރުފަތުރުގެ ޚިދުމަތުން އެ ކުންފުންޏަށް 2018 ވަނަ އަހަރު ލިބިފައި ވަނީ 137.44 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެއަށް ވުރެ މާބޮޑު ޚަރަދެއް ހިނގާއިރު، މިދިޔަ އަހަރު އެކަނި ވެސް ދަތުރުފަތުރުންގެ ޚިދުމަތުން 81.97 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ. އެންމެ ބޮޑަށް ގެއްލުންވެފައިވަނީ އަތޮޅު ތެރޭގެ އާންމު ފެރީގެ ހިދުމަތުންނެވެ. އެ ހިދުމަތުން 43.53 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެ އެވެ.

ހުޅުމާލޭގެ ޕްރިމިއަމް އަދި އާންމު ފެރީގެ ހިދުމަތަށް ބަލާއިރު 2018 ވަނަ އަހަރު 29.44 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު 21.68 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ޕްރިމިއަމް ފެރީގެ ހިދުމަތުން 191.58 މިލިއަން ރުފިޔާގެ ލިބިފައިވާއިރު 0.34 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. ލިބުނު ގެއްލުން ކުޑަކުރުމަށްޓަކައި އަހަރުގެ ފުރަތަމަ ކުއާޓަރގައި އާންމު ފެރީގެ ދަތުރުތައް މަދުކޮށް ޕްރިމިއަމް ފެރީގެ އިތުރުކޮށްފައިވާ ކަމަށާއި އަހަރު ނިމުނުއިރު އާންމު ފެރީގެ ހިދުމަތް ހުއްޓާލާފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި މާލެ އިން ހުޅުލެއަށް އަދި ހުޅުމާލެ އިން ހުޅުލެއަށް ދެމުން ގެންދިޔަ އެކްސްޕްރެސް ސަރވިސްގެ ހިދުމަތް ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމްޓީސީސީގެ ފެރީގެ ހިދުމަތް 7 ޒޯނަކަށް ބަހާލާފައިވާއިރު ހއ. ހދ. ށ. އެ ތިން އަތޮޅަށް އެމްޓީސީސީ އިން ދަތުރުފަތުރުގެ ހިދުމަތްކޮށްދޭއިރު 0.47 މިލިއަން ރުފިޔާގެ އާމްދަނީ އިން 7.65 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ނ. ރ. ބ. ޅ. އެ ހަތަރު އަތޮޅުގެ އާންމު ދަތުރުފަތުރުގެ ނިޒާމުން 1.54 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު ގެއްލުން ލިބިފައިވަނީ 6.86 މިލިއަން ރުފިޔާއަށެވެ. ކ. އއ. އދ. ވ. މި ހަތަރު އަތޮޅަށް ދޭ ދަތުރުފަތުރުގެ ހިދުމަތުން 3.8 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު 20.42 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. ތ. އަދި ލ. އަތޮޅަށް ދޭ ހިދުމަތުން 1.56 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު 3.13 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. މީގެ އިތުރުން ގއ. އަދި ގދ. އަށް ދެމުން ގެންދާ ހިދުމަތުން 1.36 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު 5.84 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.

ކ. އއ. އދ. ވ. އަތޮޅަށް ހިދުމަތް ދިނުމަށް ހެދިފައިވާ އެއްބަސްވުމުގެ ދަށުން ޓޫރިސްޓު ރިސޯޓެއް ކުންފުންޏަށް ހަމަޖައްސައިދިނުމަށް ލާޒިމްކުރާ ރަށް ފޮއްތެޔޮމުލި ކުރީގެ ސަރުކާރުން ނެގުމާއި ގުޅިގެން އެ ރަށް ހޯދުމަށް ކަމާބެހޭ އިދާރާތަކާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އާންމު ދަތުރުފަތުރުގެ ހިދުމަތުން ކުންފުންޏަށްވަމުންދާ ގެއްލުން "ސަބްސިޑައިޒް" ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއެކު މަޝްވަރާ ކުރެވި، އުންމީދީ ކުރިއެރުންތައް ލިބިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އެމްޓިސީސީއަށް ދަތުރުފަތުރުގެ ދާއިރާއިން ކުރާ ގެއްލުން ކުޑަކުރުމަށްޓަކައި ސަބްސިޑީ ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ ދަތުރުފަތުރުގެ ނިޒާމުން ވާ ގެއްލުން ކުޑަކުރުމަށްޓަކައި އެހެން ސަބްސިޑަރީ ކުންފުންޏެއް ހެދުމަށް ބުނެފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ދަތުރުފަތުރުގެ ދާއިރާއިން 2018 ވަނަ އަހަރު އެމްޓީސީސީ އަށް ފައިދާވީ ހަމައެކަނި މެޓްރޯ ބަސް އަދި ތިލަފުށީގެ އާންމު ފެރީގެ ހިދުމަތުންނެވެ. އެގޮތުން ތިލަފުށީގެ އާންމު ފެރީގެ ހިދުމަތުން 3.92 މިލިއަން ރުފިޔާގެ ފައިދާވެފައިވާއިރު މެޓްރޯ ބަހުން ލިބުނީ 3.23 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައެވެ.

އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން ޝާހު ވިދާޅުވީ ކުންފުންޏަށް 2018 ވަނަ އަހަރު ލިބުނު މާލީ ނަތީޖާއަކީ 2017 ވަނަ އަހަރާއި އަޅާބަލާއިރު އެކަށީގެންވާ ވަރަށް ވުރެ ދަށް ނަތީޖާއެއް ކަމަށާއި ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ގެއްލުން އިތުރުވި މައިގަނޑު ސަބަބަކީ ސިނަމާލެ ބްރިޖް ހުޅުވުމާއި ގުޅިގެން ހުޅުމާލެ – މާލެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ޑިމާންޑް ދަށަށް ދިޔުމާއި އަތޮޅު ތެރޭގެ ފެރީގެ ނިޒާމުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ހިއްސާ ބޮޑުކަމުންނެވެ.

އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމަށް ދެމުންދިޔަ ސަބްސިޑީ 2016 ވަނަ އަހަރު ހުއްޓާލުމާއި ގުޅިގެން ކުންފުންޏަށް ބޮޑު ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުއިރު ސިނަމާލެ ބްރިޖް ހުޅުވުމާއި ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ބްރިޖް ހުޅުވުމުގެ ކުރިން ދުވާލެއްގެ މައްޗަށް 21،000 މީހުން ފެރީ އިން ދަތުރު ކުރަމުންދިޔަ ނަމަވެސް މިހާރު ދަތުރުކުރަމުންދަނީ ދުވާލެއްގެ މައްޗަށް 5000 ވަރަކަށް މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް