ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 01:20
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން
ރައީސް އޮފީސް
މަގޭ ރިޕޯޓް
ސުޕްރީމް ކޯޓު ހިމޭންވުން: ފަހަތުގައިވަނީ ކޮންކަމެއް؟
 
ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުޤީޤުން ފެންމަތިވި ވާހަކަތަކާއެކު ސުޕްރީމް ކޯޓު އެއްކޮށް ހުއްޓުނު
 
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމާއެކު ސުޕްރީމް ކޯޓުން އެތަށް އަމުރެއް ނެރުނު

މީގެ ހަފްތާއެއްހާ ދުވަސްކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދުވަހުގެ ދެކޮޅުގައި ގެންދެވީ ބޮޑެތި އަމުރުތަކެއް ނެރުއްވަމުންނެވެ. އެބޭފުޅުނާއި އެކުގައި މަސައްކަތްކުރެއްވި އެކުވެރިޔެއްގެ ދިފާއުގައި ކޮންމެ ފަދަ އަމުރެއް ނެރެންޖެހުނު ނަމަވެސް އެކަން ކުރެއްވުމުގައި އެބޭފުޅުން ތިއްބެވި އެވެ.

ޤާނޫނު އަސާސީގެ އެކިއެކި މާއްދާތައް ބޭނުންވާގޮތަށް މާނަކުރައްވައި، އެބޭފުޅުންނަކީ އެންމެފަހުބަސް ބުނާ ފަރާތްކަމަށާއި، އެ ބޭފުޅުންގެ މައްސަލަތައް ނުބެލޭނެކަމަށް ބުނެ ގެންދެވީީ މުއައްސަސާތަކުގެ މައްޗަށް އަމުރުތައް ނެރުއްވަމުންނެވެ. ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން، ރައްޔިތުން އެތަނެއް ތަމްސީލްްކުރާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވެސް ގެންދެވީ ބަސް ވިދާޅުވަމުންނެވެ. ޤާނޫނު އަސާސީން ބާރު ދިން ޖޭއެސްސީގެ ބާރުތައް ގެންދެވީ ހަނިކުރައްވަމުންނެވެ.

އެ ހުރިހާ ކަމެއްވެސް އެބޭފުޅުން ކުރައްވަމުންގެންދެވީ އެ ބޭފުޅުންގެ ތެރެއިން އެންމެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ފެށުމާއެކު އެވެ. އެ މައްސަލަތައް ބަލަން ފެށީވެސް ޤާނޫނު އަސާސީން ބާރުދީ، ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އުފެއްދި މިނިވަން ކޮމިޝަނުންނެވެ. ފަހަރުގައި އެބޭފުޅުންނަށް ކުރެއްވިފައިއޮތް ކަމަކުން، އެއިން ބޭފުޅެއްގެ މައްސަލައެއް ބަލާފާނެތީ ބިރުން ކުރެއްވިކަމަކަށްވެސް ވެދާނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤް ބައްދަލުވުމުގައި -- ފޮޓޯ: ރާއްޖެ.އެމްވީ

ކޮންމެއަކަސް ރައްޔިތުންނަށް މި ދެންނެވި ހުތުރު މަންޒަރުތަކެއް ދެެއްކުމަށްފަހު، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓު ވަނީ ހިމޭންވެފަ އެވެ. ސުޕްރީމް ކޯޓުން ނެރެމުންދިޔަ ބޮޑެތި ބޮޑެތި އަމުރުތައް އެއްކޮށް ހުއްޓުމަކަށް އަޔެވެ. ހަމައެޔާއެކު އެބޭފުޅުންގެ ދިފާއުގައި ޕްރެސް ކޮންފަރެންސް ދެއްވުމަށް ގެންގުޅުއްވި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނޫސްވެރިންގެ ބައްދަލުވުންތައްވެސް އެއްކޮށް ހުއްޓުމަކަށް އަޔެވެ.

އެކުވެރި ފަނޑިޔާރުގެ ދިފާއުގައި އެބޭފުޅުން އެންމެފަހުން އެއްޗެއް ވިދާޅުވީ މި ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. ފަނޑިޔާރު މަނިކުފާނުގެ ތަހްގީގު އާންމުކޮށް ހުޅުވާލައިގެން ބޭއްވީ ޖޫން 20 ވަނަ ދުވަހު އެވެ. އެއަށް ފަހު މައްސަލަ ފެންމަތިވެފައިވާ ފަނޑިޔާރު މަނިކުފާނުގެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބަހެއް ވިދާޅެއްނުވެ އެވެ.

ޤާޟާއީ އަހަރު 2019 ރައީސުލްޖުމްހޫރިއްޔާ އިފްޠިތާހުކޮށްދެއްވުން (18 ފެބުރުއަރީ 2019), ރައީސް ސޯލިހާއެކު ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން -- ފޮޓޯ: ރައީސް އޮފީސް

ސުވާލަކީ ތަހުޤީޤް ބައްދަލުވުުމަށްފަހު ސުޕްރީމް ކޯޓަށް ކުއްލި ހިމޭންކަމެއް މި ލިބުނީ ކީއްވެތޯ އެވެ. ފަނޑިޔާރު މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެއްވުނު ހުތުރުވެގެންވާ ކަންކަމުގެ ސަބަބުން ލަދުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވީހެއްޔެވެ. ނުވަތަ ސަސްޕެކްޓް އެކަކެއްގެ ފޯން ލޮގްތަކުގައި އިތުރު ނަންތަކެއް ހުރީ ހެއްޔަވެ. ނުވަތަ ދައުލަތުގެ ބާރުތަކުުގެ ތެރެއިން އެ ބޭފުޅުންނާއި ދެކޮޅުވާ ފަރާތްތަކުގެ ބާރުތައް ކަނޑަވާލުމަށް "ބޮޑު އެއްޗެއް" ކައްކަމުން ގެންދަނީތޯ އެވެ. ނުވަތަ ދައުލަތުގެ އަނެއް ދެ ބާރު، އިމުގެ ތެރެއިން ގާނޫނާއި އެއްގޮތަށް ކުރައްވަމުން ގެންދަވާ ކަންކަމުގެ ބާރު ގަދައީ ކަމަށް ގަބޫލްކުރަނީ ކަމަށް ވެދާނެ އެވެ.

މިއިން ކޮންމެގޮތަކަށްވެސް ކަންވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އާންމުކޮށް ހުޅުވާލައިގެން ބޭއްވި ތަހުޤީޤުން ފަނޑިޔާރަށް ކުރެއްވުނު ތަހުމަތުތަކާއެކު އެ ބޭފުޅާގެ ދިފާއުގައި ނިކުންނެވުމަކީ "ލަދުގެ ކަންފުޅެއްވެސް" ހުންނެވި ފަނޑިޔާރެއްކަމުގައިވާނަމަ ކުރައްވާނެ ކަމެއް ނޫނެވެ. އަދި ޖަވާބުދާރީ ކުރުވުމާއި، ހިންގުމުގެ ނިޒާމް މީޒާން ހަމަކޮށް ހިނގަންޖެހޭނެ ކަމަށް ގަބޫލްކުރެވޭ ބޭފުޅަކަށް ވެސް، މިހާރު ހުރި ތުހްމަތުތައް ކޮޅެއްގައި ޖެހެންދެން ހުންނެވުމަކީ އެންމެ ރިވެތި ގޮތް ކަމަށް ގަބޫލްކުރެވޭނެ އެވެ.

އެހެނީ ހުކުމްކުރެއްވުމަށް އެކި ފަރާތްތަކުން ފައިސާ ނެންގެވުމާއި، މަޤާމުގެ ނުފޫޒުން އަނބިކަނބަލުންނަށް ވަޒީފާ ހޯދައިދެއްވުމުން ފެށިގެން، ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ޑޮލަރު ބޭނުންވެގެންވެސް މެސެޖުތައް ކުރެއްވިކަން ވަނީ ފަޅައަރާފަ އެވެ. އެޔަށްވުރެ ނުރައްކާތެރި އަދި ހުތުރުވެގެންވާ ޖަރީމާއެއްގެގޮތުން މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހައްޔަރުކުރެވުނު ފަރާތެއް ދޫކޮށްލުމަށް ކުށުގެ ވެށީގައި ހިމެނޭ ފަރާތަކާއި މުއާމަލާތްކޮށް، އެ މީހާ ދޫކޮށްލާފައިވާކަން ފުލުހުންގެ ތަހުޤީޤުން ހަމަވާކަމަށް ޖޭއެސްސީން ވަނީ ތުހުމަތުކޮށްފަ އެވެ.

ޤާޟާއީ އަހަރު 2019 ރައީސުލްޖުމްހޫރިއްޔާ އިފްޠިތާހުކޮށްދެއްވުން (18 ފެބުރުއަރީ 2019), ފަނޑިޔާރު ދީދީ އާއި ގާޒީ ހައިލަމް -- ފޮޓޯ: ރައީސް އޮފީސް

ދެންއޮތީ ތަހުޤީޤަށް ހާޒިރުކުރެވުނު ފަނޑިޔާރު ފިޔަވައި ދެންތިއްބެވި ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތަކެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތަކުން ރަނގަޅު ފެންވަރުގެ ތަހުޤީޤެއް ހިންގައިފިނަމަ ސުޕްރީމް ކޯޓުގެ ބެންޗުގައި ސަލާމަތްވާނެ ބޭފުޅެނެތެވެ. އޭގެތެރޭގައި ދެ ދުވަހު ދެގޮތަށް ހުކުމްތައް ނެރުއްވި ފަނޑިޔާރުން ތިއްބެވިއިރު، ބާކީ ތިއްބެވި ފަނޑިޔާރުންގެ މައްޗަށްވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެއެވެ.

ދެންއޮތީ ސުޕްރީމް ކޯޓުން ފަނޑިޔާރުގެ ދިފާއުގައި ބޮޑު އެއްޗެއް ކައްކަނީތޯ ކުރެވޭ ސުވާލު އެވެ. ކަން އައިސްފައިވާ ހިސާބަށް ބަލާއިރު، ސުޕްރީމް ކޯޓަށް އިތުރު ކަމެއްކުރެވިދާނެކަމަކަށް ގަބޫލެއް ނުކުރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ބަޔާނުގައި އެމަނިކުފާނުވެސް އެ ވަނީ ޤާނޫނު އަސާސީގައިވާ މާއްދާތައް ކޯޓަށް ހަދާންކޮށްދީފަ އެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ: ރައީސް އޮފީސް

ކޮންމެގޮތެއްގައި ނަމަވެސް ސުޕްރީމް ކޯޓުން ޖެއްސެވި ސަކަރާތުން ޔަޤީންވެގެންދިޔަކަމަކީ އެބޭފުޅުންގެ ބެންޗުން ވަކިކުރަންޖެހޭކަމެވެ. އަދި އެކަން ލަސްނުކޮށް އަވަހަށްކުރަންޖެހޭ ކަމެވެ. ދެން އޮތީ ރައްޔިތުންގެ މަޖިލީހުން އެކަމުގައި އަމަލުކުރާނެގޮތެއް ބެލުމެވެ. ފަނޑިޔާރުގެ މައްޗަށް ކުރެވިފައިވާ ތުހްމަތުތައް ދޮގުކުރައްވާފައިވާއިރު، ދިފާއުގައި ދައްކަވާނެ ވާހަކަތައް ވެސް ޝައުގުވެރިވާނެ އެވެ.

ބައެެއް ކަހަލަ މައްސަލަތަކުގައި ބޮޑެތި ތުހްމަތުތަކެއް ކުރެވި އަދި އެކަމުގައި ހެކި ހުރެ، ދިފާއުގައި ވައްވައް ޖަހާނަމަ އެފަދަ މީހުންނަކީ އިންސާާނީ ތޮބީއަތް ގެއްލިފައިވާ މީހުންކަމަށް ދެކޭނެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ބޮލުރޮދި ކެނޑިފައިވާ މީހުންނޭ ވެސް ބުނެފާނެ އެވެ.

58%
11%
2%
5%
5%
18%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ