ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި ފްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އޭނާގެ ދިފާއުގައި ނިކުމެއްޖެއެވެ.
ދީދީ ސަސްޕެންޑްކުރުމަށް ނިންމީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. އެއީ ފަނޑިޔާރާއި ގުޅޭ ރިޝްވަތުގެ މައްސަލައަކަށްވާއިރު، އެ މައްސަލަ ފުލުހުން ތަހުޤީޤްކުރަމުން އަންނަކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމުމާއެކު މައްސަލާގައި އަބްދުﷲ ދީދީ އަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ ސުޕްރީމް ކޯޓުން ވަނީ އަމުރެއްނެރެފަ އެވެ. ނަމަވެސް ޖޭއެސްސީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމި ނިންމުން ދެމި އޮންނާނެކަމަށް ބުނެ ސުޕްރީމް ކޯޓުގެ އަމުރު ބަލައިގަތުމަށް އިންކާރުކޮށްފަ އެވެ.
އެކަމާއި ގުޅިގެން ޕީޕީއެމުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ހަލާކުވާގޮތަށް، އެމްޑީޕީ އިސްވެ އޮވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އަދި ޖުޑިޝަލް ސަރވިސް ކޮމިޝަނުން މަސައްކަތްކުރައްވަމުންގެންދަވާކަމަށެވެ.
ގާނޫނޫ އަސާސީގެ 43 ވަނަ މާއްދާއާ 141 ވަނަ މާއްދާ އަށް ރިޔާއަތްކޮށް ޕީޕީއެމުން ބުނީ، އެ މައްސަލައާ ދޭތެރޭ ގޮތެއް ކަނޑައެޅުމާއި އިންޞާފު ޤާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ޤާނޫނުއަސާސީން ލިބިގެންވާ ބާރެއްގެ އިތުރުން، ކޯޓުތަކަށް ޤާނޫނުއަސާސީން ލާޒިމުކުރާ ކަމެއްކަމުގައި ކަމަށެެވ. އަދި ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓު ކަމުގައިވާއިރު، ޤާނޫނީ ހަމަތަކުގެ މަތިން، ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކީ މައްސަލައިގެ އެންމެ ފަހު ނިންމުންކަމުގައި އެ ޕާޓީން ދެކޭ ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.
ދީދީގެ މައްޗަށް މައްޗަށް ޖޭއެސްސީން އަޅާފައިވާ ފިޔަވަޅަކާމެދު އޭނާ ހިތްހަމަނުޖެހިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ރައްޔިތުންގެ މަޖިލީހާއި، ޖުޑިޝަލް ސަރވިސް ކޮމިޝަން އަދި ދިވެހި ދައުލަތުން ތަބާވާންޖެހޭ އަމުރެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ. އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދެމުން ޕީޕީއެމުން ވަނީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު، ޤައުމުގެ މަޞްލަޙަތުތައް ގެއްލޭގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒުކުރުމުގެ ބަދަލުގައި ދުސްތޫރީ އޮނިގަނޑު ބޭނުންކުރައްވައިގެން، ހެޔޮނިޔަތުގައި ދައުލަތުގެ މުއައްސަސާތަކާއެކު މަސައްކަތްކުރުމަށް ގޮވާލާފައެެވެ.
އޭގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލައަކީ، އެމްޑީޕީއަށް ބާރު ލިބުނުދުވަހު ޒާތީ ޙަސަދައެއް ފިލުވާލުމަށް، ހުށަހަޅާފައިވާ މައްސަލައެއްކަމަށް ދެކޭ ކަމަށާއި އެކަމާއި މެދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެޕާޓީން ބުންޏެވެ.
ޕީޕީއެމް އިން ގާނޫނު އަސާސީގެ 43 ވަނަ މައްދާއާ 141 ވަނަ މާއްދާއަށް ރިޔާއަތްކޮށް ބަޔާން ނެރެފައިވާއިރު ގާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވެ އޮންނަން ޖެހޭ މުސްތަގިއްލު މުއައްސާސާއެކެވެ. އަދި އެކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ވާނީ ގާނޫނޫ އަސާސީއާ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ މަތިން ކަމަށާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުންނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިހުތިސާސް ހިނގާނެ ކަމަށް ޤާނޫނު އަސާސީގައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި ސުޕްރީމް ކޯޓުން ނެރޭ އަމުރަކީ އެންމެ ފަހުގެ ނިންމުންކަމަށާއި، އެ މައްޗަށް ދައުލަތުން އަމަލުކުރަންޖެހޭނެކަމަށް ބުނެފައިވާއިރު، ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓުން 1 ފެބުރުއަރީ 2018 ގައި ނެރުނު އަމުރަށް ގޮންޖައި، އެ އަމުރު ތަންފީޒްކުރުމަށް ދެކޮޅު ހަދާފަ އެވެ. އަދި އެ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، ޕީޕީއެމްގެ ސަރުކާރުގައި އެ އަމުރު އަނެއްކޮޅަށް އަނބުރާލައިފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމަށްފަހު އެވެ.