ކ. މާލެ
|
12 ޖޫން 2019 | ބުދަ 16:13
ފޯކައިދޫ އަދި ޓީސީ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން
ފޯކައިދޫ އަދި ޓީސީ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން
އެފްއޭއެމް
ދަނޑުތައް ފުރާލުން
ދަނޑުތައް ފުރާލުން: ސަރުކާރުގެ ވައުދެއް، އެކަމަކު ފެށުން ގޯސް!
 
ޗެރިޓީ ޝީލްޑްގެ ފުރަތަމަ މެޗު ވަގުތުން ބްރޯޑްކާސްޓް ވެސް ކުރެވިފައެއް ނުވޭ
 
ސަރުކާރާއި އެފްއޭއެމްއާ ދެމެދު ގުޅުމެއް ނެތް
 
ރައީސް ބައްސާމް އުޅުއްވަނީ އަނބިކަނބަލުންނާއެކު ޔޫރަޕް ދަތުރުތަކުގައި

ދިވެހި ފުޓުބޯޅަށް އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަޕޯޓަރުން ނެތުމެވެ. މީގެ ކުރިން ދިވެހިން ފުޓުބޯޅަ އަށް ނެގި ފޯރި އާއި ކްލަބްތަކަށް އޮތް ސަޕޯޓް މިހާރު ވަނި އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސްކޫލް ކުދިންގެ މެޗަކަށް ވަންނަ ވަރަށް ވެސް ފުރަތަމަ ޑިވިޝަންގެ މެޗެއް ކުޅޭ އިރު ސަޕޯޓަރުން ނުވަދެއެވެ. މިއީ ވެސް ރާއްޖޭގެ ފުޓުބޯޅަ ހާލަތު އޮތް މިންވަރު ދައްކައިދޭ ވަރަށް ރަނގަޅު ހެއްކެކެވެ. މިކަން ބަދަލުކުރެވެން އޮތީ ކްލަބްތަކާއި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އަދި ސަރުކާރު ވެސް ގުޅިގެންނެވެ. އަދި ދަނޑުތައް ފުރާލުމަކީ މި ސަރުކާރުގެ ވައުދެއް ވެސް މެއެވެ. ނަމަވެސް އެބުނަ މަންޒަރެއް ނުފެނުނެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށީ އެހެން އަހަރުތަކާ ހިލާފަށް ހޯމް އެންޑް އަވޭ އުސޫލުން ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ކުޅުނު ޗެރިޓީ ޝީލްޑަށް ފަހުއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަންގެ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ދަނޑުތައް ފުރާލަން މަސައްކަތްކޮށްފައިވާ ތަނެއް ނުފެނެއެވެ. ސަޕޯޓަރުން ތިބީ މާޔޫސްވެފައެވެ.

ސަޕޯޓަރުން މާޔޫސްވީ ށ. ފޯކައިދޫގައި ކުޅުނު ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގުގެ މެޗު ޓީވީން ނުފެނުމުންނެވެ. ފުޓުބޯޅަ އަށް އަދިވެސް ކިރިޔާ ވެސް ސަޕޯޓެއް އޮތީ ރަށްރަށުގައެވެ. ނަމަވެސް ސީޒަން ފެށީ އެ މަދު ސަޕޯޓަރުންކޮޅު ވެސް މާޔޫސްކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީވީއެމް އިން ފުޓުބޯޅަ ސީޒަނުގެ މެޗުތައް މީގެ ކުރިން ހިލޭ ވަގުތުން ގެނެސްދިން ނަމަވެސް، މިއަހަރު ހިލޭ ގެނެސް ނުދޭން ވަނީ ނިންމާފައެވެ. އަދި މެޗަކަށް 3،000ރ. ނެގުމަށް ވެސް ޓީވީއެމުން ވަނީ ނިންމާފައެވެ.

ނަމަވެސް ފައިސާއެއް ދީގެން މެޗު ވަގުތުން ގެނެސްދޭން އެފްއޭއެމް ދެކޮޅެވެ. އެފްއޭއެމުން ދައްކާ ބަހަނާއަކީ އެ އެސޯސިއޭޝަނުގައި ބަޖެޓު ނެތުމެވެ. އެފްއޭއެމުން ވަނީ މި އަހަރަށް 95 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އެ ބަޖެޓުގައި މާކެޓިން އަދި އެޑްވަޓައިޒިންއަށް 1.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އެފްއޭއެމްގެ ބަޖެޓުން މެޗު ވަގުތުން ގެނެސްދޭން މެޗަކަށް 3،000ރ. ހަރަދުނުކުރެވުމަކީ ގިނަ ބަޔަކަށް ބަލައިގަންނަ ދަތި ކަމެކެވެ. ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގު ފޯކައިދޫގައި ކުޅުނުއިރު، ސަޕޯޓަރުން ގިނަ ނަމަވެސް މާލޭގައި ކުޅުނު މެޗަށް ވަދެފައިވަނީ ވަރަށް މަދު ސަޕޯޓަރުންނެވެ. މެޗު ރަނގަޅަށް ޕްރޮމޯޓްކުރެވިފައެއް ނުވެއެވެ. މާކެޓިން އާއި އެޑްވަޓައިޒްމަންޓަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ ބޭނުމެއް ނުކުރެވުނެވެ. އަނެއްކޮޅުން މީގެ ކުރިން ސީޒަންތައް ހުޅުވާ މެޗަކީ ކުލަގަދަ ރަސްމިއްޔާތުތަކާ އެކު ބާއްވާ މެޗަކަށް ވިޔަސް މެޗެއް ކުޅޭކަން ވެސް ގިނަ ބަޔަކަށް މި ފަހަރު ނޭނގުނެވެ. ބޮޑު ބިޔަ ބަޖެޓްގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ޓީސީން ޗެރީޓީ ޝިލްޑް އުފުލާލަނީ - ފޮޓޯ: އެފްއޭއެމް

ފުޓުބޯޅަ ދަނޑުތައް ފުރާލުމަކީ އާ ސަރުކާރުގެ ވައުދަކަށްވާއިރު، އެ ވައުދު ފުއްދުމަށް އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕުން މަސައްކަތް ކުރާހެނެއް ހިއެއްނުވެއެވެ. އެފްއޭއެމްގެ ދުރު ރާސްތާ ޕްލޭނެއް ނެތްއިރު، ފުޓުބޯޅަ ކުރިއަރުވުމުގައި އެފްއޭއެމްގެ ލީޑާޝިޕް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ލީޑާޝިޕް ބަދަލުކުރަންޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.

އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން ދާދިފަހުން ބައެއް ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެކަން ކާމިޔާބުނުވީ ބައެއް ކްލަބްތަކުން ފަހު ވަގުތު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރަން ނިންމުމުންނެވެ. އެ ކްލަބްތަކުން ކުއްލިގޮތަކަށް ނިންމުން ބަދަލުކުރީ މާލީ ގޮތުން ފައިދާއެއް ލިބިގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން ޗެރިޓީ ޝީލްޑްގެ ދެ ލެގު ނިމުނުއިރު ވެސް އެފްއޭއެމްގެ ރައީސް ބައްސާމް ލޮލަށް ނުފެނުމަކީ ގިނަ ބަޔަކު ހިތްހަމަނުޖެހުނު ކަމެކެވެ. އެބޭފުޅާ އުޅުއްވަނީ މުޅިން ވެސް އަނބިކަނބަލުންނާ އެކު ޔޫރަޕް ގައުމުތަކަށް ދަތުރުކުރެއްވުމުގައެވެ. އެސޯސިއޭޝަން ހިންގަވަން މަސައްކަތް ކުރައްވާ ތަނެއް ނުފެނެއެވެ. މިދިޔަ ފުޓުބޯޅަ ސީޒަނުގެ ގިނަ ފައިނަލްތަކުން ވެސް ބައްސާމް ފެނިފައެއް ނުވެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް - ފޮޓޯ:އެފްއޭއެމް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެންމެ ގިނަ ފައިސާ ލިބުނު އެސްއޯއެފް ޕްރައިވެޓް ކުންފުނީގެ އެކައުންޓަކުން ރައީސް ބައްސާމްގެ އެކައުންޓަށް 29 ހާސް ޑޮލަރު ޖަމާކޮށްފައިވާކަން އެންޓި ކަރަޕްޝަން ކޮމިޝަނުން އާންމުކުރި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓުން ހާމަވެފައިވާއިރު، އެފްއޭއެމް ތެރޭގައި ކަރަޕްޝަންގެ ގިނަ ކަންކަން ހިނގާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން ކަރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގައި ހުރުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. އަދި ބައްސާމަކީ މިދިޔަ ސަރުކާރުގައި ނުފޫޒު ގަދަ ބޭފުޅަކަށްވުމުން އަލަށް އައި ސަރުކާރާއި ބައްސާމާ ދެމެދު ވެސް ގުޅުމެއް ނެތެވެ. ބައްސާމްގެ ދައުރުގައި އެފްއޭއެމް ތެރެޔަށް ސިޔާސީ ކަންކަން ވަދެފައިވުމަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. އެފްއޭއެމްގެ އެކްސްކޯގައި ސިޔާސީ ބޭފުޅުން ތިބުމަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެފްއޭއެމް ތެރޭގައި ގިނަ ކަންކަން ހިނގާފައިވާއިރު، އެ މައްސަލަތައް ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ވަކިން ހާއްސަކޮށް ފީފާގެ ގަވައިދުތަކާ ހިލާފަށް އެފްއޭއެމް އިދާރާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީސް ހިންގެވި މައްސަލަ މީގެ ތެރެއިން ވެސް ފާހަގަކޮށްލެވެއެވެ.

އާ ސަރުކާރާ އެކު ފުޓުބޯޅަ އަށް ވެސް ދިރުން އަންނާނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދުކޮށްގެންނެވެ. ނަމަވެސް އެފްއޭއެމް ހަމަމަގުން ކައްސާލާފައިވާ އިރު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެފްއޭއެމްގެ ކަންކަމަށް ސަރުކާރުން ނުފޫޒު ފޯރުވާ ނަމަ ނުވަތަ އިސްލާހީ ބަދަލުތަކެއް ގެނެވޭތޯ މަސައްކަތް ކޮށްފި ނަމަ ދުނިޔޭގެ މައި އިދާރާ އިން ރާއްޖެ ސަސްޕެންޑްކުރުމުގެ ބިރު އެބަ އޮތެވެ. ހުރިހާ ގެއްލުމެއް ލިބޭނީ ދިވެހި ފުޓުބޯޅައަށެވެ. އެހެންކަމުން ކިތަންމެ ގޯސްތަކެއް އެފްއޭއެމުން ހެދިޔަސް އެކަމަށް ސިޔާސީ ހައްލެއް ގެނެވޭކަށް ނެތެވެ. ދަނޑުތައް ފުރާލަން ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އެފްއޭއެމް އިން އެކަން ނުކުރާހާ ހިނދަކު ސަރުކާރަށް ވެސް ކޮށްދެވޭނެ މާ ބޮޑު ކަމެއް އޮތް ކަމަކަށް ނުފެނެއެވެ. ސަރުކާރާއި އެފްއޭއެމް ގުޅިގެން މަސައްކަތްކޮށްގެން ނޫނި އެ ލަނޑުދަނޑި ހާސިލްވާން ނެތް އިރު އެފްއޭއެމް އިން އޮތީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެފްއޭއެމް ހަމަމަގަށް އެޅުވެން އޮތީ ހަމައެކަނި ކްލަބްތަކަށެވެ. ނަމަވެސް ކްލަބްތަކަށް އޮތް ތަފާތު އެކި ނުފޫޒުތަކާ ހުރެ އެކަމަށް ވެސް މާ ބޮޑު އުންމީދެއް ނެތެވެ. އެހެންކަމުން ފާއިތުވި އަހަރުތަކަށް ވުރެ މި އަހަރުގެ ފުޓުބޯޅަ ސީޒަން ވަނދުވެފައި މެޗުތައް ކުޅެންޖެހޭނީ ސަޕޯޓަރުން ނެތި ކަމަށް ބެލެވެއެވެ.

0%
0%
89%
11%
0%
0%
ކޮމެންޓް