Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތޮއްޑޫ ބަނޑިޔާ

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ބަނޑިޔާ ޖެހުމަކީ ރަށަށް ކޮށްދެވުނު ޚިދުމަތެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 މެއި 2019 | ހޮނިހިރު 10:09
ވިހި އަހަރަށް ވުރެ ގިނަ ދުވަހު ބަނޑިޔާ ޖެހި ޒަމީރާ މޫސާ

ވިހި އަހަރަށް ވުރެ ގިނަ ދުވަހު ބަނޑިޔާ ޖެހި ޒަމީރާ މޫސާ

''ހިތް އަދު ދިނީތޯއޭ، ޔޫ ހެއްވާލަނީތޯއޭ''ރާގު އަޅުވާލަމުން އުފާވެރި މަޒީ ހަނދާން އައު ކުރަމުން ޒަމީރާއްތަ (ޒަމީރާ މޫސާ) ވާހަކަ ފެށިއެވެ. އުމުރުން އެންމެ 12 އަހަރުގައި ބަނޑިޔާ ޖަހަން ނުކުތް ޒަމީރާއްތަ 20 އަހަރަށް ވުރެ ގިނަ ދުވަހު ބަނޑިޔާ ޖެހުމުގައި ހޭދަކުރިއެވެ.

މަޒީގެ ފަތްފުށްތައް އުކާލަމުން ޒަމީއްރާއްތަ ވާހަކަ ފެށިއެވެ. ދިރިއުޅުމުގައި ބަނޑިޔާގެ މުހިންމު ކަމާއި އެ ކަމަށް ނުކުންނަން ޖެހުނު ގޮތެވެ. ޒަމީރާއްތަ ކިޔައިދިން ގޮތުގައި ބަނޑިޔާ ޖަހަން ނުކުމެވުނީ މަޖުބޫރުވެގެންނެވެ. ކުޑައިރުއްސުރެ ފެންނަ މަންޒަރަކީ އެއީއެވެ. އަބަދު ފެންނަ މަންޒަރަކަށް ވާތީ އެކަމަށް އަބަދު ވެސް ޝައުގުވެރިވާ ކަމަށް ބުންޏެވެ. އެހެންކަމުން ޝައުގުވެރިކަން ބޮޑުވެ އެ ނޫން ކަމެއް ކުރާ ހިތް ނުވީއެވެ. މާބޮޑަށް ހިތްޖެހުނީއެވެ.

ޒަމީރާއްތަ ބުނީ 20 މެންބަރުގެ ބަނޑިޔާ ޓީމާ އެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބަނޑިޔާ ޖަހަން ދެވުނު ކަމަށާއި، މުޅި ދުވަސް ހޭދަކުރަނީ އެ މަސައްކަތުގައި ކަމަށެވެ. އަދި ބަނޑިޔާޖެހުމުގައި އުޅުނު ދުވަސްތަކުގެ ތެރެއިން އެންމެ އުފާވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި ސޯސަން ކްލަބުގެ ބަނޑިޔާ ޓީމަށް އެއްވަނަ ލިބުނު ދުވަސްކަން ޒަމީރާއްތަ ފާހަގަކުރިއެވެ.

އެޒަމާނުގައި ތޮއްޑޫ ބަނޑިޔާޖަހަން އުޅުނު އަންހެނުންގެ އިސްތަށިގަނޑުގެ ރީތިކަމުގެ ވާހަކައަކީ ވެސް ފާހަގަކޮށްލެވޭ ވާހަކައެކެވެ. ބަނޑިޔާގެ ލަވަތަކަށް އިތުރު ފުރިހަމަކަމާއި، ރީތިކަން ގެނެސްދިން ކަމެކެވެ. އެގޮތުން އެކަނބަލުންގެ އިސްތަށިގަނޑުގެ ފަންބޯކަމާއި، އެއްވަރަށް ދިގުކަމުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ލައްވާލާ ކޮންމެ ބަޑިޔަކާ އެކު ބަނޑިޔަލާ އެއްވަރަށް ވިހެރުމުންދާ އިސްތަށިގަނޑުގެ މަސްތުގައި ރާއްޖޭ އެތައް ބަޔަކު ޖެހުނެވެ.

ތޮއްޑޫ އަންހެނުންގެ އިސްތަށިގަނޑަށް އިޝާރަތްކޮށް ޒަމީރާއްތަ ބުނީ އިސްތަށިގަނޑަށް ޚާއްސަ ސަމާލުކަމެއްދީ ބަލައިގެން ހުރިހާ އެންމެން ވެސް އިންތަށިގަނޑު ގެންގުޅުނު ކަމަށެވެ. އަދި އޭނާ ފާހަގަކުރި ގޮތުގައި އެގޮތަށް އިސްތަށިގަނޑު ރީތިކޮށް ހުންނަނީ މަންމަމެން ހަދާފަ ހުންނަ ކާށިތެލާއި، ގަވާއިދުން ބޮލުގައި ހީނާފަތް އަޅާތީއެވެ. އިސްތަށިގަނޑު ބެލެހެއްޓުން ވެސް އޮންނަނީ މަޖުބޫރު ކަމަކަށް ވެފައެވެ. ބަނޑިޔާ ގްރޫޕުން ގަވާއިދު ފުރުސަތު ހޯދުމަށް ދިގު އިސްތަށިގަނޑެއް އޭރު މުހިންމެވެ. ތަޅުވާލާ ބުޑާ އެކު ވިހުރިގެންދާ ފަދަ ބޮޑު އިސްތަށިގަނޑެއް ކޮންމެހެން މުހިންމެވެ.

ތޮއްޑޫ އަށް ބަނޑިޔާާ ތައަރާފް ވެގެން އައި ގޮތް

ބުނެވޭ ގޮތުގައި ތޮއްޑޫ މީހުންނަށް ބަނޑިޔާ ތައާރަފްވެގެން ދިޔައީ 1970ގެ އަހަރުގެ ތެރޭގައި ކ. ކާށިދޫ މީހުންގެ ފަރާތުންނެވެ. އެ މީހުން ބަނޑިޔާ ބޭނުން ކުރީ މިޔުޒިކް ކުޅުމަށް ބޭނުން ކުރާ އާލާތެއްގެ ގޮތުގައެވެ. ނަމަވެސް ބަނޑިޔާ ޖެހުން ވަކި ކުޅިވަރެއްގެ ގޮތުގައި ތަރައްގީކޮށް އެ އަންހެނުންނަށް ޚާއްސަ ކުރީ ތޮއްޑޫ މީހުންނެވެ.

ތޮއްޑޫ ބަނޑިޔާ މަޝްހޫރުވީ ރާއްޖެއަށް ފަތުރުވެރިކަންފުޅާ ވެގެން އައި ދުވަސްވަރެވެ. ޒުވާން ޖިންސްލަތީފުން ބަނޑިޔާގެ ފަރިހަރަކާތްތަކާ އެކު ހުށަހަޅަމުން ދިޔަ ލަވަތަކުން މުޅި ރާއްޖޭގެ ލޯތައް އެ ރަށުގެ ބަނޑިޔަލަށް ހުއްޓުނެއެވެ. ގިނަ ދައުވަތުތަކާއި ގިނަ ބައެއްގެ ތައުރީފުތައް އޮހުނެވެ.

އެގޮތުން ތޮއްޑޫގެ ބަނޑިޔާ ޓީމް ވަނީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ގޮސް އެފަރި ހަރަކާތްތައް ދައްކައިދީފައެވެ. އެ ޒަމާނުގައި ބޮޑު އީދު އަންނަ އިރު ތޮއްޑޫގެ ބަނޑިޔާގެ ފަރިކަން ދެކިލުމަށް ރަށްތައް އޮންނަނީ ކިޔު ދަމާލާފައެވެ. އެ މީހުން ކީ އަގެއްގައި ގެންދަން ތިބެނީ ތައްޔާރަށެވެ. ޒަމާން ބަދަލުވެ މިއަދު އެރަށުގައި ބަނޑިޔާ ހުއްޓިފައިވީ ނަމަވެސް ތޮއްޑޫގެ ބަނޑިޔާ ވާހަކަ ފަޑުވުމެއްނެތެވެ.

ބަނޑިޔާ ޖެހުމަކީ މަޖުބޫރު ކަމެއް

ގިނަ ބައެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ތޮއްޑޫ ބަނޑިޔާ ޖެހުމަކީ ރަށްކުރިއަރުވައި ތަރައްގީ ކުރުމަށް ފައިސާ ހޯދުމަށް ފެށި މަސައްކަތެވެ. ރަށުގައި އުފެދުނު ސޯސަން ކްލަބާއި، ބްރައިޓް ކްލަބުން ބަނޑިޔާ ޖެހުމަކީ މަޖުބޫރު ކަމަކަށް ހެދިއެވެ. ކޮންމެ ގެއެއްގައި ފުރާވަރަށް އަރާ އަންހެނަކު ބަނޑިޔާ ޖަހަން ނުގޮސްފި ނަމަ ކްލަބުތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތަކާއި، ރަށު ރައްޔިތުން އެކުގައި ކުރާ ހުރިހާ ހަރަކާތްތަކުން އެގެއެއްގައި ދިރިއުޅޭ ހުރިހާ އެންމެން މަހުރޫމްކޮށްލައެވެ. ކުޅިވަރެއް ކުޅުނު ކަމުގައި ވެސް އެގެއެއްގެ މީހެއް ނަމަ އެހަރަކާތުގައި ބައިވެރިނުކުރެއެވެ. އެއް ދުވަސްވަރެއްގައި ކަރަންޓުގެ ޚިދުމަތުން ވެސް މަހުރޫމް ކުރިއެވެ.

ވިހި އަހަރަށް ވުރެ ގިނަ ދުވަހު ސޯސަން ކްލަބު ހިންގުމާ ހަވާލުވެ ހުރި ގާސިމް މޫސާ ބުނީ ބަނޑިޔާ ޖެހުން މަޖުބޫރު ކުރީ ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތަކަށް އެ މަސައްކަތް ވާތީ ކަމަށާއި، އެގަވާއިދު ފާސްކުރީ ވެސް ގިނަ ރައްޔިތުން އެގޮތަށް ރުހުމުން ކަމަށެވެ. އަދި ބަނޑިޔާ ޖަހައިގެން ކްލަބް ލިބުނު އާމްދަނީން ފާހަގަކޮށްލެވޭ ތަރައްގީގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި އެތައް އާއިލާތަކެއްގެ ހަރަދުތައް އެ ކުޅިވަރުން ބަލަހައްޓައިދިން ކަން އޭނާ ފާހަގަކުރިއެވެ.

ރަށުގެ ދެ ކްލަބުގެ ވާދަވެރިކަމާ އެކު ޖަހަން ފެށި ބަނޑިޔާ މުޅި ރާއްޖޭގެ ވާދަވެރިކަމަށް ބަދަލުވިއެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބަނޑިޔާ މުބާރާތުގައި ތޮއްޑޫ ސޯސަން ކްލަބް އެއް ވަނަ ވެސް ވަނީ ހޯދާފައެވެ. ރަންވަނަތަކާ އެކު ތޮއްޑޫ ބަނޑިޔާ ގުގުމާލާ ގިނަ ފައިސާތައް ރަށަށް ވަނީ ހޯދަދީފައެވެ. އެޒަމާނުގައި ރަށުގެ އެކިކަންކަމުގައި ހޭދަކުރީ ބަނޑިޔަލުން ލިބުނު ފައިސާ ކަމަށް ކްލަބް ހިންގުމުގައި އުޅުނު ދުވަސްވީ މީހުން ބުނެއެވެ.

ވަޒީފާ އަދާކުރާ އުސޫލުން އެރަށުގެ އަންހެނުން ކުރަމުން ދިޔަ މަސައްކަތަކީ އެއީއެވެ. ބަނޑިޔާ ޖެހުމަށް މުޅި ދުވަސް ހޭދަކޮށްލަނީއެވެ. މަޖުބޫރުން ކުރަންޖެހިގެން މަދު ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް ގިނަ އަންހެނުން އެކަން ކުރަނީ އެއް އުމުރުފުރާ ބަޔަކާ އެކު ފޫހިފިލުވުމަށް ކުރާ މަސައްކަތެއް ގޮތަށެވެ. އެ ދުވަހު ބަނޑިޔާ ޖެހުނީތީ ބައެއް މީހުން ތިބީ އުފަލުންނެވެ. އަދިވެސް އެދުވަސް އެނބުރި އަންނާނެ ކަމަށް ހިތާހިތުން ކިޔާހާލުގައެވެ.

ބައެއް ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައި

ފޮނިމާޒީ ހަނދާން އާކުރާއިރު ހިތުން ނުފިލާ ފަދަ ހިތާމަވެރި ހާދިސާތައް ވެސް ބަނޑިޔާއާ އެކު މާޒީގެ ތެރެއަށް ވަނީ ގޮސްފައެވެ. ބުނެވޭ ގޮތުގައި އެއީ ބަނޑިޔާ ޖެހުމަށްޓަކައި ފުރަތަމަ ފަހަރަށް ރަށުން ބޭރަށް ކުރި ދަތުރެވެ. ކުރަމަތި ރިސޯޓަށް ރިޔަލު ދޯނީގައި ދަތުރުކުރި ދެ ދޯނީގެ ތެރެއިން އެއް ދޯނި ގެއްލުނީއެވެ. އެއް ދޯނީގައި ތިބީ ބަނޑިޔާ ޓީމެވެ. އަނެއް ދޯނީގައި ތިބީ އެކި ކަންކަމުގައި އަތްގާތްކޮށްދިނުމާއި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންނެވެ. ގެއްލުނު ދޯނީގައި ތިބީ ތިން ފިރިހެނުންނެވެ. އަދިއަދަށްދާންދެން ވެސް ދޯންޏާއި އެ މީހުންގެ ޚަބަރެއް ވެސް ނުވެއެވެ. މި ނޫނަސް ރިޔަލު އޮޑިފަހަރުގައި ކުރި ދަތުރުތަކުގައި ވިއްސާރަ އާއި އެ ނޫން ވެސް އެތައް ކަމެއް ދިމާވެފައި އެބަހުއްޓެވެ.

ބަނޑިޔާ ޖެހުމަށް ނިމުން އައި ގޮތް

މިފަދަ ބިރުވެރި ހާދިސާތައް ހިނގާފައިވީ ނަމަވެސް ބަނޑިޔާ ޖެހުމަށް ހުއްޓުމެއް ނާދެއެވެ. ބަނޑިޔާ ޖެހުން ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންނެވެ. ބަނޑިޔާ ޖެހުމަށް ފުރަތަމަ ހުއްޓުމެއް ގެނުވީ ޝެއިހް އިދުރީސް ހުސެއިން އެރަށަށް ވަޑައިގެން ދެއްވި ދީނީ ދަރުހަކުން ރައްޔިތުންގެ ހިތްތަކުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން ކަމަށް ރަށު މީހުން ބުނެއެވެ. ޝެއިހް އިދުރީސް ދަރުސްގައި ވާހަކަދައްކާފައި ވަނީ ދީނީ ނަޒަރަކުން ބަނޑިޔާ ޖެހުމުގެ މައްޗަށެވެ. އޭގެ ފަހުން މިއުޒިކު ކުޅުމާ މެދު ދީނުގައި އޮންނަ ގޮތް ދެނެގަތުމަށް ގިނަ ބަޔަކު މަސައްކަތްކޮށް އަދި ތަފާތު ދީނީ ދަރުސްތަކުގައި ތަކުރާރުކޮށް އެ ވާހަކަ ދައްކައި ޒަމާނަށް އައި ބަދަލާ އެކު ބަނޑިޔާ ޖެހުން ފަނޑުވާން ފެށިއެވެ. ފެށިފައިވާ ކޮންމެ ކަމަށް ނިމުމެއް އަންނަ ފަދައިން ބަނޑިޔާ ޖެހުމަށް ނިމުމެއް އައީ ޒަމާން ބަދަލުވެ، އިލްމީ ގޮތުން ހޭލުންތެރިވެ، ތައުލީމީ ގޮތުން ކުރިއަރަން ފެށި ހިސާބުންނެވެ. އަދި އަމްދަނީ ލިބޭނެ އިތުރު މަގުތައް ތަނަވަސްވެ ވަޒީފާތައް އިތުރުވުމަކީ ވެސް އެ ކުޅިވަރު ހުއްޓުމަކަށް އައި ސަބަބުތަކެވެ. ބަނޑިޔާ ޖަހައިގެން ލިބެމުން އައި އާމްދަނީގެ މައްޗަށް ބަރޯސާވެފައި އޮތް ދިރިއުޅުމުގެ ތެރެއަށް ސަރުކާރުގެ މަޝްރޫއުތައް އިތުރުވެ އުފެދުނު ވަޒީފާތަކާއި ދަނޑުވެރިކަމުން ލިބެން ފެށި ނަފާ އާއި ލޯކަލް ޓުއަރިޒަމް ތައާރަފްވުމަކީ ވެސް ބަނޑިޔާ ޖެހުން ނިމުމަކަށް އައި ސަބަބުތަކެވެ. ނަމަވެސް އެ ކުޅިވަރު ފުހެވިގެން ދާން ބޭނުން ނުވާ އެތައް ބަޔަކު އަދިވެސް އެ ރަށުގައި އެބަ ތިއްބެވެ. އެ ކުޅިވަރު ދިރުވާ އާލާކުރަން ބައެއް މީހުން މަސައްކަތްކުރި ނަމަވެސް އެކަމަށް ގިނަ ގުނަ ހުރަސްތަކެއް މިހާރު އެބަހުއްޓެވެ. ތާރީހުގެ ތެރެއިން ފަސްއެޅި ފޮރުވިފައިވާ ސަފުހާއަކަށް ބަނޑިޔާ ޖެހުން ވެގެން ދިޔުމަކީ އެ މީހުން ބޭނުންވާ ގޮތެއް ނޫނެވެ. އެތައް ބައެއްގެ ތިން އިރުގެ ކޮއްތު ހަމަޖައްސައިދީ ޒަރޫރީ ބޭނުންތައް ފުއްދައިދިން ހަނދާ މިހާރު ގިނަ ބަޔަކު ހަނދާން ނެތިފައިވާ ކަހަލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަދަ ހަދައިގެން އަތުލި މަސައްކަތް ނުކުރެވުމުގެ ޒިންމާވެސް ނަގަން ޖެހޭނީ އެހެން މީހުން؟

ގަދަ ހަދައިގެން އަތުލި މަސައްކަތް ނުކުރެވުމުގެ ޒިންމާވެސް ނަގަން ޖެހޭނީ އެހެން މީހުން؟

30 ޑިސެމްބަރު 2022
ހުކުރު ދުވަހުގެ މުޒާހަރާއާއި އޭގެ ކުރީދުވަހު އަތުލި މަސްތުވާތަކެއްޗާ ގުޅުމެއްވޭ!

ހުކުރު ދުވަހުގެ މުޒާހަރާއާއި އޭގެ ކުރީދުވަހު އަތުލި މަސްތުވާތަކެއްޗާ ގުޅުމެއްވޭ!

26 މާރިޗު 2022
ހެއްވާ މަޖާ ރޯލުތަކުން ހިތްތައް އަތުލެއްވި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ހެއްވާ މަޖާ ރޯލުތަކުން ހިތްތައް އަތުލެއްވި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

01 މާރިޗު 2022
"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލި" ފަނޑުވީ، ދިވެހީންގެ ހިތްތައް ރޮއްވާލަމުން

"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލި" ފަނޑުވީ، ދިވެހީންގެ ހިތްތައް ރޮއްވާލަމުން

27 ސެޕްޓެމްބަރު 2021
ރައީސް ސޯލިޙުގެ އަސަރުގަދަ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެފައި!

ރައީސް ސޯލިޙުގެ އަސަރުގަދަ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެފައި!

15 އެޕްރީލު 2020

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު